ބަހުގައި އިން މީހާ
އަހަރެމެން ކޮންމެ މީހަކީވެސް، ވަރުބަލިކަމުން ގޮސް ދެލޯ ހުޅުވައިގެން ހުންނަން ދަތިވާ ފަދަ ބަސް ދަތުރުތަކާ ކުރިމަތިލާފައިވާނެ ބައެކެވެ. މަގުމަތީގައި ހުންނަ އުސްގަނޑުތަކުގެ މަތިން ބަސް ދާއިރު ކުރެވޭ އިޙުސާސަކީ ނާނާއެއް ފަދަ އެއްޗެކެވެ. ބަހުގެ ފިނި އޭސީގެ ވައި، ރަޖާއެއް ފަދައިން ވަރުބަލިވެފައިވާ ހަށިގަނޑުގައި އޮޅާލުމުން، ނިދިން ސަލާމަތްވުމަށް ސިކުނޑި ކުރާ މަސައްކަތް މަޑުމަޑުން ހުއްޓާލައެވެ.
އާންމުގޮތެއްގައި، ނިދީގައި ނޭނގި ހުރެ ނަމަވެސް ނުދަންނަ މީހެއްގެ ކޮނޑުގައި ބޯ އަޅައިގެން އޮވެވުމުން، ހޭލެވުމާއެކު ތިމާގެ އަމިއްލަ ނަފުސަށްވެސް ހަމްދަރުދީވާ މިންވަރަށް މާފަށް އެދެވެއެވެ. އަދި ލަދުން ގޮސް އަވަސްއަވަހަށް ދެން އަންނަ ބަސް ހުއްޓިއަކަށް ފައިބައިގެން ދެވެއެވެ.
އެހެންނަމަވެސް، އެ ނުދަންނަ މީހާއަކީ ދުވަހަކުވެސް ހަނދާނުން ފޮހެލަން ދަތި މީހަކަށް ވެދާނެ ކަމަކަށް އުއްމީދެއް ނުކުރެވެއެވެ.އަދި އެއަށްވުރެ ބޮޑަށް، އޭނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ އަޑު ހަފުތާތަކެއް ވަންދެން މާލޭގެ މަގުތަކުން އިވޭނެ ކަމަކަށް ވެސް ހިތަކަށް ނާރައެވެ.
އައިޖީއެމްއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓްގެ ދޮރުމަތީގައި ހުރި ޑިޖިޓަލް ގަޑިން ދައްކަނީ މެންދަމުން އަލިވެ 2:14 އެވެ. އެ ގަޑީގެ ރަތް ކުލައިގެ ނަންބަރުތަކުން ހީވަނީ މަލާމާތް ކުރާހެންނެވެ. ޢާއިޝަތު ކިޔާރާ އެ ގަޑިއަށް ކުޑަ ވަގުތުކޮޅަކަށް ބަލަހައްޓައިގެން ހުރުމަށްފަހު، ވަރުބަލިވެފައިވާ ކޮނޑުގެ އެހީގައި ބަރު ބިއްލޫރި ދޮރު ކޮއްޕާލާފައި ބޭރަށް ނުކުތެވެ.
އެތެރޭގައި ހުރި ސާފުކުރާ އެއްޗެހީގެ ވަހާއި ހޮސްޕިޓަލުގެ ފަރުވާތެރި މާހައުލާ ވަކިވެ، ބޭރުގެ ތެތްފިނިކަމުގެ ތެރެއަށް އޭނާ ނުކުތެވެ. ޖުލައި މަހުގެ އެ ތެތް ވައިގެ ތެރޭގައި ތެތް ސިމެންތީގެ ވަހާއި ކަނޑުގެ ލޮނުވަސް އެކުލެވިފައިވެއެވެ.
