ހެޑްލައިންތަކުގެ ހުޅުގަނޑު
މިރުޒާއަކީ ވަޝިއްޔާގެ ދިރިއުޅުމުގައި މުހިންމު މީހަކަށް ވާން ބޭނުންވިއެވެ. އޭނާގެ ސަމާލުކަމާއި ލޯބި ހޯދުމުގެ އިތުރުން، އެކުވެރިކަމަށްވުރެ ބޮޑު ގުޅުމަކަށް އެކަން ބަދަލުވެދާނެކަމުގެ އުންމީދު ކުރިއެވެ. ނަމަވެސް، ވަޝިއްޔާ އެންމެ ބޮޑަށް އޭނާގެ އެހީތެރިކަމަށް ބޭނުންވި ވަގުތަކީ، ވީގޮތެއް ކިޔައިދޭން ނޭނގޭ ނުވަތަ ހުރިހާ ކަމެއް ރަނގަޅުވާނެކަމުގެ ޔަގީންކަން ދޭން ނޭނގޭ ފަދަ ބިރުވެރި ރެޔަކަށް ވެދާނެ ކަމަކަށް މިރުޒާ ދުވަހަކުވެސް ހީއެއް ނުކުރެއެވެ.
އެ ހާދިސާގެ ސަބަބުން މިރުޒާގެ އަމިއްލަ ނަފްސާމެދު އުނދަގޫ ސުވާލުތަކެއް އުފެދުނެވެ. އޭނާއަކީ މީހުން ދެނެގަންނަން ދަންނަ، މަޝްރަހު ދިރާސާކުރަން އެނގޭ، އަދި ކަމެއް ގޯސްވުމުގެ ކުރިން އެކަން ދެނެގަނެވޭނެ މީހެއް ކަމަށް އޭނާ އަބަދުވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ވަޝިއްޔާ އިން ތަނުގައި އޭނާގެ ގާތް މީހުންގެ ތެރޭގައި ހުރިއިރުވެސް، ވަޝިއްޔާގެ ބަލިހާލަތު ފެންނަންދެން އެ ނުރައްކާ އޭނާއަށް އިޙުސާސެއް ނުކުރެވުނެވެ. އޭނާގެ ސަމާލުކަމުން އެކަން ހުއްޓުވޭވަރެއް ނުވިއެވެ. އޭނާގެ ނުފޫޒާއި އިތުބާރުން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަދި އެ ހާދިސާ ހިނގި މާހައުލަކީ އޭނާ އަމިއްލައަށް ބިނާކޮށް، އާދައިގެ ކަމެއްގެ ގޮތުގައި މީހުންނަށް ދައްކައިދިން މާހައުލެއް ކަމުގައި ވުމަކީ އޭނާއަށް އަމިއްލަ ނަފްސަށް މާފުކުރަން އުނދަގޫވި ކަމެކެވެ.
އޭނާ ޤަބޫލުކުރަމުން ދިޔައީ އޭނާ އެ ކުރަނީ މީހުން ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އެއީ މުނިފޫހިފިލުވުމާއި، މިނިވަންކަމާއި، ފޯރިގަދަ ދިރިއުޅުމެކެވެ.
އޭނާ އެއްވެސް މީހަކަށް އެފަދަ ހަފުލާތަކަށް އަންނާކަށް މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް، އެފަދަ މާހައުލެއްގައި މީހުން ފަރުވާކުޑަވެ، ނުދަންނަ މީހުންނަށް އިތުބާރުކުރަމުން ދިޔައިރު، އެކަމަށް މަގުފަހިވާނެ ގޮތަށް އޭނާގެ ކަންތައްތައް ބައްޓަންކުރެވިފައި ހުރި މިންވަރާމެދު އޭނާ ދުވަހަކުވެސް ސުވާލެއް ނުކުރެއެވެ.
މިއަދު އެކަމުގެ ނޭދެވޭ އަސަރު މިވަނީ އޭނާ އެންމެ ލޯބިވާ މީހާއަށް ފޯރާފައެވެ. މީގެ މާނައަކީ އޭނާއަކީ ކުއްލިއަކަށް ވަރަށް ރަނގަޅު މީހަކަށް ވީއެކޭ ނޫނެވެ. އެހެންނަމަވެސް، އޭނާ ކުރާ ވިޔަފާރިއާއި އެކަމުގެ ސަބަބުން މީހުންނަށް ކުރާ އަސަރުތަކަކީ ގުޅުމެއް ނެތް ދެކަމެއް ކަމަށް ބަލައިގެން ދެން ހުންނަން އޭނާއަށް އުނދަގޫވިއެވެ.
މޭޒުމަތީގައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. އޭނާގެ ކޮންޓެކްޓަކުން ފޮނުވި މެސެޖެއްގައި އޮތީ ދެން އޮންނަ ހަފުލާ ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެތޯއެވެ.
މިރުޒާ އެ ފޯނުގެ ސްކްރީނަށް ބަލަން އިނެވެ. އަދި ފުރަތަމަ ފަހަރަށް، އެ ދައުވަތަކީ އޭނާ އުފާކުރުވި ކަމަކަށް ނުވިއެވެ.
އޭނާގެ ހަނދާނަށް އައީ ނެށުމުގެ މައިދާނާއި، މިއުޒިކާއި، ކުލަކުލައިގެ އަލިތަކެވެ. އަދި އޭނާއަށް ރަނގަޅަށް ނުފެންނަނީ ކީއްވެގެންތޯ ބިރުން ހުރެ ވަޝިއްޔާ އެހި ސުވާލެވެ.
ދެން އޮންނަ ހަފުލާއަށް އަންނާނެ މީހުންނާމެދު އޭނާ ވިސްނާލިއެވެ. އެމީހުން އަންނާނީ އެއީ އާދައިގެ މަޖާ ރޭގަނޑެއް ކަމަށް އުންމީދުކޮށްގެންނެވެ. އެމީހުންގެ ވަށައިގެން ހިނގައިދާނެ ކަންތައްތަކުގެ އެއްވެސް ނުރައްކަލެއްގެ އިޙުސާސެއް ނެތިއެވެ.
ދެން އޭނާ ފޯނާ ދުރަށް ބަލައިލިއެވެ. ދެން އޭނާ ކުރާނެ ކަމެއް އަދި ނުނިންމައެވެ.
އޭނާގެ ވިޔަފާރި އެއްކޮށް ދޫކޮށްލީކީ ނޫނެވެ. އަދި އޭނާ ކުރިން ނިންމާފައިވާ ނިންމުންތަކުގެ ހަނދާން ފޮހެލެވޭ ފަދަ ކުއްލި ބަދަލެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. ފައިސާއާއި ނުފޫޒަކީ އަދިވެސް އޭނާއަށް މުހިންމު އެއްޗިއްސެވެ. އަދި އޭނާ ބިނާކުރި ދުނިޔެއަކީ ދޫކޮށްލަން ފަސޭހަ ކާމިޔާބީތަކެއް ނޫނެވެ.
ނަމަވެސް ކޮންމެވެސް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އެ ރޭގެ ހާދިސާގެ ސަބަބުން، މާހައުލުގެ ބައެއްގެ ގޮތުގައި އޭނާ ބަލަމުން އައި ނުރައްކަލުގެ ތެރެއިން އިންސާނީ ސިފައެއް އޭނާއަށް ފެނިއްޖެއެވެ. އެއީ ވަޝިއްޔާގެ ސިފައެވެ.
ވަޝިއްޔާ އޭނާގެ ގަމީހުގެ އަތްކުރީގައި ހިފަހައްޓާލައިގެން ހުރި ގޮތާއި، މަޑުކޮށްދިނުމަށް އެދި އޭނާގެ އަޑު ތުރުތުރުލަމުން ދިޔަ ގޮތާއި، ވީގޮތް ބުނެދޭން ނޭނގުމުން އޭނާގެ ދެލޮލުން ފެނުނު ހާސްކަން މިރުޒާގެ ހަނދާނަކުން ނުފިލާނެއެވެ.
