ހުސް ކޮޓަރި
ވިލިނގިއްޔަށް ހެނދުނުވީ ވަރަށް އާދައިގެ ގޮތަކަށެވެ. ދެ އާއިލާއެއްގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ބިރުވެރި ރޭގެ ފަހުން، އެ ހަމަހިމޭންކަން ހީވަނީ މަލާމާތެއްހެންނެވެ. ތޫފާން މައިތިރިވެ، އަޅިކުލައިގެ އުޑެއްގެ ދަށުން މުޅި ރަށް އޮތީ ދޮވެވި ސާފުވެފައެވެ. މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ރުއްރުކުގެ ފަންތަކުން ފެންތިކިތައް ފޭބިއެވެ.
ރޭގަނޑު ގަދަވި ކަނޑު، ފަޅުތެރޭގައި މަޑުމައިތިރިވެފައި އޮތެވެ. ދުރުން މަސްދޯންޏެއްގެ އިންޖީނުގެ އަޑު އިވުމާއެކު، މަހަށްދާން ތައްޔާރުވާ މީހުންގެ ގޮވުންތައް އިވެން ފެށިއެވެ. ގޭގޭގެ ދޮރުތައް ހުޅުވި، ކުދިން ސްކޫލަށް ދާން ހޭލައި، އަވަށްޓެރި ގެތަކުން ސައިގެ ވަހާއި ހޫނު ރޮށީގެ ވަސް ދުވަން ފެށިއެވެ. އެހެން އެންމެންނަށް އެއީ ހަމަ އާދައިގެ ހެނދުނެކެވެ. ނަމަވެސް އާޝިޔާއަށް އެއީ ހަމްދާނާ ނުލައި އޭނާގެ ހަޔާތުގައި އައި ފުރަތަމަ ހެނދުނެވެ.
ކޮޓަރީގެ ކުޑަދޮރު ކައިރީގައި އޭނާ އިނީ ސިދުރާ އުރާލައިގެންނެވެ. އެ ތުއްތު ދަރިފުޅު އޮތީ މަންމަގެ އުނގުގައި ނިދާފައެވެ. ސިދުރާގެ ހުން މަޑުވި ނަމަވެސް، ރޭގެ އުނދަގޫތަކަށްފަހު އޭނާ އޮތީ ވަރުބަލިވެފައެވެ. އާޝިޔާ އިރުއިރުކޮޅާ ދަރިފުޅުގެ ނިތްކުރީގައި އަތްލައި ހުން ހުރިތޯ ބަލައެވެ. އެއީ ދަރިފުޅަށް ކަމެއް ވެދާނެތީ އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ.
އެ ފޯނު ކޯލަށްފަހު އޭނާއަށް ލޮލުފިޔައެއް ނުޖެހެއެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު، އެ ބީރައްޓެހި އަންހެން މީހާގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައެވެ. “މިސް އާޝިޔާ؟ މިހާރުން މިހާރަށް ހޮސްޕިޓަލަށް ވަޑައިގެން ދެއްވާ.”
އަދި އޭނާގެ ކުރިމަތީގައި ހުރި ސާޖަން ފެންނަ ކަހަލައެވެ. “އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން.”
އާޝިޔާ ތުންފަތުގައި ދަތްއަޅާލަމުން، އެނދުގެ ހުސްކޮށް އޮތް ފަރާތަށް ބަލާލިއެވެ. ހަމްދާންގެ ބާލީސް އަދިވެސް އޮތީ އެތަނުގައެވެ. އޭނާ ދިޔައިރު ފަށްޖަހާފައި އޮތް ގޮތަށް ރަޖާގަނޑުވެސް އޮތެވެ. އެނދުގެ ގޮދަޑީގައި ހަމްދާން ނިދިތަނުގެ ނިޝާން އަދިވެސް ފެންނަން ހުއްޓެވެ. އާޝިޔާ އެތަނުގައި އަތްލިއެވެ. އެއާއެކު އޭނާގެ ހިތް ކުދިކުދިވި ކަހަލައެވެ.
