ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކަނޑުގެ ފުން ސަރަޙައްދުތަކުގައި ދިރިއުޅޭ އެންމެ އާދަޔާޚިލާފު 5 މަޚުލޫޤު
ހެގްފިޝް / ފޮޓޯ: މާކް ކޮލިން - އަލަމީ

ކަނޑުގެ ފުން މިނަކީ މި ބިމުގައިވާ އެންމެ ބިރުވެރި އަދި ދިރިއުޅެން އެންމެ އުނދަގޫ އެއް ތަނެވެ. އެއްގަމު މަހުލޫގަކު ފިސްފިސްކޮށްލާ ފަދަ ބާރުގަދަ ޕްރެޝަރާއި، އާކްޓިކްގެ ފިނި މޫސުމަށްވުރެ ވެސް ފިނިގަދަ މި ސަރަޙައްދުތަކަކީ ދިރޭ އެއްޗަކަށް ދިރިއުޅެވޭނެ ތަނެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް، ކޮންމެ ހާލަތެއްގައި ވެސް ދިރުންތައް އޭގެ މަގު ހޯދައެވެ.

އަޅުގަނޑުމެންނަށް ފަޒާގެ ބޭރުގެ މަޢުލޫމާތު އެނގޭ މިންވަރަށްވުރެ ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކާ ބެހޭގޮތުން އެނގޭ މިންވަރު މަދެވެ. ކަނޑުގެ އަޑިއަކީ ހީވަނީ އެހެން ދުނިޔެއެއް ހެންނެވެ. އެތަނުގެ ހާލަތްތަކަށް ހޭނިގެން ދިރިއުޅޭ ޖަނަވާރުތަކަކީ މި ދުނިޔެއާ ނުގުޅޭ ފާޑުގެ ސިފަތަކެއް ލިބިފައިވާ ތަކެއްޗެވެ. މިގޮތުން ކަނޑުގެ އަޑީގައި އުޅޭ އެންމެ އާދަޔާޚިލާފު 5 މަހުލޫގަކަށް ބަލާލަމާ ހިނގާށެވެ.

1- އެންގްލަރފިޝް (ކުލަ/މާ ބޮއްމަސް)

ކުލަ ބޮއްމަސް / ފޮޓޯ: މޮންޓެރޭ ބޭ އެކްއޭރިއަމް

ކަނޑުގެ އަޑީގައި އުޅޭ އެންމެ ބިރުވެރި އެއް މަހުލޫގަކީ އެންގްލަރފިޝް ނުވަތަ ކުލަ/މާ ބޮއްމަހެވެ. މި މަހުގެ ނިތްކުރިން ނުކުމެފައިވާ ދިއްލޭ ބައްތިއެއް ފަދަ ގުނަވަނުގެ ސަބަބުން މިއީ ފާހަގަކޮށްލެވޭ މަހެކެވެ. މި ދިއްލޭ ބައި ބޭނުންކޮށްގެން އެހެން ކުދި މަސްމަހާމެހި ކައިރިއަށް ގެނެސް، އޭގެ ބޮޑެތި ދަތްތަކުން ޝިކާރަކުރެއެވެ. މި ގުނަވަނުން އަލި ނުކުންނަނީ އޭގައިވާ ބެކްޓީރިއާތަކެއްގެ އެހީގައެވެ.

މި މަހުގެ އެންމެ އާދަޔާޚިލާފު ކަމަކީ އޭގެ ދަރިމައިވުމުގެ އާދަކާދައެވެ. ފިރިހެން މަސްތައް އަންހެން މަސްތަކަށްވުރެ މާ ބޮޑަށް ވެސް ކުޑައެވެ. ފިރިހެން މަހެއް އަންހެން މަހެއް ފެނުމުން، އޭގެ އަނގައިން އަންހެން މަހުގެ ހަށިގަނޑުގައި ހިފަހައްޓައި، ފަހުން މުޅި ހަށިގަނޑު އަންހެން މަހުގެ ހަށިގަނޑާ ގުޅި ލާމެހިގެން ދެއެވެ. އަންހެން މަހަކާ ނުގުޅިއްޖެނަމަ ފިރިހެން އެންގްލަރފިޝް ބޮޑެއް ނުވެއެވެ.

