ބިރުވެރިކަމާއި ލޯތްބާ ދެމެދު
ފުލުސް އޮފިސަރު އެންމެ ފަހުގެ ތަފްސީލުތައް ނޯޓުކޮށް ނިންމާލުމުން، ކިޔާރާއަށް ހަމަނޭވާއެއް ލެވުނެވެ. އެހާތަނަށް އޭނާ ހުރީ ވަރަށް ހަމަޖެހިގެންނެވެ. އާދަޔާ ޚިލާފު މިންވަރަކަށެވެ.
އޭނާ ހުރިހާ ސުވާލަކަށް ޖަވާބުދިނެވެ. އެ ތިން މީހުންގެ މަޢުލޫމާތާއި، ހޮސްޕިޓަލުން އޭނާ ގެންދިޔަ އުޅަނދާ ބެހޭގޮތުން ހަނދާންހުރި ހުރިހާ ކަމެއް ކިޔައިދިނެވެ. އޭނާ އެ މީހުންނާ ހަނގުރާމަކުރީ ނޫން ކަމަށާއި، ނަމަވެސް “އެ މީހުންގެ ވަޒީފާގެ އިޚުތިޔާރުތަކާމެދު އަލުން ވިސްނުމަށް ބާރުއެޅީ” ކަމަށް ސީރިއަސްކަމާއެކު ބުނުމުން، އެތަނުގައި ހުރި ޒުވާން އޮފިސަރެއްގެ މޫނުމައްޗަށް ހިނިތުންވުމެއްވެސް ވެރިވިއެވެ.
މިހާރު ސުވާލުތައް ވަނީ ނިމިފައެވެ. ނޯޓުފޮތްތައް ލައްޕާލައިފިއެވެ. ފުލުހުންގެ އުޅަނދުތައް ދިއުމަށް ތައްޔާރުވަނީއެވެ. ދެން ކިޔާރާ ސަމާލުކަން ދޭނެ އިތުރު ކަމެއް ނެތެވެ.
ބިރުވެރިކަން އޭނާއާ ކުރިމަތިލީ އެވަގުތުއެވެ. އެއީ ހަޅޭއްލަވައިގަންނަ ކަހަލަ ނުވަތަ މުޅި ހަށިގަނޑު ތުރުތުރުލާ ކަހަލަ ބިރުވެރިކަމެއް ނޫނެވެ. އެއީ ވަރަށް ހިމޭންކަމާއެކު އައި އިޙުސާސެކެވެ. ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ކުއްލިއަކަށް ކަނޑުގެ އައްސޭރީގައި ހުރެވުނުކަމުގެ އިޙުސާސެވެ. އޭނާ ލައިގެން ހުރީ ހިރަފުސް ބުރާފައިވާ ހެދުމެކެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ބަނދެފައި ހުރުމުގެ ސަބަބުން މުޅި ހަށިގަނޑުގައި ރިހުން ހުއްޓެވެ.
އޭނާ އަމިއްލަ ހަށިގަނޑުގައި ބައްދާލިއެވެ. މެންދުރުފަހުގެ ފިނި ރޯޅިތައް ކަނޑުމަތިން އައިސް އޭނާގެ ހަށިގަނޑުގައި ބީހެމުންދެއެވެ. އޭނާ ރާޅުތަކަށް ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެން ރަހީނުކުރީ.” އެ ޖުމްލަ ދުލުން ބޭރުކޮށްލުމުން އަމިއްލައަށްވެސް ޤަބޫލުކުރަން ދަތިވިއެވެ. އެއީ ހީވަނީ އެހެން މީހެއްގެ ހަޔާތުގައި ހިނގާފައިވާ ކަމެއްހެންނެވެ. އޭނާގެ ހަޔާތެއް ނޫނެވެ.
މިއަދު ހެނދުނު އޭނާ ވަޒީފާއަށް ދިޔައެވެ. ބާއްޖަވެރި ހެނދުނަކަށް އެދި މެސެޖެއް ލިބުނެވެ. މާ ލިބުނެވެ. އެކުގައި މަސައްކަތްކުރާ މީހުން އޭނާއާ ދިމާކުރިއެވެ. ދެން އޭނާ ކާރަށް އެރީ، ހަފުތާއެއްވެސް ނުވާ މުއްދަތެއްގެ ތެރޭގައި އޭނާއަށް މުހިންމުވި މީހަކާއެކު މެންދުރުގެ ކެއުމަށް ދިއުމަށެވެ. ނަމަވެސް މިހާރު އޭނާ އެ އިނީ ފާލަމެއްގެ ކައިރީގައި އިށީނދެ ފުލުހުންނަށް ބަޔާން ދޭށެވެ.
އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އެހާވެސް އަވަަށެވެ. އޭނާ ހުރީ ބިރުގަނެފައި ކަމެއް ނުވަތަ ވަރުބަލިވެފައި ކަމެއް ނިންމާކަށް ނޭނގުނެވެ. ފަހަރުގައި ދެގޮތްވެސް ވެދާނެއެވެ.
އުޅަނދެއް އަންނަ އަޑު އިވުމުން އޭނާ އިސްއުފުލާ ބަލާލިއެވެ. ކަޅު ކުލައިގެ އެސް.ޔޫ.ވީ އެއް ފުލުހުންގެ އުޅަނދުތަކާ ކައިރިއަށް މަޑުކޮށްލިއެވެ. ފަހަތު ދޮރު ހުޅުވި، ޒިމާން ފޭބިއެވެ.
ކިޔާރާގެ ސިކުނޑިއަށް ވިސްނައިގަނެވުމުގެ ކުރިން އޭނާގެ ހިތް ހަރަކާތްތެރިވިއެވެ. ހިތް ބާރަށް ތެޅިގަތެވެ. އެކަމާ އޭނާ ރުޅިއައެވެ. މިހުރިހާ ކަމެއް ހިނގާދިޔައިރުވެސް، އޭނާ ފެނުމުން ހިތް އެފަދަ ގޮތަކަށް ތެޅޭތީއެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަ ފޭދުނީ އެހެންވެ ކަމަށް ވެދާނެއެވެ. އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ލަދުގަންނަން ޖެހޭ ފަދަ ބޮޑު ހިތްހަމަޖެހުމެކެވެ.
ޒިމާން އޭނާއާ ދިމާއަށް ހިނގައިގަތެވެ. އިތުރު މީހަކު, މާ ބޮޑު ދެއްކުންތެރިކަމެއް ނެތެވެ. ހަމައެކަނި ޒިމާންއެވެ. ގަދަ ކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައެވެ. ވައިރޯޅީގެ ސަބަބުން އިސްތަށިގަނޑު އޮތީ ކުޑަކޮށް ހޭވިފައެވެ. ދުރުން ބަލާއިރު އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ނަމަވެސް ކައިރިވަމުން އައިވަރަކަށް ކިޔާރާއަށް އެ މަންޒަރު ފެނުނެވެ. އޭނާގެ ލޯ ކައިރީގައި ހުރި ނުތަނަވަސްކަމެވެ. އޭނާ ފެންނަނީ، ވެދާނެ އެންމެ ގޯސް ގޮތްތަކާމެދު އެތައް ގަޑިއިރެއް ވަންދެން ވިސްނާފައިވާ މީހެއް ފަދައިންނެވެ.
އޭނާ ކިޔާރާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. މަދު ސިކުންތުކޮޅަކަށް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން އޭނާ މަޑުމައިތިރިކަމާއެކު އެހިއެވެ. “އަނިޔާއެއްވިތަ؟”
ކިޔާރާ ހިންދިރުވާލިއެވެ. “އަހަރެން ރަނގަޅު.”
ޒިމާންގެ ނަޒަރު އޭނާގެ މޫނަށާއި، އަތުކުރިއަށާއި، ހެދުމަށް ދަތުރުކުރިއެވެ. ހަމުގައި ހުރި ކުޑަ ނިޝާނަށް އޭނާ ބަލާލިއެވެ. “އަހަރެން އެހީ އެހެންނެއް ނޫން.”
އޭނާގެ އަޑުގައި ހުރި ގޮތަކުން ކިޔާރާގެ ހިތަށް ތަދުވިއެވެ. އޭނާ ޒިމާންއަށް ބަލާލިއެވެ. “އަހަރެން މިހިރީ ދިރި.”
ޒިމާންގެ މޫނުމަތީގެ އަސަރު މަޑުމޮޅިވިއެވެ. “އަހަންނަށް އެވަރު ފުދޭ.”