އޭނާ ބޭނުންވީ އެހެން ފިރިހެނުންގެ ކިބައިން ވަޝިއްޔާ ރައްކާތެރިކުރާށެވެ. ނަމަވެސް މިހާރު އޭނާ ނިންމަން ޖެހިފައިވަނީ، އޭނާ އަމިއްލައަށް ބިނާކުރި މި ދުނިޔޭގެ ނުރައްކާތަކުން ވަޝިއްޔާ ރައްކާތެރިކުރުމަށް އޭނާ ތައްޔާރުތޯއެވެ. އަދި މިކަމުގެ ޒިންމާ އުފުލަންޖެހޭ މީހަކީ އޭނާ ދަންނަ މީހަކަށް ވެއްޖެނަމަ، ނުވަތަ އޭނާގެ ފައިސާއާއި ނުފޫޒުގެ ސަބަބުން އޭނާއަށް މީގެ ކުރިން ފައިދާ ލިބުނު މީހަކަށް ވެއްޖެނަމަ، އޭނާ ނިންމަންޖެހޭ ނިންމުން މާ ބޮޑަށްވެސް އުނދަގޫވާނެއެވެ. އެހެނީ ހަޤީޤަތް މިދަނީ ހާމަވަމުންނެވެ. އަދި އެ ހަޤީޤަތް އެނގުމުން، މިރުޒާ ގަފޫރަށް ދަސްވާނެ ކަމަކީ، މީހަކަށް އަޅާލުމާއި ލޯބިދިނުމަކީ ފަސޭހަ ކަމެއް ކަމެވެ. ނަމަވެސް ހަޤީޤީ އިމްތިހާނަކީ، އެ މީހަކު ރައްކާތެރިކުރުމަށްޓަކައި އަމިއްލައަށް އަހަރުތަކެއް ވަންދެން ބިނާކުރި ކަންތައްތައް ޤަރުބާންކުރަން ޖެހުމެވެ.
ވަޝިއްޔާ އޭނާގެ ދިރިއުޅުމަށް އައި ފަހުން، އޭނާ ނިންމަންޖެހޭ ނިންމުމަކާމެދު ބިރުގަތީ ފުރަތަމަ ފަހަރަށެވެ.
*****
ހެނދުނުގެ ނާސްތާގެ ކުރިން ވަޝިއްޔާގެ ފޯނަށް އެ ޚަބަރުގެ ސުރުޚީ އަރައިފިއެވެ.
“ތިނަދޫގެ ބޮޑު ރޭޕް ހާދިސާއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން، ބަންދުކޮށްގެން ޕާރޓީ ޑުރަގު ދީގެން ގެންގުޅުނު 22 އަހަރުގެ އަންހެނަކު ސަލާމަތްވެއްޖެ. ދެ ކުޑަކުދިންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފި”
އޭނާ އެ ސުރުޚީ އެއްފަހަރު ކިޔައިލިއެވެ. ދެން އަނެއްކާވެސް ކިޔައިލިއެވެ. ފޯނުގައި ހިފަހައްޓައިގެން ހުރި އޭނާގެ އިނގިލިތައް ފިނިވެ ގަނޑުވި ކަހަލައެވެ.
ދިވެހި ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ރިޕޯޓްތަކުގައިވާ ގޮތުން، ތިނަދޫގައި 16 ފިރިހެނުންގެ ގުރޫޕަކުން 22 އަހަރުގެ އަންހެނަކަށާއި ދެ ކުޑަކުދިންނަށް ޕާރޓީ ޑުރަގު ދީ، ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެ އަންހެން މީހާ ސަލާމަތްވެގެން ފެނުނުއިރު އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އަނިޔާ ލިބުނު ކަމަށް ބުނާ އެހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މި މައްސަލަ އަވަހަށް ތަހުޤީޤުކުރުމަށް އާންމުން ދިޔައީ ގޮވައިލަމުންނެވެ.
އެ ރިޕޯޓުގައި ކަށަވަރު ކުރެވިފައިވާ މަޢުލޫމާތު މަދު ނަމަވެސް، ކުރެވިފައިވާ ތުހުމަތުތަކުގެ ނުރައްކާތެރިކަމުން މުޅި މުޖުތަމަޢު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މިނެޓްތަކެއްގެ ތެރޭގައި، ފޭސްބުކް ޕޭޖުތަކާއި، ޓިކްޓޮކް އެކައުންޓްތަކާއި، ޕްރައިވެޓް ޗެޓްތަކުގެ އިތުރުން ރަށްރަށުގެ ގްރޫޕްތަކުގައި މި ޚަބަރުގެ ސްކްރީންޝޮޓްތައް ފެތުރިއްޖެއެވެ. ބައެއް މީހުން ގޮވައިލަމުންދިޔައީ މީހުން ހައްޔަރު ކުރުމަށެވެ. އަނެއް ބަޔަކު ޕާޓީތަކުގައި ބޭނުންކުރާ މަސްތުވާތަކެއްޗާމެދު އިންޒާރު ދެމުންދިޔައިރު، އާއިލާއާނުލައި ދަތުރުފަތުރުކުރާ އަންހެނުންނާއި ކުޑަކުދިންނަށް އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ.
