“މަށަށް ހެވޭ… އަހަރެން މިދަނީ،” އޭނާ ފައުޒާ އަދި ލަޔިލްއަށް ބަލާލުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރުން ނިކުންނަން އުޅެފައި އޭނާ މަޑުކޮށްލާފައި އެނބުރި ބަލާލިއެވެ. އޭނާ ކިޔާމް ފަދަ އޯގާތެރި މޫނެއް ދައްކާލަމުން ބުންޏެވެ، “މިރޭ ކަލޭ ނިދާ ގަޑީގަ އަހަރެން އެނބުރި އަންނާނަން.”
“ނިކުމޭ!” އަހަރެން އެނދުމަތީގައި އޮތް ބާލީސް ނަގައި ދޮރާ ދިމާއަށް އެއްލީމެވެ. އޭނާ ދޮރު ލައްޕާލުމުން ބާލީސް ޖެހުނީ ދޮރުގައެވެ. “އުފް!” އަހަރެން ރުޅިއައިސްފައި ގޮސް ބާލީސް ނެގީމެވެ.
“ލިޔާމް އުޅުނު ގޮތުން ހީވީ…”
“އާނ،” ފައުޒާ ބުނަން އުޅުނު ވާހަކަ މެދުކަނޑާލަމުން ލަޔިލް ބުންޏެވެ. އަހަރެން ޝައްކުގެ ނަޒަރަކުން އެ ދެމީހުންނަށް ބަލައިލީމެވެ. އެ ދެމީހުންގެ މޫނުމަތީގައިވަނީ މަކަރުވެރި ހިނިތުންވުމެކެވެ.
“ކިހިނެއްވީ؟” އަހަރެން ކުއްލިއަކަށް ލަދުގަންނަ ގޮތްވިއެވެ.
“އޯހް، ކަމެއް ނުވޭ،” ފައުޒާ ކޮނޑު އަރުވައިލަމުން ބުންޏެވެ. “ހިނގާ ދާން.” އޭނާ ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި ލަޔިލް އޭނާގެ ފަހަތުން ދިޔައެވެ.
“މަޑުކޮށްބަލަ، އަހަރެން ހެދުން ބަދަލުކުރަން އެބަޖެހޭ،” އަހަރެން އަވަސްއަވަހަށް ބުނީމެވެ.
“އެނގޭ، އެކަމަކު އެތައް ދުވަހެއް ވަންދެން ތިލައިގެން އުޅޭ ބާ ހެދުންތައް ލައިގެން މިހާރު އުޅެވޭކަށް ނެތް،” ފައުޒާ ލޯ އަރުވައިލަމުން ބޭރަށް ނުކުތެވެ.
އަހަރެން ފުން ނޭވާއެއް ދޫކޮށްލުމުން ލަޔިލް މަޑުކޮށްލިއެވެ. އަދި އަހަރެންނާއެކު ހޯލަށް ނުކުތެވެ. އެ ބޮޑު ގަނޑުވަރުގެ ހޯލުތަކުގެ ތެރެއިން ހިނގަމުން ދިޔައިރު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
“ލަޔިލް، ކުރިން ތިޔަ ދެއްކި ވާހަކައިގެ މާނައަކީ ކޮބާ؟” އަހަރެން އެހީމެވެ.
“އެއީ، އާންމުކޮށް އަންހެން ކުދިންގެ ކައިރީގައި ލިޔާމް އެގޮތަކަށް ނޫޅޭނެ،” އޭނާ ކޮންމެވެސް ވަރަކަށް އުނދަގޫވެފައި ހުރެ ކިޔައިދިނެވެ.
“އާނ، އޭނާ އަންހެން ކުދިން ބޭނުންކުރަނީ… އޭނާ ބޭނުންވާ ކަމަކަށް – ޖިންސީ އެދުމެއް ފުއްދުމަށް ނުވަތަ ކާނާއަކަށް ނޫނީ ދެކަމަށްވެސް – އޭގެ ފަހުން އޭނާ ދަނީ. އޭނާ އެކުދިންނާ ސަކަރާތެއް ނުޖަހާނެ. އަދި ވާހަކަވެސް ދައްކަނީ ވަރަށް މަދުން،” ފައުޒާ ބުންޏެވެ.
“އެކަމަކު، އަހަރެންނާ މެދު ކަންތައް ކުރާ ގޮތް ތަފާތުވާނެ އެއްނު. އޭނާއަށް އަހަރެންނާއެކު ނިދޭކަށް ނޯންނާނެ، އަދި އަހަރެންގެ ލެޔެއްވެސް ނުބޮވޭނެ. ދޯ؟ ތިޔަ ކުދިންގެ ބައްޕަ އެކަން އޮތީ މަނާކޮށްފައެއްނު،” އެމީހުން ބުނަން އުޅޭ އެއްޗެއް މާ ބޮޑަށް ސާފުނުވާތީ އަހަރެން ބުނީމެވެ.
“ކަލެޔާއެކު ނުނިދޭނެއެކޭ ދުވަހަކުވެސް އަހަރެންގެ ބައްޕަ ނުބުނޭ،” ލަޔިލް އެއްލޯ މަރައިލަމުން ބުންޏެވެ.
“ލަޔިލް!” ފައުޒާ އޭނާގެ ގައިގައި ޖެހިއެވެ.
“ސޮރީ،” އޭނާ ހީލިއެވެ.
“ނޫން، ތިއީ ދޮގެއް،” ފައުޒާ ލޯ އަރުވައިލިއެވެ.
“އެއީ ތެދެއް،” އޭނާގެ ހިނިތުންވުން އިތުރަށް ފުޅާކޮށްލަމުން ބުންޏެވެ.
އަހަންނަށް ނުހީއެއް ނުހުރެވުނެވެ. “އެއީ މުހިންމު ކަމެއް ނޫން. އަހަރެންނަށް ކަލޭމެންގެ ތެރެއިން އެކަކާއެކުވެސް އެފަދަ ގުޅުމެއް ނުބޭއްވޭނެ. އެހެންވެއްޖެނަމަ އަހަރެން މަރާލެވޭނެ. އަހަރެމެންގެ ރަސްމަތިކަމުގަ ވެމްޕަޔަރުންނާ ގުޅުން ބޭއްވުމަކީ ސީދާ ގާނޫނީ ގޮތުން މަނާކަމެއް،” އަހަރެން ފުން ނޭވާއެއްލަމުން ބުނީމެވެ.
“ހާދަ ބޮޑު ކަމެކޭ،” ލަޔިލް ހައިރާންވެފައި ބުންޏެވެ. “ދެން…”
“އާނ، އަދި އެހެން ނޫނަސް ކަލޭގެ ބޭބެ އަހަރެންދެކެ ފޫހިވޭ… ދެން އޭނާ ކީއްވެ އަހަރެންނާއެކު ނިދަން ބޭނުންވާނީ؟” އަހަރެން އެހީމެވެ.
“ކޮން ބޭބެއެއް؟” ފައުޒާ ނުލަފާ ގޮތަކަށް ހިނިތުންވެލަމުން އެހިއެވެ.
“ތިޔަ ބުނީ ކީކޭ؟” އަހަރެން އޮޅުން އަރާފައި ހުރެ އެހީމެވެ.
“ކިޔާމްގެ ވާހަކަ މި ބުނީ،” އޭނާ ބުންޏެވެ. “އޭނާއަށް ‘ކިޔާމް’ ނޫން އެހެން ނަމަކުން މީހަކު ގޮވުމަށް އޭނާ ފުރުސަތެއް ނުދޭނެ. ހަމަ އަސްލަށޭ މި ބުނީ.”
“ދެން، ކަލޭ ކިޔާމްއަށް ވަނަމަކުން ގޮވާތީ ލިޔާމް އެހާ ބޮޑަށް ރުޅިއަންނަ އައުމަކީވެސް ފާހަގަކޮށްލެވޭ ކަމެއް. ފިރިހެން ކުއްޖަކު ކަލޭދެކެ ލޯބިވާކަމުގެ ދެ ނިޝާނަކީ މިއީ. އަހަރެން ހީކުރީ އަންހެން ކުދިންނަށް މިކަހަލަ ކަންކަން އެނގޭނެ ކަމަށް،” ލަޔިލް ބުމަ އަރުވައިލަމުން ބުންޏެވެ.