އެއީ ސާދާ ބަސްތަކެކެވެ. ނަމަވެސް އެ ބަސްތައް އޭނާގެ ހިތުގެ ފުންމިނަށް އަސަރުކުރުވިއެވެ. ކިޔާރާ އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.
އެމީހުން އޭނާއަށް ކުރި ކަންތައްތައް ޒިމާންއަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ އަޑު އަހަން ކިޔާރާ ކެތްމަދުވެފައި ހުރި މިންވަރު އޭނާއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ޒިމާންއަށް އެކަން ފާހަގަވިއެވެ. އޭނާއަށް އަބަދުވެސް ކަންކަން ފާހަގަވެއެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. އަތް ނުލި ނަމަވެސް، އޭނާ ހުރީ ކިޔާރާއަށް އޭނާގެ ހިޔާވަހިކަން އިޙުސާސްވާހާ ކައިރީގައެވެ.
“އަހަރެން ހީކުރީ ކަލޭ ގެއްލުނީ ކަމަށް.” ޒިމާން ބުންޏެވެ.
ކިޔާރާ އިސްއުފުލާލިއެވެ. އޭނާގެ ލޮލަކު މިފަހަރު ސަމާސާކަމެއް ނެތެވެ. ބޮޑާކަމެއް ނުވަތަ ހަމަޖެހިފައިވާ ކަމެއްވެސް ނެތެވެ. ހުރީ ހަމައެކަނި ތެދުވެރިކަމެވެ. ކުއްލިއަކަށް ކިޔާރާއަށް ކަމެއް ވިސްނުނެވެ. ޒިމާންވެސް ހުރީ ބިރުގަނެފައެވެ. ފަހަރުގައި ވަރަށް ބޮޑަށެވެ.
“ތި ހުރީ އަހަރެންގެ އިންތިޒާރުގައި.” ކިޔާރާ މަޑުމަޑުން ބުންޏެވެ.
“އާނ.”
“އަހަންނަށް އެތަނަށް ނުދެވުނު.”
“އެނގޭ.”
“އެމީހުން ބޭނުންކުރީ ޒިމާންގެ ކާރާ ވައްތަރު ކާރެއް.”
“އެނގޭ.”
ކިޔާރާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާގެ އަޑު ކުރިއަށްވުރެ ސާބިތުވިއެވެ. “ޒިމާން އަހަރެން ބަލާ އަންނަކަން ކޮންމެވެސް މީހަކަށް އެނގޭ.”
“އާނ.”
“އަހަރެން މަސައްކަތްކުރާ ތަންވެސް ކޮންމެވެސް މީހަކަށް އެނގޭ.”
“އާނ.”
“އަހަރެން ކަނީ ކޮން އެއްޗެއްކަންވެސް އެ މީހުންނަށް އެނގޭ.”
ޒިމާންގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރެއް ފާޅުވިއެވެ. “އާނ.”
ކިޔާރާ އޭނާއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “އަދި މިއީ ޒިމާންގެ ސަބަބުން ވީކަމެއް.”
އެއީ އިހާނެތިކޮށް ބުނި ބަހެއް ނޫނެވެ. އެއީ ހަމަ ހަޤީޤަތެވެ. ޒިމާން އަމިއްލަ ނަފުސު ދިފާއެއް ނުކުރެއެވެ. އުޒުރެއްވެސް ނުދައްކައެވެ.
“އާނ.” އޭނާ އެއްބަސްވިއެވެ.
ކިޔާރާ ހީކުރީ އޭނާ ބަހުސްކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ދިނީ ތެދު ޖަވާބެކެވެ. ކިޔާރާގެ ރުޅިވެރިކަން ފިލައިދިޔައެވެ.
ޒިމާން މަޑުމައިތިރިކަމާއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެންގެ ދިރިއުޅުމަކީ އަމާން ދިރިއުޅުމެއް ނޫން.”
ކިޔާރާ އޭނާއަށް ބަލާލިއެވެ. “އަހަންނަށް އެކަން މިހާރު ވިސްނިއްޖެ.”
ޒިމާންގެ އަނގަމަތީ ހިފަހައްޓާލިއެވެ. “ކަލެއަށް އެކަން ތަޖުރިބާކުރާކަށް ނުޖެހުނީސް.”
ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. އެ މީހުންގެ ފަހަތުން ކަނޑުގެ ރާޅުތަކުގެ އަޑު އިވެމުންދެއެވެ. ކިޔާރާ އޭނާގެ އަތަށް ބަލާލިއެވެ.
“ޒިމާން އަހަރެން ގާތު އެވާހަކަ ބުނަންވާނެ.”
“އާނ، ބުނަންވާނެ.”
“ޒިމާންގެ ދުނިޔެއަކީ ނުރައްކާތެރި ތަނެއްކަން ބުނަންވާނެ.”
“އެނގޭ.”
އޭނާ އަލުން ޒިމާންއަށް ބަލާލިއެވެ. “ބުނެނުދިނީ ކީއްވެ؟”
ފުރަތަމަ ފަހަރަށް ޒިމާން ޖަވާބުދޭން އުނދަގޫވާހެން ހީވިއެވެ. “ކަލޭ ބިރުން އަހަންނާ ދުރަށް ހިނގައިދާނެތީ.”
ކިޔާރާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ޒިމާން ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “އަދި އަހަރެން ބޭނުންވީ އަހަރެންގެ ދިރިއުޅުމުގެ އެއްބަޔަކީ ނުރައްކަލާއި އަނިޔާވެރިކަމާ ގުޅުމެއް ނެތް ބަޔަކަށް ހަދަން.”
ކިޔާރާގެ ރުޅިވެރިކަން މުޅިން ފިލައިދިޔައެވެ. އޭނާއަށް ވިސްނުނެވެ. އޭނާ ބޭނުންވި ވަރަށްވުރެ ބޮޑަށްވެސްމެއެވެ. ޒިމާން އުޅެނީ ނުރައްކަލުގެ ތެރޭގައިކަން އޭނާއަށް އެނގެއެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އޭނާ ބޭނުންވީ ތަފާތު ކަމެކެވެ. އާދައިގެ ކަމެކެވެ. އޯގާތެރިކަމެވެ. ހަމައެކަނި އޭނާއަށް ޚާއްސަ ކަމެކެވެ.
ކިޔާރާގެ އަޑު މަޑުވިއެވެ. “އަހަރެންގެ ފަރާތުން ލިބެނީ އެކަންތަ؟”
ޒިމާން ބަލަހައްޓައިގެން ހުރެ ބުންޏެވެ. “ކަލޭ އެކަމަށް ބަދަލުވަމުން ތިދަނީ.”
ކިޔާރާގެ ހިތް ތެޅިގަތެވެ. އޭނާ ނަޒަރު ބަދަލުކޮށްލިއެވެ. “އެއީ ވަރަށް ނުރައްކާތެރި ކަމެއްހެން ހީވޭ.”
ޒިމާންގެ މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. “ވަރަށް ބޮޑަށް.”
އޭނާއަށްވެސް ހިނިތުންވެވުނެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވެގެން ދިޔައެވެ. އެކަކަށްވެސް ނަންދޭން ނޭނގޭ ފަދަ ގާތްކަމެއް އިޙުސާސްވާން ފެށިއެވެ.
އަނބުރާ ދިޔަ ދަތުރު އޮތީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ. ކިޔާރާ އިނީ ފަހަތު ސީޓުގައި ޒިމާންގެ ކައިރީގައެވެ. ކުރީގައި އިނީ އެންޒޯއެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރު ފެންނަމުންދިޔައެވެ. މުޅި ސިޓީ އޮތީ އާދައިގެ މަތިން ހަލަބޮލިކޮށެވެ. ކާރުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ އެއްވެސް ޚަބަރެއް ބޭރު ދުނިޔެއަކަށް ނެތެވެ.
ފުރަތަމަ މަދު މިނެޓުކޮޅު ކިޔާރާ އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. ހަށިގަނޑުގެ ހުރިހާ މަސްތަކެއްގައި ރިހުން ހުއްޓެވެ. ޒިމާން ވާހަކައެއް ނުދައްކައެވެ. އޭނާ އިނީ ކިޔާރާގެ ކައިރީގައެވެ. ގާތުގައެވެ. އެކަމަކު އަތެއް ނުލައެވެ.
(ނުނިމޭ)
