ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ފާހަގަކޮށްލެވޭ ވަގުތުތައް

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 39 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ވޯލްޑް ކަޕްގެ 104 މެޗުން ފާހަގަކޮށްލެވޭ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލު

ޖުލައި މަހުގެ 3 ވަނަ ދުވަހު ފްލޮރިޑާގެ މިއާމީ ގާޑްންސްގައި ކޭޕްވާޑްގެ ސިޑްނީ ލޮޕޭސް ކަބްރާލް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ޖެހި ލަނޑުން މުޅި ދުނިޔެ ސިއްސުވާލިއެވެ. ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮވެ މުބާރާތާ ކުރިމަތިލީ ކޭޕްވާޑް، ގަދަ 32 ޓީމު ކުޅުނު މެޗުގެ 103 ވަނަ މިނެޓާ ހަމައަށް އޮތީ 2-1 އިން ފަހަތުގައެވެ. ނަމަވެސް ޔަނިކް ސެމެޑޯ ފޮނުވާލި ދިގު ޕާހެއް ކަބްރާލް ހުޝިޔާރުކަމާއެކު ކޮންޓްރޯލް ކުރުމަށްފަހު، އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލިއެވެ. ތުރުކީގެ ޓްރަބްޒޮންސްޕޯއަށް ކުޅޭ އުމުރުން 23 އަހަރުގެ ކަބްރާލްގެ މި ލަނޑާއެކު ނަތީޖާ އެއްވަރުވި ނަމަވެސް، މެޗުގެ ފަހުވަގުތު ބައިކޮޅަށް ވަން ލަނޑަކުން އާޖެންޓީނާ މޮޅުވިއެވެ.

މުބާރާތުގެ އެންމެ ބޮޑު ސިހުން

2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު ޖެހިޖެހިގެން ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުވިލާތް، މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުރީ ދެ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއެވެ. ނަމަވެސް ގަދަ 32 ޓީމުގެ ބުރުގައި ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމަކީ އެންމެން ހައިރާންކޮށްލި ކަމެކެވެ. ރޭންކިންގެ 41 ވަނައިގައި އޮތް ޕެރަގުއޭ މެޗުގެ ލީޑު ނެގި ނަމަވެސް، ޖަރުމަނުގެ ކައި ހާވާޓްޒް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނުން ޖެހި ގޯލެއް ވީއޭއާރުން ބެލުމަށްފަހު ބޭރުކޮށްލިއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަނުގެ ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު، ޕެރަގުއޭ އިން 4-3 އިން މެޗު ކާމިޔާބުކުރިއެވެ.

އަލަށް ވިދާލި ކުޅުންތެރިޔާ

ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލިއިރު، ބާސެލޯނާގެ އުމުރުން 19 އަހަރުގެ ޑިފެންޑަރު ޕާއު ކުބާސީ ވަނީ މުބާރާތުގެ ހުރިހާ މެޗެއްގެ ހުރިހާ މިނެޓެއްގައި ކުޅެފައެވެ. އޭނާގެ ޕާސްތަކުގެ ސައްހަކަން 96.8 އިންސައްތައިގައި ހުރިއިރު، މިއީ މުޅި މުބާރާތުގައިވެސް ދެވަނައަށް އެންމެ ރަނގަޅު ރެކޯޑެވެ. މީގެ އިތުރުން ކުބާސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕް ކާމިޔާބުކުރި ހަތްވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މުބާރާތުގެ އެންމެ މޮޅު ސޭވް

ކޭޕްވާޑްގެ އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ، ލިއޮނަލް މެސީ ފޮނުވާލި ހަލުވި ފްރީކިކް ދިފާއުކުރި ގޮތަކީ ގިނަ ބައެއްގެ ތައުރީފު ލިބުނު ކަމެކެވެ. ގޯލުގެ މަތީ ކަނަށް ވަންނަން ދިޔަ އެ ބޯޅަ އޭނާ ހުއްޓުވީ ހައިރާންކުރުވަނިވި ފުންމާލުމަކުންނެވެ.

މުބާރާތުގެ އެންމެ ބޮޑު ގޯސް

އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގައި އެމެރިކާގެ ކީޕަރު މެޓް ފްރީޒްއަށް ހެދުނު ގޯހަކީ ގޯލްކީޕަރެއްގެ ފަރާތުން ފެނިގެންދިޔަ އެންމެ ދެރަ އެއް ކަންތަކެވެ. އޭނާ އޭރިއާގެ ބޭރަށް ނިކުމެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބެލްޖިއަމްގެ ހާންސް ވަނަކެން ވަނީ 30 ޔާޑު ދުރުން ހުސް ގޯލަކަށް ބޯޅަ ފޮނުވާލާފައެވެ.

އެންމެ ނުރައްކާތެރި ފައުލް

ގްރޫޕް ސްޓޭޖުގައި ގަތަރާއި ކެނެޑާ ބައްދަލުކުރި މެޗުގައި، ގަތަރުގެ އާސިމް މަދީބޯ، ކެނެޑާގެ އިސްމާއީލް ކޯނޭއަށް ކުރި ނުރައްކާތެރި ފައުލްގެ ސަބަބުން ކޯނޭގެ ފައިގެ ކޮޅުކަށިގަނޑު ބިންދައިގެން ދިޔައެވެ. މި ކަމާ ގުޅިގެން މަދީބޯއަށް ރަތް ކާޑު ދައްކައި ފަސް މެޗަށް ސަސްޕެންޑް ކުރިއެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ ސަޕޯޓަރުން

ނޯވޭގެ ސަޕޯޓަރުން ދަނޑުތަކާއި އާންމު ތަންތަނުގައި ދެއްކި “ވައިކިންގް ރޯ” ހަރަކާތަކީ މުޅި މުބާރާތުގައިވެސް އެންމެ ފާހަގަކޮށްލެވުނު އެއް ކަމެވެ. މީގެ އިތުރުން ސްކޮޓްލޭންޑްގެ “ޓާޓަން އާމީ” ގެ ސަޕޯޓަރުންވެސް ވަނީ އެމެރިކާގެ އެކި ސިޓީތަކުގައި ވަރަށް ފޯރިގަދަ އަދި ހަނދާނުން ފޮހެލަން ދަތި މަންޒަރުތަކެއް ދައްކާފައެވެ.

އެންމެ މޮޅު ފޮޓޯ

މުބާރާތް ހުޅުވި މެޗުގައި މެކްސިކޯގެ ރައުލް ހިމެނޭޒް ޖެހި ލަނޑަށްފަހު އޭނާ އުފާފާޅުކުރި މަންޒަރު ފެންނަ ފޮޓޯއަކީ މުބާރާތުގެ އެންމެ މޮޅު ފޮޓޯއެވެ. މިއީ މީގެ ހަ އަހަރު ކުރިން ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކަށްފަހު، އޭނާގެ ކެރިއަރު ނިމުމުގެ ބިރު އޮއްވައި އެނބުރި އައިސް ބޮލުން ޖެހި ލަނޑެއްގެ އުފާފާޅުކުރުމެވެ.

މެކްސިކޯގެ ރައުލް ހިމެނޭޒް، ދެކުނު އެފްރިކާއާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. / ޢޭއެފްޕީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top