ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް – ބާބު 03

“މާރވޭމްސް – ކަނޑުރެއްސިއަކާ ލޭއިންސިއެއްގެ ލޯބީގެ ވާހަކަ!”

ކަންތައްތައް ބަދަލުވެފައިވާ މިންވަރެއް ނޭނގޭތީ އަހަރެން އިނީ ވަރަށް ފަރުވާތެރިވެގެންނެވެ. މިހާރުގެ ރަސްގެފާނަކީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެންމެ ފަހުން އަހަރެން އެތަނަށް ދިޔައީ ވަރަށް ކުރިން ކަމަށް ވާތީ، އޭރުގެ ރަސްގެފާނު މަތިން ހަނދާން ހުރީ ވަރަށް ކުޑަކޮށެވެ. ނަމަވެސް އޭނާގެ ދަރިފުޅު މަތިން އަހަރެން ހަނދާން އެބަހުއްޓެވެ. އޭރު އޭނާއަކީ އަހަރެންގެ އުމުރުގެ ކުއްޖެކެވެ. އަދި އޭނާ އަހަރެން ދެކެ ލޯބިވެސް ވިއެވެ. އަހަރެމެންނަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. ނަމަވެސް އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދިނުމުން، އެ ގުޅުން ކަނޑާލަން އަހަރެންނަށް މަޖުބޫރުވިއެވެ.

🧜‍♀️🧜‍♀️🧜‍♀️🧜‍♀️

ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރުގެ ދުވެލި މަޑުވާން ފެށުމުން، އަހަރެން ކާރުގެ ކުޑަދޮރުން ބޭރު ބަލައިލީމެވެ. ލިޔާމް، ގަނޑުވަރުގެ މައި ދޮރާށްޓާ ހަމައަށް އޮތް ބޮޑު ގޯތިތެރެއަށް ވަންނަން އޮތް މަގުން ކާރު ދުއްވަމުން ގޮސް މަޑުކޮށްލުމާއެކު، ކުރިމަތިން ފެންނަން ހުރި ބިޔަ ގަނޑުވަރު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ ހަމަ އަހަރެން ހީކުރި ފަދަ ތަނެކެވެ. މުޅިންވެސް ހިލައިން ބިނާކޮށްފައިވާ، ނުހަނު ފުރިހަމަ އަދި ޝާހީ ތަނެކެވެ. ރޭގަނޑުގެ ވަގުތުކަމުން ވަރަށް ބޮޑަށް ބޭރު އަނދިރިވެފައި އޮތުމުގެ ސަބަބުން މާ ގިނަ ކަންތައްތަކެއް ސާފުވާކަށް ނެތެވެ. ނަމަވެސް އެކަމަކާ އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން ބޭނުންވީ އެތަނަށް އަހަރެން ގެނައި ސަބަބު އޮޅުންފިލުވާށެވެ.

“ފައިބާ،” ކާރުން ފައިބައި، ބާރަށް ދޮރު ލެއްޕުމަށްފަހު ލިޔާމް އަމުރުކުރިއެވެ.

އަހަރެން އިނީ ގުޑިވެސް ނުލައި އެ އިން ތަނުގައެވެ. ހާސްކަމުގެ ސަބަބުން އަހަރެންގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. މީގެ ކުރިން މިތަނަށް އަހަރެން އައި ކޮންމެ ފަހަރަކު، އަހަރެންގެ ބައްޕަ އާއި ފާރަވެރިންނާއި އަހަރެންދެކެ ލޯބިވާ މީހުން އަހަރެންގެ އަރިހުގައި ތިބެއެވެ. ނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތެވެ.

ލަޔިލް އަހަރެން އިން ފަރާތުގެ ދޮރު ހުޅުވާލުމަށްފަހު، ފޭބުމަށް އިޝާރާތް ކުރިއެވެ. އަހަރެން އެއްވެސް ހަރަކާތެއް ނުކޮށް އިނުމުން، ލިޔާމް ކުއްލިއަކަށް އައިސް ރުޅިވެރިކަމާއެކު އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ.

“ހަމަ މިހާރުން މިހާރަށް ފައިބާ، ނޫނީ އަހަރެން ގަދަކަމުން ކަލޭ ބާލުވާފާނަން،” އޭނާ ހަރުކަށިކަމާއެކު ބުންޏެވެ.

އޭނާއަށް އަޅާނުލައި، އަހަރެން އަނެއް ފަރާތުގެ ކުޑަދޮރުން ބޭރަށް ބަލަން އިނީމެވެ. އެވަގުތު ލިޔާމް އަހަރެންގެ އަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފައި، ކާރުގެ ފަހަތު ސީޓުން ގަދަކަމުން ބޭރަށް ދަމައިގަތެވެ.

“އޭއް… ތަދުވެޔޭ!” އަހަރެން ޝަކުވާގެ ރާގަކަށް ބުނީމެވެ.

“މަޑުން ހުރޭ،” އޭނާ ހަޅޭއްލަވައިގަތެވެ. “ތިހެން ތިވީ ކަލޭ އަމިއްލައަށް ފައިބަން ބޭނުން ނުވުމުން. އެއީ ހަމަ ކަލޭގެ ފޯލްޓް.”

“އެއީ އަހަރެންގެ ފޯލްޓޭ؟” ހައިރާންކަމާއެކު އަހަރެން އަހާލީމެވެ.