ރުޅިވެރިކަމުގެ ޝުޢޫރުތަކާއި، އަނިޔާ ލިބުނު ފަރާތްތަކަށް ހެޔޮ ދުޢާއާއި، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެން ތަހުޤީޤު ކުރުމަށް އެދި ކުރަމުންދިޔަ ކޮމެންޓްތަކުން ސޯޝަލް މީޑިއާ ފުރިފައި އޮތެވެ. މީގެ އިތުރުން ތަފާތު ތޯތޯ ވާހަކަތައް ވެސް ފެތުރެމުން ދިޔައެވެ.
އެއްވެސް ހެއްކެއް ނެތި މީހުންގެ ނަންތައް ހާމަކުރަމުން ދިޔައެވެ. ފޮޓޯތައް ހިއްސާކޮށް، އެކި މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވަމުން ދިޔައެވެ. ބައެއް މީހުން މިއީ މުޅި ޖީލެއް ކުށްވެރިކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ދެކުނުއިރު، އަނެއް ބަޔަކު ބުނަމުން ދިޔައީ ތަހުޤީޤީ އިދާރާތަކުން ހަޤީޤަތް ހާމަކުރަންދެން މި ވާހަކަ ނުދެއްކުމަށެވެ.
ނަމަވެސް މި ހުރިހާ އަޑުތަކެއްގެ ތެރެއިން އެއް ކަމެއް ވަރަށް ސާފެވެ. މީހުން ތިބީ ބިރުންނެވެ. އަދި ކުރިން އެއްވެސް ޖެހިލުމެއް ނެތި ގޮސް އުޅުނު ތަންތަނަށް، މި ބިރުވެރިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މީހުން ސަމާލުވާނެއެވެ.
ވަޝިއްޔާ އޭނާގެ ފޯން ތިރިކޮށްލިއެވެ. އިއްޔެ ރޭ އޭނާއަށް ކުރިމަތިވި، އަދިވެސް މުޅިން ބަޔާންކޮށްދޭން ނޭނގޭ އެ ހާދިސާއިން އަރައިގަތުމަށް އޭނާ މުޅި ރޭ ހޭދަކުރިއެވެ. އޭނާ އެޕާޓްމަންޓަށް އެނބުރި އައީ ވަރުބަލިވެ، ހާސްކަމެއްގެ ތެރޭގައެވެ. އޭނާގެ ބުއިމަށް މީހަކު ގަސްދުގައި އެއްޗެއް އެއްކުރީބާވައޭ ހިތަށްއަރައި، ދެން ދުވަހަކުވެސް މީހުން ގިނަ ކްލަބަކަށް ދާން ކެރިދާނެކަމާމެދު އޭނާ ހުރީ ސުވާލު އުފެދިފައެވެ.
މިހާރު އޭނާ މި ކިޔަނީ އަނިޔާ ލިބުނު ކަމަށް ބުނާ އިތުރު ތިން މީހެއްގެ ވާހަކައެވެ. އޭގެ ތެރެއިން ދެމީހުންނަކީ ކުޑަކުދިންނެވެ.
އޭނާގެ ހިތް ނުތަނަވަސްވެ، ބިރުގަންނަން ފެށިއެވެ. އެ ހާދިސާ އާއި އޭނާއަށް ސްރީލަންކާގައި ދިމާވި ކަންތަކާ ގުޅުމެއް އޮތްކަމަށް ސުރުޚީތަކުން ސާފެއް ނުވެއެވެ. އޭނާއަށް އެކަން އެނގެއެވެ. އެއްވެސް ހެއްކެއް ނެތި އޭނާ އެފަދަ ތުހުމަތެއް ނުކުރާނެއެވެ. އެހެންނަމަވެސް، އެ ދެ ހާދިސާގެ އެއްގޮތް ކަންކަން އޭނާއަށް ނަގައިނުލެވޭހާ ސާފެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި، ރައްކާތެރި ތަނެއް ކަމަށް ހީކޮށް ދެވޭ އެއްވުންތަކާއި، މީހެއްގެ ނާޖާއިޒު ފައިދާ ނެގުމަށް ބަޔަކު މަސައްކަތްކޮށްފައިވުމުގެ ފުރުޞަތެވެ.
އޭނާގެ ނޯޓްފޮތް ހުޅުވައި، ހުސްކޮށް އޮތް ޞަފުޙާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، އަލުން ނޯޓްފޮތް ލައްޕާލިއެވެ.
މިފަހަރު، ލިޔާނެ އެއްވެސް އެއްޗެއް އޭނާގެ ހިތަކަށް ނައެވެ. އޭނާ ބޭނުންވަނީ ޖަވާބުތަކެވެ.
(ނުނިމޭ)