އެ އެއްމާބަނޑު ދެބެއިންވެސް އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ދެމީހުންވެސް؟ “ނޫން، ތިޔައީ މޮޔަ ވާހަކައެއް. ކިޔާމްއާއި އަހަރެންނަކީ ހަމައެކަނި ރައްޓެހިން. އަދި ލިޔާމްއާއި އަހަރެންނަކީ އެކަކު އަނެކަކު ބަރުދާސްތުނުކުރެވޭ ވަރުގެ ދެމީހުން. އެއީ އެކަން އޮތް ގޮތަކީ،” އަހަރެން ބުނީމެވެ.
“ނޫނީ ފަހަރުގައި ކިޔާމް ބޭނުންވަނީ އެކުވެރިކަމަށްވުރެ ބޮޑު ގުޅުމެއް ބާއްވަން ކަމަށްވެސް ވެދާނެ. އަދި ލިޔާމް ކަލޭ ދެކެ ރުޅިއަންނަނީ ކަލޭގެ ސަބަބުން އޭނާއަށް ކުރެވޭ އިހުސާސްތަކެއްގެ ސަބަބުން ކަމަށްވެސް ވެދާނެ. އަހަރެންނަށް ހީވަނީ އެއީ ވެދާނެ ގޮތެއްހެން،” ފައުޒާ ހިނިތުންވެލަމުން ބުންޏެވެ.
“އަހަންނަށް ހީވަނީ ތިޔަ ދެމީހުން ކަންކަމާ މާ ބޮޑަށް ވިސްނަނީހެން،” އަހަރެން ލޯ އަރުވައިލީމެވެ. ފައުޒާ އޭނާގެ ދަނބުކުލައިގެ ކޮޓަރިއަށް ވަދެ އަލަމާރިއާ ދިމާއަށް ސީދާ ދިޔައެވެ. ލަޔިލް އެނދުމަތީގައި އޮތް މަޖައްލާއެއް ނަގައިގެން އެ ހިފައިގެން އޮށޯވެލިއެވެ. އަހަރެން ސޯފާގައި އިށީނދެ ފުން ނޭވާއެއްލީމެވެ.
“މިހާރު އަހަރެމެން ހޯދަންވީ ކަމަކީ،” ފައުޒާ އަލަމާރި ތެރޭގައި ހުރެ ގޮވައިލިއެވެ، “ކަލޭ ހަގީގަތުގައި ލޯބިވަނީ ކާކުދެކެތޯ.”
“ކީކޭ؟” އަހަރެން ހައިރާންވެފައި އަނގަ ހުޅުވުނެވެ. “އަހަރެން އެކަކުދެކެ ވެސް ލޯތްބެއް ނުވަން.”
“އަހަރެމެން ތިކަން ގަބޫލެއް ނުކުރާނަން،” އޭނާ ބޭރަށް ނުކުންނަމުން ލޯ އަރުވައިލިއެވެ.
“ފައުޒާ، އަހަރެން ކުރިން ބުނި ވާހަކަ އަޑެއް ނީވޭތަ؟ ކަލޭގެ ބޭބެއަކާ ހިތާވުމަކީ މަރުގެ އަދަބު ލިބޭނެ ކަމެއް،” އަހަރެން އަދިވެސް ހުރީ ސިހިފައެވެ.
އޭނާ އެ ބުނީ ސީދާ ތެދަށް ހެއްޔެވެ؟ އަހަރެންނާއި އެ އެއްމާބަނޑު ދެބެއިންގެ ތެރެއިން އެކަކާ؟ މިއީ ހާދަ މޮޔަ ވާހަކައެކެވެ.
“އެހެންވީމާ ލިޔާމް ދޯ؟” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު އެހިއެވެ.
“ނޫން!” އަހަރެން ގާތްގަނޑަކަށް ހަޅޭއްލަވައިގަތީމެވެ.
“ވާވް، ބައެއް މީހުން މާ ބޮޑަށް ރެކެން އެބަ ކުޅޭ،” އޭނާ ބުންޏެވެ.
“އަހަރެން ރެކެން އުޅެނީކީ ނޫން،” އަހަރެން ރުޅިއައިސްފައި ބުނީމެވެ. “ކަލޭ ލިޔާމް ކައިރީ އަހާބަލަ، އޭނާ ކަލެއަށް ޖޯކްޖަހައި ހޭނެ.”
“އަހަރެންނަށް މި އިވެނީ ކަލޭ ދެރަވެފަ ހުރި އަޑުތަ؟” ލަޔިލް ސަކަރާތްޖަހަމުން ބުންޏެވެ.
“ޝަޓް އަޕް!” އަހަރެން ހަޅޭއްލަވައިގަތީމެވެ. “ތިޔަ ދެމީހުން ވަރަށް ފޫހި. މަށަށް ހީވަނީ މަގޭ ބާ ހެދުމުގަ ކޮޓަރީގަ އެކަނި އިނުންވެސް މާ ރަނގަޅުވާނެހެން،” އަހަރެން ސޯފާއިން ތެދުވީމެވެ. އެކަމަކު ފައުޒާ ވަގުތުން އަހަރެންގެ ކުރިމައްޗަށް އެރިއެވެ.
“ސޮރީ، އަހަރެމެން ދެން އުނދަގުލެއް ނުކުރާނަން،” އޭނާ މަޢާފަށް އެދޭ ފަދަ ރާގަކަށް ބުންޏެވެ.
“ތޭންކްސް،” އަހަރެން އެއްވެސް އިހުސާސެއް ނެތި ޖަވާބުދީފައި އަލުން އިށީނީމެވެ.
“ދެން ހެދުން ބަދަލުކުރަން ދޭ،” އޭނާ އަހަރެންގެ ގައިމައްޗަށް ހެދުންތަކެއް އުކާލިއެވެ.
އަހަރެން ތެދުވެ ފާހާނާއަށް ވަދެ އަވަހަށް ހެދުން ބަދަލުކުރީމެވެ. އެ ހެދުން ރީއްޗެވެ. އެކަމަކު އަހަރެން ހީވަނީ ‘ހިޕީ’ އެއް ހެންނެވެ. އަހަރެން ކަނާތް ފަރާތު ކޮނޑުމަތިން އިސްތަށިގަނޑު ގަތާލީމެވެ. އަދި ހުދުކުލައިގެ އިސްތަށިގަނޑުގައި މުށި އަދި އޮރެންޖު ކުލައިގެ މާ ޖެހި ބޭންޑެއް ބޮލުގައި އަޅާލީމެވެ. އެ ބޭންޑު އަހަންނާ ވަރަށް ގުޅެއެވެ. ގަދަ އޮރެންޖު ކުލައިގެ އަތްނެތް ޓޮޕް ކޮޅު އަހަރެންގެ މުށި ކުލައިގެ ހަމާ ވަރަށް ގުޅެއެވެ. ނަމަވެސް ބިމުގައި ދެމޭވަރުގެ ދޫ، މުށި ކުލައިގެ ދިގު ސްކާރޓް ލުމުން މުޅި ސިފަ މާ ބޮޑަށް ބަދަލުވެއްޖެއެވެ. ކުރިންވެސް ބުނި ފަދައިން، މިއީ ވަރަށް ލޯބި ހެދުމެކެވެ. އެކަމަކު އަހަރެން ހީވަނީ ހަމަ އަސްލުވެސް ހިޕީއެއް ހެންނެވެ. އަހަރެން މުށި ކުލައިގެ ލޭސް ޖެކެޓެއް ލައި، އަހަރެންގެ ފަޔަށް ވަރަށް އާދައިގެ ފައިވާނެއް މަހާލައިގެން ފާހާނާއިން ނުކުތީމެވެ.
“އަހަރެން ހީވަނީ ހިޕީއެއް ހެންދޯ،” ފާހާނާއިން ނުކުމެވުމާއެކު އަހަރެން ބުނީމެވެ.
“ކަލޭ ވަރަށް ލޯބި،” ފައުޒާ ރައްދުގައި ބުންޏެވެ.
“ލަޔިލް؟” އަހަރެން ޝަކުވާގެ ރާގަކަށް އޭނާއަށް ގޮވައިލީމެވެ.
“ޔޫ ލުކް ހޮޓް،” ލަޔިލް ޖަވާބު ދިނެވެ.
