2017 ސެޕްޓެމްބަރު 24، ބުރާސްފަތި ދުވަސް – (އެންގޭޖްމެންޓް ރަސްމިއްޔާތަށް ބާކީ އޮތީ އެންމެ ދުވަހެއް)
ރޭގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ހަލުވިކޮށެވެ. މިއަދު ފަތިހު 5:30 ވީއިރު، އަހަރެން މިހުރީ އެއާޕޯޓަށް ދާން ތައްޔާރުވެގެންނެވެ.
އަހަރެމެން އެންމެން އުޅުނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ސަބަބަކީ ފްލައިޓް 6:15 ގައި ފުރާތީއެވެ. އަހަރެން ހުރީ ވަރަށް އުފާވެ، ފޯރިގަދަވެފައެވެ.
އަހަރެން މިއަދު އަހަރެންގެ އާއިލާއާ ބައްދަލުވާނެއެވެ! ދެން އަހަރެން އެކަނިވެރިކަމެއް އިހުސާސެއް ނުކުރާނަމެވެ.
“ތަސްނީމް! ތި ފާޚާނާއިން އަވަހަށް ނިކުމެބަލަ!” ގޯޅިގަނޑު ތެރޭގައި ހުރެ ހަމްޒާ ހަޅޭއްލަވައިގަތެވެ.
އަހަރެން ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ބޭރު ބަލާލީމެވެ. “މިއީ ފަތިސްކަން ނޭނގެނީތަ؟ މީހުން ނިދާފައި ތިބޭނެކަން ނޭނގެނީތަ؟” ފޫހިވެފައި ހުރެ އަހަރެން އޭނާއާ ސުވާލުކުރީމެވެ.
“ބެހޭ ކަންތަކާ ބެހިގެން އުޅެބަލަ!” އޭނާ ދޫ ނެރެ، ބޭއަދަބީ އިޝާރާތެއް ކޮށްލިއެވެ.
އަހަރެން ބޯ ހޫރުވާލުމަށްފަހު ދޮރު ލެއްޕީމެވެ.
“ގުޑް މޯނިންގ، މަންމާ،” ބަދިގެއަށް ވަދެ މަންމަ ފެނުމުން އަހަރެން ވަރަށް ލޯތްބާއެކު ބުނެލީމެވެ.
“މޯނިންގ، ދަރިފުޅާ،” އަހަރެންގެ ކޯތާފަތަށް ބޮސްދެމުން މަންމަ ޖަވާބު ދިނެވެ.
“ކޯންޗެއް ތި ތައްޔާރުކުރަނީ؟” ލަކުޑި ގޮނޑިއެއްގައި އިށީންނަމުން އަހަރެން އަހާލީމެވެ.
“މަސްހުންޏާ ރޮށްޓާ ކިރު ސަޔާ.”
މަންމަ ސައި ތައްޔާރުކުރަން ހުއްޓާ، އަހަރެން ތެދުވެ ރޮށި ފިހުމުގައި މަންމައަށް އެހީތެރިވީމެވެ.
“އިވްރިޝާ، ދަރިފުޅު ތި ހުރީ އުފަލުންތަ؟” ކާ މޭޒުދޮށުގައި ނާސްތާ ކުރަން ތިއްބާ މަންމަ އަހާލިއެވެ.
އަހަރެން ކާން ހުރި ތަށިން ނަޒަރު ވަކިކޮށްލާފައި މަންމައަށް ބަލާލަމުން ހިނިތުންވެލީމެވެ. “އާނއެކޭ މަންމާ، އަހަރެން ވަރަށް އުފާވޭ. ކީއްވެ ތިހެން ތިއެހީ؟”
މަންމަ ކޮނޑު އަރުވާލުމަށްފަހު ސައިފޮދެއް ބޯލިއެވެ. “ހަމަ އެނގެން ބޭނުންވީ. އެކަމަކު ބުނެލަން، ރާއްޖެއަކީ ލަންކާ ކަހަލަ ތަނެއް ނޫން.”
އަހަރެން ބޯ ޖަހާލީމެވެ. “އާނ، މަށަށް އެނގެޔޭ. ހަމްޒާ، ތަސްނީމް! އަވަސް ކުރޭ!”
މިއަދު އެ ދެމީހުން ޒުވާބު ކުރާތާ ކިތަންމެ އިރެކެވެ!
މާ ގިނައިރެއް ނުވެ އެމީހުން އައިސް އަހަރެމެންނާ ބައިވެރިވިއެވެ. އަދި އެންމެން އެކުގައި ނާސްތާ ކުރަން ފެށީމެވެ.
“ހަމްޒާ، ގޮސް ކާރު ސްޓާޓް ކޮށްލާ. މޭރީ މިހާރު އަންނަނީ،” މަންމަ ބުންޏެވެ.
މޭރީއަކީ އަހަރެމެން ނެތް ދުވަސްވަރު ގޭގެ ކަންތައްތައް ބަލަހައްޓައިދޭނެ އަހަރެމެންގެ ގާތް ރަހުމަތްތެރިއެކެވެ. މަންމަގެ ފިހާރައިގެ ކަންކަން ވެސް ބަލަހައްޓާނީ އޭނާއެވެ.
މަންމަގެ އަމިއްލަ ބުޓީކެއް ހުރެއެވެ. އެއީ ލަންކާގައި އުޅޭ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.
އަހަރެމެން ފޮށިތައް ކާރަށް އަރުވައިގެން އެއާޕޯޓަށް ދިޔުމަށް ފުރީމެވެ. މޭރީ އާއި އާމީ އަކީ އަރްމީ ފިޔަވައި އަހަރެންގެ ތިބި ހަމައެކަނި ރަހުމަތްތެރިންނެވެ. މޭރީއަކީ އިސްކޮޅުން ދިގު، ރަންކުލައިގެ އިސްތަށިގަނޑެއް އޮންނަ އަންހެނެކެވެ. އޭނާގެ ސިކުނޑިއަށް ވެފައި ހުންނަ ގޮތެއް ނޭނގެއެވެ، އެކަމަކު އޭނާ ހުންނަނީ ހަމްޒާ ދެކެ ވަރަށް ބޮޑަށް ގަޔާވެފައެވެ.