ނިދީގައި އާޝިޔާ ރަޖާގަނޑު ދަމާކަމަށް ބުނެ ހަމްދާން ކުރާ ޝަކުވާތައް ހަނދާންވިއެވެ. ތިން އެލާމް ޖަހާފައިވެސް އާޝިޔާ ގާތު ގޮވަން ބުނާ ހަނދާންތަކެވެ. ހެނދުނުގެ ކޮފީއާއި، އޭނާގެ ހޭވިފައި ހުންނަ އިސްތަށިގަނޑާއި، ސިދުރާ އުރާލައިގެން ހުރެ އޭނާގެ ދަރިފުޅު އެންމެ ފުރަތަމަ ހިނިތުންވީ ބައްޕައަށް ކަމަށް ބުނެ ފަޚުރުވެރިވާ ގޮތެވެ. އެއީ ވަރަށް އާދައިގެ ހަނދާންތަކެކެވެ. ނަމަވެސް އެންމެ ބޮޑަށް ތަދުވަނީވެސް އެ ހަނދާންތަކުންނެވެ.
ހިތާމައަކީ ހަމައެކަނި ރުއިމާއި ހަޅޭއްލެވުމެއް ނޫނެވެ. ބައެއް ފަހަރު އެއީ ހަމަހިމޭންކަމާއެކު، ބޭނުންކުރި ކޮފީ ޖޯޑަކުން ނުވަތަ ހުސްކޮށް ހުރި ގޮނޑިއަކުން ނުވަތަ ދޮރު ފުރަގަހުގައި އަޅުވާފައި އޮތް ގަމީހަކުން އިޙުސާސްވާ އެއްޗެކެވެ.
އާޝިޔާ ސިދުރާއަށް ބަލާލިއެވެ. “ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ.” އޭނާ މަޑުމަޑުން ބުނެލިއެވެ.
ސިދުރާ ކުޑަކޮށް ގުޑިލި ނަމަވެސް ހޭލައެއް ނުލައެވެ. އާޝިޔާ ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި ލޯ މަރާލިއެވެ. އޭނާ ބޭނުންވީ ހުރިހާ ކަމެއް ބަދަލުވުމުގެ ކުރިން ހަމްދާން ހުރި ގޮތަށް އޭނާގެ ހަނދާނުގައި ބަހައްޓާށެވެ. ގެއިން ނުކުންނަމުން އޭނާގެ ނިތްކުރީގައި ބޮސްދިން މީހާގެ ގޮތުގައެވެ. މުޅި ދުނިޔޭގައި އޮތް އެންމެ އަގުބޮޑު ޖަވާހިރަކީ އޭނާގެ ދަރިފުޅު ކަމަށް ދެކިގެން އުޅުނު ބައްޕަގެ ގޮތުގައެވެ.
ނަމަވެސް ކޮންމެ ރީތި ހަނދާނަކާ ގުޅިފައިވަނީ ހިތްދަތި ސުވާލެކެވެ. އޭނާ އެ ގެސްޓްހައުސްގައި ހުރީ ކީއްވެ ހެއްޔެވެ؟ އަދި އޭނާއާއެކު ޒޯޔާ ހުރީ ކީއްވެ ހެއްޔެވެ؟
އާޝިޔާ މުޅި ރޭ ހޭދަކުރީ އެކަމާ ނުވިސްނޭތޯ މަސައްކަތް ކުރުމުގައެވެ. ނަމަވެސް އެ ސުވާލުތައް އޭނާގެ ސިކުނޑިން ބޭރު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ ވަރަށް ސަމާލުކަމާއެކު ސިދުރާ އެނދުގައި ބާއްވާފައި، ސައިޑް ޓޭބަލް ކައިރިއަށް ދިޔައެވެ. ކަޅުކުލައިގެ ލެޕްޓޮޕް ދަބަސް އަދިވެސް އެތަނުގައި އޮތެވެ. އޭނާ އެއަށް ބަލަން ހުއްޓެވެ. ރޭގެ ހާސްކަމުގެ ތެރޭގައި އޭނާ އެ ދަބަސް ހުޅުވިއެވެ. މިހާރު ހެނދުނުގެ އަލީގައި އެކަން އޭނާއަށް މާ ސާފުކޮށް ހަނދާންވެއެވެ. ލެޕްޓޮޕެއް ނެތެވެ.
ހަމްދާން ދަތުރުކުރާއިރު ލެޕްޓޮޕް ނުލައެއް ނުދާނެއެވެ. އޭނާގެ މުޅި މަސައްކަތް އޮތީ އެ މެޝިންގެ ތެރޭގައެވެ. ހުރިހާ ލިޔެކިޔުންތަކާއި، ކްލައިންޓުންގެ މައުލޫމާތާއި، އެއްބަސްވުންތައް ހުރީ އޭގައެވެ. އާއިލާއާއެކު ޗުއްޓީއަށް ދާއިރުވެސް އޭނާ ލެޕްޓޮޕް ގެންދެއެވެ. އާޝިޔާ އެކަމާ ކިތަންމެ ފަހަރަކު ޖޯކުވެސް ޖެހިއެވެ.