2- ބެރަލްއައި

ބެރަލްއައި / ފޮޓޯ: އެމްބަރީ ވެބްސައިޓް

ބެރަލްއައި އަކީ ބަލާލަން ވަރަށް ތަފާތު މަހެކެވެ. ފުރަތަމަ ބަލާލާއިރު މި މަހުގައި ލޮލެއް ނެތް ކަމަށް ހީވެދާނެއެވެ. ނަމަވެސް، ރަނގަޅަށް ބަލާލުމުން އެނގެނީ އޭގެ ދެފުށް ފެންނަ ބޮލުގެ ތެރޭގައި ފެހިކުލައިގެ ދެ ބޯޅަ ފަދަ ލޯ ހުންނަ ކަމެވެ. މި ލޯތައް އަބަދުވެސް ހުންނަނީ މައްޗަށް ހުއްޓިފައެވެ. މިގޮތަށް ލޯ ހުރުމުގެ ސަބަބުން އޭގެ މަތިން ދަތުރުކުރާ ޝިކާރަތަކުގެ ހިޔަނި ވަރަށް ފަސޭހައިން ދެނެގަނެވެއެވެ.

3- ވެމްޕަޔަރ ސްކުއިޑް

ވެމްޕަޔަރ ސްކްއިޑް / ފޮޓޯ: އެމްބަރީ ވެބްސައިޓް

ނަމުގައި “ވެމްޕަޔަރ” އޮތް ނަމަވެސް، މިއީ ލޭ ބޯ އެއްޗެއް ނޫނެވެ. މީގެ ނަން ނިސްބަތްވަނީ އޭގެ ހުންނަ ގަދަ ރަތްކުލައިގެ ލޮލާއި، އޭގެ ފައިތައް (ޓެންޓެކްލްސް) ހުންނަ ގޮތުންނެވެ. ހަށިގަނޑުގެ ނިސްބަތުން ބަލާއިރު، ދުނިޔޭގައިވާ އެންމެ ބޮޑު ލޯ ހުންނަނީ މި ބާވަތުގެ ބޯވަދިލަމަހުގައެވެ. މިއީ އޮކްސިޖަން ވަރަށް މަދު ސަރަޙައްދުތަކުގައި ވެސް ދިރިއުޅުމުގެ ގާބިލުކަން ލިބިފައިވާ މަހުލޫގެކެވެ.

4- މެގަމައުތު މިޔަރު

ފޮޓޯ: ޓޮމް ހައިޓް/ ސީޕިކްސް.ކޮމް

މެގަމައުތު މިޔަރަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. 1979 ވަނަ އަހަރު ފުރަތަމަ ފެނުނު ފަހުން، މިހާތަނަށް ފެނިފައިވަނީ 100 އަށްވުރެ ވެސް މަދު ފަހަރަކުއެވެ. މި މިޔަރުގެ އަނގަ ވަރަށް ބޮޑު ނަމަވެސް، އޭގެ ދަތްތައް ހުންނަނީ ވަރަށް ކުދިކޮށެވެ. ބެލެވޭ ގޮތުގައި މިއީ އަނގަ ހުޅުވައިގެން ދަތުރުކުރަމުން ކުދި ފަނިފަކުސަ (ޕްލޭންކްޓަން) ކައިއުޅޭ މިޔަރެކެވެ. މި މިޔަރާ ބެހޭ މަޢުލޫމާތު މަދުވުމީ، މިއީ ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކުގައިވާ އެންމެ ސިއްރުވެރި އެއް މަހުލޫގަށް ވުމުގެ ސަބަބެވެ.

5- ހެގްފިޝް

ހެގްފިޝް / ފޮޓޯ: މާކް ކޮލިން – އަލަމީ

ހެގްފިޝް އަކީ ކަނޑުގެ އަޑީގައި އުޅޭ ކަނޑުވެން ފަދަ މަހެކެވެ. މިއީ ބޮލުގެ ނާށިގަނޑެއް ހުރެފައި ބުރަކަށީގެ ކަށިބަރި ނެތް ހަމައެކަނި ޖަނަވާރެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ނުރައްކަލެއް ކުރިމަތިވުމުން އޭގެ ހަށިގަނޑުން ބޭރުކުރާ ތަތްލަވާ މާއްދާ (ސްލައިމް) އެކެވެ. އެންމެ ހެގްފިޝް އަކަށް 20 ލީޓަރުގެ މިއުކަސް (ލޮނދި) އުފެއްދިދާނެއެވެ. މި މާއްދާއަކީ ފެނާ އެކުވުމުން ފުޅާވެގެންދާ އެއްޗެކެވެ.

އާދަޔާޚިލާފު ކަމަކީ، ޖަޕާނާއި ކޮރެއާ ފަދަ ގައުމުތަކުގައި ހެގްފިޝް އަކީ ވަރަށް މީރު ކާއެއްޗެއްގެ ގޮތުގައި ބެލެވުމެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި މަސް ކައްކަން އެންމެ ރަނގަޅީ އޭގެ ހަށިގަނޑުން ނުކުންނަ ތަތްލަވާ މާއްދާއާ އެކުގައެވެ.

ނޯޓް
ލިޔުން ނެގީ: އާރތު.ކޮމް އިން
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top