ވާރޭ ވެހެން ފެށީ މީގެ ފަނަރަވަރަކަށް މިނެޓު ކުރިންނެވެ. އެއީ ގަދަ ކޮޅިގަނޑެއް ނޫނެވެ. އެއީ ގިނަ މީހުން ނިދާފައި ތިބޭއިރު، މުޅި ސިޓީ ހިމޭންކަމާއެކު ދޮވެލާ ފަދަ ހިމޭން ވާރޭއެކެވެ.
ހޮސްޕިޓަލުގެ ބޭރުގައި ސަފުތަކަކަށް އަތުރާފައިވާ ސައިކަލުތަކުގެ މައްޗަށް ވާރޭގެ ތިކިތައް މަޑުމަޑުން ވެހެމުން ދިޔައެވެ. މަގުބައްތިތަކުގެ އަލި، މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކަށް އެޅި، ރަންކުލައިން ފެންގަނޑުތައް ވިދަމުންދިޔައެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ހިމޭންކަމެވެ.
ކިޔާރާ ދެންމެ އެ ނުކުމެގެން އައި ބުރަ މަސައްކަތާއި ހަލަބޮލިކަން، އެ ހިމޭން މާހައުލުން އެކަކަށްވެސް އަންދާޒާއެއް ނުކުރެވޭނެއެވެ.
ސާދަ ގަޑިއިރު. ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އިމަޖެންސީ ޑިޕާޓްމަންޓުގައި ހޭދަކުރި ނުހަނު ބުރަ ސާދަ ގަޑިއިރެވެ. ކަށި ބިންދައިގެން ގޮސްފައިވާ ކުޑަކުދިންނެވެ. ނޭވާލާން އުނދަގޫވެފައިވާ އުމުރުން ދުވަސްވީ މަސްވެރިއެކެވެ. ފެންމަދުވެގެން ހާލު ދެރަވެފައިވާ ފަތުރުވެރިއެކެވެ. މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެކެވެ. ފަރުވާދޭ ކޮޓަރީގެ ބޭރުގައި، މަޑުމަޑުން ދުޢާކުރަމުން ރޮމުންދިޔަ ޒުވާން މައެކެވެ.
ކިޔާރާ އެންމެންނަށް ހިނިތުންވުން ހަދިޔާކުރިއެވެ. ހިތްވަރު ދިނެވެ. ޒަޚަމްތަކުގައި ބޭސްއެޅިއެވެ. އުންމީދު އާކޮށްދިނެވެ. ލިޔެކިޔުންތައް ފުރިހަމަކުރިއެވެ. ބިރުން ތުރުތުރުއަޅާ އަތްތަކުގައި ހިފަހައްޓައި ހަމަޖައްސައިދިނެވެ. އޭނާގެ އަމިއްލަ ވަރުބަލިކަން ފޮރުވައިގެން ހުރީ އޭނާގެ މަސައްކަތުގެ އަޚުލާޤުގެ ސަބަބުންނެވެ.
ނަމަވެސް މިހާރު އެ ހިތްވަރު ވަނީ އެކަމަށް ކެތްނުކުރެވޭ މިންވަރަށް ކުޑަވެފައެވެ. އޭނާގެ ކޮނޑު ވަނީ ތިރިވެފައެވެ. ފައިތިލަ ވަނީ އާދަޔާ ޚިލާފަށް ބަރުވެފައެވެ. ކޮންމެ ފިޔަވަޅަކާއެކު، އޭނާގެ ފައިތިލަ ދުޅަވެފައިވާކަން އިޙުސާސް ކުރެވެއެވެ. އުމުރުން އެންމެ ފަންސަވީސް އަހަރުގައި، އޭނާގެ ދެގުނަ އުމުރުގެ ނަރުހުން މިގޮތަށް ސާބިތުވެ ތިބެނީ ކިހިނެއްބާއޭ ކިޔާރާގެ ހިތަށް އެރިއެވެ.