“ލޯބިލޯބި ކުއްޖާ، މިވަގުތު ދެބަސް ނުވުން މާ ބުއްދިވެރިވާނެ،” ލަޔިލް އަހަރެންގެ ގާތަށް ޖެހިލަމުން ބުންޏެވެ.

“ވާހަކަ ނުދައްކާ…” ލިޔާމް ބުނަން އުޅުނެވެ.

“ކަލޭވެސް ދެންމެ އޭނާއާ ވާހަކަދެއްކީމެއްނު،” ލިޔާމްގެ ވާހަކަ މެދުކަނޑާލަމުން ލަޔިލް ބުންޏެވެ.

ލިޔާމް ފޫހި ރާގަކަށް އަޑެއް ލައްވާލުމަށްފަހު، ލަޔިލްއަށް އަޅާނުލައި ދޫކޮށްލިއެވެ.

“ހާހާހާ!” ލަޔިލް މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

“މަޑުން ހުރޭ ލަޔިލް،” ލިޔާމް ރުޅިއައިސްފައި ބުންޏެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ގަނޑުވަރުގެ މައި ދޮރުން އެތެރެއަށް ވަނެވެ.

“ކަލޭ ތިހާ ރުޅިގަދަވެގެން ތިއުޅެނީ ކީއްވެގެން؟” އުނދަގޫވެފައި ހުރެ ލަޔިލް އަހާލިއެވެ.

“ކަލޭ ތިހާ އުފާވެފަ ހުންނާތީ،” ލިޔާމް ލަޔިލްއާ ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ތިކަމާ އަހަރެން އިންތިހާއަށް ފޫހިވޭ،” އޭނާ ލަޔިލްގެ މޫނާ ވަރަށް ކައިރިވެލައި ހަޅޭއްލަވައިގަތެވެ. ލިޔާމް އަކީ ލަޔިލްއަށްވުރެ އިސްކޮޅުން ދިގު މީހެކެވެ. އަދި ލަޔިލްއަކީ އަހަރެންނަށްވުރެ ދިގު މީހެކެވެ. އެހެންކަމުން ލިޔާމް އަހަރެންގެ ކުރިމަތީގައި ހުރިއިރު އޭނާ ފެންނަނީ ވަރަށް ބިޔަ މީހެއްގެ ގޮތުގައެވެ.

“ލިޔާމް، ލަޔިލްއާ ބެހޭނެ ކަމެއް ނެތް،” ކޮޓަރިއެއްގެ ދޮރުމަތިން އިވުނީ އަމުރުވެރި އަޑެކެވެ. އެއާއެކު ވަރަށް ރީތި، އިސްކޮޅުން ދިގު ފިރިހެނަކު ފެންނަން ހުއްޓެވެ. އޭނާގެ ހުރީ ގަދަ މުށިކުލައިގެ ދިގު އިސްތަށިގަނޑެކެވެ. އޭނާ ލިޔާމްއަށްވުރެ ވެސް އިސްކޮޅުން ދިގުވެފައި، ބަލާބެލުމަށް ފެންނަނީ އުމުރުން ފަންސަވީހަކަށް އަހަރުގެ މީހެއްގެ ގޮތުގައެވެ. އެއީ ލޭއިންސިންގެ ރަސްގެފާނުކަން އަހަރެންނަށް ޔަގީން ކުރެވުނެވެ.

“ބައްޕާ،” ލިޔާމް މަލާމާތުގެ ރާގަކަށް ބުންޏެވެ. އޭނާ އެންމެ ފަހުން މަގޭ އަތުން ދޫކޮށްލުމަށްފަހު، މޭމަތީގައި ދެއަތް ބަނދެލިއެވެ.

އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަތުގެ ރިިއްސާ ތަނުގައި ފިރުމަމުން ފަހަތަށް ޖެހިލީމެވެ. ލިޔާމްއަށް މަގޭ އެ ހަރަކާތް ފެނުމާއެކު، އަހަންނާ ދިމާލަށް ރުޅިވެރިކަމާއެކު ބަލައިލިއެވެ. އެވަގުތު އަހަރެން ހުރި ފިޔަވަޅުމަތީގައި ގަނޑުވި ކަހަލައެވެ.

ރަސްގެފާނު ނުރުހުމާއެކު ލިޔާމްއާ ދިމާލަށް ވަޑައިގަތެވެ.
“ކަލޭ މީހުންނަށް އެއްވެސް އިހުތިރާމެއްކުރުމެއްވެސް ނެތީތަ؟ މިއީ ކަލޭގެ އާއިލާ! މިއީ މުހިންމު ބައެއް… އެކަމަކު ކަލެއަށް ކުރެވޭހާވެސް ކަމަކީ އަހަރެމެންގެ އާއިލީ ނަމަށް ހުތުރު އެރުވުން!” ރަސްގެފާނު ލިޔާމްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ލިޔާމްވެސް ދޫނުދީ ބަލައިލިއެވެ. “އަހަރެން ހީކުރީ އަހަރެންނަކީ މިހާރު މި އާއިލާގެ މީހެއް ނޫން ކަމަށް؟ ވީއިރު އާއިލާއަށް ހުތުރު ނަމެއް ލިބޭނީ ކިހިނެއް؟” އޭނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