“ކަލޭގެ ބޮލުގަ ކޮތަޅެއް އެޅުވިޔަސް އޭނާއަށް ހީވާނީ ކަލޭ ހޮޓް ކަމަށް،” ފައުޒާ ލޯ އަރުވައިލަމުން ބުންޏެވެ.
“ތިޔައީ ތެދެއް ނޫން،” ލަޔިލް ދެކޮޅު ހެދިއެވެ. “އެހެން ހެދީމާ އޭނާގެ ރީތި ދެލޮލެއް ނުފެންނާނެ އެއްނު.”
“ދެޓްސް ސްވީޓް،” އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
“ހިނގާ ސައިބޯން ދާން،” ފައުޒާ ހިނިތުންވެލަމުން ބުންޏެވެ.
“މަޑުކޮށްބަލަ، އަހަރެން ލާނެ އެހެން އެއްޗެއް ދީބަލަ،” އަހަރެން ބާރުއެޅީމެވެ.
“ކީއްވެ؟ ކިޔާމް ނުވަތަ ލިޔާމްއަށް ކަލޭ ހިޕީއެއްގެ ސިފައިގައި ފެންނަން ބޭނުން ނުވަނީތަ؟” ފައުޒާ މަލާމާތުގެ ރާގަކަށް އެހިއެވެ.
“އުނހޫ، ހިނގާ ދާން،” އަހަރެން ފުން ނޭވާއެއްލަމުން ފައުޒާގެ ފަހަތުން ހިނގައިގަތީމެވެ. އަހަރެންގެ އެއްފަރާތުގައި ލަޔިލް ހުއްޓެވެ. އަހަރެމެން ތިރިއަށް ގޮސް ކާގެއަށް ވަނީމެވެ.
ނާސްތާއަށް ހުރީ ޕޭންކޭކާއި ސިރަޕްގެ އިތުރުން ގެރިކިރެވެ.
“ބަނޑުހައިވެފައިތަ؟” އިށީންނަމުން ފައުޒާ އެހިއެވެ.
“ކޮންމެވެސް ވަރަކަށް،” ލަޔިލް އިށީންނި ވަގުތު އަހަރެން ބުނީމެވެ.
ކުއްލިއަކަށް ބަދިގޭގެ ދޮރު ހުޅުވާލާފައި، އަހަރެންގެ ހަޔާތުގައިވެސް ދުށް އެންމެ ރަތްކުލަ ގަދަ ބުޅި އިސްތަށިގަނޑެއް ހުރި ކުޑަ އަންހެން ކުއްޖަކު ދުވެފައި ވަނެވެ. އެ ކުއްޖާގެ އިސްތަށިގަނޑު އޭނާގެ އުނަގަނޑާ ހަމައަށް ފައިބާފާ އޮތެވެ. އޭނާގެ އުމުރަކީ ހައެއް ނުވަތަ ދިހަ އަހަރެވެ. އޭނާގެ ސިފަ ވަރަށް ފުރިހަމައެވެ. އަދި ހަންގަނޑު ވަރަށް ދޮޮނެވެ. އޭނާ ހީވަނީ އިސްތަށިގަނޑު އަނދާފައި ހުރި ކުޑަކުޑަ ޕަރީއެއް ހެންނެވެ. އޭނާގެ ލޮލުގެ ކުލައަކީ އަހަރެން ދުށް އެންމެ ގަދަ ފެހި ކުލައެވެ. އޭނާ ވަރަށް ރީއްޗެވެ. ކުއްލިއަކަށް އޭނާ އައިސް އަހަރެންގެ ފައިގައި ބައްދާލިއެވެ.
އަހަރެން ހައިރާންވެފައި އޭނާއަށް ބަލައިލީމެވެ. އޭނާ ހީލުމުން އޭނާގެ ކުޑަ ދެ ދަތް ފެންނަން ހުއްޓެވެ. އޭނާ ލައިގެން ހުރީ ރީނދޫ ކުލައިގެ ހެދުމެކެވެ. އޭނާ ހެމުން ދިޔަ އަޑު ހީވަނީ ރަނގަބީލެއްގެ އަޑު ހެންނެވެ.
“ހެލޯ؟” އަހަރެން އޭނާއަށް ބަލައިލާ ހިނިތުންވެލަމުން ބުނީމެވެ.
“ޝޫޝް!” އޭނާ ހެމުން އަހަރެންނަށް އިންޒާރު ދިނެވެ.
“އަމީލިއާ!” އޮމާން އަޑަކުން މީހަކު ގޮވައިލި އަޑު އިވުނެވެ. ދެން ކަޅު އިސްތަށިގަނޑެއް ހުރި ރީތި ފިރިހެން ކުއްޖަކު ދޮރުން ވަނެވެ. އޭނާއަކީ އިސްކޮޅުން ދިގު، ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ އުމުރު އަހަރެންގެ އުމުރާ ގާތްކުރާނެހެން ހީވެއެވެ. އޭނާގެ ލޮލުގެ ކުލައަކީ ފަނޑު ހޭޒަލް ކުލައެވެ. އޭނާގެ ސިފައާއި އަހަރެންގެ ފައިގައި ބައްދާލައިގެން ހުރި ކުއްޖާގެ ސިފައާ އެއްގޮތް ކަމެއް ހުއްޓެވެ. އެ ކުއްޖާ އުފަލުން ހެމުން ދިޔައެވެ.
“ދާރީ އަކަށް އަހަރެން އަތުނުލެވޭނެ،” އޭނާ ސަމާސާ ކުރިއެވެ. “މި ރީތި އަންހެން މީހާ އަހަރެން ސަލާމަތް ކުރާނެ.”
އަހަރެން އެ ކުޑަ ލޭއިންސިއަށް ބަލައިލާ ހިނިތުންވެލަމުން ލަދުގަންނަ ގޮތްވިއެވެ. އަދި އޭނާގެ ބޭބެ ކަމަށް ބެލެވޭ މީހާއަށް ބަލައިލީމެވެ. އޭނާ ހުރީ ހައިރާންވެފައި އަހަރެންނަށް ބަލާށެވެ. ފައުޒާ އާއި ލަޔިލް ހަނު ތިބިކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެމީހުން ތިބިކަން އޭނާއަށް އަދި ފާހަގަނުކުރެވޭކަންވެސް އެނގުނެވެ.
“ދާރީއަށް ކަލޭ ނުހިފުނަސް އަހަރެން ހިފާނަން،” ލިޔާމް ދޮރުން ވަންނަމުން ބުންޏެވެ.
އަހަރެންގެ ނަޒަރު ވަގުތުން އޭނާއަށް ހުއްޓުނެވެ. އެވަގުތު ފައުޒާ، ލަޔިލްގެ ކަންފަތްދޮށުގައި ކޮންމެސް އެއްޗެއް ބުނުމުން ދެމީހުންވެސް ލާނެތް ގޮތަކަށް ހިނިތުންވިއެވެ.
“ލިޔާމް!” އެ ކުޑަ އަންހެން ކުއްޖާ ހަޅޭއްލަވައިގަނެ، ލިޔާމްގެ އަތުތެރެއަށް ދުވެފައި ވަނެވެ.
“އަހަރެން މޮޅުވެއްޖެ،” އޭނާ ހިނިތުންވެލަމުން ބުންޏެވެ.
“ނޫން! ދެޓްސް ނޮޓް ފެއަރ!” އޭނާގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން އެ ކުއްޖާ ޝަކުވާ ކުރިއެވެ.
“ލިޔާމް،” ފައުޒާ އޭނާގެ ސަމާލުކަން ހޯދުމަށް ގޮވައިލިއެވެ.
އޭނާ އިސްއުފުލައި އަހަރެންގެ ލޮލަށް ބަލައިލިއެވެ. “މީނދީ ކޮން ޖޯކަރެއް؟ ކުޑަކުއްޖާ، ކަލޭ ހީވަނީ ހިޕީއެއް ހެން،” އޭނާ ބުމަ އަރުވައިލަމުން ބުންޏެވެ.
“ފައުޒާ،” އަހަރެން ޝަކުވާ ކުރީމެވެ. “މިއީ ހުސް ކަލޭގެ ކަންތަކޭ.”
“ލިޔާމް ދެކޭ ގޮތާ މެދު ކަލޭ ކަންބޮޑުވާން ފެށީ ކޮން އިރަކު؟” އޭނާ ސުވާލު ކުރިއެވެ.
