މަޖުބޫރު ގުޅުމެއް
މި ދެމީހުންގެ ކުންފުނިން އިޖުތިމާއީ ޒިންމާގެ ދަށުން ރަށެއްގެ ސްކޫލެއް ތަރައްގީކުރުމުގެ މުހިންމު މަޝްރޫއެއްގައި އެކުގައި މަސައްކަތްކުރަން މަޖުބޫރުވިއެވެ. މި މަޝްރޫއަކީ ދެ ކުންފުނީގެ އަބުރާ ގުޅިފައިވާ ކަމަކަށް ވާތީ، ޔާނިޔާއާއި ޒަޔާނަށް ޖެހުނީ ވަރަށް ގާތުން މަސައްކަތްކުރާށެވެ. އިސްވެރިންގެ މި ނިންމުމާމެދު ދެމީހުންވެސް ތިބީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް މަސައްކަތުގެ މަސްލަހަތަށްޓަކައި އެކަން ޤަބޫލުކުރަން މަޖުބޫރުވީ، ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކާމެދު އޮތް ނުރުހުން ފޮރުވައިގެންނެވެ.
މި މަސައްކަތުގެ ސަބަބުން ކުރިއަށްވުރެ ގިނަ ވަގުތު އެކުގައި ހޭދަކުރަން ދެމީހުންނަށް ޖެހުނެވެ. ކޮންމެ ދުވަހަކު އޮފީހުގައި އެތައް ގަޑިއިރެއް ހޭދަކުރުމުގެ އިތުރުން، މަޝްރޫއު ހިނގާ ސައިޓަށް ދިއުމަށްޓަކައި ކަނޑުދަތުރުތަކުގައިވެސް އެކުގައި ވަގުތު ހޭދަކުރަން ޖެހުނެވެ. މިގޮތަށް އެކުގައި ހޭދަވާ ވަގުތުތަކުގައި، ހަމައެކަނި ރަސްމީ މޭޒެއްގެ ދެފަރާތުން ނޫން ގޮތްގޮތަށްވެސް އެކަކު އަނެކަކުގެ މިޒާޖު ފެންނަން ފެށިއެވެ. ޔާނިޔާގެ ހިނިތުންވުމާއި، ޒަޔާންގެ ބައެއް އާދަތައް ކުރިން ދުވަހަކުވެސް ފާހަގަނުވާ މިންވަރަށް ފާހަގަވާން ފެށިއެވެ.
އެކުގައި މަސައްކަތްކުރި ވަގުތުތަކުގައި، އެކަކު އަނެކަކުގެ މަސައްކަތުގެ އަޚުލާޤާމެދު ފުންކޮށް ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. ޔާނިޔާއަށް ފާހަގަވީ ޒަޔާނަކީ ހަމައެކަނި ފައިދާއަށް ބަލާ ވިޔަފާވެރިއެއް ނޫންކަމާއި، އޭނާއަކީ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އަމިއްލަ އަތުންވެސް ކަންކަން ކުރަން ފަސްނުޖެހޭ މީހެއް ކަމެވެ. ހަމައެފަދައިން ޒަޔާނަށްވެސް ޔާނިޔާގެ ހީވާގިކަމާއި، ކިތަންމެ ވަގުތެއް ހޭދަވިޔަސް މަސައްކަތް ފުރިހަމަކުރަން އޭނާ ކުރާ ހިތްވަރު ފެނި، ހައިރާންކަން ލިބުނެވެ.
މަޑުމަޑުން އެކަކު އަނެކަކުގެ ޤާބިލިއްޔަތަށް ހިތުގެ އަޑިން އިޙުތިރާމް ކުރަން ފެށުނެވެ. ޔާނިޔާގެ ތޫނުފިލިކަމާއި، އެންމެ އުނދަގޫ ޤާނޫނީ މައްސަލަތައްވެސް ހިކުމަތްތެރިކަމާއެކު ހައްލުކުރުމުގެ ހުނަރަށް ޒަޔާންގެ ހިތުގައި ޤަދަރެއް އުފެދުނެވެ. އަދި ޒަޔާންގެ ދުރުވިސްނޭ އުކުޅުތަކާއި، ކަންކަން ރޭވުމުގައި އޭނާ ގެންގުޅޭ ހަރުދަނާކަމަށް ޔާނިޔާވެސް ހިތާހިތުން ތައުރީފު ކުރިއެވެ. ބޭރުފުށުން ފެންނަ ބޮޑާކަމުގެ ފަރުދާގެ ފުރަގަހުގައި ހުރީ ވަރަށް ޤާބިލު އިންސާނެއްކަން ދެމީހުންނަށްވެސް އިޙުސާސްވާން ފެށިއެވެ.
