ދީނީ ސުވާލެއް އޮތީތަ؟
ޞިއްޙަތު
އަމިއްލައަށް މަރާމާތުވާ ކޮންޓެކްޓް ލެންސެއް ސައިންސްވެރިން އުފައްދައިފި

މިހާރު އާންމުކޮށް ބޭނުންކުރާ ސޮފްޓް ކޮންޓެކްޓް ލެންސްތަކަކީ، އާންމު ދިރިއުޅުމުގައި ބޭނުންކޮށް ސާފުކުރުމުގެ ތެރޭގައި ވަރަށް ފަސޭހައިން ކޫރުން އެޅޭ އެއްޗެކެވެ.

ޒަމާންވީ މިފަދަ ކޫރުންތަކުގެ ސަބަބުން ލޮލަށާއި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ލެންސުގައި އެޅޭ ކޫރުންތަކަކީ ލޮލަށް ފެންނަ ވަރުގެ ބޮޑެތި ކޫރުންތަކެއް ނަމަ، އެ ލެންސެއް އެއްލައިލަން ޖެހުމުގެ ސަބަބުން އިތުރު ހަރަދުތަކެއް ހިނގައި، އިސްރާފު އިތުރުވެއެވެ. އަދި މިފަދަ ކޫރުންތަކަކީ ލޮލަށް ނުފެންނަ ވަރުގެ ކޫރުންތަކެއް ނަމަ، އެއީ ލެންސް ބޭނުންކުރާ މީހާގެ ލޮލުގެ ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ނަމަވެސް، ދެން ލެންސެއްގައި ކޫރެއް އެޅުމަކީ އެ ލެންސެއް އެއްލައިލަންޖެހޭ ނުވަތަ ލޮލަށް ނުރައްކާވާނެ ސަބަބަކަށް ނުވެދާނެއެވެ.

ދެކުނު ކޮރެއާގެ ދަންކޫކް ޔުނިވާސިޓީގެ ކެމިސްޓުން ކަމަށްވާ ޖަންގް-ހްޔުން ޗޯއީ އަދި ބްޔޮންގް-ކީ ޗޯ ވަނީ، އާންމު އަލްޓްރާވައިލެޓް (ޔޫވީ) އަލީގެ ދަށުގައި އެންމެ ގަޑިއިރެއްގެ ތެރޭގައި އަމިއްލައަށް މަރާމާތުވާ ހާއްސަ ކޮންޓެކްޓް ލެންސެއް އުފައްދާފައެވެ.

މި އައު ހައިޑްރޯޖެލް މާއްދާގެ މައިގަނޑު އަސާސަކީ ‘ޑައިސަލްފައިޑް ކްރޮސް-ލިންކާ’ އެކެވެ. މިއީ ސަލްފާގެ ދެ އެޓަމް ގުޅިގެން އުފެދިފައިވާ ކުޑަ މޮލިކިއުލްއެކެވެ. މީގެ ހާއްސަ ސިފައަކީ، މި ގުޅުން ކެނޑުމަށްފަހު ވެސް އަލުން އައު ގުޅުންތަކެއް އުފެއްދުމުގެ ގާބިލުކަން ލިބިގެންވުމެވެ.

ސައިންސްވެރިން ‘އޭ.ސީ.އެސް އެޕްލައިޑް ޕޮލިމާ މެޓީރިއަލްސް’ މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދިރާސާއިން ދައްކައިދެނީ މި މާއްދާ ބޭނުންކޮށްގެން އާންމުކޮށް ބޭނުންކުރެވޭ ފަދަ ކޮންޓެކްޓް ލެންސެއް އުފެއްދިދާނެ ކަމެވެ.

