ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބަފައެއްގެ ލޯތްބާއި ރައްކާތެރިކަމުން މަޙުރޫމްވެފައިވާ ކުދިން
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކޮންމެ ކުއްޖެއްގެވެސް ދިރިއުޅުމުގެ ބިންގަލަކީ އެކުއްޖާގެ މައިންބަފައިންނެވެ. ޚާއްސަކޮށް ބަފައެއްގެ ހިޔާވަހިކަމަކީ ކުއްޖާގެ ނަފުސާނީ އަދި އިޖުތިމާއީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި އަމާންކަމުގެ އައްސޭރިއެކެވެ. ބަފައަކު ނެތި ބޮޑުވާ ކުއްޖަކަށް ގެއްލިގެންދަނީ ހަމައެކަނި އިންސާނެއް ނޫނެވެ. އެކުއްޖާއަށް ގެއްލިގެންދަނީ ތިމާއީ ރައްކާތެރިކަމުގެ ހިމާޔަތް ލިބިގެންވާ، އަދި އަޅާލުމާއި ލޯބި ފުރިހަމައަށް ލިބޭނެ މީހަކު ހުރިކަމުގެ ފުން އިޙުސާސެވެ.

އޮކްސްފޯޑް ޔުނިވަރސިޓީ އާއި ހާވާޑްގެ ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑްގެ ދިރާސާތަކުން ދައްކާގޮތުގައި، ބަފައިގެ ލޯތްބާއި އަޅާލުމުން މަހުރޫމުވުމަކީ ކުއްޖާގެ ސިކުނޑި ތަރައްގީވުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށް އުނދަގޫވުމާއި، ހިތުގައި ފޮރުވިފައިވާ ދާއިމީ ރުޅިވެރިކަމެއް އުފެދުމުގެ އިތުރުން، އެކަނިވެރިކަމުގެ ފުން އިޙުސާސެއްގައި ދިރިއުޅެން ޖެހެއެވެ. ގިނަ ފަހަރަށް މި އިޙުސާސްތައް ހުންނަނީ އެހެން މީހުންނަށް ނުފެންނަ ގޮތަށް ކުއްޖާގެ ހިތުގެ އަޑީގައި ފޮރުވިފައެވެ.

މިފަދަ ކުދިން ގިނަ ފަހަރަށް ދަސްކުރަނީ އެކުދިންގެ ހިތާމަތައް ފޮރުވާށެވެ. އެއީ އެކުދިންގެ އިޙުސާސްތަކަކީ މުހިންމު އެއްޗެއްކަމާއި، އެ އިޙުސާސްތައް ބޭރުކުރުމަކީ ރައްކާތެރި ކަމެއްކަން އެއްވެސް މީހަކު އެކުދިންނަށް ދަސްކޮށްދީފައި ނުވާތީއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފިރިހެން ކުދިންގެ ފަރާތުން ހިމޭން ރުޅިވެރިކަމެއް ފެންނައިރު، އަންހެން ކުދިންގެ ކިބައިން ފެންނަނީ ގުޅުންތަކާމެދު އިންތިހާއަށް ކަންބޮޑުވުމާއި ބިރުގަތުމުގެ ސިފަތަކެވެ.

ބޭރުފުށުން ބަލާއިރު މިފަދަ ކުދިން ފެންނަނީ ވަރަށް “ރަނގަޅު” ކުދިންގެ ގޮތުގައެވެ. ނަމަވެސް އެ ކުދިންގެ ހިތުގެ އަޑީގައިވަނީ އެއްވެސް މީހަކު އަހާލަން ބޭނުންނުވާ، ހިތާމަވެރި ދިގު ވާހަކަތަކެކެވެ. މި ފޮރުވިފައިވާ ޒަޚަމަކީ އެކުދިންގެ އަމިއްލަ ނަފުސާމެދު ދެކޭގޮތާއި، މުސްތަޤުބަލުގައި އެހެން މީހުންނާއެކު ބާއްވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރުވާނެ ކަމެކެވެ. އެހެންކަމުން، ބަފައެއްގެ ހިޔާވަހިކަމެއް ނެތި ބޮޑުވާ ކުދިންނަށް މުޖުތަމައުގެ ފަރާތުން ޚާއްސަ ސަމާލުކަމާއި އޯގާތެރިކަން ބޭނުންވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top