ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރަށް ބޮޑު އުންމީދަކާ އެކު ތައްޔާރުކޮށްފައިވާ “ހުވަފެނީ” ޕްރޮޖެކްޓް، “ޖަންނަތު” ބެލެނިވެރިއެއްގެ އިރުޝާދާއެކު ކުޑަކުދިންނަށް ބެލޭނެ ގޮތަށް “ޕީޖީ” ރޭޓިންއެއްގައި ކްލެސިފައި ކޮށްފިއެވެ.
އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ، މުޅި އާއިލާއަށް އެކުގައި ބަލާލެވޭނެ ފަދަ އުފެއްދުމެއްކަން މި ރޭޓިންއާއެކު މިވަނީ ކަށަވަރުވެފައެވެ. ޕޭރެންޓަލް ގައިޑެންސް (ޕީޖީ) ރޭޓިންއެއް ދިނުމުން، ބެލެނިވެރިއަކާ އެކު ކުޑަކުދިންނަށްވެސް މި ފިލްމު ސިނަމާގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާގެ އިތުރުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެ އިތުރުން ޢާއިޝަތު ޔާދާ، އަފްރާހް އަދި އަންޖީ ވެސް މި ފިލްމުގައި މުހިންމު ރޯލެއް އަދާކުރެއެވެ.
މި ފިލްމުގެ ލީޑް ޝަރަފް ކުޅެފައިވަނީ އޯޓިޒަމް ހުންނަ، އެހެނަސް ހިތު ހިސާބުގެ އިތުރުން ބައެއް ހުނަރުތައް ލިބިފައިވާ ބައްޕައެއްގެ ރޯލެވެ. ޝަރަފްގެ ދަރިފުޅުގެ ރޯލު ވަރަށް ފުރިހަމައަށް ކުޅެފައިވަނީ މޮގާ އަދި އާއިޝަތު ފުއާދުގެ ދަރިފުޅު މާހްރީން މުޙައްމަދު ޢަލީ (މަފިން) އެވެ.
ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ “ޖަންނަތު” ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޢާއިޝަތު ފުއާދު އަދި އަޙްމަދު ޠަލާލެވެ. ފިލްމުގެ ހިތްގައިމު މަންޒަރުތައް ކެމެރާކޮކޮށްފައިވަނީ އަހުމަދު ޒިފާފެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނާ ގޮތުގައި، މި ފިލްމަކީ އާންމުކޮށް ރާއްޖޭގެ ސިނަމާތަކުން ފެންނަ ފިލްމުތަކާ ތަފާތު، ފެންވަރު ރަނގަޅު ފަންނީ މަސައްކަތްތަކެއް ފެނިގެންދާނެ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯއިން ވަރަށް ބޮޑު އިސްކަމެއް ދީގެން އުފައްދާފައިވާ ހާއްސަ ފިލްމެކެވެ.
ފިލްމު ރިލީޒްކުރާ ތާރީޚު ކައިރިވަމުން އަންނައިރު، ފިލްމަށް އޮތް އިންތިޒާރު ބޮޑުވެ، މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ. އެހެންކަމުން، ލަސްނުކޮށް ވީހާވެސް އަވަހަކަށް ޓިކެޓް ބުކް ކުރުމަށް ޑާކް ރެއިންއިން ވަނީ ބެލުންތެރިންގެ ކިބައިން އިލްތިމާސްކޮށްފައެވެ.
