ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެމްކޯ ކައިރިން ބަދަލު ހިފައި ދިވެހި ސިފައިންގެ ކުލަބް އެއްވަނައަށް ޖެހިލައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ތިންވަނަ މެޗުން ވެމްކޯ ކައިރިން ބަދަލު ހިފައި ދިވެހި ސިފައިންގެ ކުލަބް އެއްވަނައަށް ޖެހިލައިފިއެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު މެޗުގައި ބައްދަލުކޮށްފައިވަނީ ވެސް މި ދެ ޓީމެވެ. އެ މެޗުގެ ކުރީކޮޅު ދިވެހި ސިފައިންގެ ކުލަބުން ތިން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި 5-3 އިން މެޗު ކާމިޔާބުކުރީ ވެމްކޯއެވެ. އޭގެ ފަހުން ކުޅުނު މެޗު ބިސްބުރާއި ވާދަކޮށް މެޗު ކާމިޔާބުކޮށް، މި މެޗާއި ކުރިމަތިލީއިރު، ޕޮއިންޓްގެ ގޮތުން މި ދެ ޓީމު އޮތީ އެއްވަރުވެފައެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދިވެހި ސިފައިންގެ ކުލަބުންނެވެ. 4 ވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ ސުމައްޔާ މަޓުސުސިމާއެވެ. އެ ލަނޑަށް މާގިނައިރެއް ނުވެ ސިފައިންގެ ކުލަބްގެ ލީޑު ފުޅާކޮށްދިނީ ސަބީނާ ކަޓުންއެވެ. ސަބީނާ މި ލަނޑު ޖަހާފައިވަނީ ސުމައްޔާ ފަހިކޮށްދިން ފުރުސަތެއްގައެވެ.

ލަނޑު ޖަހާނެ ފުރުސަތު ވެމްކޯއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދިވެހި ސިފައިންގެ ކުލަބުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ރިފާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ މައިޝާ އަބްދުލް ހަންނާނެވެ.

ދިވެހި ސިފައިންގެ ކުލަބުން ތިން ލަނޑުގެ ލީޑެއް ނެގިތާ މިނިޓެއް ނުވަނީސް މަޔާރާ ކަސްސިއާ ބަލްޑައްސޯ ވަނީ ވެމްކޯއަށް ލަނޑެއް ޖަހައިދީފައެވެ. 29 ވަނަ މިނިޓްގައި މަޔާރާ ކަސްސިއާ ބަލްޑައްސޯ ޖަހައިދިން ދެވަނަ ލަނޑާއިއެކު ވެމްކޯއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ހަމަ އެ މިނިޓްގައި ސުމައްޔާ މަޓުސުސިމާ ޖެހި ދެވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ 4-2 އަށް ބަދަލުވިއެވެ. ކުރިން މެޗުގައި ޕަވަރޕްލޭއަށް އަޗްލޭ ލަރިއްސާ އަރުވައިގެން ނަތީޖާ އަނބުރާލި ވެމްކޯއިން މި މެޗްގައި ވެސް ވަނީ އެ އުކުޅު ބޭނުންކޮށްފައެވެ.

ސުމައްޔާގެ ހެޓްރިކާއިއެކު ދިވެހި ސިފައިންގެ ކުލަބުން ތިން ލަނޑުގެ ލީޑެއް ދެވަނަ ފަހަރަށް ނެގިއިރު، ސުމައްޔާ މި ލަނޑު ވައްދާލީ ވެމްކޯގެ ގޯލު ހުސްކޮށް އޮއްވައެވެ. ސިފައިންގެ ކުލަބްގެ ފަސްވަނަ ލަނޑަށް މާގިނައިރެއް ނުވެ މަރިޔަމް ރިފާ ވަނީ އެ ޓީމަށް ހަވަނަ ލަނޑެއް ޖަހައިދީފައެވެ. ސަބީނާ ނަގައިދިން ކޯނަރު އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައި މައިޝާ އަބްދުލް ހަންނާނު ދިވެހި ސިފައިންގެ ކުލަބްގެ ހަތްވަނަ ލަނޑު ޖަހައިދިނެވެ.

ގާތްގާތުގައި ހައްވާ ހަނީފާ އާއި މަރިޔަމް ނޫރާ ޖަހައިދިން ލަނޑުން ނަތީޖާގެ ފަރަގު ވެމްކޯއިން ކުޑަކުރި ނަމަވެސް، ގިނައިރެއް ނުވެ ސުމައްޔާ މަޓުސުސިމާ ދިވެހި ސިފައިންގެ ކުލަބަށް އިތުރު ލަނޑެއް ޖަހައިދިނެވެ. މެޗު ނިމެން މިނިޓެއްހާއިރަށް ވެފައި ވަނިކޮށް ފާތިމަތު ލީސާ ވެމްކޯގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ ފަހު ސިކުންތުކޮޅުގައި ސަބީނާ ކަޓުން ވަނީ އެ ޓީމުގެ ނުވަވަނަ ލަނޑު ޖަހާފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދިވެހި ސިފައިންގެ ކުލަބް ވަނީ ލީގު ބުރުގެ އެއްވަނައަށް ޖެހިލާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބަށް ހަތަރު ލަނޑު ޖަހައިދިން ސުމައްޔާ މަޓުސުސިމާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top