“މިފަހަރު އޭނާ ބުނި ބަސް ތެދަކަށްވީމާ،” އަހަރެން ޝަކުވާ ކުރީމެވެ.
ލިޔާމް، އަމީލިއާ ބިމުގައި ބަހައްޓަމުން އަހަރެންނަށް ބަލައިލިއެވެ. ދާރީ މަޑުމަޑުން ހީލިއެވެ.
“ލިޔާމް ބުނި ކޮން އެއްޗެއް ތެދަކަށް ވީ؟” ކިޔާމް އެތަނަށް ވަންނަމުން އެހިއެވެ.
“ވަރަށް ސަޅި،” ލިޔާމް އޭނާގެ ބޭބެއަށް ބަލައިލަމުން މަޑުމަޑުން ބުންޏެވެ.
އަހަރެން ކިޔާމް އާ ދިމާއަށް އެނބުރިލީމެވެ. “އަހަރެން ހީވަނީ ހިޕީއެއް ހެންނޯ.”
“އެއީ…”
“ޔާމް ވެސް އެ އެއްބަސްވީ،” އަހަރެން ޝަކުވާ ކުރީމެވެ. ފައުޒާ އާއި ލަޔިލް ހޭން ފެށިއެވެ.
“ވަރަށް ލޯބި ހިޕީއެއް،” ކިޔާމް ހީލަމުން ބުންޏެވެ.
އަހަރެން ލަދުގަނެ މޫނު ރަތްވިއެވެ.
“ކިޔާމް، ކަލޭގެ އޮޕީނިއަންއަކަށް އެކަކުވެސް ނާހާ،” ލިޔާމް ހަރުކަށިކޮށް ބުންޏެވެ.
ފައުޒާ ކަރުކެހިލުމަށްފަހު، އަހަރެންނަށް އެއްލޯ މަރައިލީ އެއީ އޭނާ ބުނި ވާހަކަ ސާބިތުވާ ކަމެއްކަން ދެއްކުމަށެވެ.
“ނޫން،” އަހަރެން ތުންތަޅުވާލަމުން އޭނާއަށް ބުނީމެވެ. ދެން އަހަރެން ލިޔާމްއާ ދިމާއަށް އެނބުރިލީމެވެ. “އަހަރެން ހީކުރީ ކަލޭ ބޭރަށް ދިޔައީ ކަމަށް،” އަހަރެން އަތް އުރާލަމުން ބުނީމެވެ.
“އަހަރެން ނިންމީ މަޑުކުރަން،” އެއީ އަހަރެން ބެހެންޖެހޭ ކަމެއް ނޫން ކަމަށް ބުނާ ފަދަ ރާގަކަށް އޭނާ ބުންޏެވެ. “ހަގީގަތުގަ އަހަރެން ބޭނުންވީ ކަލޭގެ ރުޅިގަދަ ޚިޔާލުތަކާ ޝަކުވާ ކުރާ ގޮތްގަނޑާ ދުރަށް ޖެހިލާ ހިތްހަމަޖައްސާލަން،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
“އެންމެ ރަނގަޅު، އަހަރެންވެސް ބޭނުމެއް ނޫން ކަލޭގެ ތި ޖެއްސުން ބޮޑު ގޮތްގަނޑާ އަލުން ކުރިމަތިލާކަށް،” އަހަރެން ރައްދު ދިނީމެވެ.
“އޭތް، ހަނުހުރޭ ކުޑަކުއްޖާ!” އޭނާވެސް ހަރުކަށިކަމާއެކު ރައްދު ދިނެވެ.
“ލިޔާމްބޭ! ތީ ވަރަށް އައްޗި ގޮތެއް،” އަމީލިއާ މެދުވެރިވިއެވެ.
“އާނ، އަމީލިއާ، ތިބުނީ ހަމަ ރަނގަޅަށް. އެއީކީ އެއްގޮތަކަށްވެސް ރީތި ގޮތެއް ނޫން،” ދާރީ އޭނާގެ ކުޑަ ކޮއްކޮއަށް ބަލައިލާ ހިނިތުންވެލަމުން ބުންޏެވެ. “މިއީ ކާކު؟” އޭނާ ލިޔާމްއާ ސުވާލުކުރިއެވެ. އެކަމަކު އޭނާ ބަލަމުން ދިޔައީ އަހަރެންނާ ދިމާއަށެވެ. “އޭނާއަކީ އިންސާނެއްކަން ސާފު.”
“އާނ،” ލިޔާމް ޖަވާބު ދިނެވެ. “އޭނާއަކީ ހަމަ އިންސާނެއް.” ލިޔާމް އަހަރެންނަށް ބަލައިލީ އަހަރެމެން މިދައްކާ ވާހަކައިގައި ބައިވެރިވުމަށް އިޝާރާތް ކުރާ ފަދަ ގޮތަކަށެވެ.
“އޭނާ ވަރަށް ރީތި،” އޭނާ ބުންޏެވެ.
“އަހަރެން މިތާ ހުއްޓާ، އަހަރެން ނެތް ކަމަށް ބަލައިގެން ވާހަކަ ނުދެއްކުން އެދެން،” އަހަރެން އުނދަގޫވެފައި ހުރެ ބުނީމެވެ. މިވަނީ ކީއްބާވައެވެ؟
“މައާފުކުރޭ، އަހަރެން އާދަވެފައެއް ނެތް ލޭއިންސިންގެ ގަނޑުވަރެއްގަ އިންސާނުންނާ ދިމާވާކަށް،” އޭނާ އަހަރެންގެ ޒާތްކޮޅު ބޮޑު ގޮތްގަނޑަށް ހިނިތުންވެލަމުން ބުންޏެވެ. “އެކަމަކު އަހަރެން އަހާލަން ބޭނުން، ކީއްވެގެންތޯ؟”
“އޭނާ އެ ހުރީ އަހަރެންނާއެކު،” ކިޔާމް އަވަސްއަވަހަށް ޖަވާބު ދެމުން އަހަރެންގެ ކައިރިއަށް ޖެހިލައި، އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަހަރެން ބޭރުފުށުން ހަމަޖެހިލައިގެން ހުރި ނަމަވެސް، އެތެރެހަށިން ހުރީ ހާސްވެފައެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އެ ބުނީ ތެދެއް ނޫންކަން އަހަރެންނަށް އެނގެއެވެ. މިއީ ކޮންމެވެސް ކަމެއް ދައްކަން ކުރާ ކަމެކެވެ. އަހަރެން ލިޔާމްއަށް ބަލައިލީމެވެ. އޭނާ ހުރީ “މިއީ ކޮން ކަމެއް ހެއްޔޭ” ބުނާ ފަދަ ގޮތަކަށް ކިޔާމް އަށް ބަލާށެވެ. އޭނާ އަހަރެންގެ މޫނަށް ބަލައިލީ އަހަރެންގެ ރިއެކްޝަން ހުރި ގޮތް ބެލުމަށެވެ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން، އޭނާ ނަޒަރު ބަދަލުކޮށްލާފައި ދާރީއަށް ބަލައިލިއެވެ. ދާރީވެސް ހުރީ ހައިރާންވެފައެވެ.
“ކަލޭގެ މައިންބަފައިން އެކަމަށް ހުއްދަ ދޭތަ؟” ދާރީ އޮޅުންއަރާފައި ހުރެ އެހިއެވެ.
“އަހަރެންނަކީ ދާރީމެން ފަދަ މަތީ މަގާމެއްގައި ހުރި މީހެއް ނޫން،” ކިޔާމް ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި ހުރެ ކިޔައިދިނެވެ.
