ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް – ބާބު 04

“މާރވޭމްސް – ކަނޑުރެއްސިއަކާ ލޭއިންސިއެއްގެ ލޯބީގެ ވާހަކަ!”

އަހަރެންގެ ހިތް ވަރަށް ބާރަށް ތަޅެން ފެށިއެވެ. ބަދަލުހިފުމޭ؟ އޭނާ އެ ބުނީ ބަދަލުހިފުމުގެ ވާހަކައެވެ! ކޮން ކަމެއްގެ ބަދަލުހިފަން ހެއްޔެވެ؟ ލޭބޯ މީހުން ކަނޑުރެއްސިން ރަހީނުކުރަން ޖެހޭ ވަރުގެ އޮތީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ހުރީ ވަރަށް ބޮޑަށް ހައިރާންވެ އޮޅުންބޮޅުންވެފައެވެ. އަދި ހަމައެއާއެކު ވަރަށް ބޮޑަށް ވަރުބަލިވެސް ވެއްޖެއެވެ. އަހަރެން ނިދަން ބޭނުންވިއެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެލުމާއެކު، މާ ގިނައިރުތަކެއް ނުވެ ފުން ނިންޖަކުން ނިދިއްޖެއެވެ.

🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️

ހޭލެވުނުއިރު، މިއީ ހުވަފެނެއް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމުގެ ބޭނުމުގައި އަހަރެން ލޯ މަރައިގެން އޮތީމެވެ. ނަމަވެސް މި އެނދަކީ މާ ބޮޑު އެނދެއް ކަމާއި، އެނދުގައި އަޅާފައިވާ ފޮތިގަނޑަކީ އާދަޔާ ހިލާފަށް މަޑު އެއްޗެއްކަން އަހަންނަށް އިހުސާސް ކުރެވެއެވެ. އަހަރެން މިއޮތީ އަމިއްލަ ގޭގައި ނޫންކަން ޔަގީނެވެ.

“ތެދުވޭ،” ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަތް މީހަކު ބާރު އަޑަކުން ބުންޏެވެ.

އެއީ ލިޔާމްއެވެ.

“މިބުނީނު ތެދުވާށޭ،” އަހަރެންގެ ގަޔަށް އަންނައުނުތަކެއް އުކާލަމުން އޭނާ ހަޅޭއްލަވައިގަތެވެ.

އަހަރެން ތެދުވެ އެނދުގައި އިށީނދެ، އޭނާއާ ދިމާލަށް ރުޅިވެރިކަމާއެކު ބަލާލީމެވެ. ނަމަވެސް އެ ކޮޓަރިތެރޭގައި ހުރި ދެވަނަ މީހާ ފެނުމުން އަހަރެން ހައިރާންވިއެވެ. އޭނާ ލިޔާމްއާ ވައްތަރުކަމުން ކޮންމެ މީހަކުވެސް އަންތަރީސްވާނެއެވެ. ހަމައެކަނި ހުރި ތަފާތަކީ އޭނާގެ އިސްތަށިގަނޑު ކުރުވުމާއި، ލޮލުގެ ކުލަ ފެހިވެފައި، ލިޔާމްއަށްވުރެ ބޮޑަށް އޭނާގެ ބެލުމުގައި އޯގާތެރިކަމެއް ހުރުމެވެ. އިސްކޮޅާއި ސިފަ ހުރީ ހަމަ އެއްވަރަކަށެވެ.

“ކުއްލިއަކަށް ބީރުވީތަ؟” ލިޔާމް އަހަރެންގެ މޫނާ ދިމާލަށް ގުދުވެލަމުން ބުންޏެވެ. އަނެއް މީހާއަށް ބަލަން އިން އިނުން ހުއްޓާލައި، އަހަރެން ލިޔާމްއާ ދިމާލަށް އެނބުރުނީމެވެ.

“ތެދުވޭ،” އޭނާ އަނެއްކާވެސް ބުންޏެވެ.

“ލިޔާމް، ތިޔަށްވުރެ އަދަބުވެރިކޮށް އުޅެބަލަ،” އަނެއް މީހާ ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

“ކިޔާމް، ތިމާއީ މާ މާތް މީހެއް ކަމަށް ހެދިގެން އަހަންނާ ވާހަކަ ނުދައްކާ،” ލިޔާމް ރައްދުދިނެވެ. އަދި އެނދާ ދުރަށް ޖެހިލަމުން ބުންޏެވެ، “އެ ‘އެތި’ އެއީ އެއްވެސް…”

“އަހަންނަށް ‘އެތި’ ކިޔުން ހުއްޓާލާ،” ލިޔާމްއާ ދިމާލަށް ބަލަހައްޓައިގެން އިނދެ އެނދުން ތެދުވަމުން އަހަރެން ބުނީމެވެ. “ކަލެއަށް ފާހަގަ ނުވަނީ ކަމަށް ވެދާނެ، އެކަމަކު އަހަރެން މިއީ އަންހެން ކުއްޖެއް. އެކަން ގަބޫލުކޮށް އިހުތިރާމުކުރުމަށް އަހަރެން އެދެން.” އަހަރެން ދެއަތް މޭމަތީގައި ބަނދެލީމެވެ.

“އެކަން އަހަންނަށް ވަނީ ފާހަގަވެފަ،” މަލާމާތުގެ ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ. އެވަގުތު އަހަރެން ލައިގެން ހުރި ތުނި ނިދާ ހެދުމުގެ ސަބަބުން އަހަންނަށް އުނދަގޫތަކެއް އިހުސާސްވިއެވެ.

“ދެން ދޭ،” އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ.

“ހެދުން ބަދަލުކޮށްގެން ނުކުމޭ،” ފޫހިކަމާއެކު ބުނުމަށްފަހު އޭނާ ކޮޓަރިން ނުކުމެގެން ދިޔައެވެ.

“އަހަރެންގެ ކޮއްކޮގެ އެ ޚުދުމުހުތާރު އަމަލުތަކަށްޓަކައި މާފަށް އެދެން،” ކިޔާމް މަޑުމައިތިރިކަމާއެކު ބުންޏެވެ.

“ކަލޭގެ މާފަކުން އަހަންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް،” ފޫހިކަމާއެކު ބުނުމަށްފަހު އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ.

“އެންމެ ރަނގަޅު،” އޭނާ ބުންޏެވެ. އަދި އޭނާ ކޮޓަރިން ނުކުމެ ދޮރު ލެއްޕި އަޑު އަހަންނަށް އިވުނެވެ.

އަހަރެން އަވަސްއަވަހަށް ހެދުން ބަދަލުކޮށްލީމެވެ. ކުޑަވަގުތުކޮޅަކަށް އެނދުގައި އިށީނދެލައިގެން އިންދާ، ބޭރުގައި ލިޔާމްއާއި ކިޔާމް ޒުވާބުކުރާ އަޑު އިވުނެވެ.

“އޭނާއަށް މެހެމާނެއްގެ ދަރަޖަ ނުދީ،” ލިޔާމް ބުންޏެވެ.

“އަދި އޭނާއަކީ އަޅެއް ކަމަށްވެސް ނުދެކޭ،” ކިޔާމް ރައްދުދިނެވެ. “ބައްޕަ ވިދާޅުވީ…”

“ބައްޕަ ވިދާޅުވި އެއްޗަކަށް އަހަރެން ފަރުވާލެއް ނެތް،” ލިޔާމް ބުންޏެވެ.

