ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހިރަންފުށި – ޗެޕްޓަރ 9
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންތިޒާރު

އެ ރޭގެ ހަމަހިމޭންކަން މުޅި ރަށަށް ވެރިވެފައިވަނީ ބަރު، ބޯ ފަރުދާއެއް ފަދައިންނެވެ. ހޫނުގަދަ، އެއްވެސް ހަލަބޮލިކަމެއް ނެތް އެ ހަމަހިމޭންކަން އެ ކުޑަކުޑަ ގޭގެ ކޮންމެ ކޮޅެއްގައި ހިފާލާފައި އޮތެވެ. މޫސުން ބަދަލުވީއެވެ. ހޫނުގަދަ މޫސުން އައީއެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނުވާ ފަދަ ގޮތަކަށެވެ. ވައިގެ ތެރޭގައި ލޮނުގަނޑާއި ދުރު ކަނޑުގެ ތާޒާވަސް ހުރި ނަމަވެސް، އެ ވަސް ހީވަނީ ގާތްވާން އުޅެފައިވެސް ދުރަށްދާހެންނެވެ.

“އާހް..”

ޚަދީޖާއަށް ނޭނގި އޭނާގެ ދުލުން ތަދުގެ އާހެއް ބޭރުވިއެވެ. އެ ކުޑަ އަޑު އެ ހަމަހިމޭންކަން ފޫއަޅުވާލީ ބިއްލޫރިގަނޑެއްގައި ރެނދެއްލާ ފަދައިންނެވެ. އޭނާގެ ހަށިގަނޑަށް އެރި ލޮޅުމާއެކު، ދެއަތުން ބަނޑުގައި ފިރުމާލެވުނީ އެ ތަދަށް ލުޔެއް ލިބޭތޯއެވެ. އޭނާ އެކަނި ނޫންކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދޭ ފަދަ ގޮތަކަށެވެ.

އެ ތަދަކީ މެދުނުކެނޑި ހުންނަ ތަދެއް ނޫނެވެ. ނަމަވެސް އެއީ އޭނާ ނުތަނަވަސްކުރުވަން ފުދޭވަރުގެ ތަދެކެވެ. އޭނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް ގެނުވި ތަދެކެވެ.

އޭނާ މަޑުމަޑުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހާސްވަމުންދިޔަ ހިތް ހަމައަކަށް އެޅުވުމަށްޓަކައި ނޭވާގެ ތަރުތީބު ރަނގަޅުކުރަން މަސައްކަތް ކުރިއެވެ. ނިތްކުރިމަތިން ފައިބަމުންދިޔަ ދާ ތިކިތައް ކަރުދަށަށް އޮހެމުން ދިޔައިރު، އޭނާގެ އަތްތިލަ ބަނޑުމަތީގައި މަޑުމަޑުން ހަރަކާތް ކުރަމުން ދިޔައެވެ.

“އުއްމީދު ކުރަނީ މިއީ ވިހަން އުޅޭ ރިހުން ކަމުގައި ނުވުމަށް..” ޚަދީޖާ މަޑުމަޑުން އަމިއްލަ ނަފުސަށް ބުނެލިއެވެ. އެ ބިރުވެރިކަން ބޭރުކޮށްލައިފިނަމަ، އެއީ ހަޤީޤަތަކަށް ވެދާނެތީ އޭނާ ބިރުގަތެވެ.

އެވަގުތު ބަނޑުގައިވާ ދަރިފުޅު ތޮޅިލިއެގެ. އެއީ ކުޑަ ހަރަކާތެކެވެ. ނަމަވެސް އެއީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ދަރިފުޅު ހެޔޮ ހާލުގައި އޮތްކަމުގެ ހެއްކެކެވެ.

އޭނާ ދެލޯ މަރާލައި، އެ އިޙުސާސާއެކު ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. “އަދި ނޫން.” އޭނާގެ ހިތް ބުންޏެވެ. “މިރެއަކު ނޫން.”

އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެނދުން ތެދުވިއެވެ. ކޮންމެ ހަރަކާތެއް ކުރަމުންދިޔައީ ބަނޑުގައިވާ ފުރާނައަށް އުނިކަމެއް ނާންނާނެހެން ވަރަށް ސަމާލުވެ ހުރެގެންނެވެ. ފިނި ތަޅުންގަނޑުގައި ފައި ޖެހުމާއެކު ހަށިގަނޑަށް ކުޑަ ލުޔެއް ލިބުނެވެ.

ޖެހިގެން ހުރި ކޮޓަރިން އެއްވެސް އަޑެއް ނީވެއެވެ. އަޙްމަދު އޮތީ ނިދާފައެވެ. ނޫނީ އޭނާއަށް ހީވީ އެހެންނެވެ. މިކަމާ އަޙްމަދު ހޭލައްވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް އުނދަގޫވަނީ ކީއްވެގެންކަން އަމިއްލައަށްވެސް ޔަޤީން ނުވާތީއެވެ. އަދި މުޅި ދުވަހު ކަނޑުމަތީގައި، ހޫނު އަވީގައި މަސައްކަތްކޮށް ވަރުބަލިވެފައި ހުރި އަޙްމަދަށް އުނދަގޫކުރަން އޭނާ ބޭނުން ނުވީއެވެ. އެހެންކަމުން އޭނާ އިޚްތިޔާރު ކުރީ ހިމޭންކަމެވެ.

ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އޭނާ ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ކޮންމެ ނޭވާއަކާއި ހަރަކާތަކަށް ސަމާލުވަމުން ގޮސް ފާޚާނާއަށް ވަދެ، ދޮރު ލައްޕާލިއެވެ. މުޅި ދުނިޔެއާ ވަކިވެ، އެ ވަގުތާ އެކަނި ކުރިމަތިލުމަށެވެ.

ފާޚާނާގެ ތެރެވެސް ހޫނެވެ. ނަމަވެސް ފެނުގެ ފިނިކަން ލިބޭނެކަމުގެ އުއްމީދުގައި އޭނާ ތުވާލި ނަގައި އަޅުވާލިއެވެ. އޭނާގެ އަތްތިލަ ތުރުތުރުލަމުން ދިޔައީ ހަމައެކަނި ތަދަކުން ނޫނެވެ. އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި، ކުރިމަތިލާންޖެހޭ ކަންކަމާމެދު ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

އޭނާ ފެން އިސްކުރު ދޫކޮށްލިއެވެ. ފެނުގެ ފުރަތަމަ ބީހުންތަކުންވެސް ހަށިގަނޑަށް ބޮޑު އަރާމެއް ލިބުނެވެ. ފިނި ތިކިތައް އޭނާގެ ހަށިގަނޑުގައި ޖެހުމާއެކު، ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

ލިބުނު އަރާމާއެކު ކޮނޑު ލުއިވެ، ހާސްކަން ފިލައިގެން ދިޔައެވެ. ދެލޯ މަރާލައިގެން، އެ ފިނިކަމުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ. އެ ވަގުތުކޮޅު އޭނާ ތަދުގެ މަތިންވެސް ހަނދާން ނެތުނެވެ.

ނަމަވެސް.. ސައިބޯނި ނަގަން އުޅުނު ވަގުތު، އޭނާގެ އަތް ކުޑަކޮށް ތުރުތުރުލިއެވެ. ތަޅުންގަނޑު އޮތީ ފެނުގެ ސަބަބުން އޮމާންވެފައެވެ. ކުއްލިއަކަށް އޭނާގެ ފައި ކަހާލިއެވެ. ހަށިގަނޑުގެ ބަރުދަން ހަމައަކަށް ނޭޅުވިގެން އުޅެނިކޮށް، އޭނާ ވެއްޓުނެވެ.

ޙަދީޖާގެ ބުރަކަށި ފާރުގައި ޖެހުނު އަޑާއެކު، ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނޭވާ ތާށިވިއެވެ. ވަގުތުން އޭނާގެ ދެއަތް ބަނޑުގައި ޖައްސާލެވުނީ ދަރިފުޅު ރައްކާތެރިކުރުމަށެވެ. ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

“ކިހިނެއްވީ؟” އަޙްމަދުގެ އަޑު އިވުނީ ދޮރު ކައިރިންނެވެ. އޭނާ ހުރީ ވަރަށް ކައިރީގައެވެ. “ކޮން އަޑެއް އެއީ؟ ޚަދީޖާ، ރަނގަޅުތަ؟”

ނޭވާ ކުރުވެފައި ހުރެ ޚަދީޖާ ޖަވާބު ދިނެވެ. “އާނ.. އަހަރެން.. އަހަރެން ރަނގަޅު. ކަހާލީ..” އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

ފާޚާނާގެ ދޮރު ބާރަށް ކޮށްޕާލާ ހުޅުވާލުމަށްފަހު އަޙްމަދު އެތެރެއަށް ވަނެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އޭނާ ޚަދީޖާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ އިޙުތިރާމާއެކުގައެވެ.

އަޙްމަދު އެއްވެސް ޖެހިލުމެއް ނެތި ޚަދީޖާގެ ގާތަށް ގޮސް، އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އޭނާގެ މޫނުމަތީގައި ހުރި ތެތް އިސްތަށިތައް އަޙްމަދު އެއްފަރާތް ކޮށްލަދިނެވެ.

އަދި އަޙްމަދުގެ އަތް ޚަދީޖާގެ ބަނޑުގައި ޖައްސާލިއެވެ. އެ އަތުގައި ހުރީ ހޫނުކަމާއި ރައްކާތެރިކަމެވެ. “ދަރިފުޅު ރަނގަޅުތަ؟” އަޙްމަދު މަޑުމަޑުން އަހާލިއެވެ. “ޚަދީޖާއަށް ތަދުވިތަ؟”

ޚަދީޖާ އަޙްމަދުގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުން ފެންނަން ހުރީ ސިއްރު ނުކުރެވޭނެ ފަދަ ލޯތްބާއި އަޅާލުމެވެ. “އަހަރެން.. އަހަރެންނަށް ނުބަލާ..” ޚަދީޖާ ލަދުން މޭމަތީގައި އަތް ބާއްވާލަމުން ބުނެލިއެވެ.

