އެއްޒަމާނެއްގައި ވިލާތުގެ ބޮޑެތި ގަނޑުވަރުތަކާއި ގޭގޭގައި ބޭނުންކުރަމުން އައި ‘ވޯލް ޕެނަލިންގް’ ނުވަތަ ފާރުގައި ޕެނަލް ޖެހުމުގެ ފަރުމާ، މިއަދުގެ ޒަމާނީ ގޭބިސީތަކަށް މިވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިކަމާ ގުޅޭގޮތުން މިޞްރުގެ ފަރުމާވެރިން ވަނީ މި ފަރުމާއަށް އައިސްފައިވާ ބަދަލުތަކާއި، މިހާރުގެ ސްޓައިލްތަކުގެ އިތުރުން ޒަމާނީ ފެންވަރަށް މިކަން ކުރާނެ ގޮތްތަކަށް އަލިއަޅުވާލާފައެވެ.
އިންޓީރިއާ ޑިޒައިނަރު ނަދާ އަލް-ޝެންނާވީ ބުނާ ގޮތުގައި، ޕެނަލް ޖެހުމަކީ އެތަނެއްގެ ފެންވަރު މަތިކޮށްދޭ ކަމެކެވެ. މިއީ ހަމައެކަނި ރީތިކަމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އަމަލީ ގޮތުން ވެސް ފައިދާހުރި، ތަނުގެ މާހައުލަށް ދިރުން ގެނެސްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއެވެ.
ފަރުމާވެރިޔާ އަޙްމަދު ޚާލިދު ވެސް މިކަމަށް ތާއީދުކުރަމުން ބުނީ، ކުރިން ހަމައެކަނި ބޮޑެތި މާލަންތަކަށް ޚާއްޞަވެފައި އޮތް މި ފަރުމާ، މިއަދު ތަފާތު ސާމާނާއި ސްޓައިލްތަކާއެކު އާންމު ދިރިއުޅުމުގެ މާހައުލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.
ފިނި ހޫނުމިން ކޮންޓްރޯލް ކުރުމުން ފެށިގެން ޒީނަތްތެރިކަމާ ހަމައަށް
ފާރާއި ދޮރުތަކުގައި ފްރޭމްތަކެއްގެ ސިފައިގައި ޖަހާ މި ޕެނަލްތައް އެންމެ ފުރަތަމަ 17 ވަނަ ގަރުނުގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައި ބޭނުންކުރީ ކޮޓަރިތަކުގެ ފިނި ހޫނުމިން ހިފެހެއްޓުމަށެވެ. ނަމަވެސް މިއަދު މިއީ ހަމައެކަނި ފިނި ހޫނުމިނަށް ކުރާ ކަމެއްގެ ބަދަލުގައި، ފެންވަރު ބެލެހެއްޓުމާއި ޒީނަތްތެރިކަމަށް ކުރާ ކަމެކެވެ.
‘ޕެނަލް’ މި ލަފުޒު އައިސްފައިވަނީ ފަރަންސޭސި ބަހުގެ ‘ޕެންނޫ’ އިންނެވެ. މީގެ މާނައަކީ ލަކުޑި ފިލާ ނުވަތަ ބޯޑެވެ. ކުރީގެ ގޭގޭގައި ވަރަށް ބޮޑަށް ކުރަހާ، ޒީނަތްތެރިކޮށްފައި ހުރި ނަމަވެސް، މިހާރުގެ ޒަމާނީ ފަރުމާތަކުގައި ބޮޑަށް އިސްކަންދެނީ ސާދާކަމަށާއި މަޑު ކުލަތަކަށެވެ.

މިންގަނޑާއި ބަހައްޓާ ތަން މުހިންމު!
އަލް-ޝެންނާވީ ބުނާ ގޮތުގައި ޕެނަލް ޖަހާއިރު އެންމެ މުހިންމީ އެތަނެއްގެ މިންގަނޑުތަކަށް ބެލުމެވެ. ފުރާޅު އުސްކޮށް ހުންނަ ތަންތަނުގައި މުޅި ފާރުގައި ޕެނަލް ޖެހިދާނެއެވެ. ނަމަވެސް ތިރި ތަންތަނުގައި، ފާރުގެ ތިރީބައިގެ ތިންބައިކުޅަ އެއްބައިގައި ޕެނަލް ޖެހުމުން އެތަނެއް ފެންނަލެއް ހިތްގައިމުވާނެއެވެ.