“އޭނާއަށް މެހެމާނެއްގެ ދަރަޖަ ދޭންޖެހޭނެ. އަހަރެން ކަންތައް ކުރާނީ އެގޮތަށް،” ކިޔާމް ސާބިތުކަމާއެކު ބުންޏެވެ. އަހަރެން ތެދުވެގެން ގޮސް ދޮރު ހުޅުވާލީމެވެ.

“އަހަންނަކީ އެއްވެސް ‘އެއްޗެއް’ ނޫން،” އުނދަގޫވެފައި ހުރެ އަހަރެން ބުނީމެވެ.

“ތިއީ ތެދެއް، ތިއީ އަންހެން ކުއްޖެއް،” ލިޔާމްވެސް ހުރީ ފޫހިވެފައެވެ. “ހަމަ މިހާރު ހިނގާ ދާން. އަހަރެން މިހުރީ ބަނޑުހައިވެފަ.” އޭނާ އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންދަން ފެށިއެވެ.

“ތިޔަށްވުރެ މަޑުން އަތުގައި ހިފިދާނެތަ؟” އަހަރެން ޝަކުވާ ކުރީމެވެ.

“ނޫން،” އޭނާ ވަރަށް ކުރަކިކޮށް ޖަވާބު ދިނެވެ.

“އަހަރެމެން މިދަނީ ކޮންތާކަށްކަން ބުނެވިދާނެތަ؟”

“ނޫން.”

“ކުޑަކޮށް ނަމަވެސް އޯގާތެރިވެވިދާނެތަ؟” މަލާމާތުގެ ރާގަކަށް އަހަރެން އެހީމެވެ.

“ނުވާނެ.” ސިޑިއާ އަރާ ހަމަވުމުން އޭނާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ.

“އައްދޯއި، ލިޔާމް!” އަހަރެން ތަދުވެގެން ހަޅޭއްލަވައިގަތީމެވެ.

އޭނާ ކުއްލިއަކަށް ހުއްޓިފައި އަހަންނާ ދިމާލަށް އެނބުރުނެވެ. “ކަލެއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް؟”

“އަތުން ދޫކުރޭ،” އޭނާގެ ސުވާލަށް ޖަވާބު ނުދީ އަހަރެން ބުނީމެވެ.

“ޖަވާބުދީ،” އޭނާ އަމުރުވެރި ރާގަކަށް ބުންޏެވެ.

“ނޫން… ތިއީ ވަރަށް މޮޔަ ސުވާލެއް،” އަހަރެން ބުނީމެވެ.

“ނުބުނާނަން…”

“ލިޔާމް،” ކިޔާމް އައިސް ލިޔާމް ދުރަށް ޖައްސާލަމުން ބުންޏެވެ. “ކަލޭ އޭނާއަށް ތިކުރަނީ އަނިޔާ.”

“އޭނާ އެބުނީ އަހަރެން މިއީ މޮޔައެކޭ،” ލިޔާމް ރުޅިއައިސްފައި ބުންޏެވެ.

“އަހަރެން އެހެންނެއް ނުބުނަން. އަހަރެން ބުނީ ކަލޭ ތިކުރީ މޮޔަ ސުވާލެކޭ،” އަހަރެން ސާފުކޮށްދިނީމެވެ.

“ކަލެއަކީ…”

“ގުޑް މޯނިންގ، މައި ޔަންގަރ ބްރޯސް،” ފައުޒާ ސިޑީގެ މަތީގައި ހުރެ ބުންޏެވެ. “އަދި އަހަރެމެންގެ މެހެމާނަށްވެސް. މާފުކުރައްވާ، ރޭގައި ކަލޭގެ ނަން އަހާލަން އަހަންނަށް ހަނދާން ނެތުނީ.” އޭނާ އަހަންނާ ދިމާލަށް ބަލާލިއެވެ.

“އަޒްމާރާ،” އަހަރެން ބުނީމެވެ.

“އެންމެ ރަނގަޅު އަޒްމާރާ. ހެނދުނުގެ ނާސްތާ ކުރަން ދާން ތައްޔާރުތަ؟” ފައުޒާ އަހަރެންގެ އަތުގައި ހިފާ، އޭނާގެ ކޮއްކޮމެންނާ ދުރަށް ގެންދަމުން ބުންޏެވެ. “އެ ދެމީހުންނަކީ ބައެއް ފަހަރު ކެތްކުރަން ނުދަންނަ ބައެއް.”

“ނުދަންނަ ބައެކޭ؟” އަހަރެން ސުވާލު އުފެދިފައި އެހީމެވެ.

“އެއީ އެއްމާބަނޑު ދެބެން، އެކަމަކު އެކަކު އަނެކަކާ މުޅިން ތަފާތު. އެއީ ދިމާ އިދިކޮޅު ސިފަތަކެއް ހުންނަ ދެމީހުން،” އޭނާ ހިނިތުންވުމަކާއެކު ކިޔައިދިނެވެ.

“އެހެންވީމާ ކިޔާމް ދެކެ އަހަރެން ލައިކްވުމުގެ ފުރުސަތު އެބައޮތްތާ،” އަހަރެންވެސް ހިނިތުންވެލަމުން ބުނީމެވެ.

“އާނ، ތިއީ ތެދެއް،” އޭނާ ހީލަމުން ބުންޏެވެ.

އަހަރެމެން ބަދިގެއަށް ވަންއިރު، މޭޒުމަތީގައި ބަހައްޓާފައި ހުރި ހަތަރު ތަށި ފިޔަވައި އެހެން މީހަކު އެތާކު ނެތެވެ. ތަށިތަކުގައި ހުރީ ބިހާއި، ސޮސެޖާއި، ޕާނާއި އަދި އޮރެންޖު ޖޫހެވެ.

“އޭއް!” އުފަލުން ހަޅޭއްލަވައިގަންނަމުން ފައުޒާ ގޮނޑިއެއްގައި އިށީނެވެ.

އަހަރެންވެސް އޭނާގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަން އުޅެނިކޮށް، ފަހަތުން މީހަކު އަހަރެން ކޮއްޕާލިއެވެ.

“ބަލައިގެން އުޅޭ،” ފައުޒާ ކައިރީގައި އިށީންނަމުން ލިޔާމް ބުންޏެވެ.

ކިޔާމް އަހަރެން ވެއްޓުނަނުދީ ހިފެހެއްޓިއެވެ.

ނަމަވެސް އަހަރެން ކުއްލިއަކަށް އޭނާގެ އަތް ފޮޅާލީމެވެ. “އަހަރެންގެ ގައިގައި އަތްނުލާ،” އަހަރެން ރުޅިވެރިކަމާއެކު ބުނީމެވެ.

ދެން އަހަރެން ގޮސް ފައުޒާއާ ކުރިމަތިވާނޭހެން ގޮނޑީގައި އިށީނީމެވެ.

“މީނާ މިއީ ތަންކޮޅެއް ރުޅިގަދަ ކުއްޖެއް ދޯ،” ކާ އެއްޗެއްސަށް ބަލަހައްޓައިގެން އިނދެ މަލާމާތުގެ ހިނިތުންވުމަކާއެކު ލިޔާމް ބުންޏެވެ.