“އަހަރެން ގަބޫލުކުރަން،” ދާރީ އަހަރެންނަށް ބަލައިލިއެވެ. “ކަލޭ ލޭއިންސިއަކާ ރައްޓެހިވާން ނިންމީ ކީއްވެ؟”
ކިޔާމް ވަގުތުން ނުތަނަވަސްވިއެވެ. އަހަރެން އޭނާއަށް ބަލައިލިއިރު، އޭނާ ހުރީ ކަންބޮޑުވެފައި އަހަރެންނަށް ބަލާށެވެ. މިކަމުގައި ބައިވެރިވާށެވެ. އަހަރެން ފުން ނޭވާއެއްލާފައި ކިޔާމްގެ ލޮލާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. އަހަރެންގެ ހަގީގަތް އެނގެން ނުޖެހޭ މީހެއްގެ ކުރިމަތީގައި ދޮގު ހަދަން އެންމެ ފަސޭހަވާނީ ކިޔާމް އަށް ބަލަން ހުރެގެންނެވެ. “އަހަރެމެން ރައްޓެހިވީއިރު އަހަރެންނަކަށް ނޭނގޭ. އޭނާ އެވާހަކަ ބުނުމުން އަހަރެން ކޮންމެވެސް ވަރަކަށް ބިރުގަތް، އެކަމަކު އޭރު އަހަރެންނަށް އޮތީ އޭނާދެކެ ލޯބިވެވިފަ،” އަހަރެން ދާރީގެ ލޮލަށް ބަލައިލަމުން ބުނީމެވެ. “ދެން އެއީ އެހާ ބޮޑު ކަމެއްވެސް ނޫނެއްނު.”
އަހަރެންގެ ވާހަކަ ގަބޫލުކުރެވުމުން ދާރީ ބޯޖަހާލިއެވެ. ކިޔާމް ހަމަޖެހިލިއެވެ. ލިޔާމް ކުރިއަށްވުރެ ބޮޑަށް ރުޅިއައިސްފައި ހުރިހެން ހީވެއެވެ. ފައުޒާ އާއި ލަޔިލް އަދިވެސް ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ.
“އޭނާގެ ވަސް ވަރަށް މީރު،” އޭނާ ލިޔާމްއަށް ބަލައިލާފައި ހީލަމުން ބުންޏެވެ.
“އެންމެ ރަނގަޅު، ދާރީ، މިހާރު ކަލޭ މިތަނުން ދާންވީ ވަގުތު ޖެހިއްޖެ،” ލިޔާމް ރުޅިއައިސްފައި އޭނާއާ ދިމާއަށް ބުންޏެވެ.
“ތިޔައީ ތެދެއް،” ދާރީ ފުން ނޭވާއެއްލަމުން އަމީލިއާ އުރާލިއެވެ. އޭނާ އަހަރެންނާ ދިމާއަށް އެނބުރިލިއެވެ. “ކަލޭގެ ނަން އަދި ނޭނގޭ.”
މިފަހަރު ބިރުގަތީ އަހަރެންނެވެ. ‘އަޒްމާރާ’ އަކީ އިންސާނުން ކިޔާ އުޅޭ ކަހަލަ ނަމެއް ނޫނެވެ. އަހަރެންގެ އަސްލު ނަން ބުނެފިނަމަ އޭނާއަށް އެނގިދާނެބާވައެވެ؟ އަހަރެން ފޭކު ނަމެއް ބުނަންވީބާވައެވެ؟ އަހަރެން އެހީތެރިކަމަށް އެދި ކިޔާމްއަށް ބަލައިލީމެވެ.
“އެއީ ސާރާ،” އޭނާ ދާރީއަށް ބަލައިލާ ހިނިތުންވެލަމުން ބުންޏެވެ.
އަހަރެން ހިތްހަމަޖެހުމުގެ ނޭވާއެއްލާފައި ދާރީއަށް ބަލައިލީމެވެ.
“ދަނީ، ސާރާ،” އޭނާ ހީލިއެވެ.
“ބާއި،” އަމީލިއާ ބުންޏެވެ.
“ބާއި،” އަހަރެން މަޖުބޫރުވެފައި ހުރެ ހީލަމުން ބުނީމެވެ.
ދެން އޭނާ އެނބުރިލާފައި ދޮރުން ނުކުމެގެން ދިޔައެވެ.
“ކޮ…” ކިޔާމް އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.
“އޭނާއަށް އަދިވެސް އަޑުއިވޭނެ،” އޭނާ ތުންފަތުގެ ހަރަކާތުން ބުނެފައި، އޭނާގެ ކަންފަތަށާއި ދޮރަށް އިޝާރާތް ކުރިއެވެ.
އަހަރެން ބޯޖަހާލުމުން އޭނާ އަތް ނެގިއެވެ.
އަހަރެމެން އެންމެން ހިމޭނުން ތިބީ، ދާރީ އެ ސަރަހައްދުން ދިޔަކަން ޔަގީންވަންދެންނެވެ.
އެންމެ ފުރަތަމަ އެކަން އެނގުނީ ލިޔާމް އަށެވެ.
“އޭނާ ހިނގައްޖެ،” އޭނާ ފުން ނޭވާއެއްލިއެވެ.
“މިއީ ކޮން ކަމެއް؟” އަހަރެން އަހާލީމެވެ.
“އަހަރެންވެސް ތިޔަ ސުވާލު ކުރަން ބޭނުން،” ލިޔާމް އޭނާގެ ބޭބެއަށް ބަލައިލާފައި ބުންޏެވެ.
“އަހަރެމެން އެންމެންވެސް ބޭނުންވަނީ ތިޔަކަން އޮޅުންފިލުވަން،” ލަޔިލް ކިޔާމްއަށް ބަލައިލިއެވެ.
“އައި ތިންކް، ކިޔާމް، މިހާރު އަޒްމާރާ ދޫކޮށްލިޔަސް އޯކޭވާނެހެން،” ފައުޒާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
އަހަރެން ލަދުގަނެ، ކިޔާމްއާ ދުރަށް ޖެހިލާފައި މޭޒުދޮށުގައި އިށީނީމެވެ.
“އަހަރެން ހާސްވީ. އިންސާނަކު މިތާ ހުންނަންޖެހޭ ސަބަބެއްގެ ގޮތުގައި މިއަށްވުރެ ރަނގަޅު ބަހަނާއެއް ދެއްކޭނެތަ؟ އޭނާއަކީ އަންހެނެއްނަމަ، އަހަރެން ބުނީހީ އޭނާ ހުރީ ފައުޒާއާއެކުގައޭ. އަޒްމާރާ، ކަލެޔަށް އުނދަގޫވިނަމަ މައާފަށް އެދެން،” ކިޔާމް އަހަރެންގެ ކައިރީގައި އިށީންނަމުން ބުންޏެވެ.
“އަހަރެންނަށް އެކަން ވިސްނުނު،” އަހަރެން ރަތްވެފައި ހުރެ ބުނީމެވެ.
ލިޔާމް އަހަރެންގެ އަނެއް ފަރާތުގައި އިށީނެވެ.
“ކަލޭ ވަރަށް މޮޅު،” ކިޔާމް ތައުރީފު ކުރިއެވެ.
“ނަމަވެސް ކަލޭގެ އަމިއްލަ ނަން ހަނދާން ނެތުނުހެން ހީވި،” ލިޔާމް ބުންޏެވެ. “އޭނާއަށް އެކަން ފާހަގަވިކަން އަހަރެންނަށް އެނގުނު.”
“އަހަރެންނަށް ނޭނގުނީ އަހަރެންގެ ނަން ބުނުން ރައްކާތެރިވާނެކަމެއް. އަޒްމާރާ އަކީ އާންމު އިންސާނީ ނަމެއް ނޫން. އަހަރެން ބިރުގަތީ…”
“އެއީ މައްސަލައެއް ނޫން،” ކިޔާމް އަހަރެންގެ އަތުގައި ފިރުމާލިއެވެ. “ކަލޭ ކުރި ކަންތައް ރަނގަޅު. ފަހަރުގައި އޭނާ ހީކުރީ ކަލޭ ބިރުގަތީ ކަމަށް. އިންސާނުން ލޭއިންސިން ދެކެ ބިރުގަންނާނެ،” ކިޔާމް ލިޔާމްއަށް ބަލައިލިއެވެ.
“ކަލޭމެން މިތާ ތިބިއްޔާ، އަހަރެމެން މިތަނަށް އެއްކުރި ސަބަބު އެނގޭނެ،” ދާމިން ވަނީއެވެ. އޭނާގެ ފަހަތުން ވެލީނާ ވެސް ވަނެވެ.
“އެއްކުރި ސަބަބޭ؟” ފައުޒާ އޮޅުންއަރާފައި އެހިއެވެ.
“އިށީނދޭ، އެންމެންވެސް އިށީނދޭ،” އެހެން ދޮރަކުން ވަދެގެން އައި އަލްޔާން ބުންޏެވެ.
