އައިފޯނަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕަލްއިން ނެރޭ ޚާއްޞަ އައިފޯން 2027 ވަނަ އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. މިއީ އައިފޯން ‘އެކްސް’ (ޓެން) އަށް ފަހު އެ ފޯނުގެ ފަރުމާއަށް އެންމެ ބޮޑު ބަދަލެއް އަންނާނެ ފަހަރު ކަމަށް ލަފާކުރެވެއެވެ.
އެންމެ ފުރަތަމަ އައިފޯން ތައާރަފުކުރީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ވިއްކަން ފަށާފައިވަނީ އެ އަހަރުގެ ޖޫން މަހުގައެވެ. އެހެންކަމުން އައިފޯނަށް 20 އަހަރު ފުރޭ ރަސްމީ ތާރީޚަކީ 29 ޖޫން 2027 އެވެ. އާންމުގޮތެއްގައި އެޕަލްއިން އެންމެ ފަހުގެ އައިފޯން މޮޑެލްތައް ނެރެނީ ސެޕްޓެމްބަރު މަހުގައެވެ. އައިފޯނުގެ 10 ވަނަ އަހަރީ މޮޑެލް ކަމަށްވާ އައިފޯން ‘އެކްސް’ ވެސް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުނު ފަދައިން، މިފަހަރުގެ އަހަރީ މޮޑެލް ވެސް ނެރޭނީ އެ އަހަރުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ.
2027 ވަނަ އަހަރު ނެރޭ މި ފޯނާ ބެހޭ ގޮތުން ވާހަކަދެކެވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ފޯނު ފަރުމާކޮށްފައިވަނީ މުޅިން ބިއްލޫރި ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ސްކްރީންގެ އާ ޓެކްނޮލޮޖީއަކާއި، އެތައް ޖީލެއްގެ އައިފޯނުތަކަށް ގެންނަން މަސައްކަތްކުރަމުންދާ ގިނަ ބަދަލުތަކެއް މި ފޯނުން ފެންނާނެއެވެ. އައިފޯން “އެކްސް’ އަކީ އޭގެ ފަހުން އައި އައިފޯންތަކުގެ ފަރުމާގެ ބިންގާ ކަމަށް ވީ ފަދައިން، މި 20 ވަނަ އަހަރީ މޮޑެލްއަކީ ވެސް ކުރިއަށް އޮތް އަހަރުތަކުގައި އައިފޯން ފަރުމާކުރާނެ ގޮތް ކަނޑައަޅައިދޭނެ ފޯނަކަށް ވާނެއެވެ.
2017ވަނަ އަހަރު “އައިފޯން 9” ދޫކޮށްލުމަށްފަހު “އައިފޯން އެކްސް” ނެރުނު ފަދައިން، މިފަހަރު ވެސް “އައިފޯން 19” ގެ ނަން ދޫކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނަށް “އައިފޯން 20” ނުވަތަ “އައިފޯން އެކްސްއެކްސް” ކިޔުމުގެ ފުރުސަތު އެބައޮތެވެ. މި ފޯނާ ބެހޭގޮތުން މިހާތަނަށް ފެތުރިފައިވާ މައިގަނޑު ޚަބަރުތަކަކީ:
މުޅިން ބިއްލޫރިން ފަރުމާކުރެވިފައިވާ، އަރިމަތިތައް ބަންދުކުރެވިފައިވާ ޑިސްޕްލޭއެއް:
އެޕަލް އިން މިފަހަރު އަމާޒު ހިފާފައިވަނީ ފޯނުގެ ކުރިމައްޗާއި ފަހަތް ވެސް ބިއްލޫރިން ބަންދުކުރެވިފައިވާ، މުޅިން އައު ފަރުމާއަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބްލޫމްބާގްގެ މާކް ގާމަން ސިފަކުރައްވާ ގޮތުގައި، މިއީ އެއްވެސް “ކަޓްއައުޓް” އެއް ނުވަތަ ބޯޑަރެއް ނެތް، މުޅިން ބިއްލޫރި ފޯނެކެވެ. މި އުފެއްދުންތަކަށް ބޭނުންވާ ތައްޔާރީތައް އެޕަލްގެ ސަޕްލައި ޗެއިންގައި މިހާރު ނިމިފައިވާއިރު، މީގެ ފެންވަރު ހުންނާނީ ފުރަތަމަ ޖީލުގެ އައިފޯން އެއާގެ ފެންވަރުގައި ކަމަށް ބެލެވެއެވެ. މި ފޯނުގެ ޕެނަލް ހަތަރު އަރިމަތިން ބޭރަށް ލެނބިފައި ހުރުމުގެ ސަބަބުން، އެއްވެސް ބޯޑަރެއް ނެތް ފަދަ އިހުސާސެއް ކުރެވޭނެއެވެ. ސެމްސަންގް ފަދަ ކުންފުނިތަކުން ބޭނުންކުރާ “ވޯޓަރފޯލް” އެޖްތަކާ ޚިލާފަށް، އެޕަލް އިން މަސައްކަތް ކުރަނީ ހަތަރު އަރިމަތި އެއްވަރަކަށް، ވަރަށް ކުޑަކޮށް ލެނބިފައިވާ “މައިކްރޯ ކާވް” ފަރުމާއެއް ގެނައުމަށެވެ. މީގެ ސަބަބުން ސްކްރީންގެ އަރިމަތިން އިނގިލި ކަހާލަން ފަސޭހަވެ، ސްކްރީނުން ފެންނަ މަންޒަރުތަކަށް އަންނަ ބަދަލުތައް ކުޑަކޮށްދޭނެއެވެ. ސްކްރީންގެ ސާކިއުޓްތައް ހުރިހާ އަރިމައްޗަކަށް އޮޅާލުމަށްޓަކައި، އޯ.އެލް.އީ.ޑީ ޕެނަލް ތެތްކަމާއި ވަޔާއި ދުރުކުރުމަށް “އަލްޓްރާ ތިން ފިލްމް އެންކެޕްސިއުލޭޝަން” ފަށަލައެއް ބޭނުންކުރަން ޖެހެއެވެ. ބައެއް މަޢުލޫމާތުތައް ބުނާގޮތުގައި މި ފޯނުގެ ބޭސަލް (ބޯޑަރު) ގެ ބޮޑުމިނަކީ އެންމެ 1.1 މިލިމީޓަރެވެ. މިއީ އައިފޯން 17 ޕްރޯގެ 1.44 މިލިމީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޒަމާނީ ފެންވަރުގެ ސްކްރީން:
އެޕަލް އިން މިފަހަރު ބޭނުންކުރާނީ ސެމްސަންގުން އުފައްދާފައިވާ “ކަލަރ ފިލްޓަރ އޮން އެންކެޕްސިއުލޭޝަން” ޓެކްނޮލޮޖީ އެކުލެވޭ ޕެނަލްއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން، ކުރިން ބޭނުންކުރާ “ޕޮލަރައިޒިން ފިލްމް” އުނިކޮށް، ކުލަ ފާހަގަކޮށްދޭ ފިލްޓަރު ސީދާ ސްކްރީންގެ ރައްކާތެރި ފަށަލައިގެ މަތީގައި ހަރުކުރެވޭނެއެވެ. މި އައު އުކުޅުގެ ސަބަބުން ޑިސްޕްލޭގެ ބޯމިން ކުޑަވެ، އިތުރަށް އަލި ފާޅުވުމަށް މަގުފަހިވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސްކްރީންގެ އުޖާލާކަން އިތުރުވެ، ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުވެގެންދާނެއެވެ. އަދި މި ޕެނަލްއާއެކު ދެން އެންމެ އަވަހަށް ނުކުންނަން އޮތް 16 ނެނޯމީޓަރުގެ ޑިސްޕްލޭ ޑްރައިވަރު ޗިޕްތައް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެޕަލްއިން ދަނީ “ކްރޭޓަރ” ބައްޓަމުގެ އަލި ފަތުރާލާ ފަށަލައެއް ބޭނުންކުރަމުންނެވެ. މީގެ ބޭނުމަކީ ސްކްރީންގެ ކަންތަކާއެކު މުޅި ސްކްރީނަށް އެއްވަރަކަށް އަލި ފޯރުކޮށްދިނުމެވެ.
ސްކްރީންގެ އަޑީގައިވާ ފޭސް އައިޑީ:
އެޕަލްއިން ރާވަމުންދަނީ ފޭސް އައިޑީ ނިޒާމު ސްކްރީންގެ އަޑިއަށް ބަދަލުކުރުމަށެވެ. މީގެ ފަހަތުގައިވަނީ އިންފްރާރެޑް ސެންސަރުތަކަށް ސްކްރީންގެ ތެރެއިން ފަސޭހައިން ދަތުރުކުރެވޭނެ ފަދަ “ސްޕްލައިސްޑް މައިކްރޯ-ޓްރާންސްޕޭރެންޓް ގްލާސް” ކުޑަދޮރެއް ފަދަ ޓެކްނޮލޮޖީއެކެވެ. ބެލެވޭ ގޮތުގައި މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ފެންނާނީ އައިފޯން 18 ޕްރޯ މޮޑެލްތަކުންނެވެ. ނަމަވެސް، މަޝްހޫރު އެނަލިސްޓް ރޮސް ޔަންގް ހާމަކުރާ ގޮތުގައި 2027 ވަނަ އަހަރާ ހަމައަށްވެސް މި ޓެކްނޮލޮޖީ މުޅިން ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން، އައިފޯން 18 ޕްރޯގައިވެސް މިހާރަށްވުރެ ކުޑަ “ޑައިނަމިކް އައިލެންޑް” އެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ.