“އަދި ބައެއް މީހުންނަކީ ވަރަށް އުނދަގޫބޮޑު ބައެއް،” އަހަރެން އޭނާއަށް ރައްދުދީ، ތަށީގައި ހުރި ޖޫސް ބޯލީމެވެ.

“ކޮންމެ ގޮތެއްވިޔަސް ވަރިހަމަ،” ކަމުން ކަމުން އޭނާ މަޑުމަޑުން ބުންޏެވެ.

ކިޔާމް އަހަރެންގެ ކައިރީގައި އިށީނދެ ކާން ފެށިއެވެ. ފައުޒާ އަހަންނަށް ހިތްވަރުދިނުމުގެ ގޮތުން ހިނިތުންވެލުމުން، އަހަރެންވެސް ކުރިމަތީގައި ހުރި މީރު ކާއެއްޗެހި ކާން ފެށީމެވެ.

ކައި ނިމުމުން ފައުޒާ ތެދުވިއެވެ. “ތަށި ބަހައްޓާފަ ހިނގާ ދާން.”

“ކަލޭ ތިދަނީ އޭނާ ގޮވައިގެން ކޮންތާކަށް؟” އަހަރެން ތެދުވުމުން ކިޔާމްވެސް ތެދުވަމުން އެހިއެވެ.

“ބޭރަށް…”

“ނޫން،” ލިޔާމް އިންކާރު ކުރިއެވެ.

“ކީއްވެ؟” ފައުޒާ ޝަކުވާ ކުރިއެވެ.

“އޭނާއަކަށް މި ގަނޑުވަރުން ބޭރަކަށް ނުދެވޭނެ،” ތެދުވަމުން ލިޔާމް ބުންޏެވެ. “އެއީ ބައްޕަގެ އަމުރު.”

“މިހާރު ތިވީ ބައްޕަގެ ބަސް ގަބޫލުކުރާ މީހަކަށްތަ،” ކިޔާމް ފޫހިވެފައި ބުންޏެވެ.

“އާނ، އޭނާ ހައްޔަރުކޮށްފަ ބެހެއްޓޭނެ ނަމަ އަހަރެން އެކަމާ އެއްބަސް،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

“އަހަންނަށް ‘އެތި’ ކިޔުން ހުއްޓާލަދިނީތީ ޝުކުރިއްޔާ،” އެއްވެސް އަސަރެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.

“އެއްވެސް މައްސަލައެއް ނެތް، ‘މިހިރަ އެއްޗާ’،” އޭނާ އަނެއްކާވެސް މަލާމާތް ކުރިއެވެ.

“އުނހު،” އަހަރެން ފޫހިވެގެން އަނެއް ފަރާތަށް އެނބުރުނީމެވެ.

“އަހަރެން އެމީހުންނާއެކު ގޮސްފިއްޔާ…”

“ނޫން، ކަލޭ އޭނާދެކެ މާ ބޮޑަށް ލައިކްވަނީ ދޯ. އެމީހުންނާއެކު ދާންޖެހޭ ނަމަ ދާނީ އަހަރެން،” ލިޔާމް ބުންޏެވެ.

“އޭނާދެކެ ލައިކްވަނީއޭ؟ އަހަރެން އޭނާ ރަނގަޅަށް ދަންނަނީކީ އެއްވެސް ނޫނެއްނު؟” ކިޔާމް އިޢުތިިރާޒު ކުރިއެވެ.