ހުރިހާ ކުދިންވެސް އޮޅުންބޮޅުމެއްގެ ތެރޭގައި ތިބެ އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ރޯޒާ އައިސް އަލްޔާންގެ ކަނާތްފަރާތުގައި އިށީނުމުން އެންމެންވެސް ގޮނޑިތަކުގައި އިށީނެވެ. އަލްޔާން އިށީނީ މޭޒުގެ އިސް ސަފުގައެވެ.
އަހަރެން ވަށައިގެން ބަލައިލުމަށްފަހު ލިޔާމްގެ ލޮލާ ދިމާވިއެވެ. އޭނާ އަހަރެންނަށް ބުމަ އަރުވައިލިއެވެ. އަހަރެންގެ ހިތުގައި އޮތް ކުށްވެރިކަމުގެ އިހުސާސް އޭނާއަށް އެނގުނީ ބާވައެވެ؟
“އަހަރެން ތިޔަ އެންމެންނަށް އަންގަން ބޭނުންވާ ކަމެއް އެބައޮތް،” އަލްޔާން އަހަރެންނަށް ބަލައިލުމުން އަހަރެންވެސް އޭނާގެ ލޮލަށް ބަލައިލީމެވެ.
އޭނާ ބުނަން އުޅޭ އެއްޗެއް އަހަރެންނަށް ވަގުތުން އެނގުނެވެ.
“ނޫން… އަލްޔާން، ތިހެން ނުހަދާ،” އަހަރެން ސިހިފައި ބުނީމެވެ. “އަހަރެންގެ ހުއްދައަކަށްވެސް އަހާލަން ނުވިސްނަންތަ؟”
“އަޒްމާރާ،” ކިޔާމް ހައިރާންވެފައި ބުންޏެވެ. “ކަލޭ ތި ކުރަނީ ކީއް؟ ކިހިނެއް ތިވަނީ؟”
“އޭނާ ބޭނުމެއް ނުވޭ އަހަރެން ބުނާކަށް އެއީ…”
“ނޫން!” އަހަރެން ކޮޅަށް ތެދުވެ ހަޅޭއްލަވައިގަތީމެވެ. “އަހަރެން ތިކަމަކަށް އެއްބަހެއް ނުވާނަން!” އަހަރެން މޭޒުމަތީގައި އަތުން ޖެހީމެވެ. “އެމީހުން އަހަރެންނާ މެދު ތަފާތު ގޮތަކަށް ކަންތައް ކުރާކަށް އަހަރެން ބޭނުމެއް ނޫން.”
“ކުޑަކުއްޖާ، ކަލެޔަށް ކިހިނެއްވެގެން ތި އުޅެނީ؟” ލިޔާމް އަހަރެންގެ އަތުކުރީގައި ހިފިއެވެ. “އިށީނދޭ،” އޭނާ އަހަރެން އަލުން ގޮނޑީގައި ބޭންދިއެވެ.
“އޭނާއާ މެދު ކުޑަކުއްޖަކަށް ކަންތައް ކުރާހެން ކަންތައް ނުކުރޭ، އޭނާއަކީ ޝާހީ އާއިލާގެ މީހެއް!” އަލްޔާން ބާރަށް ބުންޏެވެ. އަދި ވަރުބަލިވެފައިވާ ފަދަ ގޮތަކަށް ފުން ނޭވާއެއްލިއެވެ. އެންމެންވެސް ބޮޑުވެފައިވާ ދެލޮލާއެކު އަހަރެންނަށް ބަލަން ތިއްބެވެ. އަހަރެން ދޭނެ ޖަވާބެއް ނޭނގުނެވެ.
“އަލްޔާން،” އަހަރެން އޭނާއަށް ބޯ ހޫރުވައިލީމެވެ.
“އޭނާ އެ ސަކަރާތް ޖަހަނީ ދޯ؟” ލިޔާމް އަހަރެންނަށް ބަލައިލިއެވެ.
އަހަރެން ކޮޅަށް ތެދުވީމެވެ. “ދެން އަލްޔާން، އެމީހުންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީތަ؟” އަހަރެން ރުޅިއައިސްފައި ބުނީމެވެ. “އެމީހުންނަށް ކިޔައިދޭން ނިންމީތަ، އަހަރެންނަކީ ޝާހީ އާއިލާގެ މީހަކަށް ވީތީ، މިތާ ހުންނަ ހުރުމުގެ ސަބަބުން އަހަރެން އެނބުރި ގައުމަށް ދާއިރު އަހަރެންނަށް އޮތީ މަރުގެ އަދަބުކަން؟ އެވާހަކަ ކިޔައިދޭން ނިންމީތަ؟” އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ.
“ނޫން އަޒްމާރާ، އަހަރެން އެހެން ބުނާކަށް ނޫޅެން،” އަލްޔާން މައާފަށް އެދޭ ފަދަ ރާގަކަށް ބުންޏެވެ.
“ކަލޭ ތިބުނީ ސީދާ ތެދަށްތަ؟” ލިޔާމް ކޮޅަށް ތެދުވެ އަހަރެންނާ ދިމާއަށް ބުންޏެވެ.
ލިޔާމްގެ ރުޅިއައިސްފައިވާ މޫނާއި ކިޔާމްގެ ކަންބޮޑުވެފައިވާ މޫނު ފެނުމުން، އަހަރެންނަށް ބުނެވުނު އެއްޗެއް އިހުސާސްވިއެވެ.
“އަހަރެން ތިޔަ އެއްވެސް މީހެއްގެ ބޮލުގައި އިލްޒާމް އަޅުވާކަށް ނޫޅެން،” އަހަރެން ވަގުތުން ދެރަވެފައި ބުނީމެވެ.
“ކިހިނެއް ނުވާނީ…” ލިޔާމް ކޮޅަށް ތެދުވިއެވެ.
“އެއީ ކަލޭމެންގެ ކުށެއް ނޫން،” އަހަރެން ޖަވާބު ދިނީމެވެ. “އަދި ފަހަރުގަ އެ ގަވާއިދު އަހަރެންގެ މައްޗަށް ނުވެސް ހިނގާފާނެ،” އަހަރެން ކޮނޑު އަރުވައިލީމެވެ.
“އެއީ ކީއްވެ؟” ކިޔާމް ސުވާލުކުރިއެވެ. އަހަރެން އޭނާއަށް ބަލައިލީމެވެ. އޭނާގެ ދެލޮލުން ފެންނަނީ ކަންބޮޑުވުމެވެ.
“އަހަރެންނަކީ ހުރިހާ އެލެމެންޓެއްގެ ބާރު ލިބިފައިވާ ހަމައެކަނި ކަނޑުރެއްސި. އެމީހުން އެ ބާރު ބޭކާރުކޮށްލާކަށް ބޭނުމެއް ނުވާނެ،” އަހަރެން ބޯ ހޫރުވައިލީމެވެ.
“ލަޔިލް، ކަލޭގެ ރައްޓެހިން މި ހޯދީ ވަރަށް ތަފާތު ކަނޑުރެއްސިއެއް ދޯ،” ރޯޒާ ހައިރާންވެފައި ބުންޏެވެ.
“އަހަންނަށް މާ ބޮޑަށް ރުޅިއާދެވުނީތީ މައާފަށް އެދެން،” އަހަރެން އަލްޔާންއަށް ބަލައިލީމެވެ. “ކަލޭ ކުރީބައިގަ މަގޭ ގާތު ބުނެލަންވާނެއެއްނު… އިންޒާރު ދޭންވާނެއެއްނު ދޯ!”
“މައާފުކުރޭ، އަހަރެންނަށް އެނގޭ ކަލޭ ދެކޮޅު ހަދާނެކަން. އެކަމަކު އެންމެންނަށް މި ހަގީގަތް އެނގެން ޖެހޭނެ ކަމަށް އަހަރެންނަށް ފެނުނީ. އެކަމަކު ހުރިހާ ކުދިންވެސް ހަނދާން ބަހައްޓަންވާނެ، މި ވާހަކަ އޮންނަންވާނީ ހަމައެކަނި މި ކޮޓަރީގެ ތެރޭގަ. ގަނޑުވަރުގެ އެހެން ތަނެއްގަ މި ވާހަކަ ދައްކާ އަޑު އިވިއްޖެނަމަ، އޭގެ ނަތީޖާ ހިތިވާނެ،” އަލްޔާން އިންޒާރު ދިނެވެ.
