ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗުއްޓީއަށް ފުރަނީ ހެއްޔެވެ؟ ޖެޓް ލެގްގެ އަސަރު ކުޑަކުރުމަށް ކައިބޮއެ ހަދާނެ ގޮތް!

ޖެޓް ލެގް ނުވަތަ ދިގު ދަތުރުތަކަށްފަހު ވަގުތުގެ ތަފާތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އުނދަގޫ ކުޑަކުރެވިދާނެއެވެ. މިއީ ހަމައެކަނި ނިދާ ވަގުތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމެއް ނޫނެވެ. ތިބާ ކައިބޮއި ހަދާ އެއްޗެއްސާއި، ކާ ވަގުތުތަކަށް ބަދަލު ގެނައުމަކީ ވެސް މިކަމުގައި ބޮޑު ތަފާތެއް ފެންނާނެ ކަމެކެވެ.

ޖެޓް ލެގްގެ ސަބަބުން، ހިތްގައިމު ޗުއްޓީއެއް ފޫހި އަދި ވަރުބަލި ދުވަސްތަކަކަށް ބަދަލުވެދާނެއެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވުމުން، އެތައް މިލިއަން ބަޔަކަށް މި އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. މީގެ ސަބަބުން ނިދިބަލިވުމާއި، ދުވާލު ގަޑީގައި ވަރުބަލިވުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ބަނޑުގެ އެކި މައްސަލަތައް ކުރިމަތިވެއެވެ.

ޖެޓް ލެގް ދިމާވަނީ ހަށިގަނޑުގެ ގުދުރަތީ ގަޑި (ބަޔޮލޮޖިކަލް ކްލޮކް) އާއި ތިބާ ހުރި ސަރަހައްދުގެ ވަގުތާ ދިމާނުވުމުންނެވެ. އާންމުކޮށް އިރު އަރާ އޮއްސޭ ވަގުތަށް ބަލައިގެން ހަށިގަނޑުގެ އެތެރޭގެ ގަޑި ތަރުތީބުވެއެވެ. ނަމަވެސް، ވަގުތުގެ ތަފާތު ބޮޑު ސަރަހައްދުތަކަށް ދަތުރުކުރުމުން، އެ ވަގުތަކަށް ހަށިގަނޑު ހޭނުމަށް މަދު ދުވަސްކޮޅެއް ނަގައެވެ.

މިކަމާ ގުޅޭގޮތުން މާޔޯ ކްލިނިކްގެ ޑައިޓީޝަނެއް ކަމަށްވާ ޓާރާ ޝްމިޑް ފާހަގަކުރެއްވި ގޮތުގައި، ޖެޓް ލެގްގެ ސަބަބުން ޗުއްޓީގެ ފުރަތަމަ މަދު ދުވަސްކޮޅު މުޅިން ބޭކާރުވެގެން ހިނގައިދާނެއެވެ. މީގެ އަލާމާތްތައް މީހުންނަށް ފެންނަ ގޮތް ތަފާތުވި ނަމަވެސް، ބަނޑު ފުއްޕުމާއި، ބަނޑުހަރުވުން ނުވަތަ ބަނޑުދިޔާވުން ފަދަ ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަކީ އާންމު ކަންކަމެވެ.

ޖެޓް ލެގްގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

1- ކާ ގަޑިތަކަށް ބަދަލު ގެނައުން:
ދަތުރަށް ތައްޔާރުވާއިރު، މަޑުމަޑުން ކާ ގަޑިތަކަށް ބަދަލު ގެންނަން ފަށާށެވެ. ފުރަތަމަ 15 މިނެޓު، ދެން ބައިގަޑިއިރު، އެއަށްފަހު ގަޑިއިރެއްހާއިރު ދާން އުޅޭ ގައުމުގެ ވަގުތާ ގާތްކުރާށެވެ. މަންޒިލަށް ފޯރުމާއެކު އެ ގައުމެއްގެ މީހުން ކައިބޮއި އުޅޭ ވަގުތުތަކަށް އަމަލުކުރަން ފަށާށެވެ.

2- ހެނދުނުގެ ނާސްތާ:
މަންޒިލަށް ފޯރާއިރު އެއީ ހެނދުނު ނަމަ، ރަނގަޅު ނާސްތާއެއް ކުރާށެވެ. ދިރާސާތަކުން ދައްކާގޮތުގައި އާ ވަގުތާ އެއްގޮތަށް ކުރާ ފުރިހަމަ ނާސްތާއެއްގެ ސަބަބުން ޖެޓް ލެގުން އަވަހަށް މިންޖުވުމަށް އެހީތެރިވެދެއެވެ.

3- ކެއުން މަދުކުރުން:
ދަތުރުގެ ކުރިންނާއި ދަތުރުމަތީގައި ކުދިކުދި ކެއުންތަކަށް ސަމާލުކަން ދޭށެވެ. މިއީ ބަނޑުގައި ރިއްސުން ފަދަ އުނދަގޫތަކުން ސަލާމަތްވުމަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ތެޔޮ ގިނަ އަދި ސަރުބީ ގިނަ ކާނާއާ ދުރުހެލިވާށެވެ. އާ ސަގާފަތްތަކުގެ ކާނާ ތަޖުރިބާކުރާއިރު ވެސް ބަނޑަށް ބުރަ ނުވާނެހެން ކެއުމަށް ސަމާލުކަން ދޭށެވެ.

4- ބުއިންތަކަށް ސަމާލުވުން:
ދަތުރުމަތީގައި އަދި ޗުއްޓީ ތެރޭގައި އެކިއެކި ބުއިންތަކާ ދުރުހެލިވުމަކީ މުހިންމު ކަމެކެވެ. މިއީ ނިދުމަށް ހުރަސްއަޅާ ކަމެކެވެ. އަދި ކެފެއިން (ކޮފީ ނުވަތަ ސައި) ބޭނުންކުރުމުގައި ވިސްނުންތެރިވާށެވެ. ހެނދުނު ގަޑީގައި ބުއިމަކުން މައްސަލައެއް ނެތް ނަމަވެސް، މާ ލަސްވާފަހުން ބޭނުންކުރުމުން ނިދަން އުނދަގޫވެދާނެއެވެ.

5- ގިނައިން ފެން ބުއިން:
ހަށިގަނޑުން ފެން މަދުވުމަކީ ޖެޓް ލެގްގެ އަލާމާތްތައް އިތުރަށް ގޯސްކުރާ ކަމެކެވެ. މަތިންދާބޯޓުގެ ތެރޭގައި ހުންނަ ހިކި ވައިގެ ސަބަބުން ހަށިގަނޑުން ފެން މަދުވާތީ، ދަތުރުގެ ކުރިންނާއި، ދަތުރުމަތީގައި އަދި ދަތުރަށްފަހު ވެސް ގިނައިން ފެން ބޯށެވެ. ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަކީ ރަނގަޅު އާދައެކެވެ. އަދި ބޯފެނުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭ ނަމަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރާށެވެ.

ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އަންނައިރު ވެސް މި އުސޫލުތަކަށް އަމަލުކުރުން މުހިންމެވެ. ވީހާވެސް އަވަހަކަށް އާންމު ދިރިއުޅުމުގެ އާދަތަކަށް ރުޖޫއަވުމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top