ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބައެއް ދިވެހީންގެ މި ގޮތްގަނޑު ކަނޑުވައިލާނީ ކޮން ދުވަހަކުންބާ؟
ސްވިމިން ޓްރެކެއްގައި ބަޔަކު މަސް ބާނަނީ / އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް

ރަށު ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ގާއިމުކޮށްފައިވާ ‘ސްވިމިން ޓްރެކް’ އަކީ، މޫދަށް އެރި އުޅޭ މީހުންނާއި ފެތުންތެރިންގެ ބޭނުމަށް ހާއްސަކޮށްފައިވާ ތަނެއްކަން އެ ތަނުގެ ނަމުންނާއި ފަރުމާއިން ކޮންމެ މީހަކަށްވެސް ސާފުވާނެއެވެ. ނަމަވެސް، މިފަދަ ތަންތަނުގެ ބޭނުން ހިފުމުގައި ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަނީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ ގޮތަކަށެވެ.

ދުވަހެކެވެ. ރަށުގެ ސްވިމިން ޓްރެކް ސަރަހައްދަށް ދިޔައިރު ފެނުނީ އާދަޔާޚިލާފު މަންޒަރެކެވެ. ފެތުމަށް ހާއްސަކޮށްފައިވާ އެ ޓްރެކްގެ މަތީގައި ތިބެގެން ބައެއް މީހުންނާއި ކުޑަކުދިން ނުހަނު ފޯރިއާއެކު މަސްބާނަނީއެވެ. އެ މީހުންގެ ނަޒަރުގައި އެއީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އެ ތަނުގެ މަގުސަދާ މުޅިން ޚިލާފު، އަދި އެހާމެ ނުގުޅޭ ކަމެއްގެ ގޮތުގައި ނޫނީ އެ މަންޒަރެއް އަހަރެންގެ ސިކުނޑިއަކަށް ގަބޫލެއް ނުކުރެވުނެވެ.

ހަމަ މިފަދަ އެހެން ކަމެކެވެ. ރަށުގައި ހުންނަ ‘އައުޓްޑޯ ޖިމް’ ސަރަހައްދަށް ޒިޔާރަތްކުރި ފަހަރެކެވެ. ނުހަނު ޒަމާނީކޮށް، ގިނަ ކުލަތަކެއް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އެ ތަނުގެ ރީތިކަން މުޅިން ގެއްލުވާލާފައިވަނީ ހިތާމަވެރި ގޮތަކަށެވެ. ޖިމްގެ ވަށައިގެން ރާނާފައިވާ ހުދުކުލައިގެ ފާރުބުރި މަތީގައި ބާއްވައިގެން ކުރުނބާ ހަދައި، އޭގެ ކިހައްޑިޔަ (ރޯ ބޮނބީގެ ދިޔަ) އުނގުޅައި މުޅި ތަން ވަނީ ހަޑިކޮށްލާފައެވެ. ކުރުނބާ ފިހިތައް އެ ސަރަހައްދަށް އުކާލާފައި އޮތްއިރު، އެއީ ކަސްރަތު ކުރާ ތަނެއްގެ ބަދަލުގައި ކުރުނބާ ހަދައިގެން ވިއްކާ ގާޑިލެއް ކައިރި ފަދައެވެ.

އަނެއްކާވެސް ސްވިމިން ޓްރެކްގެ ވާހަކައަށް ޖެހިލާނަމެވެ. އެ ތަނަކީ ފެންވަރާ މާގަނޑުތަކާއި ހަޓްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކުރި ތަނެކެވެ. އެހެންނަމަވެސް، ތަނުގެ ބޭނުން ހިފަން ފެށުނުތާ މާ ގިނަ ދުވަހެއް ނުވަނީސް، ފެން މޯޓަރު ވަނީ ވަގަށް ނަގާފައެވެ. މާގަނޑުތައް އުފުރާލައި، ހަޓްތަކަށް ގެއްލުންދީ، މުޅި ސަރަހައްދު ވަނީ ސުންނާފަތިކޮށްލާފައެވެ.

ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ. ޓްރެކް މަތީގައި ތިބެ މަސްބާނައިލުމަކީ އެހާ ބޮޑު ކަމެއް ބާވައެވެ؟ އާނއެކެވެ، އެއީ ބޮޑު ކަމެކެވެ. މަސްބާނަން ބޭނުންކުރާ އެންކޮޅު ކެފުމަށް ޓްރެކްގެ ބޮއެތައް ބޭނުންކުރުމާއި، ބާނާ މަސްތައް ޓްރެކް މައްޗަށް އެޅުމަކީ އެ ތަނުގެ ދިގުދެމިގެންދާ ފެންވަރަށް ގެއްލުންވާނެ ކަންކަމެވެ.