“އާނ، އެކަމަކު އޭނާއާ މެދު މެހެމާނެއް ފަދައިން ކަންތައް ކުރަން އެންމެ ބާރުއަޅަނީ ކަލެއެއްނު…”
“އެއީ ހަމައެކަނި އަދަބުވެރިކަމުގެ ގޮތުން ކުރާ ކަމެއް،” ކިޔާމް ދެބަސްވިއެވެ.
“އަހަރެން ތިކަމާ އެއްބަހެއް ނުވަން…”
“ފުދިއްޖެ!” ލިޔާމްގެ ވާހަކަ މެދުކަނޑާލަމުން އަހަރެން ބުނީމެވެ.
އެންމެންވެސް ތިބީ ހައިރާންވެފައި އަހަރެންނާ ދިމާއަށް ބަލާށެވެ.
“އަހަރެން އެއްވެސް ތަނަކަށް ނުދާނަން، އެކަމަކު އަހަރެންގެ ކޮޓަރިއަށް ދާނެ މަގު ދައްކައިދޭނެ މީހަކު ބޭނުން،” ދެއަތް އުރާލަމުން އަހަރެން ބުނީމެވެ.
“އެހެންވީމާ އާދޭ ދާން،” ލިޔާމް ދޮރުން ބޭރަށް ހިނގައިގަތެވެ.
އަހަރެން ފުން ނޭވާއެއްލުމަށްފަހު އޭނާގެ ފަހަތުން އަވަސްއަވަހަށް ދިޔައީމެވެ. ދޮރުން ނުކުމެވުނުތަނާހެން މީހެއްގެ ގައިގައި އަހަރެން ލައިގަތެވެ. އެމީހާ އަހަރެންގެ ގައިގައި ހިފަހައްޓައި ސަލާމަތްކޮށްދިނެވެ.
“ތީ ކަނޑުރެއްސިއެއްތަ؟” އޮމާން ބަރު އަޑަކުން އެމީހާ ބުންޏެވެ.
އަހަރެން ބަލައިލިއިރު ފެނުނީ ފެހިކުލައިގެ ތޫނު ދެލޮލެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ގަދަ މުށިކުލައެއްގައެވެ. އޭނާގެ ސިފަތަކުންނާއި ހަންގަނޑު ހުދުކަމުން އެއީވެސް ލޭބޯ މީހެއް (ލޭއިންސިއެއް) ކަމާއި، ލިޔާމްގެ އެއްބަނޑު އެއްބަފާ މީހެއްކަން އެނގެއެވެ.
“ހަލޯ،” އޭނާގެ ހިނިތުންވުމަކީ ވަރަށް ހިތްދަމައިގަންނަ، އަދި އަމިއްލަ ނަފްސަށް އިތުބާރު އޮތްކަން ހާމަކޮށްދޭ ހިނިތުންވުމެކެވެ. އޭނާގެ ބައްޕަގެ އިސްތަށިގަނޑު ހުންނަ ފަދައިން، އޭނާގެ ކުރު އިސްތަށިގަނޑުވެސް ހުރީ ތަރުތީބެއް ނެތް ގޮތަކަށެވެ. “މިއީ ދާމިން. އަހަރެންނަކީ އެންމެ ދޮށީ ފިރިހެން ދަރިފުޅު، އަދި މުސްތަޤުބަލުގެ ރަސްގެފާނު،” ފަޚުރުވެރިކަމާއެކު އޭނާ ބުންޏެވެ. އެއީ ތަންކޮޅެއް ބޮޑުވަރުގެ ފަޚުރެއް ކަމަށް ހީވި ނަމަވެސް، އޭނާގެ މިޒާޖާ އެކަން ގުޅެއެވެ.
“އާނ، އާނ،” އިސްކޮޅުން ދިގު، ރީތި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖަކު ދާމިން ފަސްދީ ބަދިގެއަށް ވަނެވެ. އޭނާގެ ކަޅުކުލައިގެ ރޫޅިފައިވާ ދިގު އިސްތަށިގަނޑާއި ގަދަ ނޫކުލައިގެ ލޮލުން ޒައިރާގެ ހަނދާންތައް އާކޮށްދެއެވެ.
“މިއީ ވެލީނާ،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އަހަރެންނަކީ އެންމެ ދޮށީ އަންހެން ދަރިފުޅު. ލިޔާމް ކޮންމެ އެއްޗެކޭ ކިޔަސް، މިތާ ހުރި އެންމެ ނުފޫޒުގަދަ މީހަކީ އަހަރެން.”
“އޯ،” އަހަރެން މަޑުމަޑުން ބުނީމެވެ. އޭރުވެސް ދާމިން ހުރީ އަހަރެންގެ ގައިން އަތްދޫކޮށްނުލައި، އަހަރެންގެ ލޮލަށް ބަލާށެވެ.
“ތީ ވަރަށް ރީތި ކުޑަކުޑަ ‘އެއްޗެއް’ ދޯ؟”
“ދުރަށް ޖެހޭ، ދާމިން،” ކުއްލިއަކަށް ލިޔާމް އެނބުރި އައިސް އަހަރެންގެ އަތުގައި ހިފައި އޭނާގެ ބޭބެއާ ދުރަށް ދަމައިގަތެވެ.
“މަޑުކޮށްބަލަ، އޭނާގެ ނަން ބުނެލަންވެސް ފުރުޞަތެއް ނުލިބެއެއްނު،” މަލާމާތުގެ ރާގަކަށް ދާމިން އަހަރެމެންގެ ފަހަތުން އައެވެ.
“އޭނާގެ ނަން އެނގުމުގެ ބޭނުމެއް ކަލެއަކަށް ނެތް،” ލިޔާމް ރުޅިއައިސްފައި ބުންޏެވެ.
“އެހެންވިއްޔާ އޭނާއަށް ގޮވާނީ ކީކޭ ކިޔާފަ؟” ދާމިންގެ ނަޒަރު އަހަރެންނާ ވަކިނުވެއެވެ.
ލިޔާމްގެ ލޮލުން މަކަރުވެރިކަން ފެނުނެވެ. އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އޭނާއަށް ‘އެތި’ ކިޔާފަ ގޮވާ… އެއީ އޭނާ ގަޔާވާ ނަމެއް.”
“އަހަރެން ގަޔާވާ ނަމެއް ނޫން ތިއީ،” އޭނާގެ އަތުގައި ޖަހަމުން އަހަރެން ދެބަސްވީމެވެ.
އެކަމަކުން އޭނާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.
“އަހަރެން މިއީ އަންހެން ކުއްޖެއްކަން ސާފުކޮށް އެނގެން އެބައޮތް،” ސިޑިން މައްޗަށް އޭނާ އަހަރެން ދަމަމުން ގެންދަނިކޮށް އަހަރެން ރުޅިއައިސްފައި ބުނީމެވެ.
“ސާފުކޮށް އެނގޭ،” އޭނާ ފޫހިވެފައި ބުންޏެވެ. “އަންހެން ކުއްޖަކަށް ނުވިނަމަ ތިހާ އުނދަގުލެއް ނުވީސް.”
“އަހަރެންގެ ނަމަކީ އަޒްމާރާ،” ދާމިން އަހަރެމެން ދެމީހުންނަށް ބަލަން ހައިރާންވެފައި ހުއްޓާ އަހަރެން ބުނީމެވެ.
“އަދި ބައްދަލުވާނެ، އަޒްމާރާ،” އޭނާ ލޯމަރާލަމުން މިހެން ބުނެފައި އެނބުރި ހިނގައިގަތެވެ.
“ނުވާނެ!” ލިޔާމް ފަހަތަށް އެނބުރި ހަޅޭއްލަވައިގަތެވެ.
“ކޮންމެފަދަ އެއްޗެކޭ ކިޔަސް ވަރިހަމަ،” ދާމިން ބުންޏެވެ.
ސިޑީގެ އެންމެ މައްޗަށް އެރުނުތަނާ ލިޔާމްގެ އަތްދަށުން އަހަރެން ދެމިގަތީމެވެ.
އޭނާ ހުރީ އަތް ދޫކޮށްލައިގެން ކަމުން، މިކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. އޭނާ ހައިރާންވެފައި އަހަރެންނާ ދިމާއަށް ބަލައިލިއެވެ.
“އަންހެނުންނާ މެދު އިޙްތިރާމާއެކު ކަންތައް ކުރާކަށް އެއްވެސް މީހަކު ދަސްކޮށްދީފައެއް ނެތްތަ؟” އަހަރެން ރުޅިއައިސްފައި އެހީމެވެ.
“އެބަ އޮތް ދޯ،” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ. “ވަރަށް ބޮޑަށް މަޢާފަށް އެދެން،” އޭނާ ހީނގަތެވެ.
“ކަލޭ ދުވަހަކުވެސް ސީރިއަސް ވާނަންތަ؟” އަހަރެން ފޫހިވެފައި އެހީމެވެ.
“އަބަދުވެސް ސީރިއަސް، ލޯބިވާ،” އޭނާ ސަމާސާކޮށްލިއެވެ.
“އުނހޫ،” އަހަރެން އޭނާގެ ކައިރިން ދުރަށް ޖެހުނީމެވެ. “ކަލޭ ތީ ވަރަށް ރޫޑް މީހެއް.”
“އަދި އަހަރެން އެކަމާ ފަރުވާލެއްވެސް ނުބަހައްޓަން. ހިނގާބަލަ،” އޭނާ އަހަރެންގެ އަތުގައި ހިފަން އުޅުނެވެ.
“ނޫން،” އަހަރެން ދެކޮޅު ހަދަމުން ފަހަތަށް ޖެހުނީމެވެ. އަހަރެންގެ ފުންނާބު ސިޑީގެ ކައިރީގައި ޖެހި، އަހަރެން ފަހަތަށް ކަހާލިއެވެ. ބިރުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.
ލިޔާމް އަވަހަށް އަހަރެންގެ އަތުކުރީގައި ހިފައި، އޭނާގެ މޭގައި އަހަރެން ޖައްސައި ބާރުކޮށްލިއެވެ.
“ބަލައިގެން ހިނގާބަލަ،” އޭނާ ރުޅިއައިސްފައި ބުންޏެވެ. އޭނާގެ ތުންފަތް ހުރީ އަހަރެންގެ ތުންފަތާ ވަރަށް ކައިރީގައެވެ.
އޭނާގެ ފިނި ހަންގަނޑު އަހަރެންގެ ހަންގަނޑުގައި ޖެހުމުން އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ.
އޭނާ ހިނިތުންވެލުމަށްފަހު، އަހަރެން ގޮވައިގެން ހޯލުގެ ތެރެއިން ހިނގައިގަތެވެ.
ކޮޓަރިއަށް ދެވުމާއެކު އޭނާ އަހަރެން އެނދުމައްޗަށް ކޮށްޕާލިއެވެ. އަހަރެން ހުރީ ލިބުނު ސިހުމުން ގަނޑުވެފައެވެ.
އޭނާ ނުކުންނަން އެނބުރުނު ވަގުތު އަހަރެން އެނދުން ފުންމާލައިގެން އޭނާގެ ފަހަތުން ދިޔައީމެވެ.