“ކޮންމެވެސް ދުވަހަކުން ތި ލެޕްޓޮޕް ގޭގައި ބާއްވާފައި ދިޔުމުން ދުނިޔެއަށް ވާގޮތް ފެންނާނެ.” އޭނާ ބުނެއެވެ.
އޭރު ހަމްދާން ހިނިތުންވެލާފައި ބުނާނެއެވެ. “މަގޭ ކްލައިންޓުންނަށް ވާނެގޮތް ފެންނާނެ.”
އަދި ކޮންމެވެސް ދުވަހަކުން އެ ލެޕްޓޮޕް ހޯދަން އޭނާ މިހާވަރަށް ބޭނުންވާނެ ކަމަކަށް އާޝިޔާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.
ކޮޓަރިން ނުކުތްއިރު އޭނާގެ ބޭބެ އަޒީމް އިނީ ބައްޕައާއެކު ސިޓިންގ ރޫމުގައެވެ. މަންމަ އުޅުނީ ބަދިގޭގައި، ރޭގައި މަޑުކުރި ތިމާގެ މީހުންނަށް ސައި ތައްޔާރުކުރުމުގައެވެ.
“ބޭބޭ؟”
އަޒީމް ވަގުތުން ބަލާލިއެވެ. “ކީކޭ؟”
“ފުލުހުން ހަމްދާންގެ ލެޕްޓޮޕް ގެންދިޔަތަ؟”
އަޒީމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ކޮން ލެޕްޓޮޕެއް؟”
“އޭނާ މަސައްކަތްކުރާ ލެޕްޓޮޕް.”
އަޒީމް ބޯ ހޫރާލިއެވެ. “އޭނާގެ ތަކެތީގެ ތެރެއަކު އެކަހަލަ އެއްޗެއް ނެތް.”
“ޔަގީންތަ؟”
“އަހަރެން ދުށިން ވޮލެޓާއި، ފޯނާއި، ގަޑިއާއި، އަނގޮޓި. ފުލުހުން ބުނީ އެތަކެތީގެ ވާހަކަ.”
އާޝިޔާ ހުއްޓުން އަރާފައި ހުއްޓެވެ. “އެމީހުންނަށް އެ ނުފެނުނީ ނަމަ؟”
ބައްޕަ ތަސްބީހަފަތި ހިފަހައްޓައިގެން އިނދެ ބަލާލިއެވެ. “ދަރިފުޅު ތި ލެޕްޓޮޕްގެ ވާހަކަ ތި އަހަނީ ކީއްވެ؟”
އާޝިޔާ ޖަވާބު ދިނުމުގެ ކުރިން ފަސްޖެހުނެވެ. “އެއީ އޭނާގެ ދަބަސް ތެރޭގައި އެ އޮންނަން ޖެހޭނެ. އެކަމަކު މިހާރު ނެތް.”
އަޒީމް ނުރުހިފައި ބުންޏެވެ. “ފަހަރުގައި އެ އަލިފާނުގެ ތެރޭގައި ހަލާކުވީ ކަމަށް ވެދާނެ.”
“ނޫން.” އާޝިޔާ ބޯ ހޫރާލިއެވެ. “އަހަންނަށް ހީއެއް ނުވޭ.”
އޭނާއަށް އެހާ ޔަގީންވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެކަމަކު އެ ދަބަހުގެ ތެރޭގައި ލެޕްޓޮޕް އޮންނަ ބައި ހުސްކޮށް އޮތުމުން އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. އެ ދަބަސް އޮތީ އަނދާފައެއް ނޫނެވެ. އޭގައި އެއްވެސް ގެއްލުމެއް ނެތެވެ.
ބައްޕަ އާޝިޔާއަށް ބަލަން އިނދެފައި މަޑުމަޑުން ބުންޏެވެ. “ފުލުހުންގެ ގާތުން އަހާބަލަ. ކަމެއް ޔަގީން ނުވަނީސް ގޮތް ނުނިންމާ.”
