ނިދި މަދުވުމާއި، ނުވަތަ އާދަޔާ ޚިލާފަށް ގިނައިން ނިދުމަކީ ދިގުދެމިގެންދާ ބަލިތަކަށް މަގުފަހިވެ، އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކައިފިއެވެ. މި ދިރާސާތަކުން ހާމަވާ ގޮތުގައި ނިދާ ވަގުތާއި އާންމު ސިއްޙަތާ ދެމެދު އޮންނަނީ ވަރަށް ބޮޑު ގުޅުމެކެވެ.
އާންމުކޮށް ރޭގަނޑު ހަތް ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނަށް ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ބޮޑުބަލި (އޮބީސިޓީ) އާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމާއި، ވިސްނުން ކޮށިވުމުގެ އިތުރުން ސްޓްރެސް ހޯރމޯންތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހަމައެއާއެކު، އަބަދުވެސް ނުވަ ގަޑިއިރު ނުވަތަ ދިހަ ގަޑިއިރަށްވުރެ ގިނައިން ނިދާ މީހުންނަށް ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކާއި، މެޓަބޮލިކް ބަލިތަކުގެ އިތުރުން މާ އަވަހަށް މަރުވުމުގެ ނުރައްކާ މާ ބޮޑަށް އޮވެއެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ނިދުމަކީ ސިއްޙީ އެހެން މައްސަލައެއް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނަކަށް ވުންވެސް އެކަށީގެންވެއެވެ.
2023 ވަނަ އަހަރު “ސްލީޕް” ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ނިދާ ވަގުތުގެ ދިގުމިނަށްވުރެ ބޮޑަށް، ކޮންމެ ދުވަހަކުވެސް ވަކި ތަރުތީބަކުން ނިދުމަކީ ދިގު މުއްދަތުގެ ސިއްޙީ ދުޅަހެޔޮކަމަށް މާ މުހިންމު ކަމެކެވެ. މި ދިރާސާގައި ޑެނިއަލް ޕީ. ވިންޑްރެޑް، އެންޑްރޫ ސީ. ބާންސް، ޖޭމީ އެމް. ލޭން، ރިޗާ ސަކްސޭނާ، މާޓިން ކޭ. ރަޓާ، ސްޓޫއާޓް ޑަބްލިއު. ކޭން އަދި އެބޭފުޅުންގެ ޓީމުން ބައިވެރިވެފައިވެއެވެ.
ސިއްޙީ މާހިރުން ލަފާދެއްވާ ގޮތުގައި ބޮޑެތި މީހުން ކޮންމެ ރެއަކު ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ އަރާމު ނިންޖެއް ހޯދަންޖެހެއެވެ. އަދި ހިތުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ މަސައްކަތްތަކާއި، މެޓަބޮލިޒަމް އަދި ޖުމްލަ ސިއްޙަތު ރަނގަޅު ކުރުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ނިދުމުގެ އާދަ ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.