ކުދި ކޮޓަރިތަކުގައި މަޑު ކުލަތަކުގެ ސާދާ ޕެނަލް ޖެހުމުން ތަން ތަނަވަސްކޮށް ފެންނާނެއެވެ. އަދި ބޮޑެތި މާލަންތަކުގައި ތިރިން ފެށިގެން މައްޗަށް ވާގޮތަށް ބޮޑެތި ޕެނަލްތައް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ހުދު ކުލައާއި އޮފް-ވައިޓް ކުލައިގެ އިތުރުން، މިހާރު ގަދަ ނޫކުލައާއި، ގަދަ ފެހިކުލަ ފަދަ ކުލަތަކުން ފާރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
އައު އުކުޅުތަކާއި އުފެއްދުންތެރި ޚިޔާލުތައް
ޕެނަލްތަކަކީ ފްރޭމެއްގެ ބައްޓަމަށް ހުންނަ އެއްޗަކަށް ވުމުން، މީގެ ތެރޭގައި ތަފާތު އާޓްވޯކްތަކާއި ވޯލްޕޭޕަރު ބޭނުންކޮށްގެން އާޓް ގެލެރީއެއްގެ ސިފަ ގެނެވިދާނެއެވެ. އަދި ޕެނަލްގެ އެތެރެބައިގައި ތަފާތު ކުލައެއް ލުމުން ފާރަށް އިތުރު ފުންމިނެއް ލިބިގެންދެއެވެ.
ރަންކުލަ ނުވަތަ ރިހިކުލައިގެ ބޯޑަރުތައް ބޭނުންކޮށްގެން މުއްސަނދި ގޮތެއް ގެނެވިދާނެއެވެ. އަދި ބައެއް ފަރުމާތަކުގައި ލޯގަނޑު ބޭނުންކޮށްގެން ކޮޓަރީގެ އަލި ގަދަކޮށް، ތަން ބޮޑުކޮށް ދެއްކުމަށް ވެސް އެހީތެރިވެދެއެވެ.
ތަކެއްޗާއި އައު މިސްރާބުތައް
ޚާލިދު ފާހަގަކުރާ ގޮތުގައި މިހާރު ޕެނަލް ތައްޔާރުކުރަން ބޭނުންކުރާ ސާމާނު ވަރަށް ގިނައެވެ. ލަކުޑީގެ އިތުރުން ޖިޕްސަމް، ހިލަ، އަދި ބޭރު ފާރުތަކަށް ޚާއްޞަ ‘ޖީ.އާރު.ސީ’ ފަދަ ސާމާނު ވެސް ބޭނުންކުރެއެވެ. މިހާރު އަލަށް އުފައްދާފައިވާ ފޮތި ޖެހި ޕެނަލްތަކާއި، ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ޕެނަލްތަކަކީ ވެސް ވަރަށް މަގުބޫލު އެއްޗެހީގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ‘ތުރީ-ޑީ’ (ތިން މިންވަރު) ޕެނަލްތަކާއި، ދިގުކޮށް ހުންނަ ‘ފްލޫޓެޑް ޕެނަލް’ ތަކަކީ ފާރުތަކަށް ޒަމާނީ ފެންވަރުގެ ހިތްގައިމުކަމެއް ގެނެސްދޭ އުފެއްދުންތަކެކެވެ.
ހުރިހާ ތަނަކަށް ވެސް ގުޅޭ ފަރުމާއެއް
ވޯލް ޕެނަލިންގްގެ އެންމެ ބޮޑު އެއް ފައިދާއަކީ ކޮންމެ ކޮޓަރިއަކަށް ވެސް މިއީ ގުޅޭ އެއްޗަކަށް ވުމެވެ. ސިޓިންގ ރޫމަށް ރީތިކަމެއް، ނިދާކޮޓަރިއަށް ހަމަހިމޭންކަމެއް، އަދި ގޭގެ ކޮރިޑޯތަކާއި ވަންނަ ދޮރުމައްޗަށް ފުރިހަމަކަމެއް ގެނައުމަށް މިއީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިއީ ގަދީމީ ތާރީޚެއް އޮތް ފަރުމާއެއް ނަމަވެސް، މިއަދު އައިސްފައިވާ ބަދަލުތަކާއެކު މިއީ މުސްކުޅި ވެފައިވާ ކަމެއް ނޫންކަން މިވަނީ ސާބިތުވެފައެވެ.
