ބަދަލުވަމުންދާ ޖަޒުބާތުތައް
ވައިރޯޅިއާއެކު ކިޔާރާގެ ކާޑިގަން ހޫރެމުންދާއިރު، ކުރިން ރީތިކޮށްލި އިސްތަށިގަނޑުން ބައެއް އިސްތަށިތައް ވަނީ މޫނުމައްޗަށް ފައިބާފައެވެ. އޭނާ އެ ގެއަށް ބަލަމުންދިޔައީ ތަޢުރީފުކުރާކަށް ނޫނެވެ. އެއީ ކިހާ އަގުބޮޑު ތަނެއްތޯ ބަލާކަށް ވެސް ނޫނެވެ. އޭނާ ބަލަމުންދިޔައީ ގޭގެ ދޮރު ހުރި ދިމާއެވެ. އޭނާ އައި މަސައްކަތް އަވަހަށް ފެށޭނެ ގޮތެކެވެ.
ޒިމާންގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ.
“އެންމެ ފަހުން އޭނާ އަތުވެއްޖެ.” އޭނާ މަޑުމަޑުން ބުނެލިއެވެ.
އޭނާގެ ފަހަތުގައި، އެންޒޯ ހުރީ ދޮރުގައި ލެނގިލައިގެންނެވެ.
ކާރު އެތެރެއަށް ވަނީއްސުރެ އޭނާ ހުރީ ވަރަށް ހިމޭނުންނެވެ. އެއީ ބުނާނެ އެއްޗެއް ނެތީމައެއް ނޫނެވެ. އެކަމަކު އޭގެ އިދިކޮޅެވެ.
އޭނާ ޒިމާން ދަންނަތާ ވިހި އަހަރު ވެއްޖެއެވެ. އޭނާއަށް އަންނަ ކުދިކުދި ބަދަލުތައް ވެސް ދެނެގަންނަން އެންޒޯއަށް އެނގެއެވެ. ޒިމާންގެ ހިމޭންކަން މިހާރު ތަފާތެވެ. އެއީ ފަރުވާކުޑަވުމެއް ނޫނެވެ. ނުވަތަ ރުޅިވެރިކަމެއް ވެސް ނޫނެވެ. އެއީ.. ފުން ވިސްނުމެއްގައި ހުރިކަމުގެ ނިޝާނެކެވެ.
މިކަން ފެށުނީ އެރޭ ބަހުގައި ދިޔަ ދަތުރަށްފަހުއެވެ. އިމަޖެންސީގައި ކަންތައް ހިނގި ގޮތަށްފަހު އެކަން އިތުރުވިއެވެ. އަދި ހަމަލާދިން މީހާ ހުއްޓުވުމުގައި ކިޔާރާ އެއްވެސް ޖެހިލުމެއްނެތި ކުރި މަސައްކަތުގެ ވާހަކަ އިވުމުން އެ އިޙުސާސްތައް ވަނީ އިތުރަށް ފުންވެފައެވެ.
މިވީ އަހަރުތަކުގައި ޒިމާންގެ ސަމާލުކަން ހޯދަން މަސައްކަތްކުރި އެތައް ބަޔަކު އެންޒޯ ވަނީ ދެކެފައެވެ. ބައެއް މީހުން ބޭނުންވީ ނުފޫޒެވެ. އަނެއް ބަޔަކު ފައިސާއެވެ. އަނެއް ބަޔަކު ބޭނުންވީ އޭނާ ފަދަ ނަން މަޝްހޫރު މީހަކާ ގާތްކަމެއް އޮތްކަން ދައްކާށެވެ.
