ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އޭނާގެ ފޭސްބްކްގައި މިމަހު 17 ވަނަ ދުވަހު ކޮށްފައިވާ ޕޯސްޓެއް ލޮލުގައި އަޅައިގަތެވެ.
“މިއަދު އެމް.ޓީ.ސީ.ސީ ނުވަތަ އާރު.ޓީ.އެލް ކާޑުން ނުދަންނަ މުއާމަލާތެއް (ޓްރާންސެކްޝަނެއް) އެއްވެސް ބޭފުޅަކަށް ކުރެވިފައިވޭތޯ؟
އާރު.ޓީ.އެލް ފެރީގެ ހިދުމަތަކަށް އަޅުގަނޑުގެ ކާޑުން 3.25 ރުފިޔާ ކެނޑިފައިވާކަމަށް ބުނެ ބޭންކުން ދެންމެ އެސް.އެމް.އެސް އެއް ލިބިއްޖެ. ނަމަވެސް، ހައިރާންވާ ކަމަކީ މިއަދުވެސް އަދި މިފަހަކަށް އައިސްވެސް އެމް.ޓީ.ސީ.ސީގެ އެއްވެސް ފެރީގެ ހިދުމަތެއް އަޅުގަނޑު ބޭނުންކޮށްފައެއް ނުވޭ.
މިފަދަ މެސެޖުތަކެއް އިތުރު އެހެން ފަރާތްތަކަށްވެސް ލިބެމުންދާކަމުގެ މައުލޫމާތު މިހާރު ދަނީ ލިބެމުން. މިއީ މާކުރިން ހިނގާފައިވާ މުއާމަލާތެއްގެ ފައިސާ ފަހުން ކެނޑުނީ ކަމެއް، ނުވަތަ ސިސްޓަމަށް ދިމާވި މައްސަލައެއްކަމެއް ސާފެއް ނޫނެވެ. ކޮންމެއަކަސް މިއީ ކަންބޮޑުވާންޖެހޭ ކަމެއް.
މިފަދަ ކަމެއް ދިމާވެފައިވާނަމަ، ބޭންކުން ފޮނުވާފައިވާ މެސެޖުތަކާއި އެކައުންޓްގެ ތާރީހު (ޓްރާންސެކްޝަން ހިސްޓްރީ) ބައްލަވާލެއްވުން އެދެން. ކަސްޓަމަރުންގެ މެދުގައި އުފެދިފައިވާ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް، އެމް.ޓީ.ސީ.ސީ އަދި ކަމާގުޅޭ ބޭންކުތަކުން މިކަން ވީއެންމެ އަވަހަކަށް ސާފުކޮށްދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް.
މިއަދު އިތުރު އެއްވެސް ބޭފުޅަކަށް މިފަދަ ކަމެއް ދިމާވިތޯ؟” މަހްދީ އަޙްމަދު
މަޙްދީގެ މި ޕޯސްޓަށް މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ޖަވާބުދެމުން ބުނެފައިވަނީވެސް ކަންބޮޑުވާން ޖެހޭ ފަދަ ވާހަކައެކެވެ.
“މިއީ ކޮންމެ ދުވަހަކުވެސް ތަކުރާރުވަމުންދާ ކަމެއް. މިކަން ވަރަށް ރަނގަޅަށް ބަލައި ތަޙުޤީޤު ކުރަން އެބަޖެހޭ. މާލެ ނުދާ ދުވަސްދުވަހުވެސް، މެދުކެނޑުމެއް ނެތް ގޮތެއްގައި ކޮންމެ އިރުކޮޅަކުން 3.25 ރުފިޔާ ކެނޑެމުންދާކަމުގެ މެސެޖު ލިބޭ. އަދި މާލޭގައި ނޫޅޭ ވަގުތުތަކުގައިވެސް ޓިކެޓަށް ފައިސާ ކެނޑޭކަމުގެ މެސެޖުތައް ބަރާބަރަށް އާދޭ. މިއީ ވަރަށް ހައިރާންވާންޖެހޭ ކަމެއް. މިފަދަ ގޮތަކަށް ކޮންމެ ދުވަހަކު ކިތައް މީހުންގެ އަތުން ފައިސާ ކެނޑޭނެބާވައޭ ހިތަށް އަރާ.” ޢައްޒަގެ ކޮމެންޓް
“ތިޔައީ ތިޔަ ފަރާތުން ވަރަށް ގިނައިން ކުރާ ކަމެއް. އަޅުގަނޑުގެ ކާޑުންވެސް އެއްވެސް ދަތުރެއް ނުކުރާ ހާލަތްތަކުގައި ފައިސާ ކެނޑެމުންދާތީ، އެ މައްސަލައިގައި ގުޅައި ހިތްހަމަނުޖެހުން ފާޅުކުރި ފަހުން މިހާރު ފައިސާއެއް ނުކެނޑޭ.” އެހެން މީހެއްގެ ކޮމެންޓް
މިގޮތަށް ފައިސާ ކެނޑެމުން އަންނަ ކަމުގެ ޝަކުވާ ލިބޭތީ އެމްޓީސީސީން އާއްމުކޮށްފައިވާ ބަޔާނެއް، ނޫސްވެރިޔާ އަދި ފިލްމީ ތަރި މުޙައްމަދު އަފްރާހް ހިއްސާކޮށްފައިވެއެވެ.