“އަހަރެން ބޭނުންވަނީ… އަހަރެން ބޭނުންވަނީ އެކަނި އިނދެ ވިސްނާލަން،” އަހަރެން އެނބުރިލާފައި ދޮރުން ނުކުތީމެވެ.
އަހަރެންނަށް ސިޑިއާ ހަމައަށް ދެވުނުއިރު ކިޔާމް އަހަރެންގެ ކައިރީގައި ހުއްޓެވެ.
“މައާފުކުރޭ، އަހަރެން ކަލޭ އެކަނި ބަހައްޓަން ބޭނުންވި ނަމަވެސް، ބައްޕަ ބޭނުމެއް ނުވޭ ކަލޭ މި ގޭތެރޭގަ އެކަނި އުޅޭކަށް،” އޭނާ ބުންޏެވެ.
“އެންމެ ރަނގަޅު ކިޔާމް،” އަހަރެން ސިޑިން މައްޗަށް އަރަމުން ބުނީމެވެ.
“އަދިވެސް އަހަރެން ދެރަވޭ،” އޭނާ ބުންޏެވެ.
“އަހަރެން ސާފުކޮށް ބުނެފިން… އެއީ ކަލޭގެ ކުށެއް ނޫން،” އަހަރެން އޭނާއަށް ބަލައިލަމުން ހިނިތުންވެލީމެވެ.
“އަހަރެންނަށް އަދިވެސް އިހުސާސް ކުރެވެނީ ވަރަށް ގިލްޓީކޮށް،” އޭނާ ލަދުވެތި ގޮތަކަށް ހިނިތުންވެލިއެވެ. “ކަލެޔަށް މިފަދަ ކަމަކާ ކުރިމަތިލާކަށް ނުޖެހޭ.”
“އަހަރެން މިތާ މި ހުރި ސަބަބު އެނގޭނަމަ އަހަރެންނަށް މާ ފަސޭހަވީސް،” އަހަރެން އިޚުލާޞްތެރިކަމާއެކު އޭނާއަށް ބަލައިލީމެވެ.
“އަހަންނަށް ހީވަނީ އެވާހަކަ ބުނުމުގެ ހުއްދަ މަށަކަށް ނެތްހެން. އަދި އޭގެ ޖަވާބު ކަލެޔަށް ކަމުދާނެ ކަމަކަށްވެސް އަހަރެންނަކަށް ނުފެނޭ،” އޭނާ ސީރިއަސްކަމާއެކު ބުންޏެވެ.
“އޯހް،” އަހަރެން އިސްދަށަށް ޖަހާލީމެވެ.
ކޮޓަރިއާ ހަމައަށް ދެވެންދެން އޭނާ އިތުރު ވާހަކައެއް ނުދައްކައެވެ.
“ކަލޭގެ ގައުމުގެ ގަވާއިދާ ޚިލާފުވެގެން މައްސަލައަކަށް ވާނީ ކޮން ކަމެއް ކުރީމަ؟” ކިޔާމް ސީރިއަސްވެފައި އެހިއެވެ.
“އެއީ… މަށަށް ހީވަނީ އަހަރެން ލޭއިންސިއަކު ދެކެ ލޯބިވެއްޖެނަމަހެން. އެކަމަކު އެހެން ވެއްޖެނަމަވެސް، ފަހަރުގައި އެމީހުން އަހަރެން ގަނޑުވަރުގަ ބަންދުކުރާނީ. އެއީ މުހިންމު ކަމެއް ނޫން… އަހަރެން ކަލޭމެންގެ ތެރެއިން މީހަކުދެކެ ލޯބިވީ ނަމަވެސް، ކަލޭމެންގެ ތެރެއިން އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވެއެއްނު،” އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
ކިޔާމްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. “ކަލޭ ތި ސަކަރާތް ޖަހަނީތަ؟” އޭނާ ލޯ އަރުވައިލިއެވެ.
“ކީއްވެ؟” އަހަރެން އޭނާއާ ދިމާއަށް އެނބުރި ހީލީމެވެ.
ކުއްލިއަކަށް އަހަރެން ފާރުގައި ޖެހުނެވެ. އަދި ކިޔާމް އަހަރެންގެ ކުރިމައްޗަށް އަރާ ހުރަސް އެޅިއެވެ. އޭނާގެ ފިނި ހަށިގަނޑު އަހަރެންގެ ހަށިގަނޑުގައި ޖެހުމުން އަރާމު އިހުސާސެއް ކުރެވުނެވެ. އަހަރެން ސިހިފައި އަހަރެންގެ ދެއަތް އޭނާގެ މޭމަތީގައި ބޭއްވީމެވެ.
“ކިޔާމް، ކަލޭ ތި ކުރަނީ ކީއް؟” އަހަރެން ސީރިއަސްކަމާއެކު އެހީމެވެ.
“ކަލޭ ހަގީގަތުގައިވެސް ގަބޫލުކުރަނީ އަހަރެންގެ ހިތުގައި ކަލެޔާ މެދު އިހުސާސެއް ނެތް ކަމަށްތަ؟” އޭނާ އަހަރެންގެ ކައިރީގައި މަޑުމަޑުން ބުންޏެވެ.
އަހަރެން ސިހިފައި ބުނީމެވެ، “ކަލެޔަށް އަހަރެން ރަނގަޅަށް ނުވެސް އެނގޭނެ.”
“އެއީ މުހިންމު ކަމެއްތަ؟ އަހަރެން ދެކޭގޮތުގައި ކަލެޔަކީ ހައިރާންކުރުވަނިވި ކުއްޖެއް،” އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ.
“ތިޔައީ ހަމަޖެހޭ ވާހަކައެއް ނޫން، ކިޔާމް، ޕްލީޒް،” އަހަރެން ދުރަށް ދާން މަސައްކަތް ކުރީމެވެ.
“އަހަރެންނަކަށް ހީއެއް ނުވޭ މިއީ އެއްގޮތަކަށްވެސް ހަމަނުޖެހޭ ވާހަކައެއްހެން،” އޭނާ ހީނލިއެވެ.
އޭނާ ލައިގެން ހުރި ތުނި ޓީޝާޓުގެ ދަށުން ފެންނަން އޮތް އޭނާގެ ފިނި މޭމައްޗާ އަޅާބަލާއިރު އަހަރެންގެ އަތްތިލަ ހީވަނީ އަލިފާންގަނޑެއް ހެންނެވެ. އަހަރެންގެ ކޯތާފަތް ރަތްވަމުން ދިޔަކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އޭނާ އެ ބުނީ ހަމަ ތެދަށް ބާވައެވެ؟ އޭނާގެ ހިތުގައި އަހަންނަށްޓަކައި މަގާމެއް އޮވެދާނެ ކަމަށް އޭނާއަށް ހީވަނީ ބާވައެވެ؟ އޭނާ އަހަރެންނާ އިތުރަށް ގާތްވަމުން ދިޔައެވެ. މިހާރު އޭނާގެ ތުންފަތް ވަނީ އަހަރެންގެ ތުންފަތާ އެންމެ އިންޗިއެއްހާ ދުރުގައެވެ. އެ ތުންފަތް ފެންނަނީ ވަރަށް މަޑުކޮށް، އަދި… ތަޖުރިބާކާރު ގޮތަކަށެވެ. އޭނާ ހުރި ގޮތާއި ވާހަކަ ދައްކާ ގޮތުން އޭނާގެ ކިބައިގައި އަމިއްލަ ނަފްސަށް އޮތް އިތުބާރު ފެނެއެވެ. އޭނާއާއި ލިޔާމްއަކީ އެހާ ތަފާތު ދެމީހުންނެއް ނޫނެވެ. އެކަމަކު ތަފާތަކީ ކިޔާމް އޭނާގެ މޮޅު ވާހަކަ ދައްކައި ފޮނި ނުކެނޑުމެވެ. އޭނާއަކީ ލިޔާމް ފަދައިން މަލާމާތްކުރާ މީހެއް ނޫނެވެ. ކިޔާމްގެ އަމިއްލަ ގޮތްތަކެއް ހުރެއެވެ.
“ކިޔާމް، އަހަރެން…” އަހަރެން ބޭނުންވީ މިކަން ކުރެވެން ނެތް ވާހަކަ ބުނާށެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަން ބުނާށެވެ. އެކަމަކު އޭނާއަށް އެއީ މުހިންމު ކަމެއްހެންނެއް ހީއެއް ނުވެއެވެ.