އެކަމަކު އެއިން އެކަކަށް ވެސް ޒިމާންގެ ޝައުޤުވެރިކަމެއް ނުލިބުނެވެ. ނަމަވެސް މި ޒުވާން ނަރުސް ކުއްޖާ.. އޭނާ އެއްވެސް އިރަކު އެފަދަ ކަމަކަށް މަސައްކަތެއް ނުކުރެއެވެ. ޒިމާންގެ ކޮނޑުގައި ބޯއަޅައިގެން ނިދުނީތީ އޭނާ މައާފަށް އެދުނެވެ. އޭނާއަށް ފަރުވާ ދިނީ އެހެން ކޮންމެ ބަލިމީހަކަށް ވެސް ދޭ ފަދަ އާދައިގެ ގޮތަކަށެވެ. ޒިމާންއާ ވާހަކަދެއްކީ ވަރަށް ސާދާކޮށް، އަދި އިޚުލާސްތެރިކަމާއެކުގައެވެ. އެންމެ މުހިންމު ކަމަކީ.. އޭނާ ޒިމާންއަށް ބެލީ ބިރުވެރިކަމަކާއެކު ނުވަތަ މާ ބޮޑު މީހަކަށް ހަދައިގެންނެއް ނޫނެވެ. އޭނާ ބެލީ އެހީތެރިކަން ބޭނުންވެފައިވާ އިންސާނެއްގެ ގޮތުގައެވެ. އެންޒޯއަށް އެކަމުގެ މުހިންމުކަން ވިސްނެއެވެ.
ކުޑަދޮރުން ނަޒަރު ވަކިނުކޮށް ހުރެ އެންޒޯ ބުންޏެވެ.
“ތިތާ ހުންނަތާ މިހާރު ފަސް މިނެޓު ވެއްޖެ.”
“އެނގޭ.” ޒިމާން ޖަވާބުދިނެވެ.
“ބޭރަށް ގޮސް ބައްދަލުކުރަންވީނު.”
“މިދަނީ، އިރުކޮޅަކުން.”
އެންޒޯ އަމިއްލައަށް ހިނިތުންވެލިއެވެ.
“މިނިސްޓަރުންނާ ބައްދަލުކުރަން އޮންނަ ވަގުތުތައް ވެސް އެއްވެސް ޖެހިލުމެއްނެތި ފަސްކުރާ މީހަކު، ނަރުސް ކުއްޖަކާ ބައްދަލުކުރަން ނުކެރިގެން ތި ހުންނަނީ ކީއްވެ؟”
ޒިމާން އޭނާއަށް ކަޅިއެއް އެއްލިއެވެ.
“މަށަށް ނުކެރިގެންނެއް ނޫން.”
“އެހެންތަ؟”
“އާނ.”
“ދެން ކީއްވެ ތިހާ ލަސްވަނީ؟”
ޒިމާން އަނެއްކާވެސް ބަގީޗާއާ ދިމާއަށް ބަލާލިއެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު އޭނާ ބުންޏެވެ.
“މިއީ ހަމައެކަނި ބަލިމީހަކު ބަލަން އައި ޒިޔާރަތެއް ނޫން އެހެން ކަމެއް ކަމަށް އޭނާއަށް ހީވާކަށް މަ ބޭނުމެއް ނޫން.”
“ބަލިމީހާގެ ހާލަތު ބަލައިލުން.”
“ހަމަ ރަނގަޅަށް ބުނެފި.”
އެންޒޯގެ ހިނިތުންވުން ފުންވިއެވެ.
ޒިމާން އެ ބުނި ޖަވާބަކީ މުޅި ހަޤީޤަތް ނޫންކަން އޭނާއަށް އެނގެއެވެ. އޭގެ ފަހަތުގައި އެހެން ކަމެއް ވެއެވެ. މާ ހިމޭން ކަމެކެވެ. ޒިމާންއަށް ވެސް އަދި ބަހުން ބުނެދޭން ނޭނގޭ ކަމެކެވެ. ޝައުޤުވެރިކަމެވެ. އިޙުތިރާމެވެ. އޮޅުންފިލުވަން ބޭނުންވުމެވެ. ފަހަރުގައި މި ތިން ކަމެވެ.
އެއީ ހަމައެކަނި ހިތްކިޔުމެއް ނޫނެވެ. ނުވަތަ މޮޔަވުމެއް ވެސް ނޫނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އިޙުސާސް ނުކުރެވޭ ފަދަ، އޭނާގެ ރޫހުގެ ފުންމިނަށް އަސަރުކުރުވި ބައްދަލުވުމެކެވެ. އެއީ އެއްވެސް ބަދަލަކަށް އެދުމެއްނެތި، އިންސާނިއްޔަތުކަމާއެކު ދެއްކި އޯގާތެރިކަމެއްގެ ސަބަބުން އުފެދުނު ކަމެކެވެ.