“އަލްޔާން،” މީހެއްގެ އަޑު އިވުނު ދިމާއަށް ބަލައިލިއިރު، ރަސްގެފާނު ނިކުމެވަޑައިގެންނެވި ދޮރުން ވަރަށް ރީތި އަންހެނަކު ފެނުނެވެ.
ދޮރުން ނިކުތް މީހާ ގޮވާލި އެ ނަމަކީ އަހަންނަށް ވަރަށް ފަރިތަ ނަމެކެވެ. އަހަރެން ހައިރާންވެފައި ރަސްގެފާނާ ދިމާލަށް ބަލައިލީމެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ދޮރުމަތީގައި ހުރި އަންހެން މީހާއަށް ފުރަގަސްދީގެންނެވެ. އަހަރެންވެސް އެ އަންހެން މީހާއާ ދިމާލަށް ބަލައިލީމެވެ. އަންހެންމީހާގެ ކުރިން އަހަރުމެންނާ ދިމާއަށް ފިރިހެނަކު އަންނަތަން ފެނެއެވެ.

އެ އަންހެންމީހާގެ އުނަގަނޑާ ހަމައަށް ފޯރާ ދިގު، ރަތްމުށިކުލައިގެ ބޯ އިސްތަށިގަނޑެއް އޮތެވެ. އޭނާގެ ސިފަތައް އޮމާނެވެ. ތުންފަތުގައި ވަނީ ގަދަ ދަނބުކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. އެއީ ފެހިކަންގަދަ ދެލޮލުގެ ވެރިއެކެވެ. އެ ލޮލުގެ ފެހިކަން ލަޔިލްގެ ލޮލަށްވުރެވެސް ގަދައެވެ. އޭނާ އަކީ އިސްކޮޅުން ދިގު، ގާތްގަނޑަކަށް ލިޔާމްއާ އެއްވަރުގެ މީހެކެވެ. އޭނާ ވަރަށް ފަރިގޮތަކަށް ހިނގާފައި އަލްޔާންއާ ދިމާލަށް އައެވެ.

“ހޭއި، މޯމް،” ލަޔިލް ބުންޏެވެ.
“ހަލޯ، މައި ސަން،” އޭނާ ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.

މަންމަ؟ އޭނާއަކީ ރާނީ ހެއްޔެވެ؟ އޭނާ އަކީ ނުހަނު ރީތި މީހެކެވެ. އެކަމަކު އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟އޭނާގެ ފެހި ދެލޯ އަހަރެންގެ ލޮލާ ސީދާވުމުން، އަހަރެން ސިހިފައި ފަހަތަށް ޖެހިލީމެވެ. “މިއީ ކާކު؟” އޭނާ ލިޔާމްއާ ސުވާލުކުރިއެވެ.
“ތިއީ ފުރޭތަ ކަނޑުރެއްސިއެއް،” ލިޔާމް ފޫހިވެފައި ބުންޏެވެ.
“ބިހޭވް ޔޯރ ސެލްފް އިނގޭ،” އެ އަންހެން މީހާ ކުއްލިއަކަށް ބުންޏެވެ.

އެ އަންހެން މީހާއަށް ރަނގަޅަށް ބަލައިލުމަށްޓަކައި އިސްއުފުލައިލި ވަގުތު، އޭނާވެސް ހުރީ ސީދާ އަހަންނާ ދިމާލަށް ބަލާށެވެ. ލިޔާމްއަށް އޭނާގެ ދެލޯ ލިބުނީ ކާކުގެ ފަރާތުންކަން އެވަގުތު އަހަންނަށް އެނގުނެވެ. އަހަރެން ސިހިފައި ފަހަތަށް ދެތިން ފިޔަވަޅު އެޅީމެވެ.

އެވަގުތު އަހަރެން ވެއްޓުނަނުދީ ހިފެހެއްޓުމަށް އެތަނަށް އައި ފިރިހެންމީހާ ނުވަތަ ކުއްޖާ އަތްދިއްކޮށްލިއެވެ. އޭނާގެ ލޮލުންވެސް ހައިރާންކަން ފެންނަން ހުއްޓެވެ.
އޭނާގެ އެ އަތުގެ ބީހުމާއެކު، އަހަރެންގެ ޚިޔާލުތައް މާޒީއަށް ދަތުރުކުރިއެވެ. އަހަންނަށް ފެނުނީ އެ ދެލޮލެވެ. ނަމަވެސް އެއީ މާ ޒުވާން މޫނެކެވެ. އޭރު އޭނާގެ އިސްތަށިގަނޑު ވަނީ ހާވާލެވިފައެވެ. އަދި އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

އަހަރެން އެސްފިޔަޖަހާލި ފަދަ ހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް އަސްލު ދުނިޔެއަށް އާދެވިއްޖެއެވެ. އެއީ އަހަންނަށް ލިބިފައިވާ ތަފާތު ބާރުތަކުގެ ތެރެއިން އެއް ބާރެވެ؛ އެހެން މީހުންގެ އެތެރެހަށި ބަލައިލުމުގެ ކުޅަދާނަކަމެވެ. އޭނާގެ ކިބައިން އަހަންނަށް ފެނުނީ އަހަރެން ދަންނަ، އެއްކަލަ ކުރީގެ އަލްޔާންއެވެ. އެއީ އެއްދުވަސްވަރެއްގައި އަހަންނަށް ހިތްކިޔައިގެން އުޅުނު ޒުވާން އަމީރެވެ.