“މަޑުކުރޭ، ކަލެއަށް އަހަރެން މިތާ އެކަނި ބަހައްޓާފަ ނުދެވޭނެ،” އަހަރެން ޝަކުވާ ކުރީމެވެ.
“އާނ، ‘އެތި’، އަހަރެންނަށް ދެވޭނެ،” އޭނާ ހިނިތުންވެލާފައި ބުންޏެވެ.
“އަހަރެންނަށް ‘އެތި’ ކިޔުން ހުއްޓާލާ،” އޭނާގެ އަތުކުރީގައި ހިފައި ކޮޓަރި ތެރެއަށް ދަމަމުން އަހަރެން ބުނީމެވެ.
“ކީއްވެ؟” އޭނާ ކުއްލިއަކަށް އަހަރެންގެ މޫނާ މޫނު ސީދާކޮށްލިއެވެ. “އަހަރެން ކަލެއަށް އަދަބުވެރިވާންޖެހޭ އެއްވެސް ސަބަބެއް ނެތް. އަހަރެން ބޭނުން ނޫންނަމަ މެހެމާނެއްގެ ގޮތުގަ ކަލެއާ މެދު ކަންތައް ކުރާކަށް ނުޖެހޭ.”
ބިރުންގޮސް އަހަރެންގެ ކަރުތެރޭގައި އުފެދުނު ބިރުވެރިކަމުގެ ގުޅަވަރު ދިރުވާލަން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
އޭނާ މަލާމާތުގެ ނަޒަރަކުން ބަލައިލުމަށްފަހު އަނެއްކާވެސް ނުކުންނަން އެނބުރުނެވެ.
“ސީރިއަސްކޮށްތަ؟ ހަމަ އަހަރެން މިތާ އެކަނި ބަހައްޓާފަ ދަނީތަ؟ ކަލޭ ތިދާ ތަނަކަށް އަހަރެންނަށް ނުދެވެންވީ ކީއްވެ؟” އަހަރެން އަނެއްކާވެސް އޭނާގެ ފަހަތުން ހިނގައިގަތީމެވެ.
ކުއްލިއަކަށް އަހަރެން އޮތީ އެނދުމަތީގައެވެ. ދޮރު ހުރީ ލައްޕާފައެވެ. އޭނާ އިނީ އަހަރެންގެ ގައިމަތީގައި އެނދާލައި ފިއްތާލައިގެންނެވެ.
“ހުއްޓާލާ، ލިޔާމް،” އޭނާގެ ދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން އަހަރެން އަމުރު ކުރީމެވެ.
“ކީއްވެ؟” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލޭ ތީ އަންހެން ކުއްޖެއްކަން އަންގައިދޭން ވަރަށް ބޮޑަށް މަސައްކަތް ކޮށްފީމެއްނު…” އޭނާ މަކަރުވެރި ގޮތަކަށް ހިނިތުންވެލިއެވެ.
“އޭގެ މާނައަކީ އަހަރެން ކަލެއާ ފްލާޓް ކުރަން އުޅުނީއެކޭ ނޫން،” ލިބުނު ސިހުމާއެކު އަހަރެން ބުނީމެވެ.
“ޔަގީންތަ؟” އޭނާ ހީނލިއެވެ. “އަހަރެން ހީކުރަނީ ކަލެއަކީވެސް އެހެން ހުރިހާ އަންހެން ކުދިން ކަހަލަ ކުއްޖެއް ކަމަށް. އެއީ ލޭއިންސިއެއް ކަމަށްވިޔަސް، އިންސާނެއް ނުވަތަ ކަނޑުރެއްސިއެއް ކަމަށްވިޔަސް ވަރިހަމަ. ކަލޭމެންނަށް ކަމުދަނީ މޮޔަގޮތަކަށް އުޅޭ ރީތި ފިރިހެނުން. އެހެންވެ އޭނާދެކެ ފޫހިވާކަމަށް ހެދިގެން އުޅެނީ. އަސްލު ބޭނުންވަނީ އޭނާގެ ސަމާލުކަން ހޯދަން. އެކަމަކު އޭނާ ސަމާލުކަން ދިނުމުން ބިރުން ފަހަތަށް ޖެހެނީ. އަންހެނުންނަކަށް ދުވަހަކުވެސް އެމީހުންނަށް ކެތްކުރެވޭނީ ކިހާ ވަރަކަށް ކަމެއް ނޭނގޭނެ. އެހެންވެ އެމީހުންގެ ފަރާތުން މައްސަލަތައް ކުރިމަތިވަނީ.”
“ކަލޭ ތީ ހަމަ ބޮޑާ މީހެއް،” އަހަރެން ރުޅިއައިސްފައި ބުނީމެވެ. “ކަލޭ ރީތިވެފަ މޮޔަގޮތަކަށް އުޅުނަސް، އަހަރެން ދުވަހަކުވެސް…”
“ކަލެއަށް އަހަރެން ރީތިތަ؟” އޭނާ ހީނލިއެވެ.
“އެއީ ކަލެއަށް ކުރިންވެސް އެނގޭ ކަމެއްނު،” ލޭއިންސިއަކީ ރީތި މީހެކޭ ބުނެވުނުކަން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. “އަހަރެން ދޮގު ހަދާކަށް ބޭނުމެއް ނޫން. އެކަމަކު އޭގެ މާނައަކީ އޭގެން އަހަރެންނަށް އެއްވެސް އަސަރެއް ކުރެއެކޭ ނޫން. ކިޔާމް، ދާމިން… ލަޔިލް ވެސް ރީތި. އެއީ ކަލެމެންނަކީ ލޭއިންސިންނަށް ވާތީ،” އަހަރެން ފޫހިވެފައި ބުނީމެވެ.
“އަހަރެންނަށް ހީވަނީ ކަލޭ ތި ހަދަނީ ދޮގުހެން،” އަހަރެންނާ ދިމާއަށް ގުދުވަމުން އޭނާ ބުންޏެވެ.
“ދުރަށް ޖެހޭ،” އަހަރެން ގަދަދައްކާލީމެވެ. އެކަމަކު އޭނާ ހުރީ އަހަރެންގެ ގައިގާ ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. “ސީރިއަސްކޮށް، ލިޔާމް…”
“ކަލޭގެ ރަހަ ބަލާލަން އަހަރެންނަށް ފުރުޞަތު ދީފިނަމަ، ދެން ދުވަހަކުވެސް ‘އެތި’ އެކޭ ނުކިޔާނަން،” އަހަރެންގެ ކަރުދޮށުގައި އޭނާ ނޭވާލަމުން ބުންޏެވެ.
އަހަރެންގެ މޫނު އޭނާއާ ދިމާއަށް އަނބުރާލީމެވެ. “ނޫން، ލިޔާމް، ތީ މޮޔަ ކަމެއް. ކަލޭ ތިހެން ހަދައިގެން ނުވާނެ…”
“ކުޑަކޮށް… އަހަރެން ވައުދުވަން ތަދެއް ނުވާނެކަމަށް،” އޭނާ ސަމާސާ ރާގަކަށް ބުންޏެވެ.

