ދުނިޔޭގެ ސިއްޙީ މާހިރުުންނާއި ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބާމިޔާ ފެނުން ލިބޭ ސިއްޙީ ފައިދާތަކުގެ ވާހަކައެވެ. ވޯގް މެގަޒިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ބާމިޔާ ފެނަކީ ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ނުވަތަ ހައިޑްރޭޝަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ “ސިއްރު” ބުއިމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ބާމިޔާ ފެނަކީ އާންމުކޮށް ބާމިޔާ ތޮޅި ކޮށުމަށްފަހު ރޭގަނޑު ފެނަށް އަޅައި، އެ ފެން ފޮދު ހެނދުނު ބުއިމެވެ. މިގޮތަށް ފެނަށް އަޅާފައި ބެހެއްޓުމުން ބާމިޔާގައި ހުންނަ ތަތްކަން ނުވަތަ “މިއުސިލޭޖް” ފެނުގެ ތެރެއަށް ގިރިގެންދެއެވެ.
ސިއްޙީ މާހިރުުން ފާހަގަކުރާ ގޮތުގައި، ބާމިޔާ ފެނުގައި ހަށިގަނޑަށް ބޭނުންވާ މުހިންމު އިލެކްޓްރޯލައިޓްސް ކަމަށްވާ ޕޮޓޭސިއަމް އަދި މެގްނީޒިއަމް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގައި ފެން ހިފަހައްޓައިދިނުމަށާއި ހަކަތަ އިތުރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.
މީގެ އިތުރުން، ބާމިޔާ ފެނަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. މިއީ ޚާއްސަކޮށް ހޫނު މޫސުމުގައި ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމަށް ބޭނުންކުރެވިދާނެ ފައިދާހުރި ބުއިމެކެވެ.
ނަމަވެސް، ކާނާއާ ބެހޭ މާހިރުުން ލަފާދެއްވަނީ ބާމިޔާ ފެނަކީ އާދައިގެ ސާފު ފެނުގެ ބަދަލުގައި ބޭނުންކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. މިއީ ސިއްޙީ އިތުރު ފައިދާތަކެއް ހޯދުމަށް ބޭނުންކުރެވިދާނެ ސަޕްލިމެންޓެއް ފަދަ އެއްޗެކެވެ. ކޮންމެ މީހަކުވެސް މިފަދަ އައު ކަންކަން ތަޖުރިބާކުރާއިރު، އަމިއްލަ ސިއްޙީ ހާލަތަށް ރިއާޔަތްކުރުން މުހިންމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު މި ބުއިން މަޤުބޫލުވަމުންދާއިރު، މިއީ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