ދެ ސައިޒެއްގެ ފޯނު:
އެންމެ ސައިޒެއްގައި (5.8 އިންޗި) ނެރުނު އައިފޯން އެކްސް އާ ޚިލާފަށް، އެޕަލްއިން ރާވަމުންދަނީ އަހަރީ މުނާސަބަތާ ގުޅުވައިގެން ދެ ސައިޒެއްގެ މޮޑެލް ނެރުމަށެވެ. އެއީ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްއާ ގާތްކުރާ 6.3 އިންޗި އަދި 6.9 އިންޗީގެ ދެ ފޯނެވެ. ނަމަވެސް، ފޯނުގެ އަރިމަތީގެ ބޭސެލްތައް ތުނިވެފައި މުޅި ފޯނަކީ ސްކްރީނަކަށް ވާތީ، ބޮޑު މޮޑެލް 7 އިންޗީގެ ޑިވައިސްއެއްގެ ގޮތުގައި މާކެޓް ކުރުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.
އެޕަލްގެ އަމިއްލަ އިމޭޖް ސެންސަރު:
މިހާރު އައިފޯންތަކުގައި ބޭނުންކުރާ ސޮނީ ސެންސަރުތަކުގެ ބަދަލުގައި، އެޕަލްއިން އަމިއްލައަށް ފަރުމާކުރާ “ސްޓެކްޑް އިމޭޖް ސެންސަރު” ތަކެއް އުފައްދަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. މިހާރުވެސް މީގެ ޕްރޮޓޯޓައިޕެއް ވަނީ ތައްޔާރުކުރެވިފައެވެ. މި ސެންސަރުގައި ބޭނުންކުރާ “LOFIC” (ލޯފިކް) ޓެކްނޮލޮޖީގެ ސަބަބުން، ކޮންމެ ޕިކްސެލްއަކަށް ތަފާތު މިންވަރުތަކަށް އަލި ރައްކާކުރެވޭނެއެވެ. މީގެ ސަބަބުން ފޮޓޯތަކުގެ “ޑައިނަމިކް ރޭންޖް” ވަރަށް ބޮޑަށް ކުރިއަރައިގެންދާނެއެވެ.
ހެޕްޓިކް ޓެކްނޮލޮޖީގެ ފިތްތައް:
އެޕަލް އިން “ޕްރޮޖެކްޓް ބޮންގޯ” އަލުން ފަށައި، އައިފޯނުގެ އަރިމަތީގައި ހުންނަ ފިތްތަކާއި، އަޑު މަޑުކޮށް ގަދަކުރާ ފިތްތަކުގެ އިތުރުން ‘އެކްޝަން ބަޓަން’ އާއި ‘ކެމެރާ ކޮންޓްރޯލް’ ފިތްތައް، ހެޕްޓިކް ސެންސަރު އެކުލެވޭ ފިތްތަކަކަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މި އާ ފިތްތަކަކީ އަންގި ލައްވައިގެން ހުންނައިރުގައާއި، އަތް ތެތްކޮށް ހުންނަ ހާލަތްތަކުގައާއި، ގަދަ ހޫނާއި ފިނިހޫނުމިން ހުންނަ ސަރަހައްދުތަކުގެ އިތުރުން ކޭސްއެއް ލައްވައިގެން ބޭނުންކުރާއިރުވެސް އެއްވެސް ދަތިކަމެއް ނެތި މަސައްކަތްކުރާނެކަން ޓެސްޓުތަކުން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ފޯނު ނިވިފައި އޮންނަ ވަގުތުތަކުގައާއި ބެޓެރީ ހުސްވެފައި ހުންނަ ހާލަތްތަކުގައިވެސް މި ފިތްތައް މަސައްކަތްކުރުވުމަށްޓަކައި، ވަރަށް ކުޑަ ހަކަތައަކުން ހިންގޭ މައިކްރޯޕްރޮސެސަރެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
އޭ21 ޗިޕް:
އައިފޯނަށް ލިބޭ ބޮޑު ބަދަލާއެކު ނެރޭ ދެ މޮޑެލްގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ޖީލުގެ 2-ނެނޯމީޓަރުގެ “އޭ21” ޗިޕެކެވެ. މި ޗިޕަކީ އެޕަލްއިން ތައާރަފުކުރާ ދެވަނަ ޖީލުގެ ފަތްޖެހި އައިފޯނުގައިވެސް ބޭނުންކުރާނެ ޗިޕެއް ކަމަށް ބެލެވެއެވެ.