އެކުގައި އުޅުނު މިވީހާ ދުވަހު، މިފަދަ ކަމެއް ޒިމާންގެ ފަރާތުން ފެނިފައި ނުވާތީ، އެންޒޯއަށް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
“ބޮސް..”
ޒިމާން އޭނާއަށް ބަލާލިއެވެ.
“އަހަރެން ހައިރާންވާ ކަމެއް އެބައޮތް.”
“ކޮން ކަމެއް؟”
“މިއަށްވުރެ މާ ރީތި މީހުންނާ ބޮސް ބައްދަލުކޮށްފި.”
ޒިމާން އެއްވެސް ޖަވާބެއް ނުދެއެވެ.
“މިއަށްވުރެ މާ މުއްސަނދި މީހުން.”
ޒިމާން ހިމޭނުން ހުއްޓެވެ.
“މިއަށްވުރެ މާ ކާމިޔާބު މީހުން.”
އަނެއްކާވެސް ހިމޭންކަމެވެ.
“އެކަމަކު ވެސް..”
ގާ މަގުން މަޑުމަޑުން ހިނގާފައި އަންނަ، އަދި މީހަކު ބަލަން ހުރިކަން ނޭނގޭ އެ އަންހެން ކުއްޖާއާ ދިމާއަށް އެންޒޯ ބޯ ޖަހާލިއެވެ.
“އެއިން އެކަކަށް ވެސް ބޮސް މިގޮތަށް ކުޑަދޮރު ކައިރީގައި ނުބެހެއްޓޭ.”
އެ މެންދުރުފަހު ފުރަތަމަ ފަހަރަށް ޒިމާން ހީނލިއެވެ. އެއީ މަޑުމަޑު، ކުރު، ނަމަވެސް އިޚުލާސްތެރި ހިނިތުންވުމެކެވެ.
“ތިއީ ތެދެއް ކަމަށް ވެދާނެ.”
ތިރީގައި، ކިޔާރާ ގޭގެ ސިޑިއާ ހަމައަށް ފޯރައިފިއެވެ. އޭނާ އެ ރީތި ލަކުޑި ދޮރަށް ބަލާލުމަށްފަހު، އެންމެ ފަހު ފަހަރަށް އަމިއްލަ ނަފުސަށް ހަނދާންކޮށްދިނެވެ. އެންމެ ފުރަތަމަ މަސައްކަތެވެ. އެހެން ހުރިހާ ކަމެއް އޮތީ އޭގެ ފަހަތުގައެވެ.
އަދި އޭނާ މިއައީ ފަސޭހަވަމުންދާ ފާރުގަނޑެއް ބަލަން ކަމުގައި ވިޔަސް.. ދެން މި ފެށޭ ބައްދަލުވުމަކީ، އެއްވެސް ބޭހަކުން ނުވަތަ ފޮތިގަނޑަކުން ފަސޭހަނުކުރެވޭނެ ފަދަ ޒަޚަމްތަކެއް ހާމަވެގެންދާނެ ބައްދަލުވުމެއްކަން ވެސް އޭނާއަކަށް ނޭނގެއެވެ. އޭގެ ތެރެއިން ބައެއް ޒަޚަމްތަކަކީ ހަށިގަނޑުގައި ހުރި ޒަޚަމްތަކެވެ. އަނެއް ބައި ޒަޚަމްތައް ހުރީ.. ރޫހުގެ މާ ފުންމިނުގައެވެ.