“ތި ލޯ…” އޭނާ މަޑުމަޑުން ބުނެލިއެވެ.

އޭނާގެ ފުން ބެލުމާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އަހަރެން މޫނު އަނބުރާލީމެވެ.

“ވަރަށް ތަފާތު ދެއްތޯ؟” ލަޔިލް ބުނެލިއެވެ.

ކުއްލިއަކަށް ކޮޓަރީގައި ތިބި އެހެން މީހުންގެ މަތިން ހަނދާންވި ފަދަ ސިހުމަކާއެކު އަލްޔާން ބަލައިލިއެވެ. އަދި އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ.

“ތަފާތެއް ނޫން، ބިރުވެރި” ލިޔާމް މަލާމާތުގެ ރާގަކަށް ބުންޏެވެ.

“ޑޯންޓް ބީ ސޯ ރޫޑް،” ރާނީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ފިރިކަލުންނާ ދިމާލަށް އެނބުރުނެވެ. “ހުރިހާ ކަމެއް ރަނގަޅުތޯ؟”

“އާދެ ރޯޒާ، ރަނގަޅު،” ކަނދުރާ އަނބުރާފައި ހުރި މީހަކު ފަދައިން އެސްފިޔަޖަހަމުން އޭނާ ބުންޏެވެ. އޭނާ ދިޔައީ ގަސްތުގައި އަހަރެންގެ ބެލުމަށް ފުރަގަސްދެމުންނެވެ. “ލިޔާމް، އޭނާ ކޮޓަރިއަށް ގެންދޭ.”

“އަޅުގަނޑު މިތަނަށް މިގެނައީ ކީއްކުރަން؟” އަހަރެން ހަރުއަޑުން ސުވާލުކުރީމެވެ.

ލިޔާމް އަހަރެން ހިފަހައްޓަން އުޅުމުން، އޭނާގެ އަތް ފޮޅުވާލާފައި ދުރަށް ޖެހުނީމެވެ. އޭނާ ސިހިފައި އަނެއްކާވެސް މާ ބާރަށް އަހަރެންގެ ގައިގައި ހިފާ، އޭނާގެ ގަޔާ ކައިރިކޮށްލިއެވެ.

“އަހަރެން ބުނެފީމެއްނު އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫނޭ،” އޭނާ ރުޅިއައިސްފައި އަހަރެންގެ މޫނާ ދިމާލަށް ބަލައިލަމުން ބުންޏެވެ.

“ކަލޭ ބުނި އެއްޗަކަށް އަހަރެން ފަރުވާލެއް ނެތް،” އޭނާއާ ކުރިމަތިލަމުން އަހަރެންވެސް ހަމަ އެ ރާގުގައި ބުނީމެވެ.

“ހުއްޓާލާ!” ރޯޒާ އަމުރުކުރިއެވެ. “ލިޔާމް، އޭނާ ދޫކޮށްލާ!”

ލިޔާމް އަހަރެން ދޫކޮށްލުމާއެކު ކުޑަކޮށް އަރިއަޅާލައިގެން ގޮސް އޭނާއާ ދުރަށް ޖެހިލީމެވެ.

“ލިޔާމް!” ބޮޑު ސިޓިންގްރޫމް ތެރޭގައި ތޫނު އަޑެއް ގުގުމާލިއެވެ. އެތަނަކީ ރަނާއި ރަތްކުލައިގެ ފަރުމާތަކުން ފުރިފައިވާ ވަރަށް ކުލަގަދަ ތަނެކެވެ.

އެ އަޑު އައި ދިމާ ހޯދަން ބަލައިލި އިރު، ރަތް ކާޕެޓް އަޅާފައިވާ ބޮޑު ސިޑީގެ މަތީގައި ގާތްގަނޑަކަށް 16 އަހަރުގެ އަންހެން ކުއްޖަކު ހުއްޓެވެ. އޭނާގެ އޮތީ އުނަގަނޑާ ހަމައަށް އަންނަ ބޯ، ބުޅި އިސްތަށިގަނޑެކެވެ. އޭނާގެ ލޮލުގެ ކުލަ ލަޔިލްގެ ލޮލާ އެއްގޮތަށް މޫދު ފެހިކުލައަށް ދެއެވެ. އޭނާގެ ސޫރަ ވަރަށް ހިތްގައިމެވެ. މަންމަ ފަދައިން އޭނާގެ ސިފަތައް މަޑުމައިތިރިވެފައި ވަރަށް ރީއްޗެވެ.

“ހަލޯ ފައުޒާ،” ލިޔާމް ހިނިތުންވުމާއެކު ބުންޏެވެ. އެއީ އިޚްލާޞްތެރި ހިނިތުންވުމެކެވެ. އޭނާގެ ކިބައިން އެފަދަ އިންސާނިއްޔަތުކަމެއް ފެނިދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަމެވެ.

ލޮލަށް ނުފެންނަހާ ހަލުވި މިނެއްގައި އެ ކުއްޖާ ދުވެފައި އައިސް، ސިކުންތުކޮޅެއްގެ ތެރޭގައި ލިޔާމްގެ އަތުތެރެއަށް ވަދެއްޖެއެވެ.

