ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ކަލާޒް ޓީވީގެ މަޤުބޫލު ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަން މި ހަފުތާ ބަންދުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ފަހަރުގެ ސީޒަނަކީ މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ސްޓަންޓްތައް ފެނިގެންދާނެ ސީޒަން ކަމަށް ބެލެވެއެވެ.
“ޚަތުރޯން ކޭ ކިލާޅީ 15” ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ 1 އޯގަސްޓް 2026 ގައެވެ. މި ޝޯވ ކަލާޒް ޓީވީން ދައްކާއިރު، ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް އޮންލައިންކޮށް ވެސް ބަލައިލެވޭނެއެވެ. އޯގަސްޓް މަހުން ފެށިގެން ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:30 (އިންޑިއާ ގަޑިން 9:00) ގައި އާ އެޕިސޯޑުތައް ދައްކާނެއެވެ.
“ޑަރު ކާ ނަޔާ ދައުރު” (ބިރުވެރިކަމުގެ އާ ދައުރެއް) ގެ ތީމްގެ ދަށުން ކުރިއަށްދާ މި ސީޒަން ޝޫޓްކޮށްފައިވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގެ ހިތްގައިމު މާހައުލުގައެވެ. މި ސީޒަނުގައި ކުރީގެ ބައިވެރިންނާއި އަލަށް ގުޅޭ ބައިވެރިން އެކުގައި ވާދަކުރާ އާ ފޯމެޓެއް ވަނީ ތައާރަފްކޮށްފައެވެ.
މި ފަހަރުގެ ޝޯވގައި ޖުމްލަ 13 ބައިވެރިން ފެށުމުގައި ބައިވެރިވާނެއެވެ. މީގެ ތެރޭގައި ކުރީގެ ސީޒަންތަކުން ފެނިފައިވާ އަވިކާ ގޯރް، ޖާސްމިން ބަސީން، ކަރަން ވާހީ، ރިތުވިކް ދަންޖާނީ، ރުބީނާ ދިލައިކް އަދި ވިޝާލް އަދިތުޔާ ސިންގް ހިމެނެއެވެ. މި ފަހަރު އަލަށް ގުޅޭ ބައިވެރިންނަކީ އަވިނާޝް މިޝްރާ، ފަރްހާނާ ބަޓް، ގޯރަވް ކަންނާ، ހަރްޝް ގުޖްރާލް، އޯރްހާން އަވަތުރަމަނީ (އޯރީ)، ރުހާނިކާ ދަވަން އަދި ޝަގުން ޝަރުމާއެވެ. އަދި ޝޯވގެ ވަކި ހިސާބަކުން ވައިލްޑްކާޑް ބައިވެރިންވެސް ފެނިގެންދާނެއެވެ.
ޕްރޮމޯޝަންތައް ވަރަށް ވަރުގަދައަށް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ މި ސީޒަންގެ އެއް ޕްރޮމޯއިން ފެންނަ ގޮތުގައި، ދެކުނު އެފްރިކާގެ ކްރިކެޓް ކުރީގެ ބާރު އުކުންތެރިޔާ އަދި މިހާރު އިންޑިއާ ޤައުމީ ޓީމުގެ ބޯލިން ކޯޗު މޯން މޯކަލް ވެސް މި ޝޯވގެ ފުރަތަމަ އެޕިސޯޑުން ފެންނާނެއެވެ. އޭނާ ބައިވެރިންނަށް ދޭނީ 150 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަ ބޯޅަތަކާ ކުރިމަތިލާން ޖެހޭ “ހައި ސްޕީޑް ޕޭސް ޗެލެންޖް” އެކެވެ.
ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދާ މިފަހަރުގެ ސީޒަންއަށް ވެސް ބެލުންތެރިން ތިބީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ.
