ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވޯލްޑް ކަޕް 2030 ބާއްވާ އެއް ޤައުމަކަށް އާޖެންޓީނާ!

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެއް މެޗު އެކަނި އާޖެންޓީނާގައި ކުޅޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެ މުބާރާތުން އެ ގައުމަށް އޮޓޮމެޓިކް ޖާގައެއް ކަށަވަރުވެއްޖެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފޮނުއްވި ސިޓީއަކުން ހާމަވެއްޖެއެވެ.

ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ 2030ގެ މުބާރާތް މައިގަނޑު ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. ނަމަވެސް، މުބާރާތުގެ ގަރުނެއް ފުރުމުގެ ރަސްމިއްޔާތާ ގުޅިގެން އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއާއީގައި ތިން މެޗު ކުޅުމަށް ވަނީ ނިންމާފައެވެ.

1930 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލުގައި އާޖެންޓީނާ ބަލިކުރުމަށްފަހު އުރުގުއާއީންނެވެ. އަދި ޕެރަގުއާއީއަކީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް)ގެ މައި މަރުކަޒު ހުންނަ ގައުމެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވަނީ ކީއްވެ؟

މި ނިންމުމާ ގުޅިގެން، އުރުގުއާއީގެ މޮންޓެވީޑިއޯ، އާޖެންޓީނާގެ ބުއެނޮސް އައިރެސް އަދި ޕެރަގުއާއީގެ އަސުންސިއޯންގައި މެޗުތައް ބޭއްވޭނެއެވެ. ފީފާއިން ވަނީ ކުރިން ފެނިފައިނުވާ ފަދަ ނިންމުމެއް ނިންމައި، މުބާރާތް ބާއްވާ ހަ ގައުމަށްވެސް މުބާރާތުން އޮޓޮމެޓިކް ޖާގައެއް ދިނުމަށް ނިންމާފައެވެ.

މި ޚަބަރު ފެންމަތިވެފައި މިވަނީ، ނިމިދިޔަ ހަފުތާ ބަންދުގައި ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައެވެ.

2026 ގެ ވޯލްޑް ކަޕް ފައިނަލަށްފަހު ހިނގައިދިޔައީ ކޮން ކަމެއް؟

ފައިނަލް މެޗު ނިމުމާއެކު، އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން، މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ޓީމާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

މީގެ އިތުރުން، ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު، ‘ފޯލްކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއް’ ކަމަށް ލިޔެފައިވާ ބެނާއެއް އާޖެންޓީނާގެ ކުޅުންތެރިން ދައްކާލި މައްސަލަ ބެލުމަށް އިނގިރޭސި ސަރުކާރުން ވަނީ ފީފާގައި އެދިފައެވެ. މި ހުރިހާ ހަމަނުޖެހުންތަކެއްގެ ތެރޭގައި، ފީފާގެ ރައީސް އިންފަންޓީނޯ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފޮނުއްވި މަރުހަބާގެ ސިޓީއެއް ލީކުވުމާ ގުޅިގެން އިތުރު ބަހުސްތަކެއް ވަނީ އުފެދިފައެވެ.

“އިއްޒަތްތެރި ރައީސް، 19 ޖުލައި 2026 ވީ އާދީއްތަ ދުވަހު ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޕެއިންއާ ވާދަކޮށް އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕް 2026ގެ ރިހި މެޑަލް ކާމިޔާބުކޮށްފައެވެ.” ޑެއިލީ މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވިއެވެ.

“އާޖެންޓީނާގެ ފުޓްބޯޅައަށް ލިބުނު މި މުހިންމު ކާމިޔާބީއަށްޓަކައި އަޅުގަނޑުގެ އިޚްލާޞްތެރި މަރުޙަބާ އަލުން ރައްދުކުރަމެވެ. 2026ގެ ވޯލްޑް ކަޕަކީ ފޯރިގަދަ މެޗުތަކާއި، އުއްމީދީ އާ ކުޅުންތެރިންގެ ފެނިލުމާއި، ދުނިޔޭގެ ނަން މަޝްހޫރު ތަރިންގެ ހުނަރުވެރިކަމުގެ އިތުރުން، ސަޕޯޓަރުންނުން ފުރިފައިވާ ސްޓޭޑިއަމްތަކުން ފެނިގެންދިޔަ ހިތްގައިމު މާޙައުލާއެކު، ފުޓްބޯޅައިގެ އުފާވެރި އީދެއްގެ ގޮތުގައި އަބަދުވެސް ހަނދާން ހުންނާނެ މުބާރާތެކެވެ.

އާޖެންޓީނާ ޓީމުގެ މޮޅު ކުޅުމަކީ މި މުބާރާތަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލައިގަތް ޚާއްޞަ ހަރަކާތަކަށް ހެދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމެކެވެ.