އޭނާ ހަމްޒާގެ ކޮނޑުގައި ޖަހާލުމުން ހަމްޒާ މަލާމާތުގެ ހިނިތުންވުމެއް ދިނެވެ.
“މޭރީ، ދަނީ އިނގޭ. މާދަމާ ފުރުމުގެ ކުރިން އަހަންނަށް ގުޅަން އާމީ ގާތު ބުނެދޭތި،” އޭނާއާ ސަލާމްކޮށްލައި، އެންމެ ފަހު ފަހަރަށް ބައްދާލަމުން އަހަރެން ބުނީމެވެ.
އަހަރެމެން ފްލައިޓަށް އެރީމެވެ. އަދި މާ ގިނައިރެއް ނުވެ ފުރައިފިއެވެ.
******
“އިވްރިޝާ، ސީޓްބެލްޓް އަޅާ. މިހާރު މި ލޭންޑް ކުރަނީ،” ތަސްނީމް އަހަރެންގެ އަތުގައި ޖަހާލާފައި ހޭލެއްވިއެވެ.
އަހަރެން ލޯ ހުޅުވާލިއިރު ބޮލަށް އެނބުރުން އަރާފައި ހުއްޓެވެ. އަދި އަލިގަދަވުމުން ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ.
އަހަރެން ސީޓްބެލްޓް އެޅުވީމެވެ. އަދި އަހަރެން އެންމެ ފޫހިވާ ކަންތައް، މަތިންދާބޯޓު ޖައްސާ ވަގުތަށް ތައްޔާރުވީމެވެ. އަހަރެން އެންމެ ބޮޑަށް ގަޔާވަނީ ބޯޓު ނައްޓާލާ ވަގުތާއެވެ. އަހަރެން ކުޑަދޮރުން ބޭރު ބަލާލީމެވެ. އޭރު އެގާރަ ޖަހަން ކައިރިވަނީ އެވެ.
އަހަރެމެން ދުވަހުގެ ބޮޑުބައި ހޭދަކުރީ ބޯޓުގައެވެ. އައްޑޫގައި ޓްރާންސިޓް ކުރުމަށްފަހު ބައިގަޑިއިރު ފަހުން އަލުން ފުރީއެވެ.
އަހަރެން މިހާރު ބޭނުންވަނީ ހޫނު ފެނުން ފެންވަރާލައިގެން ރަނގަޅަށް ނިދާލާށެވެ. އެކަމަކު އެކަން ވާނެ ކަމުގެ އުންމީދެއް ނެތެވެ. މިއަދަކީ ހުކުރު ދުވަހެވެ، އަހަރެންގެ ކައިވެނި ހަމަޖެހުމުގެ ރަސްމިއްޔާތު އޮތް ދުވަހެވެ.
މިހާރު ގަޑިން 10:55 އެވެ.
އަހަރެން ތަސްނީމްގެ އަތުގައި ބާރަށް ހިފާލައިގެން ލޯ މަރާލައިގެން އިނީ، ދެން ވެދާނެ ގޮތަކަށް ބިރުންނެވެ.
“ދެން މާ ކަންތައް ބޮޑުނުކޮށް ލޯ ހުޅުވަބަލަ!” އިރުކޮޅަކުން ތަސްނީމް ހީލާފައި ބުންޏެވެ.
އަހަރެން ލޯ ހުޅުވާލާފައި ފުން ނޭވައެއް ދޫކޮށްލީމެވެ. “ޔާ ﷲ، އަހަރެމެން ސަލާމަތުން އާދެވުނުކަމަށްޓަކައި ޝުކުރު ކުރަން،” މަޑުމަޑުން އަހަރެން ދުއާކޮށްލީމެވެ.
އަހަރެމެން ބޯޓުން ފައިބައި، ފޮށިތައް ނަގައިގެން ބޭރަށް ނިކުތީމެވެ.
އަހަރެން ލައިގެން ހުރި ކަޅު ކުލައިގެ ފަޓްލޫނު އޮތީ ބޮނޑިވެފައެވެ. އަދި ހުދު ކުލައިގެ ގަމީހުގައި ޖޫސް ތިއްކެއް ޖެހިފައި ހުއްޓެވެ. އެއީ ބޯޓުގައި ޖޫސް ބޯން އިންދާ އޮހިގެން ވީ ކަމެކެވެ.
އަހަރެން ދަބަހުން އަވިއައިނު ނަގައި އަޅާލީމެވެ.
“އިވްރިޝާ، އަހަރެމެން ބަލާ އައިސް އެއޮތީ،” ހަމްޒާ އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ.
އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ސަބަބަކީ އަހަރެން ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. އަހަންނަށް ބޭނުންވަނީ ގާތްގަނޑަކަށް 10 ގަޑިއިރުގެ ނިންޖެކެވެ. އޭރުން އަހަރެންގެ ހަށިގަނޑު ހަމައަކަށް އެޅޭނެއެވެ.
އަހަރެމެން ގޮސް މަޑުކުރީ ކަޅު ކުލައިގެ އެސް.ޔޫ.ވީ ކާރެއްގެ ކައިރީގައެވެ.
ޑްރައިވަރު އަހަރެމެންނާ ސަލާމް ކުރުމަށްފަހު ފޮށިތައް ކާރަށް އަރުވައިގެން ދުއްވާލިއެވެ.