އާޝިޔާ ބޯ ޖަހާލި ނަމަވެސް، އޭނާގެ ހިތުގައި އުފެދުނު ނުތަނަވަސްކަން ފިލައިގެންނެއް ނުދިޔައެވެ. ނޭނގޭ ކަންތައްތައް މިހާރުވެސް މާ ގިނައެވެ. އަދި ހަމްދާން އޭނާއަށް ސިއްރުކޮށްފައިވަނީ ކިހާވަރެއްގެ ކަންތައްތަކެއް ބާވައޭ އާޝިޔާގެ ހިތަށް އެރިއެވެ.
މެންދުރުވީއިރު ގޭތެރެ ވަނީ ކުރިއަށްވުރެ ބޮޑަށް ހިމޭންވެފައެވެ. ބައެއް ތިމާގެ މީހުން އަރާމުކޮށްލަން ގެއަށް ދިޔައިރު، އަނެއްބަޔަކު ސިޓިންގ ރޫމުގައި މަޑުމަޑުން ވާހަކަދައްކަން ތިއްބެވެ. އާޝިޔާ އޭނާގެ ފޯނު ހިފައިގެން ކޮޓަރިއަށް ވަދެ ނަޖުމީއަށް ގުޅިއެވެ. ދެތިން ފަހަރަކު ރިންގުވުމަށްފަހު އޭނާ ފޯނު ނެގިއެވެ.
“އައްސަލާމް ޢަލައިކުމް.”
“ވަޢަލައިކުމުއްސަލާމް.”
ނަޖުމީގެ އަޑުން އިންތިހާ ދަރަޖައިގެ ވަރުބަލިކަން ފާހަގަވެއެވެ. އެ އަޑުގައި ކުރިން ދުވަހަކުވެސް ނުހުންނަ ކަހަލަ ބަރުކަމެއް ހުއްޓެވެ.
އާޝިޔާ ކުޑަދޮރު ކައިރީގައި އިށީނެވެ. “ނަޖުމީ، އަހަރެން ކަމަކު އަހާލަން ބޭނުން.”
“އަހާބަލަ.”
“ހަމްދާން ދަތުރުކުރާއިރު އަބަދުވެސް ލެޕްޓޮޕް ގެންދޭތަ؟”
“އަބަދުވެސް ގެންދާނެ.” އެއްވެސް ޖެހިލުމެއްނެތި ނަޖުމީ ޖަވާބުދިނެވެ.
“ޔަގީންތަ؟”
“ޔަގީން. އޭނާ އެ ބާއްވާފައެއް ނުދާނެ. ކީއްވެ ތި އެހީ؟”
ހަމްދާންގެ ތަކެތީގެ ތެރެއިން ލެޕްޓޮޕް ފެނިފައިނުވާ ވާހަކަ އާޝިޔާ ކިޔައިދިނެވެ.
ނަޖުމީ އިރުކޮޅަކު ހިމޭނުން ހުއްޓެވެ. “ތީ ވަރަށް އަޖައިބު ކަމެއް.”
“ވަރަށް ބޮޑު އަޖައިބެއް.”
“އޭނާ ކޮންމެ ތަނަކަށް ދިޔަސް އެ ހިފައިގެން އުޅޭނީ، އާޝިޔާ. މަހަށް ދާއިރުވެސް މަސައްކަތުގެ ކަމެއް ބަލާލަން ޖެހޭ ކަމަށް ބުނެ ޝަކުވާ ކުރާނެ.”
އެ ވާހަކައިން އާޝިޔާގެ މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. “އެއީ ހަމަ އޭނާގެ ގޮތް.”
ނަމަވެސް އެ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. “ނަޖުމީ..”
“ކީކޭ؟”
“ހަމްދާން ދުވަހަކުވެސް ބުނިތަ އޭނާ އާދަޔާ ޚިލާފު ކަމެއްގެ މަސައްކަތް ކުރާ ވާހަކަ؟”
އެއަށްފަހު އައި ހިމޭންކަން އާޝިޔާއަށް ފާހަގަވިއެވެ. “ކޮން ކަހަލަ ކަމެއް؟”
“އޭނާ ބުނި ގެއަށް އައުމުގެ ކުރިން ބައެއް މީޓިންތައް އެބަހުއްޓޭ. އެކަމަކު އިތުރު ތަފްސީލެއް ނުދޭ.”
ނަޖުމީ ފުން ނޭވާއެއްލިއެވެ. “މީގެ ދެތިން ދުވަސް ކުރިން އޭނާ ކަމެއް ފާހަގަކުރި.”
(ނުނިމޭ)
