‘ހަމަ އެންމެ ލަފުޒެއް’ ސެގްމެންޓްގައި މިއަދު މި ބަލައިލަނީ ‘ރޭހުރިތަކެތި’ މި ލަފުޒަށެވެ. މިއީ ދިވެހިބަސް ފޮތުގައި އެންމެ ކުރިން ފެށިގެން ހިމެނޭޭ ވަރަށް ރީތި ލަފުޒެކެވެ. އިނގިރޭސި ބަހުގައި ބޭނުންކުރާ ލަފުޒެއް ކަމަށްވާ ‘ލެފްޓްއޯވަރސް’ ގެ ބަދަލުގައި ބޭނުންކޮށްލަން ވަރަށް އެކަށީގެންވާ ލަފުޒެކެވެ.
އިނގިރޭސި ބަހުގައިި ބޭނުންކުރާ ‘ލެފްޓްއޯވަރސް’ ގެ މާނަ އާއި ‘ރޭހުރިތަކެތި’ މި ލަފުޒުގެ މާނައާއި ތަފާތުތަކެއް ހުންނަނީ އިނގިރޭސި ލަފުޒުން ދޭހަވާ ގިނަ މާނަ ތަކުގެ ތެރެއިން ބައެއް މާނަ އާއި ދިމާނުވުވާތީ އެވެ. ‘ލެފްޓްއޯވަރ’ އަކީ އިނގިރޭސި ބަހުގައި ‘އެޖެކްޓިވް’ އެއް ނުވަތަ ނަންއިތުރެކެވެ. މި ލަފުޒުގެ އިނގިރޭސި މާނަ އާއި ބޭނުމަށް ބަލައިލާނީ ކޭމްބްރިޖް ޑިކްޝަނަރީގެ އެހީގައެވެ.
leftover
(adjective)
A leftover part of something is the part that has not been used or eaten when the other parts have been:
Some leftover chicken from last night’s meal
މިހިސާބުން ‘ރޭހުރިތަކެތި’ މި ލަފުޒާއި އޭގެ ބޭނުމަށް ބަލައިލާނަމެވެ. ދިވެހިބަހުގައި މި ލަފުޒު އައިސްފައިވަނީ ނަމެއްގެ ގޮތުގައެވެ. ބަސްފޮތުގައި އައިސްފައި ވަނީ އަންނަނިވި ގޮތަށެވެ.
ރޭހުރިތަކެތި
(ނަން)
ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރެވޭ ކާތަކެތީގެ ތެރެއިން ބޭނުން ނުކުރެވި އަނެއް ދުވަހުގެ ހެނދުނާ ހަމައަށް ހުންނަ ތަކެތި.
މިސާލު: ރޭހުރިތަކެތީގެ ތެރެއިން އެއްބައި ކުކުޅަށް ކާންދޭން ބަކުރު ގެންގޮސްފި އެވެ.
އެހެންކަމުން ‘ރޭހުރިތަކެތި’ މި ލަފުޒު އޭގެ އެންމެ ރަނގަޅު ޙާލަތުގައި ބޭނުންކޮށްލަން މިއީ ހަމަ ވަރަށް ރީތި ލަފުޒެއް ކަމަށް ޤަބޫލުކުރެވެއެވެ.