ހައި ބޭންޑްވިޑްތް މެމޮރީ:
ސިގްނަލް ފޮނުވައިދޭ ދުވެލި އަވަސްކުރުމަށްޓަކައި، މެމޮރީ ޗިޕްތައް އެކި ފަށަލަތަކަށް އަތުރާލެވިފައިވާ “މޮބައިލް އެޗް.ބީ.އެމް” ޓެކްނޮލޮޖީ ބޭނުންކުރުމަށް އެޕަލްއިން ދަނީ ދިރާސާކުރަމުންނެވެ. މި މެމޮރީ ފޯނުގެ ޖީ.ޕީ.ޔޫ އާ ގުޅާލުމަކީ ފޯނުގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭގޮތުން އެޕަލްއިން ވަނީ މެމޮރީ އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ސެމްސަންގް އަދި އެސް.ކޭ ހައިނިކްސް އާއެކު މަޝްވަރާކޮށްފައެވެ. މި ދެ ކުންފުނިންވެސް 2026 ވަނަ އަހަރަށްފަހު މި ޓެކްނޮލޮޖީ އުފައްދަން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
އެޕަލް ކުންފުނިން އަމިއްލައަށް އުފައްދާ މޮޑެމް:
އެޕަލްގެ އަމާޒަކީ 2027 ވަނަ އަހަރު އަންނައިރު، މިހާރު ބޭނުންކުރާ ކުއަލްކޮމް މޮޑެމްތަކަށްވުރެ ހަލުވި މިނާއި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ފަންކްޝަންތަކުގެ ގޮތުން ކުރިމަތިލެވޭނެ ފަދަ ވަރުގަދަ މޮޑެމްތަކެއް ތައާރަފުކުރުމެވެ. މިގޮތުން އައިފޯން 16އީ އަދި އައިފޯން އެއާގައި ބޭނުންކުރާ ސީ1 އަދި ސީ1އެކްސް އާއި، އެމެރިކާއިން ބޭރުގައި ނެރޭ އައިފޯން 18 ޕްރޯގައި ބޭނުންކުރާ ސީ2 މޮޑެމްއަށްފަހު، އައިފޯނަށް 20 އަހަރު ފުރޭ މުނާސަބަތުގައި ނެރޭ ފޯނާއެކު އެމެރިކާގެ މާކެޓުގައި ވެސް އެޕަލްގެ އަމިއްލަ މޮޑެމް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާނެއެވެ. މީގެ ސަބަބުން ފޯނުގެ ބެޓެރީގެ ބާރު ހިފެހެއްޓުމަށާއި މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ޕިއުއާ ސިލިކަން ބެޓެރީ:
އެޕަލްގެ އައު ޑިސްޕްލޭއާއެކު “ޕިއުއާ ސިލިކަން ބެޓެރީ” ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މިއީ މިހާރު ބޭނުންކުރާ ލިތިއަމް-އަޔަން ބެޓެރީތަކަށްވުރެ ކުޑަ ޖާގައެއްގައި ގިނަ ހަކަތަ ރައްކާކުރެވޭ، އަދި ބެޓެރީގެ ބާރު ގިނައިރު ހިފަހައްޓައިދޭނެ ވަސީލަތެކެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ފޯނުގައި 6,000 އެމްއޭއެޗް ގެ ބޮޑު ބެޓެރީއެއް ހިމެނިދާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.
އިތުރު ފީޗާތައް:
ފޯނުގެ ސްކްރީންގެ އަޑީގައި ފޮރުވިފައިވާ އޯޑިއޯ ސިސްޓަމެއް (އިޔަރޕީސްގެ ލޯވަޅު ނުހިމެނޭ ގޮތަށް)، ފޯނުން އެހެން ތަކެތި ޗާޖުކުރެވޭ ރިވާސް ވަޔަރލެސް ޗާޖިންގ، އަދި މިހާރަށްވުރެ ވަރުގަދަ “ނެކްސްޓް ޖެނެރޭޝަން ސެރަމިކް ޝީލްޑް” ވެސް މި ފޯނުގައި ހިމެނޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، މިއީ ސީދާ އުފައްދާ ކުންފުނިތަކުން ލިބިފައިވާ މައުލޫމާތެއްކަން އަދި ޔަގީނެއް ނޫނެވެ.