“އަހަރެމެން މިދަނީ ކޮންތާކަށް؟ މަންމާ، އަހަރެމެން ސީދާ ދަނީ ހަލީމާ ދައްތަގެ ގެއަށްތަ؟” ގަތް ފޮޓޭޓޯ ޗިޕްސް ކަމުން އަހަރެން ސުވާލު ކުރީމެވެ.
ހަލީމާ ދައްތައަކީ މަންމަގެ ބޮޑުދައިތައެވެ. ދައްތައާއި ދައްތަގެ ފިރިމީހާއަކީ ވަރަށް މުއްސަނދި ވިޔަފާވެރިންނެވެ. އަހަރެންގެ ކައިވެންޏާ ހަމައަށް އަހަރެމެން މަޑުކުރާނީ އެގޭގައެވެ.
“އަހަރެމެން މިދަނީ އަދުނާންގެ ގެއަށް،” ފޯނުން މެސެޖު ކުރަން އިނދެ ހަމްޒާ ޖަވާބު ދިނެވެ.
“އަދުނާނަކީ ކާކު؟”
“އޭނާއަކީ އަހަރެންގެ ރަހުމަތްތެރިއެއް. ކަލޭ ތައްޔާރުވާނީ އެގޭގަ. ދެން އެތަނުން ހޯލަށް ގެންދާނީ އެންގޭޖްމަންޓަށް،” ހަމްޒާ އަނެއްކާވެސް ބުންޏެވެ.
އަހަރެން ބޯ ޖަހާލީމެވެ. “މިއަދު ތިހާ ސީރިއަސްވެފައި ތި ހުންނަނީ ކީއްވެ؟” އަހަރެން ހީނލާފައި އެހީމެވެ.
އޭނާ ކޮނޑު އަރުވާލިއެވެ. “ވަރުބަލިވެފައި ހުރީމަ ކަމަށް ވެދާނެ. ކޮންމެއަކަސް، އިވްރިޝާ، ރާއްޖެ ގޮސްފަ ބޮޑު މީހެއް ފަދައިން އުޅޭތި. އޭނާގެ ކުރިމަތީގައި މޮޔަ ގޮތްގޮތަށް ނޫޅޭތި. އަދި އޭނާގެ ކުއްޖަކު ހުންނާނެ، އެހެންވީމާ އެ ކުއްޖާއަށް ރަނގަޅުވާތި،” ހަމްޒާ ބުންޏެވެ.
އަހަރެން ސިހިފައި ސީދާވެލީމެވެ. “އޭނާ އެއީ މީހަކާ އިނދެގެން އުޅޭ މީހެއްތަ؟އަދި އެހެން ނޫނަސް އަހަރެމެން ދެމީހުންގެ ތެރެއިން މާ މޮޔައީ ކާކު؟” އަހަރެން މަލާމާތުގެ ރާގަކަށް ބުމަ އަރުވާލަމުން އެހީމެވެ.
“މަގޭ މިހިރަ ބޭބީއެއް ކަހަލަ ސިސް، ކަލޭ ހާދަ ސުވާލު ގިނައޭ ދޯ! ނޫނޭ، އޭނާ އުޅެނީ މީހަކާ އިނދެގެންނެއް ނޫން. އަދި ތެދަށް ބުނަންޏާ، އަހަރެންގެ ސިކުނޑި ކަލެއަށްވުރެ މާ ރަނގަޅަށް މަސައްކަތް ކުރާނެ،” އޭނާ ބޮޑާވެލާފައި ބުންޏެވެ.
އޮމާން މަގުމަތީގައި ބާރު މިނުގައި ޑްރައިވަރު ދުއްވަމުން ދިޔައެވެ. މުޅި ސިޓީ އޮތީ ހަމަހިމޭންކޮށެވެ. އިވޭހާވެސް އަޑަކީ ސޫފިތަކާއި ދޫނިތަކުގެ އަޑެވެ.
“އޭނާއަށް އެ ކުއްޖާ ލިބުނީ ކޮންތާކުން؟އެ ކުއްޖާގެ ނަމަކީ ކޮބާ؟އުމުރަކީ ކޮބާ؟”
ހަމްޒާ އަހަރެންނަށް ބަލާލުމަށްފަހު ހެޑްފޯނު އެޅިއެވެ. އަހަރެން ފޫހިވެގެން ގޮނޑީގައި ލެނގިލީމެވެ. “އާނ ހަމްޒާ، ވަރަށް ރަނގަޅު. ދެން ތިހެން އަހަރެން އިގްނޯކޮށްލައިގެން އިނދޭ!”
އަހަރެންގެ ކައިރީގައި އިން މަންމަ ހީނލިއެވެ. އަހަރެން މަންމައަށް ބަލާލީމެވެ. މަންމަ ނުނިދާ އިނީ ހެއްޔެވެ؟ ތަސްނީމް އިނީ މަންމަގެ ކައިރީގައި ގަދަ ނިދީގައެވެ.
“ދަރިފުޅުގެ ސުވާލަށް ޖަވާބު ދޭނަން. އޭނާއަށް އެ ކުއްޖާ ލިބުނީ ކުރިން ކުރި ކައިވެނިން. އެ ކުއްޖާގެ އުމުރަކީ 4 އަހަރު. ނަމަކީ ފާތިމަތު ނާރާ، އެކަމަކު އެންމެން އޭނާއަށް ކިޔަނީ ނާރާ،” މަންމަ ކިޔައިދިނެވެ. މަންމަގެ އަޑުގައި ކޮންމެވެސް ވަރެއްގެ ދެރަވުމެއް ހުއްޓެވެ.
އަހަރެން ހިނިތުންވެލީމެވެ. “ވަރަށް ސަޅި. ފާތިމާ! މަންމާ، އެއީ މަންމަގެވެސް އަސްލު ނަން ދޯ؟”
މަންމަ ހިނިތުންވެލިއެވެ. “އާނ ދަރިފުޅާ.”
