އެއީ މީގެ 35 ވަރަކަށް އަހަރު ކުރިއެވެ. އަވަށު ގެއެއްގައި ޓީވީ ދައްކާތީ އެތަނަށް އަވަށު އެންމެން ޖަމާވެފައި އޮތެވެ. ފިލްމު ބަލަން ދެވުނުލެއް ތަންކޮޅެއް ލަސްވެފައި، އަހަރެންގެ އިސްކޮޅުން ކުރުކަމުން ފިލްމު ބަލަން ހުންނަން ޖެހުނީ ފައިގެ އިނގިލިތަކުގެ މައްޗަށް ކޮރައިގެންނެވެ. އެކަމަކު އެއީކީ އަހަންނަށް މައްސަލައަކަށް ނުވިއެވެ. އަހަރެން ބޭނުންވީ ފިލްމު ބަލާށެވެ. ދިވެހި ފިލްމު ‘ލޭކަރުނަ’ އިން ފެންނަ މުއްސަނދި އަންހެން ކުއްޖާ ޒައިނާ ގެ އެ ހިތްގައިމު މޫނު ފެންނަންޏާ މައްސަލައެއް ނެތްތާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

ހަމަ ލޮލަށް އޭރަކުވެސް އަދި މިހާރަކުވެސް، އޭރުގެ ފިލްމު ‘ލޭކަރުނަ’ އާއި އޭރުގެ އެތަކެއް ފިލްމު ތަކެއްގެ ބަޠަލާއެއްގެ ބައި ކުޅެފައިވާ މަރިޔަމް ރަޝީދާއެއް އަހަންނެއް ނުދެކެވެ. ނަމަވެސް އޭރު ފެނުނު މަރިޔަމް ރަޝީދާ އާއި މިހާރު މިފެންނަ މޫނާއި މާބޮޑު ތަފާތެއް ނެތެވެ. އެ ހިތްގައިމު ހިނިތުންވުމެވެ. އެ އޮމާން މޫނެވެ. އޭރަށް ވުރެން މިހާރު މާ ރީތިހެންވެސް ހީވެއެވެ.

ފިލްމު ލޭކަރުނައިގައި މަރިޔަމް ރަޝީދާ އާއި ދަރާ މުޙައްމަދު ރަޝީދު – ފޮޓޯ: ފިލްމުން ސްނިޕްކޮށްފައި

މަރިޔަމް ރަޝީދާ ގެ ރަން ޒަމާނުގައި އޭނާގެ ފިލްމުތައް ބެލި އޭރުގެ ކުޑަކުދިންނާއެކު މިއަދު މަރިޔަމް ފޮޓޯއަކަށް އެކުގައި ހުއްޓި ހުންނައިރު މަރިޔަން އަށް މާބޮޑު ބަދަލެއް ނާންނަކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިސާލަކަށް، ފިލްމީ ތަރި ޝާޒް އަކީ އޭރު ކުޑަކުއްޖެކެވެ. ނަމަވެސް މިއަދު މަރިޔަމް ރަޝީދާ އާއެކުގައި ނަގާފައިވާ ފޮޓޯއަށް ބަލާލާއިރު، މި ދެފަންނާނުން އެކުގައި ފިލްމެއްގައި ‘ދެމަފިރިންގެ ބައި’ ކުޅެލަންވެސް ހަމަ އެންމެ ގުޅެއެވެ. ހަމަ އެހެންމެ ފިލްމީ ތަރި މަނިކް އާއި މަރިޔަމް ރަޝީދާ ވެސް ކުރިން މިބުނިހެން ގުޅެއެވެ.

ޝާޒް އަދި މަނިކް، މަރިޔަމް ރަޝީދާ އާއި އެކުގައި – ފޮޓޯ: މަނިކް

އޮނަވިހި ސަތޭކަ އައްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގައި ނިކުތް ދިވެހި ފިލްމު ތަކުގެ ތެރެއިން ގިނަ ފިލްމު ތަކެއްގައި ލީޑް ރޯލް ކުޅެފައިވާ މަރިޔަމް ރަޝީދާ ގެ ފޮޓޯތަކެއް މީސްމީޑިއާއެއްގައި އިއްޔެ މިވަނީ ދައުރުވާން ފަށާފައެވެ. ދިވެހި ފިލްމީ ތަރި އަދި މަޝްހޫރު ކޮމީޑިއަން ތަޖޫބެ ނުވަތަ އަޙްމަދު ޝާޒް އާއި މުޙައްމަދު މަނިކް (މަނިކް) އާއި އެކުގައި ނަގާފައިވާ ފޮޓޯ ތަކެކެވެ. އެއީ އޭރުގެ އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރިއެވެ. އެތަކެއް ފިލްމު ތަކެއްގެ ލީޑްރޯލް ކުޅެފައިވާ ހުނަރުވެރި ބަޠަލާއެކެވެ.

މަރިޔަމް ރަޝީދާގެ ފިލްމު ތަކުގެ މަތިން ދިވެހި ފިލްމީ އޯޑިއަންސް ހަނދާން ނައްތައެއް ނުލާނެއެވެ. ހާއްސަކޮށް މުހައްމަދު ރަޝީދު (ދަރާ) އާ އެއްކޮށް އޭނާ ކުޅުނު ފިލްމްތައް މަތިން ބެލުންތެރިން އަދިވެސް ހަނދާން ހުންނާނެ އެވެ.

އެދުވަސްވަރުގެ ދިވެހި ފިލްމު އޯޑިއަންސަށް ‘ދިވެހި ފިލްމު އިތުބާރުން ލަތީފާ’ ނުވަތަ ‘ދިވެހި ފިލްމު ލޭކަރުނައިން  ޒައިނާ’ ގެ ނަމުން މަޝްހޫރު ވެފައިވާ މަރިޔަމް ރަޝީދާ އަކީ އައްޑު އަތޮޅު މަރަދު އަށް އުފަން ފަންނާނެކެވެ. ‘ލޭކަރުނަ’، ‘ހާލި’ އަދި ‘އިތުބާރު’ މިއީ މަރިޔަމް ރަޝީދާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމު ތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.