އެ ބޮޑު ގަނޑުވަރުގެ ދޮރުމައްޗަށް އަރަން ހުރި ހިލަ ސިޑިބަރީގެ ފައިމަތީގައި މަޑުކޮށްލައިގެން ހުރިއިރު، ކިޔާރާއަށް އޭނާގެ ހިތުގައި އުފެދެމުންދިޔަ އާދަޔާ ޚިލާފު އިޙުސާސްތަކެއް އަނެއްކާވެސް ތަޖުރިބާކުރަން ޖެހުނެވެ. އެއީ އޭނާ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް، މުޅި ހިތާއި ރޫހަށް ފެތުރެމުންދިޔަ ހިތްގައިމު އަދި މަޑުމޮޅި އިޙުސާސެކެވެ. ފަތިހުގެ އިރުގެ ރަން ދޯދިތައް ފަދައިން، އޭނާގެ ހިތުގެ އެންމެ ފުންމިނުގައި އެތައް އަހަރެއް ވަންދެން ހިމޭނުން އޮތް ކަނެއް އެ އިޙުސާސްތަކުން ދިރުވައިފިއެވެ.
އޭނާގެ ނަން ކޮންމެ ފަހަރަކު އިވޭހިނދު، ކިޔާރާގެ ރޫހުގެ ތެރެއިން އާދަޔާ ޚިލާފު ލޮޅުމެއް އުފެދެއެވެ. މިއީ އޭނާއަށް ދެނެގަންނަން އުނދަގޫ، އަދި ކޮންޓްރޯލްކުރަން ނޭނގޭ އިޙުސާސެކެވެ. އެކަމާ އޭނާ ބިރުގަންނަ މިންވަރަށް، އެކަމަށް ޝައުޤުވެރިވެސް ވެއެވެ.
އަންހެނުން ލޯބީގެ އެންމެ ފުރަތަމަ މަރުހަލާ ސިފަކުރަނީ މިފަދައިން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެއީ ބޮޑެތި ވަޢުދުތަކަކުން ނުވަތަ އިޢުލާނުތަކަކުން އުފެދޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހިތުގެ ދޮރު ހުޅުވުނުކަން ސިކުނޑިއަށް ރޭކާލުމުގެވެސް ކުރިން، ނުޤަބޫލުގައި ނަމަވެސް ހިތުގެ ތެރޭގައި ވަޒަންވެރިވާ މަޑުމޮޅި އިޙުސާސެކެވެ. އެ ބީރައްޓެހި މީހާއާ ދިމާއަށް އޭނާގެ ހިތް ދަމަމުންދިޔައީ ފެންނަން ނެތް ވަރުގަދަ ބާރަކުންނެވެ. އެއީ ބުއްދިއަށް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، އެ މަޑުމައިތިރި ދެލޯ ސިފަވާ ކޮންމެ ފަހަރަކު، ނުވަތަ އެ ބަރު އަޑު ކަންފަތުގައި ގުގުމާލާ ކޮންމެ ހިނދެއްގައި، އޭނާގެ ހިތް ނުތަވަސްކަމާއެކު ތެޅިގަނެއެވެ. ވާރޭގެ ތެރޭގައި އެ ބަހުގައި ދަތުރުކުރިއިރު، އެމީހާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ހަނދާން އާވުމުން، މީގެ ކުރިން ދުވަހަކުވެސް އިޙުސާސް ނުކުރެވޭ ފަދަ އާދަޔާ ޚިލާފު ފޮނިކަމެއް އޭނާއަށް ލިބެއެވެ.
ނަމަވެސް، ވަގުތުން އޭނާގެ އަމިއްލަ ނަފުސަށް ހަނދާންކޮށްދިނެވެ.
“ކިޔާރާ، ތިކަން ހުއްޓާލާ.”
“ހަޤީޤަތާ ކުރިމަތިލާ.”
“ކަލޭ ކަހަލަ އަންހެން ކުދިންނަށް ފުލޯކު ވާހަކަތަކުން ޖާގައެއް ނެތް.”
އޭނާ އިސްދަށަށް ޖަހާލީ، އަމިއްލަ ޚިޔާލުތަކާމެދު ލަދުގަތް ވަރުންނެވެ. އޭނާއާ ދިމާއަށް އެ ފަދަ ނަޒަރަކުން ބަލާނީ ކާކު ހެއްޔެވެ؟ އޭނާ ބޮޑުވަމުން އައިއިރު، އޭނާއަކީ ފިރިހެން ކުދިން އެކުއްޖެއްގެ ވާހަކަ ދައްކާ ނުވަތަ ފަހަތުން އަންނަ ކަހަލަ ރީތި ކުއްޖެއް ނޫނެވެ. އޭނާއަކީ އަބަދުވެސް އިސްކޮޅުން ދިގު، ހަށިގަނޑު ބޮޑު ފަލަ މީހެކެވެ. މީހުންނަށް އޭނާގެ ނަން އެނގުމުގެ ކުރިން ފާހަގަވަނީ އޭނާގެ ބަރުދަނެވެ. އޭނާގެ ހިނިތުންވުމަށްވުރެ ބޮޑަށް މީހުންގެ ލޮލުގައި އަޅަނީ އޭނާގެ ހަށިގަނޑެވެ.