ލެންސުގައި ކޫރުން އެޅުމުން މި ޕޮލިމާތަކުގެ މެދުގައިވާ ގުޅުން ކެނޑިގެންދެއެވެ. ނަމަވެސް ޔޫ.ވީ އަލި އެޅުމުން، އެ ގުޅުންތައް އަލުން ގުޅި، ކޫރުންތައް ފިލައިދެއެވެ. މީގެ އިތުރުން، ލެންސުގައި ކޫރުން އެޅުން މަދުކުރުމަށާއި ބެކްޓީރިއާ އަށަގަތުން ހުއްޓުވުމަށްޓަކައި އިތުރު ޕޮލިމާއެއް ވެސް މި މަސްހުނީގައި ހިމަނާފައިވެއެވެ.

Screenshot

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އާންމުކޮށް ބޭނުންކުރާ ލެންސްތަކުގައި އެއްކޮށް ވީދައިގެން ދިއުމަށްވުރެ ބޮޑަށް ދިމާވަނީ ކޫރުން އެޅުމުގެ މައްސަލައެވެ. މި އައު އީޖާދުގެ ސަބަބުން، ޔޫ.ވީ އަލީގެ އެހީގައި ސަލްފާ ބޮންޑުތައް ހަރަކާތްތެރިވެ، ކެނޑިފައިވާ ތަންތަން އަލުން ގުޅުވައިދެއެވެ. މިގޮތަށް މަރާމާތުވުމުން ލެންސުގެ ވަރުގަދަކަމުގެ ގާތްގަނޑަކަށް 90 އިންސައްތަ އަލުން އިއާދަވެއެވެ.

މި އައު މާއްދާއަކީ އަމިއްލައަށް މަރާމާތުވުމުގެ އިތުރުން، މިހާރު ހުންނަ ސޮފްޓް ލެންސްތަކެކޭ އެއްފަދައިން ފެން ހިފެހެއްޓުމުގެ ގާބިލުކަން ހުރި، އަދި ކޫރުންތަކަށް މާ ބޮޑަށް ކެތްކުރާ މާއްދާއެކެވެ. މީގެ މާނައަކީ މި ލެންސްތަކުގައި ކޫރުން އެޅޭ މިންވަރު މަދުވުމުގެ އިތުރުން، ކޫރުމެއް އެޅުނަސް އެ އަމިއްލައަށް ރަނގަޅުވާނެ ކަމެވެ.

މި ހޯދުމުގެ ސަބަބުން، މިހާރު ބާޒާރުގައި ހުރި ޔޫ.ވީ އަލި ބޭނުންކޮށްގެން ލެންސް ސާފުކުރާ މެޝިންތައް، ލެންސް މަރާމާތުކުރުމަށް ވެސް ބޭނުންކުރެވިދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. ކުރިން އަމިއްލައަށް މަރާމާތުވާ މިފަދަ މާއްދާތައް މަސައްކަތް ކުރަނީ ވަރަށް މަތީ ހޫނުމިނެއްގައެވެ. ނަމަވެސް އާންމު ކޮޓަރީގެ ހޫނުމިނުގައި މިކަން ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެކެވެ.

ލެންސުގައި އެޅޭ ކޫރުންތަކުގެ ސަބަބުން އަލި އެކި ދިމަދިމާލަށް ފެތުރި، ފެނުމަށް އުނދަގޫވުމުގެ އިތުރުން، އެތަންތަނުގައި ޖަރާސީމާއި ޕްރޮޓީން އަށަގަނެ، ލޮލުގެ އިންފެކްޝަންތަކަށް މަގުފަހިވެއެވެ.

މި ލެންސްތައް ބާޒާރަށް ނެރުމުގެ ކުރިން އިތުރު ސަލާމަތީ ތަހުލީލުތައް ކުރަން ޖެހުނު ނަމަވެސް، މިއީ ކުރިއަށް އޮތް ތަނުގައި ލޮލުގެ ސިއްހަތު ރައްކާތެރިކުރުމަށާއި، ލެންސް ބޭނުންކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އެންމެ ގަޑިއިރެއްގެ ތެރޭގައި ބާވެފައިވާ ލެންސްތައް އައު ލެންސަކަށް ބަދަލުކޮށްލުމުގެ ފުރުސަތު މިހާރު މިއޮތީ ގާތުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top