“އަހަރެންނަށް އެނގޭ ތަދު ނުވާނެކަން،” އަހަރެން ރުޅިއައިސްފައި ބުނީމެވެ. “ކަލޭ ކަރުހިއްކައިގަނެގެން އުޅޭނަމަ ޝިކާރައަކަށް ދާންވީނު.”
“އަހަރެން ކަރުހިއްކައިގަނެގެނެއް ނޫން މިއުޅެނީ،” އޭނާ ލޯމަރާލަމުން ބުންޏެވެ.
“ކަލޭ ބޭނުންވަނީ ކަނޑުރެއްސިއެއްގެ ލޭ ބުއިމުން ކުރެވޭ އިހުސާސް ދެނެގަންނަން،” އަހަރެން ފޫހިވެފައި ބުނީމެވެ.

ލޭއިންސިއަކު ކަނޑުރެއްސެއްގެ ލޭ ބުއިމުން އެދެމެދުގައި ޚާއްޞަ ގުޅުމެއް އުފެދެއެވެ. ކުރުކޮށް ބުނާނަމަ، މީގެ އެތައް އަހަރެއް ކުރިން ލޭއިންސިންނާއި ކަނޑުރެއްސިން އެކުވެރިކޮށް އުޅުނުއިރު، ދޮށީ މީހުން މިފަދަ ގުޅުމެއް އުފެއްދިއެވެ. އެއީ ލޭއިންސިއަކު ކަނޑުރެއްސިއެއްގެ ލޭ ބުއިމުން، އެ ދެމީހުން ޖިންސީ ގުޅުން ހިންގުމުން ލިބޭ ފަދަ އުފަލެއް ލިބޭ ގޮތަށެވެ. ކަނޑުރެއްސިއަކަށް މިފަދަ ކަމެއް މީހަކު ބޭނުންވާނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކޮންމެއަކަސް، ކަނޑުރެއްސިއަކާއި ލޭއިންސިއަކު ލޯބީގެ ގޮތުން ގުޅި، އެ ދެމީހުންނަށް ދަރިއަކު ލިބުނެވެ. ދޮށީ މީހުން މިކަމާ ދެކޮޅު ހަދައި، އެކަކު އަނެކަކުގެ ގައިން ލޭ ބުއިން މަނާކޮށް، އެ ކުއްޖާ މަރާލިއެވެ. މިއީ މި ދެ ނަސްލުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ފެށުމެވެ.

“އެކަން ބޭނުން ނުވާނީ ކާކު؟ ކޮންމެ ދުވަހަކު ލޭއިންސިއަކަށް ކަނޑުރެއްސިއަކާ ދިމައެއް ނުވާނެ،” އޭނާ ހީނލަމުން ބުންޏެވެ.
“ކަލޭ ތީ ވަރަށް ނުލަފާ މީހެއް،” އަހަރެން ބުނީމެވެ.
“ނޫނީ އަންހެނުންގެ ހިތްތަކާ ކުޅޭ މީހެއް…” އޭނާ ބުންޏެވެ.
“އަހަރެން ހީކުރީ ކަލޭ އަހަރެންދެކެ ފޫހިވާ ކަމަށް،” އަހަރެން ބުނީމެވެ.
އޭނާ ކުއްލިއަކަށް އަހަރެންގެ ގައިމަތިން ތެދުވެ، ކޮޓަރީގެ އަނެއް ފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނދެ، މޭޒުމަތީގައި ފައި ބާއްވާލިއެވެ. “ފޫހިވޭ،” އޭނާ ބުންޏެވެ. “އަހަރެންނަށް މަޖާވަނީ ކަލޭގެ ހިތް ތިހާ ބާރަށް ތެޅޭތީ!”
އަހަރެންގެ ހިތް އޮތީ ވަރަށް ބާރަށް ތެޅިތެޅިއެވެ. އެއީ އޭނާ ހަމަ އަސްލަށްވެސް އަހަރެންގެ ގައިގައި ދަތް އަޅާނެ ކަމަށް ހީވުމުންނެވެ. އަހަރެން ފުން ނޭވާއެއްލައި ހަމަޖެހެން މަސައްކަތް ކުރީމެވެ.
“ކަންބޮޑުނުވޭ ‘އެތި’، އަހަރެން ކަލޭގެ ލޭ ބުއިމުގެ ބަދަލުގައި މުޅި އުމުރަށް މީދަލުގެ ލޭ ބުއިންވެސް މާ ރަނގަޅު،” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ތީ ވަރަށް ހިތްހަމަޖެހޭ ވާހަކައެއް،” އަހަރެންވެސް އެ ރާގުގައި ބުނީމެވެ. “ކަލޭގެ ބަދަލުގައި ދާމިން އަހަރެންގެ ލޭ ބުއިމަށްވެސް އަހަރެން މާ ބޮޑަށް ބޭނުން.”
އޭނާ ކުއްލިއަކަށް ސީރިއަސްވެ، އަހަރެންނާ ދިމާއަށް ބަލައިލިއެވެ. “ދާމިންއާ ދުރުގައި ހުރޭ.”
“އޯ، އެއީ ކީއްވެ؟” އަހަރެން އެނދުގެ ކައިރިއަށް ޖެހިލައި، އޭނާއާ ކުރިމަތިލަމުން އެހީމެވެ. “ކަލޭ އަހަރެންދެކެ ފޫހިވާނަމަ އެކަމާ ކަލޭ އަޅާލަނީ ކީއްވެ؟”
“ސަބަބަކީ އަހަރެންގެ ބައްޕަގެ އަމުރަށް، އަހަރެންނާއި ކިޔާމްއަށް މަޖުބޫރުވެފައި ވަނީ ކަލޭ ބަލަހައްޓަން. އެހެންވީމާ ދަންނަންޖެހޭނެ، ދާމިންއަކީ ނުރައްކާތެރި މީހެއް،” އޭނާ ބުންޏެވެ.
“އޭނާ ކަލެއަށްވުރެ މާ ހިތްހެޔޮހެން ހީވޭ،” އަހަރެން ކުދިކިޔަމުން ބުނީމެވެ.

“އަހަރެން މިތާ މި ހުންނަނީ އަހަރެންގެ ހިތްހެޔޮކަމުން، ‘އެތި’. ކަލޭ އެކަނިވާން ބޭނުން ނުވާކަމަށް ބުނީތީ އަހަރެން މި މަޑުކުރީ. އަހަރެންގެ ނިންމުން ބަދަލުކުރަން މަޖުބޫރު ނުކުރައްޗޭ،” އޭނާ އިންޒާރު ދިނެވެ.
“އަހަރެން އެކަނި ހުރުންވެސް މާ ރަނގަޅު،” އަހަރެން ބުނީމެވެ. އެހެން ބުނެވުނުކަމާ މެދު ވަގުތުން ދެރަވިއެވެ.
“ވަރަށް ރަނގަޅު،” އޭނާ ހީނލަމުން ބުންޏެވެ.
“މަޑުކުރޭ، ލިޔާމް…” އަހަރެން އެހެން ބުނެ ނުނިމެނީސް އޭނާ ގެއްލިއްޖެއެވެ.