އަހަރެން މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން ބޭރަށް ބަލަން އިނީމެވެ. މާލޭގެ އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނެތެވެ. ލަންކާއަށް ބަދަލުވުމުގެ ކުރިން އަހަރެމެން އުޅުނީ ވިލިނގިލީގައެވެ.
އަހަރެންގެ ހުރިހާ ބޮޑުބޭބެ، ބޮޑުދައިތަގެ ދަރިންނާ ބައްދަލުކުރަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެމެން އެހާ ގާތް ނޫން ނަމަވެސް، އެމީހުން ދެކެލަން ބޭނުންވިއެވެ. އާއިލާއާ އެކީ އުޅުމަކީ ވަރަށް އުފާވެރި އިހުސާސެކެވެ. އެމީހުންގެ ތެރޭގައި ކިތަންމެ ގޯސް މީހުން ތިއްބަސް، އަހަރެން ބަލަނީ ހަމައެކަނި އެމީހުންގެ ރަނގަޅު ފަރާތަށެވެ.
“އިވްރިޝާ!” ހަމްޒާ ހަޅޭއްލަވައިގަތެވެ. އަހަރެން ބަލާލިއިރު އޭނާ އިނީ ކާރުން ފައިބައެވެ. މަންމައާއި ތަސްނީމް ވެސް ތިބީ ފައިބައެވެ. އަހަރެން ކާރުން ފޭބި ވަގުތު ކުރިމަތީގައި ހުރި ބޮޑު ގަނޑުވަރެއް ކަހަލަ ގެ ފެނިފައި އަންތަރީސްވިއެވެ.
ގޭގެ ކުރިމަތީގައި އޮތް ބޮޑު ގޯތިތެރޭގައި ވަރަށް ރީތި ގަސްތައް ހުއްޓެވެ. އެއްފަރާތެއްގައި ކާރު ޕާކުކުރާ ތަން އޮތެވެ. އަހަރެންނަށް ކާރުގެ މާ ބޮޑު މައުލޫމާތެއް ނޭނގެއެވެ. އެކަމަކު މާސިޑީޒް ބެންޒް އެނގެއެވެ. އެތަނުގައި ދެ ޖީ-ވެގަން ޕާކުކޮށްފައި އޮތެވެ.
އަހަރެން އަނެއްކާވެސް ގެއަށް ބަލާލީމެވެ. މިހާ ބޮޑު ގެއެއްގައި އުޅެނީ އެންމެ ދެ މީހުން ހެއްޔެވެ؟
އަހަރެމެން ހިނގާފައި ގޮސް މުށިކުލައިގެ ބޮޑު ދޮރެއްގެ ކުރިމައްޗަށް ހުއްޓުނީމެވެ. “ހަމްޒާ، ކަލޭގެ ރަހުމަތްތެރިޔާ އެއީ ވަރަށް މުއްސަނދި މީހެއް ދޯ،” އަހަރެން ހައިރާންވެފައި ބުނީމެވެ. ބޭރު މިހާ ރީތި ނަމަ، އެތެރެ ހުންނާނީ ކިހިނެއް ބާވައެވެ؟
“އަދަބުވެރިކޮށް އުޅޭތި އިވްރިޝާ،” ހަމްޒާ އިންޒާރު ދިނެވެ.
“ވެލްކަމް، އައިއޭމް ނެނީ ޕްލަމް. ވެލްކަމް ޓު ދި އައްރަހާބް މޭންޝަން،” އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނަކު ދޮރު ހުޅުވާލަމުން ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް ހިތްހެޔޮ ހިނިތުންވުމެކެވެ.
ގޭގެ އެތެރެއަށް ވަދެގެން ދިޔައިރު، މަތީގައި ބޮޑު ޗާންދަލިއާއެއް އެލުވާފައި އޮތެވެ. ފާރުގެ ދެފަރާތުގައި ބޮޑެތި ލޯގަނޑުތައް ހުއްޓެވެ.
“ނެނީ ޕްލަމް، ކިހިނެއް ހާލު؟” ތަސްނީމް ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. ތަސްނީމަށް އޭނާ އެނގެނީ ހެއްޔެވެ؟
“އަހަރެން ރަނގަޅު،” ނެނީ ޕްލަމް ފަރިތަކަމާއެކު ދިވެހިބަހުން ޖަވާބު ދިނުމަށްފަހު މަންމަގެ ގާތަށް އައެވެ. “ނާރާ އޭނާގެ މަންމައާ ބެހޭގޮތުން ސުވާލުކުރަމުން ދިޔަ. އޭނާ ހޭލައިގެން މަންމަ ފެނުމުން ވަރަށް އުފާވާނެ،” އޭނާ ބުންޏެވެ.
ނެނީ ޕްލަމް އަހަރެންނާ ދިމާއަށް ބަލާލާފައި ބުންޏެވެ. “އެހެންވީމާ އެއީ ތެދެއްތާ!”
“ކޯންޗެއްތަ ތެދަކީ؟” އަހަރެން އެހީމެވެ. އަހަރެން ބޭނުންވީ އަވަހަށް ކޮޓަރިއަށް ގޮސް ފާޚާނާއަށް ވަންނާށެވެ.
“އޭނާ ހީކުރީ ދެން ދުވަހަކުވެސް ކަލޭ ނުފެންނާނެ ކަމަށް،” އަހަރެންގެ މޫނުގައި އަތްލަމުން އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑު ހިތާމައެކެވެ. ހަމްޒާއާއި ތަސްނީމް އަދި މަންމަގެ މޫނުމަތިންވެސް ފެންނަނީ އެފަދަ އަސަރެކެވެ.