“ކޮންތާކު އުޅެފަ ތިއައީ؟” ދެރަވެފައި ހުރެ، ތުންދަމާލަމުން އޭނާ އެހިއެވެ.

“ކަމެއްގަ ބިޒީކޮށް އުޅުނީ،” ލިޔާމް އަހަންނާ ދިމާލަށް ކަޅިއަޅާލަމުން ބުންޏެވެ.

“މިއަދު ހެނދުނު ހޭލިއިރު ލިޔާމް ނެތް،” އޭނާ ޝަކުވާ ކުރިއެވެ. “ދެން ދުވަހަކުވެސް ތިހެން ނުހަދާތި.”

“ނޫނީ ކިހިނެއް ހަދާނީ؟” ސަމާސާ ރާގަކަށް ލިޔާމް އެހިއެވެ.

އޭނާ ހިނިތުންވެލަމުން ބުންޏެވެ، “އަހަންނަކަށް ނޭނގެ. ހޫޒް ދިސް ނިއު ފްރެންޑް؟” ފައުޒާ ލާނެތް ގޮތަކަށް ލިޔާމްއަށް ބުމަ އަރުވާލިއެވެ.

“މިއީ ފްރެންޑެއް ނޫން،” ހިތްހަމަނުޖެހިފައި ހުރެ ލިޔާމް ބުންޏެވެ.

“ޔާމް، މާ ބޮޑަށް ހަރުކަށި ނުވެބަލަ،” ފައުޒާ އޭނާގެ ބޭބެ ލިޔާމްއާ ދިމާލަށް ލޯ އަޅާލުމަށްފަހު، އޭނާ އެއްފަރާތަކަށް ޖައްސާލިއެވެ. އަދި އަހަންނާ ދިމާލަށް އަތް ދިއްކޮށްލަމުން ހިނިތުންވުމާއެކު ބުންޏެވެ، “ވެލްކަމް، އަހަންނަކީ ފައުޒާ.”

އަހަންނަށްވެސް ބަދަލުގައި ހިނިތުންވެލެވުނެވެ. އަދި އޭނާގެ އަތުގައި ހިފާ މަޑުމަޑުން ސަލާމްކޮށްލީމެވެ.

“މީނާ ހާދަ ލޯތްބޭ. މިއީތަ އެ ބުނާ ކަނޑުރެއްސިއަކީ؟” ފައުޒާ އޭނާގެ މައިންބަފައިންނަށް ބަލާލަމުން އެހިއެވެ. އަހަންނަށް ހީވާގޮތުން އޭނާއަކީވެސް ލިޔާމްގެ ކޮއްކޮއެއް ނުވަތަ ދައްތައެކެވެ.

އެ އެންމެން އަހަންނާ ދިމާލަށް ބަލަހައްޓައިގެން ތިބީ ސައިންސް މަޝްރޫޢަކަށް ބަލާ ފަދަ ގޮތަކަށެވެ. ލިޔާމް ފިޔަވައި އެހެން އެންމެންނެވެ. އޭނާ ހުރީ ނުރުހުމުގެ ނަޒަރަކުން އަހަންނާ ދިމާލަށް ބަލާށެވެ.

“އާނ، ދެން ލިޔާމް، ތިޔަކަން ނިންމާލާ،” އަލްޔާން ސިޑިއާ ދިމާލަށް އަތުން އިޝާރާތް ކުރަމުން ބުންޏެވެ.

“އަހަރެން އޭނާ ގެންގޮސްފާނަން،” ފައުޒާ ވަރަށް އުފަލާއެކު ބުންޏެވެ. “ހިނގާ ދާން. އަހަރެންގެ ކޮޓަރިއަށް ގޮސް ތިޔަ ރީތި ކުއްޖާއަށް ބައެއް ހެދުންވެސް ޗޫސްކޮށްލެވިދާނެ.”

އަހަރެން ބޯޖަހާލީމެވެ. އޭނާ ވަރަށް ފުރިހަމައަށް ހިނިތުންވެލުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

“މަޑުކުރޭ،” ލިޔާމް ބުންޏެވެ.

އަހަރެން ހައިރާންކަމާއެކު އޭނާއަށް ބަލާލީމެވެ. އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭގައި އޭނާ އަހަރެންގެ ކައިރިއަށް އަތުވެއްޖެއެވެ.

“އަހަރެން ބޭނުމެއް ނޫން ކަލޭ އެ ‘އެއްޗާއެކު’ އެކަނި ދާކަށް،” އަހަންނަށް ބަލައިވެސް ނުލައި، ސީދާ ފައުޒާގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނާ ބުންޏެވެ.

“ތިޔަހާ ޖާހިލު ނުވެބަލަ،” ފައުޒާ އަނެއްކާވެސް އޭނާގެ ބޭބެއާ ދިމާލަށް ލޯ އަޅާލިއެވެ. “އޭނާ އަހަންނަކަށް އަނިޔާއެއް ނުކުރާނެ. ކުރާނަންތަ؟” މިހާރު އެ ދެމީހުންވެސް ބަލަހައްޓައިގެން ތިބީ އަހަންނާ ދިމާލަށެވެ. ލިޔާމް ހުރީ އާދައިގެ މަތިން ރުޅިވެރިކަމާއެކުގައެވެ. ފައުޒާ ހުރީ އުޖާލާ ހިނިތުންވުމަކާއެކުގައެވެ.

