ފަންނަކީ ހަމައެކަނި ޒީނަތްތެރިކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ރަނގަޅު ކުރެހުމެއްގެ ސަބަބުން ކޮޓަރިއެއްގެ މާހައުލަށް ދިރުން ގެނެސްދީ، ހަމަޖެހުމާއި އުފާވެރިކަން އިހުސާސްކޮށްދެއެވެ. ނަމަވެސް، އިޚްތިޔާރުކުރާނީ ކޮންކަހަލަ ކުރެހުމެއްކަމާއި، އެ ބަހައްޓާނީ ކޮންތަނެއްގައިކަން ނިންމުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެދާނެއެވެ.
އިންޓީރިއާ ޑިޒައިނަރު ނޫރާ އަބާޒާ އާއި ޑިޒައިނަރު ސާރާ ހަނީ، ގޭތެރޭގައި ކުރެހުންތައް ބަހައްޓާނެ ގޮތާއި އޭގެ މުހިންމު އުސޫލުތައް ހިއްސާކޮށްފައިވެއެވެ.
ސްޓައިލާއި މިންގަނޑު
ކުރެހުމެއް ގަތުމުގެ ކުރިން ގޭގެ ޖުމްލަ ފަރުމާއަށް ވިސްނުން މުހިންމެވެ. ނޫރާ ފާހަގަކުރާ ގޮތުގައި، ގޭގެ ފަރުމާއަކީ ކްލެސިކް ނުވަތަ ޒަމާނީ (މޮޑަން) ފަރުމާއެއް ނަމަ، އެތަނެއްގައި ބަހައްޓާ ކުރެހުން ވެސް ހުންނަންވާނީ އެ މާހައުލާ ގުޅޭގޮތަށެވެ.
ކުރެހުމުގެ ބޮޑުމިނަކީ ވެސް މުހިންމު ކަމެކެވެ. ކުޑަ ފާރެއްގައި ބޮޑު ކުރެހުމެއް ބެހެއްޓުމުން އެތަން މާ ބޮޑަށް ތޮއްޖެހިފައިވާ ހެން ހީވެދާނެއެވެ. އަދި ބޮޑު ފާރެއްގައި ކުޑަ ކުރެހުމެއް ހަރުކުރުމުން އެ ކުރެހުން ފާހަގައެއް ނުވާނެއެވެ. އެހެންކަމުން، ބޮޑެތި ފަރުނީޗަރުތަކާ އެކު ބޮޑެތި ކުރެހުންތައް ބޭނުންކުރުމަށާއި، ކުދި ކުރެހުންތައް އެނދުގެ ބޯލާކޮޅުގައި ނުވަތަ ކޮންސޯލް މޭޒުތަކުގެ މަތީގައި ގުރޫޕްކޮށް އެތުރުމަށް ނޫރާ ލަފާދެއެވެ.
ބޮޑު ފާރެއްގައި ހަމައެކަނި އެއް ކުރެހުން ބެހެއްޓުމުގެ ބަދަލުގައި، އެއްބައްޓަމެއްގެ ނުވަތަ އެއްކުލައެއްގެ ކުދި ކުރެހުންތަކެއް ސަފަކަށް އަތުރާލުމުން މާހައުލަށް ހަމަޖެހުން ގެނެސްދެއެވެ. ތަފާތު ސައިޒުގެ ފްރޭމްތައް ބޭނުންކުރާ ނަމަ، އެންމެ ބޮޑު ކުރެހުން މެދުގައި ބަހައްޓައި، ދެފަރާތުގައި ކުދި ކުރެހުންތައް ބެހެއްޓުމަކީ ފެންނަފެނުމަށް ރީތި ގޮތެކެވެ.
ފްރޭމްތަކުގެ ކުލައިން ވެސް ތަފާތު އިހުސާސްތައް ގެނެސްދެއެވެ. މަޑު ކުލަތަކުން ފުރިހަމަކަން ގެނެސްދޭއިރު، ގަދަ ކުލަތަކުން ނިދާކޮޓަރި އާއި ސިޓިންގ ރޫމަށް ދިރުން ގެނެސްދެއެވެ. ސާރާ ހަނީ އިތުރަށް ބުނިގޮތުގައި، ފާރާއި ފަރުނީޗަރުގެ ކުލަތަކާ ކުރެހުމުގެ ކުލަ ގުޅެންޖެހެއެވެ. ނަމަވެސް، ކުލަތައް ތަފާތުކޮށް ބޭނުންކުރުމަކީ ވެސް މާހައުލަށް ހަކަތައާއި ދިރުން ގެނެސްދޭނެ ކަމެކެވެ. ކުރެހުމުގައި ހުންނަ ކުލަތައް ކުދި ބާލީސް ނުވަތަ ޒީނަތްތެރި ކުރާ ތަކެތީގައި ހުރުމަކީ މުޅި ކޮޓަރީގެ ހުރިހާ ފަރުމާއެއް އެކަތިގަނޑަކަށް ހަދައިދޭނެ ކަމެކެވެ.