ބަލިމީހުންގެ ނޯޓުތަކާއި، ކިޔަވަން ބޭނުންވެފައިވާ ފޮތްތަކާއި، ނުކައި ހުރި ކާ އެއްޗެއްސާއި، ފުރިފައި ހުރި ފެންފުޅިއަކުން ފުރިފައިވާ އޭނާގެ ބޮޑު ދަބަސް ކޮނޑުގައި ރަނގަޅުކޮށްލިއެވެ. އޭނާ އަމިއްލަ ނަފުސަށް މަޑުމަޑުން ހީލިއެވެ. އަނެއްކާވެސް ކެއުން ބަހައްޓާފައި އާދެވުނީއެވެ. އޭނާގެ ކާޑިގަން އޮތީ ސްޓާފް ރޫމްގެ ގޮނޑިމަތީގައި ބޭއްވި ގޮތަށެވެ. އެއީ ބާވެ، ކުލަ ފަނޑުވެފައިވާ އެއްޗެކެވެ.
ގިނަ ދުވަސްވުމުގެ ސަބަބުން އަތްވެސް ވަނީ ދެމިފައެވެ. އެހެންނަމަވެސް، އޭނާގެ ޔުނީފޯމްގެ މަތިން އެ ކުރީގެ ކާޑިގަން ލިއެވެ. އެއީ ފެޝަނެއް ނޫނެވެ. އެއީ އޭނާއާ ރައްޓެހި، ފަސޭހަ އެއްޗެކެވެ. ދަންވަރު ދެގަޑި ބައިވާއިރު، ބޭރުފުށުގެ ރީތިކަމަށްވުރެ ހަށިގަނޑަށް ލިބޭ އަރާމު މާ މުހިންމެވެ.
އަނެއްކޮޅުން.. ބޭރުފުށުގެ ރީތިކަމަކީ ދުވަހަކުވެސް އޭނާގެ މާ ބޮޑު ސިފައެއް ނޫނެވެ. ބޮޑުވަމުން އައިއިރު، އެކި މީހުންގެ ފަރާތުން އެކި ވާހަކަތައް އޭނާ އަޑުއެހިއެވެ.
“ތިޔައީ އަންހެން ކުއްޖަކާ ބަލާފައި މާ އިސްކޮޅުން ދިގު އާދައިގެ ދިވެހި ކުދިންނަށްވުރެން ފަލަ ބަރު ކުއްޖެއް.”
“ހިކިލައިފިނަމަ މާ ރީތިވާނެ.”
“މޫނު ވަރަށް ރީތި..”
މިފަދަ ކޮންމެ ތަޢުރީފަކަށްފަހު، އެ ތަޢުރީފުގެ ރީތިކަން ގެއްލިގެންދާ ފަދަ ޖުމްލައެއް އާދެއެވެ.
ހަތްދިހަ ތިން ކިލޯގެ ބަރުދަނެއް ހުންނަ ކިޔާރާ ޤަބޫލުކުރަމުން އައީ އޭނާގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާ ކަމަށެވެ. އޭނާއަށް މަގު ދައްކަން މީހަކު އެއްފަރާތްވެލިޔަސް އޭނާ މާފަށް އެދެއެވެ. އޭނާގެ ދަބަސް މީހެއްގެ ގައިގައި ބީހިލިޔަސް އޭނާ މާފަށް އެދެއެވެ. މާ ބާރަށް ހީނލެވުނަސް، ރޮވުނަސް، ނުވަތަ ސުވާލެއް ކުރެވުނަސް އޭނާ މާފަށް އެދެއެވެ.
ބައެއް ފަހަރު.. އޭނާ ދުނިޔޭގައި ހުރިކަމަށްޓަކައިވެސް މާފަށް އެދެވޭ ކަހަލައެވެ. މިއީ އޭނާގެ އާދައަކަށް ވެފައިވާތީ، އަމިއްލައަށް އެކަން ކުރެވޭކަންވެސް މިހާރު އިޙުސާސެއް ނުކުރެވެއެވެ. އަބަދުވެސް އޭނާގެ މަސައްކަތުގެ އެކުވެރިއަކު އެކަން ހަނދާންކޮށްދެއެވެ.