އޭނާގެ ކިބައިގައި ހުންނަ ހެޔޮކަމަށްވުރެ ބޮޑަށް މީހުން ހަނދާން ހުންނަނީ އޭނާ ހުންނަ ސިފައެވެ. މީހަކު ތައުރީފެއް ކޮށްލިޔަސް، އެއީ އަބަދުވެސް ކޮންމެވެސް އުނިކަމަކާ ގުޅުވައިގެން ކުރާ ކަމެކެވެ.
ޒަމާނުއްސުރެ އޭނާގެ ހިތުގައި ބަދަލުނުކުރެވޭ ފަދަ ޔަޤީންކަމެއް އޮވެއެވެ. އެއީ، ލޯތްބާއި ކުލުނަކީ އޭނާ ފަދަ މީހުންނަށް އޮތް އެއްޗެއް ނޫން ކަމެވެ. އެއީ ފެންނަ ފެނުމަށް ރީތި، މީހުންގެ ސަމާލުކަން ހޯދާ، އަދި ލޯގަނޑު ކުރިމަތީގައި ހުންނައިރު އަމިއްލަ ނަފުސަށް އިތުބާރު އޮންނަ އަންހެނުންނަށް ޚާއްޞަ އެއްޗެކެވެ.
މި ވިސްނުން އޭނާގެ ހިތުގައި އަށަގަނެފައި ހުރިލެއް ބޮޑުކަމުން، މީހަކު އޭނާއާ ދޭތެރޭ ހަޤީޤީ މާނައިގައި ވިސްނާފާނެކަމުގެ އުންމީދު އޭނާ ވަނީ މާކުރިން ދޫކޮށްލާފައެވެ.
އޭނާގެ ހިތުގައި އުފެދެމުންދިޔަ އެ އާދަޔާ ޚިލާފު އިޙުސާސްތަކުން އޭނާއަށް އުނދަގޫވަނީ އެހެންވެގެންނެވެ. އެއީ ހަމައެކަނި ޒިމާންއާމެދު ވިސްނޭތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެއްވެސް މަސައްކަތަކާ ނުލައި، ޒިމާން އޭނާ ބަލައިގަތް ގޮތުންނެވެ. ބަރުދަން އިތުރު ނަރުހެއްގެ ގޮތުގައެއް ނޫނެވެ. އަބަދު މާފަށް އެދޭ، ފިނޑި އަންހެނެއްގެ ގޮތުގައެއްވެސް ނޫނެވެ. މީހުންގެ ތެރޭގައި އުޅެން ނޭނގޭ މީހެއްގެ ގޮތުގައެއްވެސް ނޫނެވެ. ހަމައެކަނި.. ކިޔާރާގެ ގޮތުގައެވެ.
އެ އިޙުސާސް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވީ، އެތައް އަހަރެއް ވަންދެން ފަސްގަނޑުގެ އަޑީގައި ވަޅުލެވިފައި އޮތް އުންމީދުގެ މަލެއް ފޮޅެން ފެށި ފަދައިންނެވެ. އެއީ ލޯބީގެ ފެށުން ކަމެއް، ނުވަތަ އެތައް ދުވަހެއް ވަންދެން ހިމޭނުން އޮތް ހިތެއް ހޭލައިގަތީ ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އެނގޭހާވެސް ކަމަކީ، އޭނާގެ ރޫހުގެ އެންމެ ފުންމިނުގައި، ނުހަނު ރީތި ކަމެއް ފެށިއްޖެ ކަމެވެ.
(ނުނިމޭ)
