ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރު ބަލިކޮށް އޮޑި އަނެއްކާ ވެސް އެއްވަނައަށް
ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފޭސްބުކް

ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ދިހަވަނަ މެޗު ކާމިޔާބުކޮށް އޮޑި ސްޕޯރޓްސް ކުލަބް އަނެއްކާ ވެސް ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ބުރު ސްޕޯރޓްސް ކުލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ.

މި މެޗާއި ކުރިމަތިލީއިރު، ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ހަތް ޕޮއިންޓާއި ފައިދާ ނުވަ ލަނޑާއިއެކު އޮޑި ސްޕޯރޓްސް އޮތީ ލީގު ބުރުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑު ގިނަވުމުންނެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން ބަލިވި ބުރު ސްޕޯރޓްސް އޮތީ ތިން ޕޮއިންޓާއިއެކު ހަތަރު ވަނައިގައެވެ.

މެޗު ފެށުމާއިއެކު އޮޑިން ވަނީ ލަނޑެއް ޖެހުމުގެ މަސައްކަތް ފަށާފައެވެ. ލަނޑެއް ޖެހުމަށް ލިބުނު ދެވަނަ ފުރުސަތުގައި، މެޗުގެ ހަތަރުވަނަ މިނިޓްގައި އޮޑިން ވަނީ ލީޑު ނަގާފައެވެ. ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބުރުގެ ކުޅުންތެރިން ދިފާއުކުރި ނަމަވެސް، އޭރިޔާ ބޭރުން އެ ބޯޅަ ހޯދައި މުޙައްމަދު ޝަޔާން ޝިފާއު ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތައް ގާތްގާތުގައި އޮޑިން ފަހިކުރި މި ހާފުގައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބުރަށް ވެސް ލިބިފައިވެއެވެ.

އޮޑީގެ ކުޅުންތެރިއަކު އަރިމަތިން ބޯޅަ ހިފައިގެން ބުރުގެ އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަހްޒަމަށް ނުޖެހުނު ނަމަވެސް، އެ ޓީމުގެ އެހެން ކުޅުންތެރިއަކު ހޯދައި ގޯލާއި ދިމާއަށް ފޮނުވާލިއެވެ. ބުރުގެ ޑިފެންޑަރުން ދިފާއުކުރަން މަސައްކަތްކުރި ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮޑީގެ ދެވަނަ ލަނޑު ޖަހައިދިނީ ނާއިލް ޔޫސުފްއެވެ.

ފުރަތަމަ ހާފު 2-0 އިން އޮޑި ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އޮޑިންނެވެ.

މުބާރާތުގެ ފައިނަލަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ބުރުން ނަތީޖާ ހަމަހަމަކުރުމަށް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ލިބޭވަރުވީ 54 ވަނަ މިނިޓްގައެވެ. ބުރަށް ލިބުނު ކޯނަރު މަތިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން އިބްރާހިމް ނާއިސް ނާޒިމް ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޮޑިއަށް ލިބުނު މި މެޗުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 70 ވަނަ މިނިޓްގައި ހުސެއިން ޝުހާދުއެވެ. އޮޑީ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއިން ކުރިޔަށްދިޔަ ވަގުތު ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ބުރު ކުޅުންތެރިޔާ ޖައްސާލި ބޯޅަ ލިބުނީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ޝުހާދުއަށެވެ.

ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތުގައި އޮޑިން ފޮނުވާލި ޕެނަލްޓީ ބުރުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ފަހަރަށް އެ ބޯޅަ ލިބުނު އޮޑީގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދިހަ ޕޮއިންޓް ހަމަކޮށް އޮޑި ވަނީ އަނެއްކާ ވެސް އެއްވަނައަށް ޖެހިލައިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީ އޮޑި ސްޕޯރޓްސްގެ ނާއިލް ޔޫސުފްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top