އިޖްތިމާޢީ ބޭނުންތަކަށް ސަރުކާރުން ނުވަތަ ކައުންސިލުން ގާއިމުކުރާ މިފަދަ ވަސީލަތްތަކަކީ ރައްޔިތުންގެ މުދަލެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ހައްގުތަކާ ގުޅިފައިވާ ތަންތަނެވެ. އެފަދަ ތަންތަނަށް އިހުމާލުވެ، ގެއްލުންދިނުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މުދަލަށް ރައްކާތެރިވުމަކީ ކޮންމެ ފަރުދެއްގެ އިޖްތިމާޢީ ޒިންމާއެކެވެ.

ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމުގެ ނުބައިކަން

ރައްޔިތުންގެ މުދަލަކީ އެންމެހާ ފަރުދުންގެ ބޭނުންތަކަށްޓަކައި ދައުލަތުން ނުވަތަ ޖަމާއަތުން ގާއިމުކޮށްފައިވާ ވަސީލަތްތަކެވެ. މީގެ ތެރޭގައި މަގުބައްތިތަކާއި، ބަސް ހުއްޓިތަކާއި، ޕާކުތަކާއި، ސުކޫލު މަދަރުސާތަކާއި މިނޫންވެސް އާންމު ބޭނުންތަކަށް ހުންނަ ތަންތަން ހިމެނެއެވެ. މިފަދަ ތަންތަނަށް ގެއްލުން ދިނުމަކީ މުޖުތަމައަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

އިޖްތިމާޢީ ނަޒަރުން ބަލާއިރު، ރައްޔިތުންގެ މުދަލަކީ އެންމެންގެ ހިއްސާ އޮންނަ، އެންމެންގެ ލާބަޔާއި މަންފާއަށް ހުންނަ ތަންތަނެވެ. އެފަދަ ތަނަކަށް ގެއްލުން ދިނުމުން އޭގެ ދަތިކަމާއި އުނދަގޫ ކުރިމަތިވަނީ ހަމަ އެ މުޖުތަމައުގެ އަފްރާދުންނަށެވެ. އަދި އެ ތަންތަން މަރާމާތު ކުރުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަކީ ރައްޔިތުންގެ ޓެކްސް ފައިސާއެވެ. މިއީ ގައުމުގެ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. އަދި މިއީ ތަހުޒީބީ މުޖުތަމައެއްގައި ފެނިގެންވާނެ ނާތަހުޒީބީ އަމަލެކެވެ.

ދީނީ ނަޒަރުން ބަލާއިރު، އިސްލާމްދީން ބާރުއަޅަނީ އަމާނާތްތެރިވުމަށާއި ބިމުގައި ފަސާދަ ނުކުރުމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަހެއްގެ މާނައިގައިވެއެވެ. “މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހާއެވެ.” ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ އާންމު ހައްގުތަކަށް އަރައިގަތުމެވެ. މިއީ “އަމާނާތަށް ޚިޔާނާތްތެރިވުން” ކަމުގައި ބެލެވޭނެ ކަމެކެވެ. އަދި މިއީ ޤިޔާމަތް ދުވަހު އެތައް ބަޔަކަށް ޖަވާބުދާރީވާން ޖެހޭނެ ބޮޑު ފާފައެކެވެ.

ނިންމާލަމުން ދަންނަވާނީ، ސްވިމިން ޓްރެކަކީ ފެތުމަށް، މޫދަށް އެރުމަށް ޚާއްޞަ ތަނެކެވެ. އެއީކީ މަސްބޭނުމަށް އަޅާފައި އޮތް އޮއެވާލި ކަނދުފައްޗެއް ނޫނެވެ. ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބެލިޔަސް ނުހަނު ނުބައި އަމަލެކެވެ. އެހެންކަމުން، ކޮންމެ ފަރުދަކުވެސް އަމިއްލަ މުދަލަށްވުރެ ބޮޑަށް ރައްޔިތުންގެ މުދަލަށް ރައްކާތެރިވުމަކީ ދީނީ އަދި ގައުމީ ވާޖިބެކެވެ. ދިވެހީން ތަހުޒީބުވާން އެބަ ޖެހެއެވެ. ތަރައްޤީވާން އެބަ ޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top