އެމީހުން އަހަރެންނާ ދިމާއަށް އެ ބަލަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ނުތަނަވަސްވެގެން ބޯ ކަހާލީމެވެ. “ނެނީ ޕްލަމް، އަހަރެންގެ ކޮޓަރި ދައްކަދީފާނަންތަ؟އަހަރެން ވަރަށް ބޮޑަށް ފާޚާނާއަށް ދާން ބޭނުން.”
އޭނާ އަވަހަށް ބޯ ޖަހާލިއެވެ. “ސިޑިން މައްޗަށް ގޮސް ވައަތް ފަރާތަށް އޮތް ކޮރިޑޯއަށް ވަދޭ. ކަލޭގެ ކޮޓަރި ހުންނާނީ ނާރާގެ ކޮޓަރި ކުރިމަތީގަ.”
އަހަރެން އަވަހަށް ސިޑިން މައްޗަށް އެރީމެވެ. ފާރުގައި ނާރާގެ ކުޑައިރުގެ ފޮޓޯތައް ހުއްޓެވެ. އަހަރެން އެއަށް ބަލާލުމެއް ނެތި ކޮޓަރިއަށް ވަދެ ފާޚާނާއަށް ދިޔައީމެވެ.
އެއަށްފަހު އަހަރެން ކޮޓަރިއަށް ބަލާލީމެވެ. އެއީ މެދު މިންވަރެއްގެ ރީތި ކޮޓަރިއެކެވެ. ފާރުގައި ހުރީ ގަދަ ކުލައެއްގެ ވޯލްޕޭޕަރެވެ. އަދި ވަރަށް އަރާމު އެނދެއް ހުއްޓެވެ.
އަހަރެން އެނދުގައި އިށީނދެލީމެވެ. އެނދުގައި އަޅާފައިވާ ހުދު ފޮތިގަނޑު ވަރަށް މަޑެވެ. އަހަރެންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
ހުކުރު ދުވަސް، 25 ސެޕްޓެމްބަރު 2016
“ބައްޕާ، އޭނާ ހާދަ ރީއްޗޭ،” ތުއްތު ކުއްޖެއްގެ އަޑުން ބުންޏެވެ. “އަދި އޭނާ ވައްތަރީ މަންމައާ.”
ބަރު އަޑަކުން ހީނލުމަށްފަހު ބުންޏެވެ. “ޕްރިންސެސް، އޭނާ މަންމައާ ވައްތަރީ އެއީ ހަމަ މަންމަ ކަމަށްވާތީއޭ.”
“ބައްޕާ، ހަމަ އަސްލުވެސްތަ!! މަންމަ އެނބުރި އައީތަ؟!”
“އާނއެކޭ ދަރިފުޅާ، މަންމަ މިހާރު އެނބުރި އަތުވެއްޖެ. އަދި ދެން ދުވަހަކުވެސް ބައްޕަ މަންމަ ދިޔަކަ ނުދޭނަން.”
އަތަކުން މަޑުމަޑުން މަގޭ ނިތްކުރީގައި ފިރުމާލިކަން އިހުސާސްވިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން މީހަކު ބުންޏެވެ. “ދެން ހިނގާ ޕްރިންސެސް ދާން، މަންމަ ނިދިޔަ ދޭންވާނެ ދޯ.”
އަހަރެން ކުއްލިއަކަށް ތެދުވެ، ލޯ އުނގުޅާލީމެވެ. ސިކުނޑީގައި އެ އިވުނު އަޑުތަކަކީ ކޮން ބައެއްގެ އަޑެއް ހެއްޔެވެ؟ އެއީ ހަގީގަތެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟!
ޖަވާބު ނުލިބޭ އެތައް ސުވާލުތަކެކެވެ. އެނދު ކައިރީ ހުރި ވަތްގަނޑު މަތީގައި އޮތް ފޯނު ބަލައިލީމެވެ. ގަޑިން އޭރު 12:32 އެވެ.
އަހަރެން ފާޚާނާއަށް ވަދެ ފެންވަރާލީމެވެ. ވަރުބަލިވެފައިވާ ހަށިގަނޑަށް ބޮޑު ލުޔެއް ލިބުނެވެ. އަހަރެން ބޭނުންކުރި ސައިބޯނީގައި ހުރީ ސްޓްރޯބެރީ ވަހެވެ. ހާދަ މީރު ވަހެކެވެ.
ފެންވަރައި ނިމިގެން ފޮށިން ހެދުން ނެގީމެވެ. އަހަރެން އިޚްތިޔާރުކުރީ ރީނދޫ ކުލައިގެ އަބާޔާއަކާއި ރަތް ކުލައިގެ ބުރުގާއެކެވެ. ފަހުން މޭކަޕް ކުރަން ނިންމައިގެން ހުރީތީ، އޭރު މޫނުގައި އެއްވެސް އެއްޗެއް ނުލަމެވެ.
ކޮޓަރިން ނުކުމެ ސިޑިން ތިރިއަށް ފޭބީމެވެ. ކޮންމެވެސް ދިމާއަކުން މީހުން ހޭ އަޑު އިވެމުންދިޔަ ނަމަވެސް، އެއީ ކޮން ދިމާއެއްކަން ޔަގީނެއް ނުވެއެވެ.
ވާތްފަރާތުން ހުރި ކޮރިޑޯއަކަށް އަހަރެން ވަނީމެވެ. އެތަނުގެ ފާރުގައި ތުއްތު އަންހެން ކުއްޖެއްގެ ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ.
ކަނާތްފަރާތު ފާރުގެ ކޮޅުގައި ލޯގަނޑެއް ހުއްޓެވެ. އަދި އެ ދިމާލުން އެތެރެއަށް ވަދެވޭ ގޮތަށް މަގެއް އޮތެވެ. އެތަނަށް ވަންއިރު، އަހަރެންނަށް ދަންނަ ހަމްޒާ ފެނުނެވެ. އޭނާ ހުރީ އަހަރެންނަށް ފުރަގަސްދީގެން، ރީތި އަންހެން ކުއްޖަކާ ވާހަކަދައްކާށެވެ.