“ކިޔާރާ، ކޮންމެ ކަމަކަށް މާފަށް އެދޭކަށް ނުޖެހޭނެ.”
ފަހަރުގައި އެމީހުން ބުނަނީ ތެދަކަށް ވެދާނެއެވެ. އެހެންނަމަވެސް އެކަން ހުއްޓާލާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހޮސްޕިޓަލުގެ ގޭޓުން ބޭރަށް ނުކުތްއިރު، މާލޭގެ މަގުތައް ފެންނަނީ ވަރަށް ރީތިކޮށެވެ.
ވާރޭގެ ސަބަބުން މަގުމަތީގައި ދުއްވާ އެއްޗެހި ވަނީ މަދުވެފައެވެ. ކެފޭއެއްގައި މަސައްކަތްކުރާ މީހަކު ގޮނޑިތައް އަތުރަމުން ދިޔައެވެ. ޑެލިވަރީ ކުރާ މީހަކު ވާރޭގެ ތެރޭގައި ބާރަށް ސައިކަލު ދުއްވާފައި ދިޔައެވެ. މާ ގިނަ އިރެއް ނުވެ ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅި ސިޓީއަށް ފެތުރިގެންދާނެއެވެ. މާލެއަކީ ދުވަހަކުވެސް ނިދާ ސިޓީއެއް ނޫނެވެ. އެއީ ހަމައެކަނި ޒިންމާތަކުގެ މެދުގައި ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލާ ސިޓީއެކެވެ. ކިޔާރާ އޭނާގެ ކާޑިގަން ގަޔަށް ބާރުކޮށްލުމަށްފަހު ބަސް ހުއްޓިއާ ދިމާލަށް ހިނގައިގަތެވެ.
އޭނާ ދިރިއުޅޭ ކުޑަ އެޕާޓްމަންޓް ހުންނަނީ މާ ދުރަކު ނޫނެވެ. އާންމުކޮށް އޭނާ ދަނީ ހިނގާފައެވެ. ނަމަވެސް މިރޭ އޭނާގެ ފައިގައި އެ ހިތްވަރެއް ނެތެވެ. ބަސް ހުއްޓި އޮތީ ހުސްކޮށެވެ. ވާރޭގެ ތިކިތައް ބާރަށް ވެހެމުން ދިޔައެވެ. މީހަކު ބަސް ހުއްޓީގެ ގޮނޑިމަތީގައި ހުސް ކޮފީ ތަށްޓެއް ބަހައްޓާފައި ހުއްޓެވެ. ވާރޭގެ ސަބަބުން މާހައުލު ސާފުވާން މަސައްކަތް ކުރި ނަމަވެސް، މޭވާ ރަހަދޭ ވޭޕްގެ ވަސް އެ ތެތް ވައިގެ ތެރޭގައި ހަރުލާފައި ހުއްޓެވެ.
އޭނާ ފޯނު ބަލާލިއެވެ. މަންމަގެ ދެ މިސްކޯލާއި މެސެޖެއް އޮތެވެ. “ރަނގަޅަށް ނިދަން ހަނދާން ކުރާތި.”
ކިޔާރާ ހިނިތުންވެލިއެވެ. އެއީ ނުވާނެ ކަމެއްކަން އޭނާގެ މަންމައަށްވެސް އެނގޭނެއެވެ.
މިނެޓެއް ފަހުން ބަސް އައިސް މަޑުކޮށްލިއެވެ. ބަހުގެ ހެޑްލައިޓުގެ އަލި ތެތް މަގުމައްޗަށް އެޅިފައި ހުއްޓެވެ. އޭނާ ބަހަށް އެރިއެވެ. ބަހުގައި ތިބީ އެންމެ ހަ ފަސިންޖަރުންނެވެ. ހެޑްފޯން އަޅައިގެން އިން ޔުނިވަރސިޓީ ކުއްޖަކާއި، ކުޑަދޮރުގައި ބޯ އަޅައިގެން ނިދާފައި އިން ދުވަސްވީ މީހަކާއި، ފޯނުން މެސެޖު ކިޔަން އިން މެދުއުމުރުގެ އަންހެނަކާއި، ސިއްރުން ވާހަކަދައްކަން ތިބި ދެ ފަތުރުވެރިންނެވެ.
