އުމުރުން އެންމެ 9 އަހަރުގެ އީތަންއަކީ ލޮސް އެންޖެލިސްގެ މަގުމަތީގައި އޭނާގެ ބޮޑުދައިތައާއެކު ފެނާއި، ފިނިބުއިމާއި ހޮޓްޑޯގް ވިއްކުމުގައި ވަގުތުތައް ހޭދަކުރާ ކުއްޖެކެވެ. އޭނާ ވިއްކާ ކޮންމެ އެއްޗަކުން ލިބޭ ފައިދާގެ 40 އިންސައްތަ އީތަންއަށް ލިބޭއިރު، އޭނާގެ ބައްޕަ ކައިރީގައި އިނދެގެން ކުލި ދެއްކުމަށްޓަކައި އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔައީ އީތަންގެ ކަންކަން ބަލަހައްޓަމުންނެވެ.
އެއްދުވަހަކު، ސޯޝަލް މީޑިއާގައި މަގުބޫލު ޒެކަރީ ޑެރެނިއޯސްކީ އީތަންގެ ކައިރިއަށް ގޮސް ބުއިމެއްގެ އަގު އެހިއެވެ.
އީތަން ބުނީ ތިން ޑޮލަރު ކަމަށެވެ. އެއަށްފަހު، އެތަނުގައި ވިއްކަން ހުރީ ކޮން އެއްޗެއްތޯ ޒެކަރީ އެހުމުން ފެނާއި، ކޮކާކޯލާއާއި، ސްޕްރައިޓް އަދި ޕެޕްސީ ދަޅެއް ހުރިކަމަށް އީތަން ބުންޏެވެ. ޒެކަރީ އެދިލެއްވީ ފްރިޖްގައި ހުރި ހުރިހާ އެއްޗެއް ގަތުމަށެވެ. އެތަކެތީގެ ޖުމްލަ އަގަކީ 54 ޑޮލަރެވެ.
ދެން ޒެކަރީ ބުނީ އެތަނުގައި ހުރި ހުރިހާ ހޮޓްޑޯގްތަކަކާއެކު ހުރިހާ އެއްޗެއް ގަންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމަށް އޮތީ އެންމެ ޝަރުތެކެވެ. އެއީ އެ ދުވަހުގެ ބާކީ އޮތް ވަގުތު އީތަން އިތުރަށް މަސައްކަތް ނުކުރުމެވެ.
އީތަން އެކަމަށް އެއްބަސްވުމުން، ޒެކަރީ އޭނާގެ ޖީބުން 1,000 ޑޮލަރު ނަގައި އީތަންއާ ހަވާލުކުރިއެވެ.
އެއަށްފަހު އީތަންގެ ބައްޕައާ މުހާތަބުކޮށް ޒެކަރީ ބުންޏެވެ. “އަހަރެން ތިބާގެ ދަރިފުޅަށް ވައުދެއް ވީން. އަހަރެމެން ދެމީހުން މިއޮތީ ސަލާމްކޮށް އެކަމަށް އެއްބަސްވެފަ. އަހަރެންގެ އަތުގައި ވޯލްޑް ކަޕްގެ ދެ ޓިކެޓް އެބައޮތް.”
އެމީހުން ވަގުތުން ދިޔައީ ދެކުނު އެފްރިކާއާއި ކެނެޑާ ބައްދަލުކުރާ މެޗު ބަލަން ސޯފީ ސްޓޭޑިއަމަށެވެ.
“މީގެ ވިއްސަކަށް މިނެޓު ކުރިން އަހަރެން ހުރީ ފެން ވިއްކަން،” އީތަން ބުންޏެވެ. “އެކަމަކު މިހާރު މިހުރީ ވޯލްޑް ކަޕް މެޗެއް ބަލަން. އަހަންނަށް ހީވަނީ މިއީ ހުވަފެނެއްހެން. އަހަންނަށް އަދިވެސް މި އުޅެވެނީ ނިދީގައި ނޫންބާ؟”
ސްޓޭޑިއަމަށް ދިޔަ މަގުމަތީގައި އީތަން ވަރަށް އަގުހުރި ވާހަކައެއް ހިއްސާކުރިއެވެ. “މީހެއްގެ ހަމުގެ ކުލައަށް ބަލާފައި އެމީހަކާ މެދު ގޮތް ނުނިންމާށެވެ. އަހަރެމެންނަކީ ތަފާތު ގައުމުތަކަށް ނިސްބަތްވާ ބަޔަކަށް ވިޔަސް، އަހަރެމެން އެންމެންނަކީ ވެސް ހަމަ އެއްވަރުގެ އިންސާނުންނެވެ.”
މަގުމަތީގައި ފެން ވިއްކަން އުޅުނު މި ނުވަ އަހަރުގެ ކުޑަކުއްޖާގެ ކިބައިން، ގިނަ ބޮޑެތި މީހުންނަށް ވުރެ ވެސް މާ ފުން އިބުރަތްތެރި ފިލާވަޅެއް މުޅި ދުނިޔެއަށް ލިބިގެން ހިނގައްޖެއެވެ.