ބެހެއްޓުމާއި ހަމަހަމަކަން
ކުރެހުންތައް ހަރުކުރާ އުސްމިނަކީ ވެސް ވިސްނަންޖެހޭ މުހިންމު ނުކުތާއެކެވެ. ނޫރާ ކިޔައިދޭ ގޮތުގައި، ކުރެހުން ހުންނަންވާނީ އާންމުކޮށް މީހެއްގެ ލޮލާ ހަމަވާ އުސްމިނެއްގައެވެ. އެއީ ތަޅުންގަނޑުން ފެށިގެން ގާތްގަނޑަކަށް 150 ސެންޓިމީޓަރު އުސްމިނެވެ. މީގެ ސަބަބުން ބަލާ މީހާއަށް އުނދަގުލެއް ނެތި ކުރެހުން ފެންނާނެއެވެ.
ކުރެހުންތައް އަތުރާ ގޮތުން ކޮޓަރީގެ ބޮޑުމިނާމެދު ކުރެވޭ އިހުސާސް ބަދަލުކޮށްލެވެއެވެ. ހުރަަހަށް ހުންނަ ކުރެހުންތަކުން ކޮޓަރި ތަނަވަސްކޮށްދޭއިރު، އުހަށް ހުންނަ ކުރެހުންތަކުން ކޮޓަރީގެ އުސްމިން އިތުރުކޮށްދެއެވެ. އަދި ނޫރާ ފާހަގަކުރި ގޮތުގައި، ހިތްހަމަޖެހުން ގެނެސްދޭ ފަދަ މަންޒަރުތައް ހުންނަ ކުރެހުންތަކުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ ބަދަލެއް އާދެއެވެ.
އަލިކުރުމާއި ހުންނަންޖެހޭ ތަން
ގޭގެ ކޮރިޑޯތަކަކީ އާންމުކޮށް ފަރުނީޗަރު މަދު ތަންތަނަށް ވުމުން، އެތަންތަނުގައި އާއިލީ ފޮޓޯ ނުވަތަ އަމިއްލަ ކުރެހުންތައް ބަހައްޓައިގެން “ގެލެރީ” އެއްގެ ސިފަ ގެނެވިދާނެއެވެ.
ސާރާ ފާހަގަކުރާ ގޮތުގައި، ކުރެހުމެކޭ އެއްފަދައިން އެއަށް އެޅޭ އައްޔަކީ ވެސް މުހިންމު އެއްޗެކެވެ. ފާރުގައި ހަރުކުރާ ބައްތިތަކާއި ސްޕޮޓްލައިޓްތަކުގެ ސަބަބުން ކުރެހުމުގެ ކުލަތަކާއި ފަރުމާ އިތުރަށް ފާޅުކޮށްދެއެވެ. ނަމަވެސް، އިރުގެ ސީދާ އަލި ކުރެހުމަށް އެޅޭނަމަ، ވަގުތާއެކު ކުރެހުމުގެ ކުލަ ފަނޑުވެ، ހަލާކުވާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ. ކުރެހުން ބަހައްޓާނެ ތަން ނިންމުމުގެ ކުރިން، އަލި ހުންނާނެ ގޮތާއި ފަރުނީޗަރު ހުންނާނެ ގޮތް ރޭވުމަށް އޭނާ ލަފާދެއެވެ.
އަމިއްލަވަންތަކަން
ދެ ޑިޒައިނަރުން ވެސް އެއްބަސްވާ ގޮތުގައި، ގޭތެރެ ޒީނަތްތެރިކުރާ ގޮތުން އެ މީހެއްގެ މިޒާޖާއި ރަހަ އެނގިގެންދެއެވެ. ފަރުވާތެރިކަމާއެކު އިޚްތިޔާރުކުރާ ކުރެހުމަކުން ނުވަތަ ފޮޓޯއަކުން، އެ ގޭގެ ވެރިފަރާތާ ބެހޭގޮތުން އެހެން އެއްވެސް އެއްޗަކަށްވުރެ ބޮޑަށް ވާހަކަ ބުނެދެއެވެ.