އަހަރެން މި ބޮޑު ކޮޓަރީގައި އެކަނި ބަންދުވީއެވެ. ކުރާނެ ކަމެއް ނެތެވެ. ވާހަކަދައްކާލާނެ މީހަކު ނެތެވެ. އަހަރެން މިތާ ކިހާ ދުވަހަކު ހުންނަން ޖެހޭނެ ބާވައެވެ؟ އަހަރެން ހަމަ ހަގީގަތުގައިވެސް މޮޔަވެދާނެ ކަމަށް ހީވިއެވެ. އަހަރެން އަހަރެންގެ ދައްތަމެން މަތިން ހަނދާންވިއެވެ. އެމީހުންގެ މެދުގައި ހިނގާ ދެބަސްވުންތަކުން އަބަދުވެސް އަހަރެންގެ ފޫހިފިލުވައިދެއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. އަހަރެން އެނދުން ފުންމާލައިގެން ގޮސް އަވަހަށް ދޮރު ހުޅުވާލީމެވެ.
ދޮރުމަތީގައި ހުރީ ލިޔާމްގެ ބަދަލުގައި ދާމިން ކަމަށްވުމުން އަހަރެން ހައިރާންވިއެވެ. ދެން އަހަރެންނަށް ވިސްނުނީ… ލިޔާމް ނަމަ ދޮރުގައި ޓަކި ނުޖަހާނެކަމެވެ.
“ލިޔާމް ފޮނުވައިގެން އައި މީހެއްތަ؟” ހައިރާންވެފައި ހުރެ އަހަރެން އެހީމެވެ.
“ނޫން، ލިޔާމް ސިޓިންގ ރޫމުގައި އިންދާ އަހަރެން ދުށިން. އަހަރެންނަށް ހީވީ ކަލޭ މިތާ އެކަނި އިނުމުން ފޫހިވާނެހެން. އެހެންވެ ކަލޭގެ ފޫހިފިލުވައިދޭން އައީ،” ދޮރުކަނީގައި ލެގިލައިގެން ހުރެ އޭނާ ހީނލިއެވެ.
“އަހަރެން އޯކޭ އޭ. ކަލެއަށް…”
“ވަދެވިދާނެތަ؟” އޭނާ ހިނިތުންވެލިއެވެ. “ވަރަށް ވަންނަން ބޭނުން،” އަހަރެންގެ ގައިގައި އަތް އުނގުޅެމުންދާހާ ގާތުން އޭނާ މަޑުމަޑުން އެތެރެއަށް ވަނެވެ.
އަހަރެން ފުން ނޭވާއެއްލުމަށްފަހު ދޮރު ލައްޕާލީމެވެ. އަދި އެނދުގެ މެދުގައި އިށީނދެލީމެވެ. އޭނާ ގޮނޑިއެއް ކައިރިކޮށްލުމަށްފަހު، އެނދުމަތީގައި ފައި ބާއްވާލައިގެން އިށީނދެއްޖެއެވެ.
“އެހެންވީމާ، އަޒްމާރާ… ތީ ކަލޭގެ ނަން ދޯ؟” އޭނާ އެއް ބުމަ އަރުވާލަމުން އެހިއެވެ.
“އާނ،” އަހަރެން މަޑުމަޑުން ބުނީމެވެ.
“ކަލޭގެ އުމުރަކީ ކޮބާ؟” އޭނާ ސުވާލުކުރިއެވެ.
މި ސުވާލުން އަހަރެންނަށް ސިހުމެއް ލިބުނެވެ. “އުނހޫ… 18؟”
“އަހަރެން މިބުނީ ކަލޭގެ އަސްލު އުމުރުގެ ވާހަކަ. ކަލޭ ފެންނަ ފެނުމަށް ހުންނަ އުމުރެއް ނޫން. ކަލޭ ކިތައް ޖީލުގެ ލޭއިންސިން ދެކެފިންތަ؟”
“އަހަރެންނަކަށް ހިއެއް ނުވޭ ކަލޭ އެކަން އެނގެން ބޭނުންވާނެހެން،” އަހަރެން އެހެން ދިމާއަކަށް ބަލައިލީމެވެ.
“އަހަރެންގެ އުމުރުން ދުއިސައްތަ އަހަރަށްވުރެ ގިނަވެއްޖެ… ކަލޭ އަހަރެންނަށްވުރެ ދޮށީތަ؟” އޭނާ ސުވާލު އުފެއްދިއެވެ.