މި ފަޚުރުވެރި ނަތީޖާ ހޯދުމުގައި ހިއްސާވި ހުރިހާ ފަރާތްތަކަށް، އެބަހީ ކުޅުންތެރިންނާއި، ކޯޗު ލިއޮނަލް ސްކަލޯނީއާއި، ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ޓީމުގެ އިތުރުން މުޅި މުބާރާތުގައި ޓީމަށް ހިތްވަރުދިން އެންމެހާ ސަޕޯޓަރުންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކޮށްދެއްވުން އެދެމެވެ.

މިފަދަ ކާމިޔާބީތަކަކީ އަބަދުވެސް ނުހުއްޓި ކުރާ މަސައްކަތާއި، ފަންނީ ހުނަރާއި، ކަންކަމަށް ދޭ ސަމާލުކަމުގެ ނަތީޖާއެވެ. އަދި ހަމައެއާއެކު، މި ކުޅިވަރަށް އޮތް ލޯތްބާއި ކަނޑައެޅިފައިވާ އަޒުމުގެ ސަބަބުން ލިބޭ ކާމިޔާބީއެކެވެ. މިއީ އާޖެންޓީނާގެ ފުޓްބޯޅައަށް އޮތް އުޖާލާ މުސްތަޤްބަލެއްގެ ފެށުމެއް ކަމާމެދު ޝައްކެއް ނެތެވެ.

އިއްޒަތްތެރި ރައީސް، ކުރިއަށް އޮތް މުބާރާތްތަކުގައި ކާމިޔާބީއަށް އެދެމެވެ. އަދި ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އުއްމީދު ކުރަމެވެ. އިޚްލާޞްތެރިކަމާއެކު، ޖިއާނީ އިންފަންޓީނޯ.”

މުބާރާތުގެ ގަދަ ތިން ޤައުމަށް (ލޯ މެޑަލް ހޯދި އިންގްލޭންޑް ހިމެނޭހެން) އިންފަންޓީނޯ ސިޓީ ފޮނުއްވި ނަމަވެސް، އާޖެންޓީނާއަށް ފޮނުއްވި މެސެޖާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ ފައިނަލް މެޗު ނިމުމުން އާޖެންޓީނާގެ ކުޅުންތެރިން އަމަލުކުރި ގޮތާ ގުޅިގެން ފީފާއިން ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ފަހުން އިންފަންޓީނޯ ވަނީ މުބާރާތަށް ފާޑުކިޔާ ފަރާތްތަކަށް ސޯޝަލް މީޑިއާގައި ވަރުގަދަ ރައްދެއް ދެއްވާފައެވެ. ފީފާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި 15 ސްލައިޑްގެ މެސެޖެއް އާންމުކުރައްވަމުން އޭނާ ވަނީ، ފާޑުކިޔާ މީހުން ކަންކަމާ މެދު ފުންކޮށް ވިސްނާ، ދުޢާކޮށް ނުވަތަ ފުޓްބޯޅަ މެޗެއް ބަލައިލުމަށް އިރުޝާދު ދެއްވާފައެވެ.

މިދަނޑިވަޅުގައި، އާޖެންޓީނާ ވޯލްޑް ކަޕުން ދާއިމީކޮށް ސަސްޕެންޑް ކުރުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަނެއްގައި 20 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. ފުޓްބޯޅަ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި ފީފާއިން ވަނީ ތިން ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންނާއި (އެންމެ ފަހުން 2022 ގައި ތަށި ހޯދި) ކެޕްޓަން ލިއޮނަލް މެސީއަށް ވަކި ފަރާތަކަށް ޖެހިގެން އިސްކަންދީފައެވެ. ނަމަވެސް ފީފާގެ ޗީފް ރެފްރީ އޮފިސަރު ޕިއަރލުއިޖީ ކޮލީނާ ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. މިހާރު އެ ޕެޓިޝަން ވަނީ ބަންދުކޮށްފައެވެ.

2030 ގެ ވޯލްޑް ކަޕް އޮންނާނީ ކިހިނެއް؟

2026 ގެ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު ވަނީ 32 އިން 48 އަށް އިތުރުކޮށްފައެވެ. ނަމަވެސް 2030ގެ މުބާރާތް މިއަށްވުރެ ވެސް ބޮޑުވެ، 64 ޓީމު ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް)ގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް ވަނީ އެކްސްގައި މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ 2030ގެ ވޯލްޑް ކަޕް އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ބޭއްވުމަކީ ވޯލްޑް ކަޕްގެ 100 ވަނަ އަހަރު 64 ޓީމާއެކު ފާހަގަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޑޮމިންގޭޒްގެ މި ވާހަކަތަކާ ގުޅިގެން، ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސީން ވެންގާ ވިދާޅުވީ، 2026ގެ ފުޅާކުރެވުނު ވޯލްޑް ކަޕަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިތުރުކުރެވުނު ޤައުމުތަކުގެ ފެންވަރާ މެދު ސުވާލު އުފެދުނު ނަމަވެސް، އެ ޤައުމުތަކުން ވަނީ ދަނޑުމަތީގައި އެކަމަށް ޖަވާބުދީ، މޮޅު ކުޅުމަކާއި ފޯރިގަދަ މެޗުތަކެއް ދައްކުވައިދީފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top