“ހޭއި! ނިދާފައި އޮތް ރީތި ރާނީ ހޭލައިފި!” ހަމްޒާ ވާހަކަދައްކަން ހުރި އަންހެން ކުއްޖާ، އޭނާ އިށީނދެގެން އިން ސޯފާ ގޮނޑިން ތެދުވެ އަހަރެންނާ ދިމާއަށް އަންނަމުން ބުންޏެވެ. އޭނާ ހުރީ އަހަރެންގެ ގައިގައި ބައްދާލަން އަތް ފަތުރާލައިގެންނެވެ.
އަހަރެން ހިނިތުންވުމަކާއެކު އޭނާގެ ގައިގައި ބައްދާލީމެވެ. އޭނާގެ ކިބައިން ހާދަ މީރު ވަހެއް ދުވައެވެ. “ހައި، އަހަރެންނަކީ އާޚިރާ،” އޭނާ ތައާރަފުވިއެވެ.
ބައްދާލުން ދޫކޮށްލުމަށްފަހު އަހަރެން އޭނާއަށް ހިނިތުންވެލީމެވެ. “އަހަރެންނަކީ އިވްރިޝާ.”
އޭނާގެ މޫނު އަހަރެންނަށް ވަރަށް ފަރިތަހެން ހީވެއެވެ. ނަމަވެސް ކުރިން ދެކުނީ ކޮންތާކުން ކަމެއް ސިކުނޑިއަކަށް ނައެވެ. އޭނާގެ ހުރީ މަޑު މުށިކުލައިގެ ރީތި ދެލޮލެވެ.
“ނިދަން ކާކުތަ ހުއްދަ ދިނީ؟” ބުމަ އަރުވާލަމުން ހަމްޒާ ސުވާލުކުރިއެވެ.
އަހަރެން އޭނާއަށް ލޯ އަޅާލުމަށްފަހު، ރީތިކޮށް ފަރުމާކޮށްފައިވާ ސިޓިންގްރޫމްގެ އެތެރެއަށް ވަނީމެވެ.
މަންމަ އާއި ތަސްނީމް ތިބީ އަޅިކުލައިގެ ‘އެލް’ ސޯފާއެއްގައެވެ. މަންމަ އަހަރެންނަށް ބަލައިލާފައި ލޯތްބާއެކު ހިނިތުންވެލިއެވެ. ތަސްނީމް ހުރީ ލަންކާގައި ހުރި އޭނާގެ ރަހުމަތްތެރިއަކާ ވީޑިއޯ ކޯލެއްގައެވެ.
“ހަމްޒާ، އާދޭސްކޮށްފައި ބުނަން، އަނގަ މަޑުންލައިގެން ހުރެބަލަ. އަހަރެން މިހުރީ ކަލޭގެ ސަމާސާ އަޑުއަހާ ކަހަލަ މޫޑެއްގައެއް ނޫން،” އާޚިރާގެ ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ. އާޚިރާ ހިނިތުންވެލުމަށްފަހު ދުރަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަ ގޮތުން، އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށް ވާނެކަން އަހަރެންނަށް އިހުސާސްވިއެވެ.
“ނާރާ ކޮބާ؟” އާޚިރާ އެހިއެވެ.
“އޭނާ އަދުނާނާއެކު މައްޗަށް ހިނގައްޖެ،” އަހަރެން އައި ކޮރިޑޯއިން ނުކުތް އަންހެނަކު ބުންޏެވެ.
އޭނާއަކީ އިސްކޮޅުން ދިގު، ރީތި އަންހެނެކެވެ. ލޮލުގައި ގަދައަށް މޭކަޕްކޮށް، ނޭފަތް ތޮރުފާފައި ހުއްޓެވެ. އޭނާ ލައިގެން ހުރީ އޭނާގެ ބައްޓަން ރީތިކޮށް ފެންނަ ކަހަލަ ކަޅު ކުލައިގެ ދިގު ހެދުމެކެވެ.
“ހޭއި އިވްރިޝާ، ހޭލެވިއްޖެދޯ!” ބިއްލޫރި މޭޒުމަތީގައި ތަބަށް ބަހައްޓަމުން އޭނާ ސަލާމް ގޮވައިލިއެވެ.
އޭނާގެ ކިބައިގައި ކޮންމެވެސް އާދަޔާޚިލާފު ކަމެއް ހުއްޓެވެ. އޭނާ ހިނިތުންވެލައިގެން ހުރި ނަމަވެސް، އޭނާގެ މޫނުމަތިން ނުރައްކާތެރިކަމެއް ފެންނަހެން ހީވެއެވެ.
“ހަލޯ،” އަހަރެން ބުނީމެވެ.
“އަހަރެންނަކީ ޝިރާނީ.”
އަހަރެން ބޯޖަހާލީމެވެ. “ތިޔަ ދެމީހުންގެ ނަންވެސް ވަރަށް ރީތި،” އާޚިރާ އާއި ޝިރާނީއަށް އިޝާރާތްކޮށް އަހަރެން ބުނީމެވެ.
“ހަމްޒާ، މިގޭގެ ވެރިފަރާތް ކަމަށްވާ ކަލޭގެ ރަހުމަތްތެރިޔާ ކޮބާ؟” މޭޒުމަތީގައި ހުރި ބުއިން ނެގުމަށް ތެދުވަމުން އަހަރެން އެހީމެވެ. އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައެވެ.
ހަމްޒާ ބޯ ކަހާލިއެވެ. “ކަލޭ އައުމުގެ ކުރިން އޭނާ އަހަރެމެންނާއެކު އުޅުނު. ދެން ނާރާ ގޮވައިގެން މައްޗަށް ދިޔައީ.”