ލިޔާމްގެ އެ ބިރުވެރި ބެލުމުގެ ސަބަބުން ބަސް ހުއްޓިފައި ހުރެ، އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. އަދި ފައުޒާގެ މޫނަށް ބަލަހައްޓައިގެން ހުރީމެވެ.

“ފެނިއްޖެއެއްނު،” ފައުޒާ އަހަންނާ ދިމާލަށް އަތް ހޫރުވާލި ވަގުތު އަހަންނަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ. “މި އަންހެން ކުއްޖާއަކީ އެއްވެސް ނުރައްކަލެއް ހުރި ކުއްޖެއް ނޫން.”

“އޭނާ ދައްކާ ވާހަކައަށް އަޅާނުލާ،” ފައުޒާ އަނެއްކާވެސް އަހަރެން ގޮވައިގެން ސިޑިން މައްޗަށް އަރަން ފެށިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ، މަގު އޮޅިދާނެތީ އޭނާގެ ފަހަތުން އޭނާއާ ވަރަށް ކައިރިން ހިނގަމުން ދިޔައީމެވެ.

ސިޑިން މައްޗަށް އަރާފައި ކަނާތްފަރާތަށް އެނބުރި ބޮޑު ކޮޓަރިއަކަށް ވަންނަމުން އޭނާ ބުންޏެވެ، “ކަލޭގެ ހަށިގަނޑު ތިހުރީ ހަމަ އަހަރެންގެ ސައިޒަށް.”

އެ ކޮޓަރީގެ ހުރިހާ ފަރުނީޗަރަކާއި ކުލައަކީ ދަނބުކުލައެވެ. އެނދުގައި އަޅާފައިވާ ފޮތިގަނޑާއި، ބޮޑު ކުޑަދޮރުގެ ފަރުދާއާއި، ތަޅުމުގައި އަޅާފައިވާ ދޫލަވެސް އޮތީ ދަނބުކުލައިގައެވެ. އިސްތިސްނާއަކީ ހަމައެކަނި ކަޅު ކުލައިގެ ލެދަރު ހަންޖެހި ސޯފާތަކެވެ.

“މިއީ އަހަރެންގެ ކޮޓަރި،” އަލަމާރިއާ ދިމާލަށް ހިނގައިގަންނަމުން ފައުޒާ ބުންޏެވެ. “މި ހެދުން ކަލެއަށް ހަމަ ރަނގަޅުވާނެކަން ޔަގީން.” އޭނާ އަހަންނަށް ދިއްކޮށްލީ ވަރަށް ރީތިކޮށް ފަތްޖަހާފައިވާ ފަށުވި ހެދުމެކެވެ.

އަހަރެން އެއަށް ބަލާލުމަށްފަހު ހައިރާންވެފައި އޭނާއަށް ބަލާލީމެވެ.

“މިއީ ވަރަށް އަރާމު އެއްޗެއް،” އޭނާ ކޮނޑު އަރުވާލުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެ، އެކި ފަރާތްފަރާތަށް އެނބުރެމުން، ދިގު ހޯލްވޭއެއްގެ ސިލްސިލާ ކޮރިޑޯތަކެއްގެ ތެރެއިން ކުރިއަށް ދިޔައެވެ. އިރުކޮޅަކުން އަހަރެމެންނަށް ދެވުނީ ބޮޑު ލަކުޑި ދޮރެއްގެ ކައިރިއަށެވެ. އޭނާ އެ ދޮރު ހުޅުވާލާފައި ވަނީ ކުރިން ވަން ކޮޓަރިއާ ދާދި އެއްގޮތް ކޮޓަރިއަކަށެވެ. ނަމަވެސް މި ކޮޓަރީގެ ކުލައަކީ ރަތްކުލައެވެ. ކޮޓަރީގައި ބޮޑު ޓީވީއަކާއި ފާޚާނާއެއްވެސް ހުއްޓެވެ.

“މިއީ ޔޫގެ ކޮޓަރި،” އެތެރެއަށް ވަނުމަށް އިޝާރާތް ކުރަމުން ފައުޒާ ބުންޏެވެ.

އަހަރެން ޖެހިލުންވެފައި ހުރެ އެތެރެއަށް ވަނީމެވެ. ދެން ކުރަންވީ ކީއްކަމެއް ނޭނގިފައި އޭނާއަށް ބަލާލީމެވެ.

“މިހާރު މާ ލަސްވެއްޖެ،” އެނދަށް އިޝާރާތް ކުރަމުން ފައުޒާ ބުންޏެވެ. “ރޫމަށް ޑިނަރ ފޮނުވާނަން. ޑިނަރ ނިންމާފަ ދެން އަވަހަށް ނިދާލަން އުޅޭ.” އޭނާ ދޮރު ލައްޕަން އުޅެނިކޮށް އަހަރެން ހިތްވަރުކޮށްފައި ވާހަކަ ދެއްކީމެވެ.

“ތެންކިޔޫ،” އަހަރެން މަޑުމަޑުން ބުނީމެވެ.

“ޔޫ ވާހަކަވެސް ދައްކަންދޯ،” ފައުޒާ ހިނިތުންވުމަކާއެކު ބުންޏެވެ. “ގުޑް ނައިޓް.” އޭނާ ދޮރު ލައްޕާފައި ހިނގައްޖެއެވެ.

އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިއަށް ބަލާލީމެވެ. އަހަރެން މިއީ ކޮންފަދަ ނަސީބުދެރަ މީހެއް ހެއްޔެވެ؟ ލޭބޯ މީހުން (ލޭއިންސިން) އަހަރެން ރަހީނު ކުރަންވީ ކީއްވެ ހެއްޔެވެ؟ އެމީހުން އަހަރެން ބޭނުންވަނީ ކީއްވެގެން ކަމެއްވެސް ނުބުނެއެވެ. އަހަރެން މިހުރީ މަޖުބޫރުން މިތަނުގައި ހައްޔަރުވެފައެވެ. އަހަރެންގެ އާއިލާއިން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ތާރާ އާއި ޒައިރާ އެނބުރި ރަށަށް ގޮސް މަންމައާއި ބައްޕައަށް މި ޚަބަރު ދޭނެއެވެ. އެމީހުން އަހަރެން ހޯދަން ނުކުންނާނެއެވެ. އެކަމަކު އެމީހުންނަށް އަހަރެން ފެންނާނީ ކިހާ ދުވަހަކުން ހެއްޔެވެ؟

ފައުޒާ ނިކުތްތާ އިރުކޮޅެއް ތެރޭގައި ޚާދިމަކު އައިސް އަހަރެންގެ ކޮޓަރިއަށް ކާތަކެތި ވެއްދިއެވެ. ހަމަޖެހިލައިގެން އިނދެ ކައި ނިންމާލުމަށްފަހު، ފައުޒާ ދިން ނިދާ ހެދުން ލީމެވެ. އެއީ ފިޔާތޮށި ކުލައިގެ ފަށުވި ހެދުމެކެވެ. ފައުޒާ ބުނީ ތެދެކެވެ، އެއީ ވަރަށް އަރާމު ހެދުމެކެވެ. އަހަރެން އެނދުގައި އޮށޯވެ ލޯ މަރާލައިގެން ނިދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަހަރެންގެ އާއިލާގެ މަތިން ހަނދާންވެ ކަންބޮޑުވިއެވެ. އަހަރެންނަކީ ހުރިހާ ބާރުތަކެއް ލިބިފައިވާ ފުރަތަމަ ކަނޑުރެއްސިއެވެ. އެންމެ ހަގު އަދި އެންމެ ލޯބިވާ ދަރިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމަށްފަހު، އަލްޔާން އެތެރެއަށް ވަދެ އަވަހަށް ދޮރު ލެއްޕިއެވެ. އަހަރެން އަވަހަށް އެނދުން ތެދުވީމެވެ.

އޭނާ އަހަރެންގެ ކައިރިއަށް އައިސް، އަހަރެންގެ ދަތްދޮޅީގައި މަޑުމަޑުން ހިފާ އުފުލާލިއެވެ. އަހަރެން ވާހަކަ ދައްކަން އުޅުނު ނަމަވެސް އޭނާ އެ ފުރުޞަތެއް ނުދިނެވެ. އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ.

އޭނާ ދުރުވެލުމުން އަހަރެން ހުރީ ނޭވާ ކުރުވެފައެވެ. “އަޒްމާރާ، އަހަރެން ދުވަހަކުވެސް ތިޔަ ދެލޯ ހަނދާން ނުނެތޭނެ،” އޭނާ ބުންޏެވެ.

“އަލްޔާންގެ ސިފަ ބަދަލުވެފަވަނީ ވަރަށް ކުޑަކޮށް،” އަހަރެން އޭނާގެ މޫނުގައި އަތްލަމުން ބުނީމެވެ.

“އަޒް، އެއްވެސް ވަރަކަށް ބަދަލެއް ނުވޭ،” އޭނާ ބުންޏެވެ. “އެއީ ކަނޑުރެއްސިން މުސްކުޅިވާ ގޮތުން ވާނެ ގޮތެއްކަން އަހަންނަށް އެނގޭ.”

އަލްޔާން ފުން ނޭވާއެއް ދޫކޮށްލަމުން އޭނާގެ ކޮއްކޮ ލިޔާމްގެ ވާހަކަ ދައްކަން ފެށިއެވެ. “އާނ، އޭނާއަކީ… ވަރަށް ފިނި މިޒާޖެއްގެ ކުއްޖެއް. އޭނާގެ ހިތުގެ އަޑިއަށް ދާންދެންވެސް ވަނީ އެ ފިނިކަން. އެއީ ކީއްވެގެންވާ ކަމެއްކަން ބުނެދޭކަށް ނޭނގޭ. އޭނާ އުފަންވީއްސުރެ ހުންނަނީ އެގޮތް. އޭނާއަށް ހީވަނީ އޭނާގެ އިހުސާސްތައް ފޮރުވައިގެން ހުރެއްޖެނަމަ، އެއްވެސް މީހަކަށް އޭނާއަށް ދެރައެއް ނުދެވޭނެ ކަމަށް. އެކަމަކު އޭނާއަށް ނުވިސްނޭ ކަމަކީ، އެހެން މީހުން ބާކީކޮށްލުމުން އެމީހުންގެ ހިތުގައި ކިހާ ވަރަކަށް ޖެހޭނެކަން،” އަލްޔާން މާޔޫސްކަމާއެކު ބުންޏެވެ.