އަދި ބަހުގެ ދޮރާ އެންމެ ކައިރީގައި އިން ފިރިހެނެކެވެ. އޭނާ އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުކުރެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާ ފާހަގަނުވެއެއް ނުދިޔައެވެ. އޭނާ އިނީ ވަރަށް މަޑުމައިތިރިކޮށެވެ. ފައި މައްޗަށް ފައި އަރުވައިގެންނެވެ. ދަންވަރުގެ މި ވަގުތުވެސް އޭނާ ލައިގެން ހުރި އަނދިރި ކުލައިގެ ފޭރާން އޭނާއާ ވަރަށް ގުޅެއެވެ. އޭނާގެ އަތުގައި ހުރި ޓެޓޫތައް ފެންނަން ހުއްޓެވެ. ދިގު ކަޅު އިސްތަށިގަނޑާއި، ވަރުގަދަ ދަތްދޮޅިއެއްގެ ސަބަބުން އޭނާގެ މޫނު ފެންނަނީ ހިލައިން ކޮށާފައިވާ ބުދެއް ފަދައިންނެވެ. އޭނާގެ ލޮލުން ފެންނަނީ މި ވަގުތުގެ މީހަކާ ނުގުޅޭ ފަދަ ހަމަޖެހުމެކެވެ.
އޭނާއަކީ ހަމައެކަނި ރީތި މީހެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި ހައިބަތެއްގެ ސަބަބުން އޭނާގެ ވަށައިގެން ތިބޭ މީހުންގެ އަޑު އަމިއްލައަށް މަޑުވެގެންދާ ކަހަލައެވެ.
ކިޔާރާ ވަގުތުން މޫނު އަނބުރާލިއެވެ. މީހުންނަށް ބަލަހައްޓައިގެން ހުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އިށީނީ އެމީހާގެ ދެ ސަފު ފަހަތުގައެވެ. ކުޑަދޮރުގައި ބޯ އަޅާލަމުން އަމިއްލަ ނަފުސަށް މަޑުމަޑުން ބުންޏެވެ. “ފަސް ބަސް ހުއްޓި.”
އެއީ ހަމައެކަނި ފަސް ހުއްޓިއެވެ. ގެއަށް ދެވެންދެންނެވެ. ނިދަންދެންނެވެ. ވަރުގަދަ މީހަކަށް ވެގެން އުޅުން ހުއްޓާލެވެންދެންނެވެ.
ބަސް ދުއްވާލިއެވެ. ބަހުގެ ހަރަކާތްތަކާއި ބޭރުން އިވޭ ވާރޭގެ އަޑު އެކުވެގެން ދިޔައެވެ. ބަހުގެ ތެރޭގައި އޮތް ފިނި ވައިގެ ސަބަބުން އޭނާގެ ގައިގައި ހުރި ރިހުންތަކަށް ލުޔެއް ލިބުނެވެ. އޭނާ އެސްފިޔަ ޖަހާލިއެވެ. އެއްފަހަރު، ދެފަހަރު، ތިންފަހަރު.. ދެލޯ ބަރުވަމުން ދިޔައެވެ.
“ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ. ސީދާވެލައިގެން އިށީނެވެ. ހޭލާ ހުންނާށެވެ. އެންމެ ފަސް ހުއްޓިއެވެ.