“ކަލެޔަކަށް ނުވާނެ…”
އަހަންނަށް އިތުރު ބަހެއް ބުނުމުގެ ފުރުސަތު ނުލިބެނީސް އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖެހިއްޖެއެވެ. އެއީ އޭނާގެ ހަށިގަނޑުގެ އެހެން ބައިތަކެކޭ އެއްފަދައިން ފިނި އަދި ހަރު ތުންފަތެކެވެ. އެކަމަކު އޭނާ އަހަރެންގެ ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. އޭނާގެ އެއް އަތް އަހަރެންގެ ބުރަކަށީގެ ތިރީގައި ބޭއްވިއެވެ. އޭނާގެ ފިނި، އޮމާން އަތް އަހަރެންގެ ހަންގަނޑުގައި ޖެހުމާއެކު އަހަރެން ސިހިފައި ނޭވާ ހިފަހައްޓާލެވުނެވެ. އަދި ބޮސްދިނުން މެދުކަނޑާލުމަށްފަހު އޭނާގެ ލޮލަށް ބަލައިލީމެވެ.
“ސޮރީ،” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ ނޭވާވެސް ވަނީ އަވަސްވެފައެވެ.
“އިޓްސް އޯކޭ،” އަހަރެން އޭނާގެ ގައިގައި ލެގިލަމުން ބުނީމެވެ. އެކަމަކު އަހަރެންނަށް މި ކުރެވެނީ ކީއްކަން އިހުސާސްވުމާއެކު އޭނާގެ މޭމަތީގައި އަތްއަޅައި ދުރަށް ޖައްސާލީމެވެ.
“ނޫން، މިއީ އެންމެ ރަނގަޅު ގޮތެއް ނޫން.”
“އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ،” އޭނާ ހިނިތުންވެލިއެވެ.
“ކިޔާމް، މިކަން ވެގެން ނުވާނެ. ކިޔާމް އަހަރެންދެކެ ލޯބިވެގެން ނުވާނެ،” އަހަރެން އާދޭސްކުރީމެވެ.
“މާ ލަސްވެއްޖެ،” އޭނާ މިހެން ބުނެފައި އަލުން އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ.
އަހަރެންވެސް އޭނާއަށް ރައްދު ދިނީމެވެ. އޭނާ އަހަރެންގެ ކޯތާފަތަށާއި، ދަތްދޮޅިއަށް، އަދި ކަރުދޮށަށް ބޮސްދެމުން ދިޔައެވެ. އަހަރެންގެ އަތް އޭނާގެ މޭމަތިން އޭނާގެ ކޮނޑުމައްޗަށް ބަދަލުކޮށްލީމެވެ.
އަދި ކުއްލިއަކަށް އަހަރެންނަށް އެ އިހުސާސް ކުރެވުނެވެ. އެއީ އޭނާގެ ދަތުގެ ފިނި އަދި އޮމާން އިހުސާސެވެ. އޭނާ އަހަރެންގެ ކަރުގައި ދަތް އެޅިއެވެ. އެއީ ކުޑަ ހިނދުކޮޅަކަށެވެ. އޭނާ ކުރެވުނު ކަންތައް އިހުސާސްވުމާއެކު ވަގުތުން ދުރަށް ޖެހިލިއެވެ. އެވަގުތު އޭނާގެ ދަތް އަހަރެންގެ ހަންގަނޑުގެ ތެރެއަށް ވަދެގެން ދިޔަ ވަގުތު އަހަރެންގެ މުޅި ހަށިގަނޑަށް ތަފާތު އިހުސާސެއް ކުރެވުނެވެ. އަހަރެން ސިހިފައި އަޑެއް ލައްވާލީމެވެ. އޭނާ ދުރަށް ދިއުމަށްފަހުވެސް އަހަރެން ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. އަހަރެން ލޯ ހުޅުވާލިއިރު ކިޔާމް ހުރީ އަހަރެންނާ ދިމާއަށް ގުދުވެގެންނެވެ. އޭނާގެ ދެލޯ ބޮޑުވެފައިވާއިރު ދަތްތައް ހުރީ ބޭރަށް ނުކުމެފައެވެ. އޭނާއަށް އަހަރެންގެ ކަރުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ.
“ކިޔާމް؟”
ކުއްލިއަކަށް އޭނާ އަނެއްކާވެސް އަހަރެންގެ ކަރުގައި ދަތް އެޅިއެވެ. މިފަހަރު ވަރަށް ބާރަށެވެ.
އަހަރެން ސިހިފައި އޭނާ ދުރަށް ޖައްސަން މަސައްކަތް ކުރީމެވެ. އެކަމަކު ތަދުގެ ބަދަލުގައި ލިބެން ފެށި އަރާމު އިހުސާސާއެކު އަހަރެން އޭނާގެ ގައިގައި ބައްދާލީމެވެ.
ދެން ފެނުނީ އޭނާ މަޖުބޫރުވެގެން އަހަރެންނާ ދުރަށް ދިޔަ ތަނެވެ.
އޭނާ ހޯލުގެ އަނެއް ފަރާތަށް ގޮސް ފާރުގައި ލެނގިލިއެވެ. އޭނާ ހުރީ ސިހިފައެވެ.
އަހަރެން ވަގުތުން އަހަރެންގެ ކަރުގައި އަތް އެޅީމެވެ. ހޫނު ދިޔައެއް އޮހެމުންދާކަން އިހުސާސްވުމުން އަހަރެން ބިރުގަތެވެ.
“ކިޔާމް، ކަލޭ ތި ކުރީ ކީއް؟” އަހަރެން ހައިރާންވެފައި އެހީމެވެ.
“އަހަރެން… އައިއޭމް ސޯ ސޮރީ. އަހަރެން ގަސްތުގައެއް ނޫން… އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނު. އަޒްމާރާ؟” އޭނާ އަހަރެންގެ ބިރުގަނެފައިވާ ދެލޮލަށް ބަލައިލާފައި ދުރަށް ޖެހިލިއެވެ. “އަހަރެންދެކެ ބިރުނުގަނޭ،” އޭނާ އަހަރެންގެ ކައިރިއަށް އަންނަން މަސައްކަތް ކުރަމުން އާދޭސްކުރިއެވެ.
“ނޫން!” އަހަރެން ބާރަށް ބުނަން މަސައްކަތް ކުރީމެވެ، އެކަމަކު ނުކުތީ މަޑު އަޑެކެވެ. “އައޭމް އޯކޭ އޭ، ހަމައެކަނި އަހަރެންނާ ދުރުގައި ހުރޭ،” އަހަރެން އިންޒާރު ދިނުމަށްފަހު ދުވެފައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ.
އަހަރެން އަވަހަށް ދޮރު ހުޅުވާލުމަށްފަހު ވަދެ ބާރަށް ދޮރު ލެއްޕީމެވެ. އަދި ދޮރުގައި ބުރަކަށި ޖައްސައިގެން އިނދެ ބިމަށް ތިރިވީމެވެ. އެވަގުތު އިސްއުފުލާ ބަލައިލިއިރު މުޅި ތަނުން ފެންނަނީ ގަދަ ނޫކުލައެވެ. ކިޔާމް އަހަރެންގެ ކަރުގައި ދަތް އެޅިލެއް ބާރުކަމުން ލޭތައް ދިޔައީ ވަރަށް ބާރަށް އޮހެމުންނެވެ. އަހަރެން ބޭނުންވީ އެތަން ނިވާކުރާނެ އެއްޗެކެވެ. ފަސޭހަވުމަށްޓަކައި އަހަރެން ބޭނުންވީ ގުދުރަތީ ފެނެވެ. އެކަމަކު އަހަރެންނަށް ފެންނަނީ ހަމައެކަނި އެ ނޫކުލައެވެ… ރަތްކުލައެއް ނޫނެވެ. މިއީ އަހަރެންގެ ކޮޓަރިއެއް ނޫނެވެ. އަހަރެންނަށް މި ވަދެވުނީ ކޮންމެވެސް އެހެން ލޭއިންސިއެއްގެ ކޮޓަރިއަށެވެ. އަދި އަހަރެންގެ ކަރުން މިދަނީ ވަރަށް ބޮޑަށް ލޭ އޮހެމުންނެވެ.
މިހާރު އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ!
— ނުނިމޭ —