“އަލްގެ ކޮއްކޮ ފައުޒާ ފިޔަވާ،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ. “ފައުޒާ ފެނުމުން އަހަރެން ހަނދާންވަނީ އަލްގެ ޒުވާން ދުވަސްވަރުގެ އެ އުފާވެރިކަން. އެއީ އަލްގެ ބައްޕަ އަލް އަތްދަށުލައި، ރަސްކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުކުރުމުގެ ކުރިން ހުރި ގޮތް.”

“އާނ، ތިއީ ތެދެއް،” އަލްޔާން ބުންޏެވެ. “އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ކަންތައް…”

“އަލްޔާން،” އަހަރެން މައުޟޫޢު ބަދަލުކޮށްލީމެވެ. “އަހަރެމެންގެ ދެމެދުގަ އެއްވެސް ކަމެއް ނެތް… އަދި އެއްވެސް ކަމެއް އޮތުމަކީ ވެސް ވާނެ ކަމެއް ނޫން. އެއީ މަނާކަމެއް… އަދިވެސް އެއީ މަނާކަމެއް،” އަހަރެން އޭނާއާ ދުރުވެލީމެވެ.

“ތިއީ ތެދެއް،” އަލްޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

“ކޮންމެއަކަސް،” އަހަރެން އޭނާއާ ދިމާލަށް އެނބުރިލަމުން ހިނިތުންވެލީމެވެ. “މިހާރު އަލްގެ އާއިލާ އެބައޮތް. އަލްގެ އަނބިމީހާ، ދަރިން، އަދި އަލްގެ ރަސްކަން. އަލް މިހާރު ތިޔަހުރީ އުފަލުން ނޫންތަ؟”

“ވަރަށް ބޮޑަށް،” އަލްޔާން އުޖާލާ ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.

“އެހެންވީމާ ދެން ދާން އުޅޭ،” އަހަރެން އެނބުރިލަމުން ބުނީމެވެ. “މިރޭ މިތަނުގައި ހިނގައިދިޔަ ކަންތައްތަކަކީ ނުވާ ކަންތައްތަކެއް ކަމަށް ބަލާ.”

“އަޒްމާރާ،” އަލްޔާން ބުންޏެވެ. “ލިޔާމްއަށް އަދި ނޭނގޭ އޭނާ ރަހީނުކޮށްގެން އެ ގެނައީ ކޮންފަދަ މުހިންމު ކަނޑުރެއްސިއެއް ކަމެއް. އޭނާއަކަށް ނޭނގޭ އޭނާގެ ކުރިމަތީގައި އެހުރީ ޝާހީ ޢާއިލާގެ ބޭފުޅެއްކަމެއް. އަހަރެންގެ އާއިލާގެ އެއްވެސް މީހަކަށް އެކަމެއް ނޭނގޭ.”

“އަހަރެން އަހަރެންގެ ރައްޔިތުންނާ އެއްވެސް ތަފާތެއް ނެތް،” އަހަރެން ބުނީމެވެ.

“އެކަމަކު މި ހާލަތުގައި ތަފާތު،” އޭނާ ބުންޏެވެ. “އަޒް އަކީ ޝާހީ ބޭފުޅަކަށް ވީތީ، އަޒް ރަހީނުކޮށްގެން އުޅޭ ބަޔަކަށް އަޒްގެ މުޅި ރަނިކަމުގެ މައްޗަށް ބާރު ފޯރުވުމުގެ ފުރުޞަތު އޮންނާނެ. އެހެންވީމާ، އަޒްގެ އަޞްލު ތާރީޚަކީ ކޮބައިކަން އެއްވެސް މީހަކަށް އެނގިގެން ނުވާނެ.”

“އަލް އަދިވެސް އަހަރެން މިތަނަށް ގެނައި ސަބަބެއް ނުބުނަމެއްނު؟” އަހަރެން ސުވާލުކުރީމެވެ.

“ބަދަލުހިފުން،” އޭނާ ރުޅިވެރިކަމާއެކު ބުނުމަށްފަހު، އަވަސްއަވަހަށް ކޮޓަރިން ނިކުމެ ބާރަށް ދޮރު ލައްޕައިފިއެވެ.

އަހަރެންގެ ހިތް ވަރަށް ބާރަށް ތަޅެން ފެށިއެވެ. ބަދަލުހިފުމޭ؟ އޭނާ އެ ބުނީ ބަދަލުހިފުމުގެ ވާހަކައެވެ! ކޮން ކަމެއްގެ ބަދަލުހިފަން ހެއްޔެވެ؟ ލޭބޯ މީހުން ކަނޑުރެއްސިން ރަހީނުކުރަން ޖެހޭ ވަރުގެ އޮތީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ހުރީ ވަރަށް ބޮޑަށް ހައިރާންވެ އޮޅުންބޮޅުންވެފައެވެ. އަދި ހަމައެއާއެކު ވަރަށް ބޮޑަށް ވަރުބަލިވެސް ވެއްޖެއެވެ. އަހަރެން ނިދަން ބޭނުންވިއެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެލުމާއެކު، މާ ގިނައިރުތަކެއް ނުވެ ފުން ނިންޖަކުން ނިދިއްޖެއެވެ.

🧜‍♀️ ނުނިމޭ 🧜‍♀️

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top