އަހަރެން ބޯޖަހާލުމަށްފަހު އޮރެންޖު ޖޫސް ތަށްޓެއް އަޅާލީމެވެ. “މަންމާ، އަހަރެމެން ހަލީމާ ދައްތަގެ ގެއަށް ދަނީ ކޮން އިރަކުން؟”
މަންމަ އަހަރެންނާ ދިމާއަށް އެނބުރުނެވެ. އޭގެ ކުރިން އޭނާ އިނީ ތަސްނީމާ ވާހަކަދައްކާށެވެ. “ދަރިފުޅު ތައްޔާރުވާނީ މިގޭގަ. އަހަރެމެން ދާނީ އެންގޭޖްމަންޓް ގަޑި ޖެހުމުން.”
އަހަރެން ޖޫސްތަށި ބޯލުމަށްފަހު ދެވަނަ ތަށްޓެއް އެޅީމެވެ.
“އަސްލު ތަސްނީމާއި އަހަރެން މިދަނީ ހޯލުގެ ކަންތައްތައް ބަލާލަން. ހަލީމާ ބޭނުންވޭ ކޮންމެވެސް ކަމެއްގަ އަހަރެންގެ ޚިޔާލު ހޯދަން،” ތަސްނީމް ގޮވައިގެން ތެދުވަމުން މަންމަ ބުންޏެވެ.
އެމީހުން ތިބީ ހެދުން ބަދަލުކޮށްގެންނެވެ. މަންމަ ލައިގެން ހުރީ ޖީންސަކާއި ކަފްތާން މަތިކޮޅެކެވެ. ތަސްނީމް ހުރީ ހުދުކުލައިގެ ބާރު ޖީންސަކާއި ކަޅު ކުލައިގެ ޓޮޕެއްގައެވެ. އޭގެ މަތިން ހުދުކުލައިގެ ޖެކެޓެއް ލައިގެން ހުއްޓެވެ.
“އަހަރެންވެސް ގެންގޮސްދާނަންތަ؟!” އަހަރެން އާދޭސްކުރީމެވެ. “ހަލީމާ ދައްތަ ނުފެންނަތާ ވަރަށް ދުވަސްވެއްޖެ.”
މަންމަ ބޯ ހޫރާލިއެވެ. “އިވްރިޝާ، އިރުކޮޅެއް ތެރޭގައި ދަރިފުޅު ތައްޔާރުވާން ޖެހޭނެ! ފަހުން އޭނާއާ ބައްދަލުވާނެ.”
ތަސްނީމް ގޮވައިގެން މަންމަ ނުކުތެވެ. ނުކުންނަމުން ތަސްނީމް އަހަރެންނާ ދިމާއަށް މަލާމާތްކޮށްލަމުން ދޫ ނެރުނެވެ.
“ކީއްވެ ތިޔަ ދާން ބޭނުންވަނީ؟ އަހަރެމެން ފެނިގެން ފޫހިވީތަ؟” އެސްފިޔަ ޖަހާލަމުން ޝިރާނީ އެހިއެވެ.
“ނޫނޭ، އެހެންވެގެންނެއް ނޫން،” އަހަރެން ކުޑަކޮށް ހީނލީމެވެ. “އަހަރެންގެ ހިތް އާދަޔާޚިލާފަށް ތެޅެނީ. ހީވަނީ ކުރިން ބައްދަލުވެފައިވާ މީހަކާ ބައްދަލުވާން އުޅޭހެން.”
އެ ތިން މީހުން ކަމަށްވާ ހަމްޒާ، އާޚިރާ އަދި ޝިރާނީ އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ހިތާމަވެރި ހިނިތުންވުމެއް ބަދަލުކުރިއެވެ.
އެއީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
“ހޫމް، އެއީ ކޮން ފަރާތެއްބާ؟” އަހަރެންގެ ފަހަތުން ބަރު އަޑަކުން މީހަކު ބުންޏެވެ.
އަހަރެން ކުއްލިއަކަށް އެނބުރިލި ވަގުތު، ކުރިމަތިން ފެނުނީ އަދުނާން ކަމަށް އަހަރެން ލަފާކުރާ މީހާއެވެ.
އަހަރެންގެ ހިތް އާދަޔާޚިލާފަށް ތެޅެން ފެށިއެވެ. މިއީ އަހަރެންނަށް ވަރަށް އުނދަގޫވި ކަމެކެވެ.
އަދުނާންގެ ގާތުގައި، އޭނާގެ އިނގިލީގައި ހިފަހައްޓައިގެން ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ. އޭނާ އިސްކޮޅުން ދިގެވެ. އަދި އަހަރެންނަށް ހީވީ ހިނދުކޮޅަކަށް ނަމަވެސް މޮޔަވީ ކަމަށެވެ. އެ ކުއްޖާ ހަމަ އަހަރެންނާ އެހާވެސް ވައްތަރެވެ.
“އަހަރެންގެ ސުވާލަށް ޖަވާބެއް ނުދޭނަންތަ؟” އަދުނާން އަލުން ސުވާލުކުރިއެވެ.
އަހަރެން ބުމަ ގޮށްޖަހާލަމުން އޭނާއަށް ބަލައިލީމެވެ. އޭނާއަކީ ވަރަށް ބޮޑަށް ރީތި މީހެކެވެ. ނަމަވެސް އަހަރެން އިސްދަށަށް ޖެހީމެވެ.
“އެނގެން ބޭނުންވަނީ ކީއްވެ؟” އިނގިލިތަކާ ކުޅެމުން އަހަރެން ޖަވާބު ދިނީމެވެ.
ނާރާ ހުރީ ހިތާމަވެރި ބަލައިލުމަކުން އަހަރެންނަށް ބަލާށެވެ. އޭނާގެ ތުންފަތް ތެޅެމުންދިޔައެވެ.