“އަހަރެން ކަލޭގެ ބައްޕައަށްވުރެ ދޮށީ،” އަހަރެން ޖަވާބު ދިނީމެވެ.
ލިބުނު ސިހުމާއެކު އޭނާގެ ބުމަ މައްޗަށް އެރިއެވެ. “އެއީ ކިހިނެއް ވާނެ ކަމެއް؟”
“ކަނޑުރެއްސިން މުސްކުޅިވަނީ ލޭއިންސިންނާ އިންސާނުންނާ ތަފާތު ގޮތަކަށް. އަހަރެމެން މުސްކުޅިވަނީ ވަރަށް ލަހުން. އެކަމަކު އަހަރެމެން ބޭނުން ވަގުތަކު އުމުރުން ދުވަސްވުން ހުއްޓުވިދާނެ. އަދި އަނެއްކާވެސް މުސްކުޅިވާން ބޭނުންވާ ވަގުތެއް އައުމުން އެކަން ފެށިދާނެ. އަހަރެންގެ އުމުރުން ހަގީގަތުގައި 18 އަހަރުވީއިރު، އަހަރެން ހުރީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ބޯލަނބައިގެން. އޭރު އަހަރެން ހީކުރީ އަހަރެންގެ ރީތިކަން އޭގެ އެންމެ އުހަށް ގޮސްފައިވާ ކަމަށް… އެހެންވެ އުމުރުން ދުވަސްވުން ހުއްޓުވީ،” އަހަރެން ހީނލަމުން ބުނީމެވެ.
“ތިބުނި އެއްޗެއް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ،” އޭނާ ކުއްލިއަކަށް އެނދުމަތީގައި އަހަރެންގެ ކުރިމަތީގައި އިށީނދެއްޖެއެވެ.
“ކަލޭމެން އެންމެންގެ އުމުރަކީ ކޮބާ؟ އިންސާނުންގެ އަހަރުތަކުން ބުނެބަލަ،” އޭނާ އަހަރެންނާ އެހާ ކައިރީގައި އިނުމުން އެކަމަށް ސަމާލުކަން ނުދީ އަހަރެން އެހީމެވެ.
“އަހަރެންގެ އުމުރަކީ 25،” އޭނާ ޖަވާބު ދިނެވެ. “ވެލީނާއަށް 23، ލިޔާމްއާއި ކިޔާމްއަށް 21، ލަޔިލްއަށް 18 އަދި ފައުޒާއަށް 17.”
“ލިޔާމްއާއި ކިޔާމް ފެންނަފެނުމަށް 21 އަހަރުގެ ދެމީހުންނެއްހެނެއް ހިއެއް ނުވޭ،” އަހަރެން ބުނީމެވެ.
“އަހަރެންވެސް ފެންނަފެނުމަށް 25 އަހަރެއްހެން ހިއެއް ނުވާނެ، އެކަމަކު އެއީ ހަގީގަތަކީ،” އޭނާ ބުންޏެވެ.
“އާނ، އެކަމަކު ކަލޭ ފެންނަނީ މާ އުމުރުން ދުވަސްވީ މީހެއްގެ ގޮތުގަ… އެމީހުން ފެންނަނީ މާ ޒުވާންކޮށް،” އަހަރެން ބުނީމެވެ.
“އިންސާނުންވެސް އެމީހުންގެ އަސްލު އުމުރަކާ އެއްގޮތަކަށް ނޫން ފެންނަނީ، އެހެންވީމާ އެއީ އާދައިގެ ކަމެއް،” އޭނާ ޖަވާބު ދިނެވެ.
“މިއަދު ހެނދުނު ކަލޭ ބަދިގެއަށް ވަނުމުގެ ކުރިން އަހަރެމެން ދެއްކި ވާހަކަ އަޑުއިވުނުތަ؟” އަހަރެން ސީރިއަސްކަމާއެކު އެހީމެވެ.
“ކަލޭ ބޭނުންވީ އަހަރެންނަށް އަޑުއިވޭންތަ؟” އޭނާ ހިނިތުންވެލިއެވެ.
“އާނ،” އަހަރެން އެއްވެސް އަސަރެއް ނެތި ޖަވާބު ދިނީމެވެ.
“އެހެންވީމާ… އާނ، އަހަރެން އަޑުއެހިން،” އަހަރެންގެ ހަރުކަށި މިޒާޖުގެ ސަބަބުން އޭނާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.
“ފައުޒާ އަހަރެން ގެންދަން ބޭނުންވީ ކޮން ތަނަކަށްކަން އެނގޭތަ؟” އަހަރެން ސުވާލު ކުރީމެވެ.
“އޭނާއަށް އެނގޭ ކަލެއަށް މި ގޯތިތެރެއިން ބޭރަށް ދިއުން މަނާކަން، އެހެންވީމާ ފަހަރުގައި އެއީ ކުޅި ކައިރިއަށް ކަމަށް ވެދާނެ،” އޭނާ ހިނިތުންވުމަކާއެކު ބުންޏެވެ. “އެތަން ވަރަށް ރީތިވާނެ. ކޮންމެވެސް ވަގުތަކުން އަހަރެން ކަލޭ އެތަނަށް ގެންގޮސްދީފާނަން…” އޭނާ އަނެއްކާވެސް އަހަރެންނާ ކައިރިއަށް ޖެހިލިއެވެ.
“ލިޔާމް ބުނީ އަހަރެން ބޭރަށް ނުކުމެގެން ނުވާނެ ކަމަށް،” އަހަރެން އުނދަގޫވެފައި ހުރެ ބުނީމެވެ.
“ކޮންމެވެސް ވަގުތަކުން ކަލޭ ބޭރަށް ނުކުންނަން ޖެހޭނެ، އަހަރެންގެ ބައްޕައާ ވާހަކަދައްކައިގެން ކަލޭ ބޭރަށް ނެރެވޭނެ ގޮތެއް އަހަރެން ހަދާނަން،” އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ކުޑަކޮށް ޖެހުނެވެ.
“އަހަރެން…” އަހަރެން ހުރީ ގަނޑުވެފައެވެ. އޭނާ ހުރީ ލިޔާމްއާ އެއްވަރަށް އަހަރެންނާ ގާތްވެފައެވެ. އެކަމަކު މިކަމުން އަހަރެން ގަތީ ހަމައެކަނި ބިރެވެ. ހިތް އޮތީ ވަރަށް ބާރަށް ތެޅިތެޅިއެވެ.
“ލިޔާމް ދައްކާ ވާހަކަ އަޑުނާހާ،” ދާމިން ހިނިތުންވެލަމުން، އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އޭނާ ބޮސްދެމުން އަހަރެން ފަހަތަށް ކޮށްޕާލިއެވެ.
“އާނ، ނިކަމެތި ލިޔާމް ދައްކާ ވާހަކައެއް އެކަކުވެސް އަޑެއް ނާހާނެ،” ކޮޓަރީގެ ދޮރުމަތީގައި ހުރެ ލިޔާމް ބުންޏެވެ.
އަހަރެން ލަދުންގޮސް ދާމިންގެ ކައިރިން ދުރަށް ޖެހެން މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ އަހަރެން ދުލެއް ނުކުރިއެވެ. އޭނާ އަދި މާ ބޮޑަށް އަހަރެންނާ ގާތްވިއެވެ. އޭނާ އެ ކުރަން އުޅޭ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އަހަރެންގެ ތިރީ ތުންފަތުގައި އޭނާގެ ދަތް ޖެހުނުކަން އިހުސާސް ކުރެވުނެވެ. އަހަރެން ބިރުންގޮސް އޭނާގެ މޭގައި ޖަހައި ދުރަށް ކޮށްޕާލާން މަސައްކަތް ކުރީމެވެ. އެކަމަކު އޭގެން އެއްވެސް އަސަރެއް ނުކުރިއެވެ.

ކުއްލިއަކަށް މީހަކު އޭނާ އަހަރެންގެ ގައިމަތިން ނަގައި، ކޮޓަރީގެ އަނެއް ފަރާތަށް ހޫރުވާލިއެވެ. ލިޔާމް ހުރީ އެނދާއި ދާމިންއާ ދެމެދު ދެއަތް އުރާލައިގެންނެވެ.
“އޭނާއަކީ ކަލޭ ކުޅެން ގެންގުޅޭ އެއްޗެއް ނޫން،” ލިޔާމް ސީރިއަސްކަމާއެކު ބުންޏެވެ.
“ކީއްވެ؟ އެއީ ކަލޭގެ އެއްޗަކަށް ވާތީތަ؟” ދާމިން މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ނޫން، އެކަމަކު މި ވާހަކަ ބައްޕަ ކައިރީގައި ބުނެގެން، ބައްޕަ ކަލެއަށް އަދަބުދޭ މަންޒަރު ބަލަން އަހަރެން ހުންނާނީ ވަރަށް އުފަލުން،” ލިޔާމް ބުންޏެވެ. ދާމިން ތެދުވި ވަގުތު ލިޔާމްގެ އަޑުން މަލާމާތުގެ ހިނިތުންވުމެއް އިހުސާސް ކުރެވުނެވެ.

އަހަރެން އިނީ ލިޔާމްގެ ބުރަކަށީގެ ފަހަތުން ބަލާށެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު ކުއްލިއަކަށް ވާންވިކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ. ނަމަވެސް އަހަރެންގެ ތިރީ ތުންފަތަށް ކުޑަ ތަދެއް އިހުސާސްވިއެވެ. އަހަރެން އަވަހަށް ތުންފަތުގައި އިނގިލި ޖައްސާލީމެވެ. ހޫނު ދިޔާއެއްޗެއް ތުންފަތުގައި ހުރިކަން އިހުސާސްވުމުން އިނގިލި ނަގައި ބަލައިލިއިރު، އިނގިލީގެ ކުރީގައި ހުރީ ރަތްކުލައިގެ ލެޔެވެ.

އަހަރެން ހައިރާންވެފައި ބަލައިލިއިރު، ލިޔާމް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި އަހަރެންނާ ދިމާއަށް ބަލާށެވެ. ދާމިން އޭނާގެ ކައިރީގައި ހުރިއިރު، އޭނާގެ ލޮލުން ފެންނަނީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ފަދަ ބިރުވެރި ބަނޑުހައިހޫނުކަމެކެވެ.

🧜‍♀️ ނުނިމޭ 🧜‍♀️

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top