ވަގުތުން އަޙްމަދު ތުވާލި ނަގައި ޚަދީޖާގެ ގައިގައި އޮޅާލިއެވެ. އޭނާގެ އިއްޒަތް ރައްކާތެރިކޮށްދިނެވެ. އަދި ބާރަށް ބައްދާލިއެވެ.

“ޚަދީޖާ..” އަޙްމަދު ބުންޏެވެ. “ކަލޭ އަހަރެންނަށް ކުރާ އަސަރެއް ނޭނގޭނެ. އަހަރެން ކަލޭ  ބޭނުންވޭ. އަހަރެން ކަލެއާމެދު ވިސްނަން. އަދި މި ދަރިފުޅާ މެދުވެސް.”

އޭނާގެ ހިފެހެއްޓުން އިތުރަށް ބާރުވިއެވެ. “މިއީ އަހަރެން އެކަނިވެރިވީމާ ވާގޮތެއް ނޫން. ނޫނީ ކަލޭ މިތަނުގައި ހުރީމާ ވާގޮތެއްވެސް ނޫން. އަހަރެންގެ ހިތުގެ އެދުމަކީ ކަލޭ.” އަޙްމަދު މަޑުމަޑުން އިތުރުކޮށްލިއެވެ. “އެކަމަކު އަހަރެން ދުވަހަކުވެސް ކަލޭގެ ނުރުހުމުގައި ކަމެއް ނުކުރާނަން.”

އެ ވަގުތު ޚަދީޖާއަށް ހުރިހާ އެއްޗެއް ފަހުމްވިއެވެ. އަޙްމަދުގެ ހިތުގައިވާ އިޙުތިރާމާއި ލޯތްބެވެ. ޚަދީޖާ މަޑުމަޑުން އަޙްމަދުގެ އަތުގައި ހިފައި ބަނޑުގައި ޖެއްސިއެވެ. “ބަލާބަލަ.. ދަރިފުޅު އެބަ ތޮޅިލާ..” އޭނާ ބުންޏެވެ. “ދަރިފުޅަށް އަޙްމަދުގެ އަޑު ވަރަށް ކަމުދޭ.”

އަޙްމަދުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އޭނާ ޚަދީޖާ އިތުރަށް ގާތްކޮށްލިއެވެ. ދެމީހުންގެ ނޭވާ އެކުވި ވަގުތު، ޙަދީޖާގެ އަތް މަޑުމަޑުން ގޮސް އަޙްމަދުގެ މޫނުގައި ފިރުމާލިއެެވެ. އަލަށް އެ ތޫނު ދެލޮލާއި މަތިމަސް އަދި ތުނބުޅީގައި އަތް ޖައްސާލިއެވެ. އެތައް ދުވަހެއްގެ އެދުން.. އިންތިޒާރު..

އަޙްމަދުގެ މޫނުމަތިން ފާޅުވީ ބަޔާންކުރަން ދަތި އިޙުސާސްތަކެކެވެ. އަދި ބޭއިޙްތިޔާރުގައި އިތުރަށް މަޑުނުކޮށް އަޙްމަދުގެ ތުންފަތުގައި ނުހަނު ލޯބިން ޚަދީޖާގެ ތުންފަތް ޖައްސާލިއެވެ.

އެއީ ވަރަށް މަޑުމައިތިރި، އޯގާތެރި ބީހިލުމެކެވެ. ސުވާލަކުން ފުރިގެންވާ ފަދަ ބީހިލުމެކެވެ. އަދި ޚަދީޖާ އެކަމަށް އިންކާރު ނުކޮށް، އަޙްމަދާ އިތުރަށް ގާތްވެލުމުން، އެ ބޮސްދިނުން ފުންވެގެން ދިޔައެވެ.

އެ ބޮސްދިނުމުގައި ވަނީ ދުލުން ބަޔާން ނުކުރެވިފައި ހުރި ހުރިހާ ވާހަކަތަކާއި، ހިތުގައި ފޮރުވިފައި ހުރި ހުރިހާ އިޙުސާސްތަކެވެ. އެއީ ހަމައެކަނި އެދުންވެރިކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެއީ ހިތަށް ލިބުނު ހަމަޖެހުމެވެ. ދެމީހުންކުރެ އެކަކުވެސް އުންމީދު ނުކޮށް ތިއްބާ ފެށުނު ރީތި، ހިމޭން ގުޅުމެކެވެ.

އެ ވަގުތު، އެ ދެމީހުން އެކުގައި އެ އިޙުސާސްތަކުގެ ތެރެއަށް ފީނައިގަތެވެ. މުޅިން އަލަށް، އެކަކު އަނެކަކަށްޓަކައި ހިތް ހުޅުވާލަމުންނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top