“ހޭއި ލޯބިކޮޅާ،” އޯގާތެރިކަމާއެކު ބުނަމުން އަހަރެން އޭނާގެ ގާތަށް ހިނގައިގަތީމެވެ.
އަހަރެންނަށް ދެވޭ ދިމާ ބަލައިނުލެވުމުގެ ސަބަބުން، އެއްޗެއްގައި އަޅައިގަނެ، އަޅިކުލައިގެ ދޫލަމައްޗަށް ވެއްޓެން ދިޔައެވެ.
ނަމަވެސް، ވަރުގަދަ ދެ އަތަކުން އަހަރެން ހިފެހެއްޓިއެވެ. އަދި އަހަރެން ގޮސް ލެއްގުނީ އަދުނާންގެ ކޮނޑުގައެވެ.
އޭނާގެ ގައިން ދުވި މީރު ވަހުގެ ސަބަބުން އަހަރެންގެ ހިތަށް ގޮތްތަކެއް ވިއެވެ. އޭނާގެ ކިބައިން ދުވަނީ އަގުބޮޑު ސެންޓާއި މިންޓްގެ ވަހެވެ.
އޭނާގެ އަތް އަހަރެންގެ ކޮނޑުގައި ބާއްވާލިއެވެ. އެއާއެކު އަހަރެންގެ މުޅި ހަށިގަނޑުން ކަރަންޓު ސިގްނަލެއް ދަތުރުކުރި ފަދަ އިހުސާސެއް ކުރެވުނެވެ. އަހަރެން ރޫރޫ އަޅައިގަނެ، ދެލޯ ބާރަށް މަރާލީމެވެ.
ކުއްލިއަކަށް އަހަރެންގެ ލޯމައްޗަށް ފުސް ސިފައެއް ފެންނަން ފެށިއެވެ.
އެ ފޮޓޯއިން ފެންނަނީ އަހަރެންނެވެ. ނަމަވެސް އެތަނުގައި ހުރި ފިރިހެން މީހާގެ މޫނެއް ސާފެއް ނުވެއެވެ. އޭނާ ހުރީ އަހަރެންނަށް ބަލާފައި ހޭށެވެ. އޭނާގެ ހިނިތުންވުން ވަރަށް ފުޅަލެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ނިތްކުރި މައްޗަށް ފައިބާފައެވެ.
“ނާން، މަށާ ދިމާއަށް ބަލާފަ ތިހެން ނުހީ ބަލަ!،” އަހަރެން ރުޅި އައިސްފައި ބުނީމެވެ.
އެ ފޮޓޯއިން ފެނުނު މީހާ ހުނުން ހުއްޓާލިއެވެ. އަދި އެ ސިފަ ގެއްލުނެވެ.
އެވަގުތު އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފެށުމުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ހީވަނީ ބޯ ފަޅައިގެންދަނީ ހެންނެވެ!
“މިކަން ހުއްޓުވައިދީ! އާދޭސްކުރަން!” ބޮލުގައި ހިފަހައްޓައިގެން ހުރެ އަހަރެން ހަޅޭއްލެވީމެވެ.
އަލުން އެ ފިރިހެން މީހާގެ ސިފަ ފެނުނެވެ. އޭނާ ވަރަށް ރީއްޗެވެ. އޭނާ ހުރީ ހުސްގަޔާއެވެ. އޭނާގެ ލޮލުގެ ކުލައަކީ ޒައިތޫނި ފެހިކުލައެވެ. އޭނާގެ ނަން ނޭނގޭތީ، އަހަރެން އޭނާއަށް ‘ގްރީން’ގެ ނަމުން ނަން ދިނީމެވެ.
އެ ސިފަ އަލުން ގެއްލުނެވެ. އަދި ކުރިން ވީ ރިހުން އަލުން އިހުސާސްވިއެވެ. އަހަރެންގެ ހަށިގަނޑު ބާރަށް ތެޅެމުންދިޔައެވެ. އަހަރެން ބޭނުންވީ އެ އިވޭ އަޑުތައް ހުއްޓުމަކަށް އައުމަށެވެ.
“އަދުނާން، އޭނާއަށް ކިހިނެއްވީ؟!” އާޚިރާ ސުވާލުކުރިއެވެ.
އަހަރެންގެ ލޯ ހުރީ ބައިކުޅަބައި މެރިފައެވެ. ވަމުންދާ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ބޮލުގައި ރިއްސާ ވަރުން ބޯ ނައްޓާލާފައި އެއްފަރާތެއްގައި ބާއްވަން ބޭނުންވިއެވެ.
“އަހަރެންނަކަށް ނޭނގެ!” އަދުނާން ހަޅޭއްލަވައިގަތެވެ. “ހަމްޒާ، އަހަރެމެން ކިހިނެއް ހަދާނީ؟”
ލޯ މަރާލުމުގެ ކުރިން އަހަރެންނަށް އެކަކު ފެނުނެވެ. އެއީ ނާރާ އެވެ. އޭނާ ހުރީ އޭނާގެ ބައްޕަގެ ގައިގައި ބައްދާލައިގެންނެވެ.
“ބައްޕާ، މަންމައަށް ކިހިނެއް ވަނީ؟” މަޑު ތުރުތުރުލާ އަޑަކުން އޭނާ އެހިއެވެ.
“ޝްޝްޝް ޕްރިންސެސް، ނުރޮއި،” އަދުނާން އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. “މަންމަ ރަނގަޅުވާނެ.”
އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔައީ އެންމެ ޚިޔާލަކާއެކުގައެވެ.
ނާރާ އަހަރެންނާ ދިމާއަށް ‘މަންމަ’ އޭ އެ ކިޔަނީ ކީއްވެ ހެއްޔެވެ؟
*******
ނުނިމޭ