ނަމަވެސް ވަރުބަލިކަން އޭނާގެ ހިތްވަރަށްވުރެ ގަދަވިއެވެ. ނޭނގި ހުރެ، މަޑުމަޑުން އޭނާ ނިދީގެ ތެރެއަށް ޣަރަޤުވާން ފެށިއެވެ.
އިންޖީނުގެ މަޑު އަޑާއި، ކުޑަދޮރުތަކުގައި ޖަހަމުންދިޔަ ވާރޭގެ ތިކިތަކުގެ އަޑު ވަނީ އެކުވެފައެވެ. ކިޔާރާގެ ހޫނުވެފައިވާ ހަންގަނޑަށް ފުރަތަމަ ފިނިކަން ގެނެސްދިން އެއާކޮންޑިޝަނުގެ ފިނިކަން، މަޑުމަޑުން އޭނާ ނިދީގެ ފުން ކަނޑަކަށް ގެންދަން ފެށިއެވެ. ކިޔާރާ އަނެއްކާވެސް ލޯ މަރާލިއެވެ. ޑްރައިވަރުގެ ބޯމަތީގައި ހުރި ޑިޖިޓަލް ބޯޑުން، ބަސް މަޑުކުރާނެ ތަންތަނުގެ ލިސްޓު ފެންނަން ހުއްޓެވެ. އަދި ހަތަރު ތަން އޮތެވެ. ހަތަރު ތަނަށް މަޑުކުރަންދެން އޭނާއަށް ކެތްކުރެވިދާނެއެވެ. އޭނާގެ އަތުގެ އެތެރެފަރާތުގައި އޭނާ ބާރަށް ވިިކާލިއެވެ. ބާރަށެވެ. އެއިން ލިބުނު ތަދުގެ ސަބަބުން ގާތްގަނޑަކަށް ތިރީސް ސިކުންތު ވަންދެން އޭނާ ހޭލާ ހުއްޓެވެ. ނަމަވެސް، ހަމަހިމޭން ގޮނޑުދޮަށަކަށް ބީއްސާލާ ރާޅެއް ފަދައިން، ވަރުބަލިކަމުގެ އޮއިވަރެއް އައިސް އޭނާ ބާރު ދެރަކޮށްލިއެވެ.
ކިޔާރާގެ ބޯ ކުރިއަށް ލެނބުނެވެ. އޭނާ ސިހިފައި ހޭލިއެވެ. އޭނާގެ ތުންފަތުން މަޑު ފުން ނޭވާއެއް ބޭރުވިއެވެ.
“ނޫން..” ކިޔާރާ އަމިއްލަ ނަފުސަށް މަޑުމަޑުން ބުންޏެވެ. “ނިދައިގެން ނުވާނެ.”
ކުރިމަތީގައި އިން ޔުނިވާސިޓީ ދަރިވަރު، ފޯނުން ނަޒަރު ވަކިކޮށްލުމަށްފަހު އޭނާއަށް ހަމްދަރުދީގެ ހިނިތުންވުމެއް ރައްދުކުރިއެވެ. އަދި އަލުން އޭނާ ބަލަން އިން ވީޑިއޯއަށް ސަމާލުކަން ދިނެވެ.
ކިޔާރާ ލަދުގަތެވެ. އޭނާ އެ ވަރުބަލިކަމާ ކުރާ ހަނގުރާމައިން ބަލިވަމުންދާކަން ބޭރު ބަޔަކަށްވެސް އެނގެއެވެ. އޭނާ އަނެއްކާވެސް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. ލިޔެކިޔުންތަކާއި، ފޮތްތަކާއި އަދި ނުނިމި ހުރި ނޯޓްތަކުން ފުރިފައިވާ އޭނާގެ މަސައްކަތު ދަބަސް، އޭނާގެ ފައިމަތީގައި އޮތެވެ. މިރޭ އެ ހުރިހާ އެއްޗެއްގެ ބަރުދަން ސަތޭކަ ކިލޯއަށްވުރެ ބަރުހެން އޭނާއަށް ހީވިއެވެ.
(ނުނިމޭ)