ނަމަވެސް، އިޙުތިރާމް އުފެދުނު ނަމަވެސް، ދެމީހުންގެ މެދުގައި ހިނގާ ދެބަސްވުންތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ސްކޫލްގެ ފާރުގެ ކުލައިން ފެށިގެން، ކޮންޓްރެކްޓްގެ ކުޑަކުޑަ އަކުރަކާ ގުޅިގެންވެސް ދެމީހުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ. އެކަކު އަނެކަކަށް ދޫދިނުމަކީ އަދިވެސް މި ދެމީހުންގެ “އީގޯ” ނުވަތަ އަމިއްލަ އިއްޒަތަށް އަންނަ އުނިކަމެއް ކަމަށް ދެކެއެވެ. މަޝްރޫއު ނިމެމުން ދިޔަވަރަކަށް، މި ދެމީހުންގެ މެދުގައި އޮތް ގުޅުން ވަނީ ނޭނގޭ ގޮތްތަކަކަށް ބަދަލުވާން ފަށާފައެވެ.
އެންމެ ފަހު ދުވަހު ސައިޓުން އެނބުރި އައުމަށްޓަކައި ލޯންޗަށް އެރި ވަގުތު، ޔާނިޔާގެ ފައި ކުޑަކޮށް އަރިއަޅާލިއެވެ. ހަމަ އެވަގުތު ޒަޔާންގެ ވަރުގަދަ އަތުން ޔާނިޔާގެ އަތުގައި ހިފަހައްޓާލީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެ ކުޑަކުޑަ ހިނދުކޮޅު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއިރު، މުޅި ދުނިޔެ ހުއްޓުނު ފަދަ އިޙުސާސެއް ދެމީހުންނަށްވެސް ކުރެވުނެވެ. ޔާނިޔާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. ޒަޔާން ވަގުތުން އަތުން ދޫކޮށްލުމަށްފަހު ދުރަށް ބަލައިލީ، އޭނާގެ މޫނުމަތިން ފާޅުވި ރަތްކަން ފޮރުވުމަށެވެ.
މާލެއަށް އާދެވުމާއެކު، ދެމީހުންގެ ވަކިވުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. “މަސައްކަތް ވަރަށް ފުރިހަމައަށް ނިމިއްޖެ. ޝުކުރިއްޔާ މިސް ޔާނިޔާ.” ޒަޔާން ރަސްމީ ރާގަކަށް ބުނެލިއެވެ. ނަމަވެސް އޭނާގެ ދެލޮލުން ފެންނަން ހުރީ މުޅިން ތަފާތު ވާހަކައެކެވެ. ޔާނިޔާ ހަމައެކަނި ބޯޖަހާލުމަށްފަހު ހިނގައިގަތީ، އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ އޭނާގެ ހިތުގެ ސިއްރުތައް ފަޅާއަރައިފާނެތީއެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވަކިވެގެން ދިޔައީ، މިއީ ހަމައެކަނި މަސައްކަތުގެ ގުޅުމެއް ކަމަށް އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ.
އެރޭ ޔާނިޔާ ގެއަށް ގޮސް އޮތްއިރު، އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އޭގައި އޮތީ ހަމައެކަނި “މާދަމާ ރޭގެ ހަފްލާއަށް އަންނާނަންތަ؟” މިހެންނެވެ. ޔާނިޔާއަށް އެއީ ޒަޔާންގެ މެސެޖެއްކަން ޔަގީންވިއެވެ. އޭނާ ޖަވާބެއް ނުދީ ފޯނަށް ބަލަހައްޓައިގެން އިނީއެވެ. އޭނާގެ ހިތުގައި އުފެދިފައިވަނީ ބޮޑު ސުވާލުމާކެކެވެ. ޒަޔާން އޭނާއަށް މެސެޖު ކުރަންވީ ކީއްވެ ހެއްޔެވެ؟ އަދި އެ މެސެޖުގެ ފަހަތުގައިވާ އަސްލު މަޤުސަދަކީ ކޮބައި ހެއްޔެވެ؟
މި ނުތަނަވަސްކަމުގެ ތެރޭގައި އޮއްވާ، ޒަޔާންގެ ފޯނަށް އައި ކޯލަކުން އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އެއީ އޭނާގެ ބައްޕަގެ ކޯލެކެވެ. “ޒަޔާން، މާދަމާ ރޭގެ ހަފުލާގައި އަހަރެން އިއުލާންކުރަން އުޅޭ ކަންތައް ހަނދާން އެބަހުރިތަ؟ މިއީ މި އާއިލާގެ ކުރިމަގަށްޓަކައި ނިންމާފައިވާ ނިންމުމެއް.” ބައްޕަގެ އަޑުގައި ހުރީ ސާބިތުކަމެވެ. ޒަޔާންގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ޔާނިޔާއަށް މިކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ތަޤުދީރު މިވަނީ އެންމެ ބޮޑު އިމްތިހާނު ދެމީހުންގެ ކުރިމައްޗަށް ނެރެފައެވެ.
(ނުނިމޭ)
