އީލޮން މަސްކްގެ “ގްރޮކް އިމޭޖިން” އޭއައި ބޭނުންކޮށްގެން، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް “އޮޑިސީ” ގެ ފުރިހަމަ ފިލްމެއް އުފައްދާނެ ކަމަށް އޭނާ ވަނީ ދައުވާކޮށްފައެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމަށް އެކްޓަރުން ހޮވުމުގައި ގެންގުޅުނު އުސޫލުތަކާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން މަސްކް ނިންމި ނިންމުމެކެވެ.
މިހާރުގެ ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ކްރިސްޓޮފާ ނޯލަންގެ “ދަ އޮޑިސީ” ފިލްމު ސަގާފީ އަދި ސިޔާސީ ބަހުސްތަކުގެ ތެރެއަށް ވަދެފައިވާ މިންވަރުން ހައިރާންކަން ލިބެއެވެ. ނޯލަންގެ ފިލްމުގައި ނަސްލަށް ނުބަލައި އެކްޓަރުން ހޮވުމާއި، ޓްރާންސްޖެންޑާ އެކްޓަރަކު ބޭނުންކުރުމުން ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެކްސް (ކުރީގެ ޓްވިޓާ) ގައި މިހާރު ހިނގާ ގިނަ ބަހުސްތަކަކީ، ސިނަމާތައް ހުރީ ހުސްކޮށް ކަމަށާއި ދުނިޔޭގެ މީހުން ނޯލަންގެ މި “ޒަމާނީ” ހޯމަރިކް ފިލްމު ބަލައިނުގަންނަކަމަށް ބުނެ ފަތުރާ ކޮންސްޕިރަސީ ތިއަރީތަކެވެ.
މި ހުޅުގަނޑުގެ ތެރެއަށް އީލޮން މަސްކް ވަދެ، ކަންކަން އިތުރަށް ގޯސްކޮށްލީއެވެ.
“މިއަހަރު ނިމުމުގެ ކުރިން، ގްރޮކް އިމޭޖިން އިން ‘ދަ އޮޑިސީ’ ގެ ފުރިހަމަ ފިލްމެއް އުފައްދާނެ. އެ ފިލްމު ވާނީ ތާރީޚީ ގޮތުން ސައްހަ، އަދި ހޯމަރުގެ ފަންނުވެރިކަމަށް އިހުތިރާމްކުރާ ފިލްމަކަށް،” މަސްކް އެކްސްގައި ލިޔެފައިވެއެވެ.
އެކެޑަމީއަށް ކުރާ ތުހުމަތުތައް:
މަސްކް ވަނީ ނޯލަންގެ އޮޑިސީ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކަމާ ދެކޮޅަށް އެތައް މަހެއް ވަންދެން ވާހަކަދައްކާފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ، ފިލްމަށް އެކްޓަރުން ހޮވުމުގައި (ޚާއްޞަކޮށް ހެލެން އޮފް ޓްރޯއީގެ ރޯލަށް ލުޕިޓާ ނިއޮންގޯ އަދި ސައިނަންގެ ރޯލަށް އެލިއަޓް ޕޭޖް ހަމަޖެއްސުން) ނޯލަން މަސައްކަތް ކުރީ އޮސްކާ އެވޯޑަށް ޝަރުތު ހަމަކުރުމަށް ކަމަށް ބުނެ މަސްކް ކުރި ތުހުމަތެވެ. އެއީ އެކެޑަމީގެ އާ “ރެޕްރެޒެންޓޭޝަން އެންޑް އިންކްލޫޝަން” މިންގަނޑުތަކަށް ފެތުމަށެވެ.
ނަމަވެސް، ވެރައިޓީ އިން ފާހަގަކުރާ ގޮތުގައި، 1929 އިން ފެށިގެން މިހާތަނަށް “ބެސްޓް ޕިކްޗާ” ހޯދާފައިވާ ހުރިހާ ފިލްމުތަކަކީ ވެސް މި މިންގަނޑުތަކަށް ފެތޭ ފިލްމުތަކެކެވެ. އެހެންކަމުން މަސްކް ބުނާ ފަދައިން، ހަމައެކަނި އެވޯޑަކަށްޓަކައި ނޯލަން ފިލްމުގެ އަސްލު އޮޅުވާލި ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށް ބެލެވެއެވެ.
އީޕިކް ޚިޔާލެއްތަ؟
އެންމެ މުހިންމު ސުވާލަކީ، ގްރޮކް އިމޭޖިން އަށް ފުރިހަމަ އީޕިކް ފިލްމެއް އުފެއްދިދާނެތޯއެވެ. މިހާތަނަށް އާންމުކޮށްފައިވާ ކުޑަ ވީޑިއޯ ކޮޅަށް ބަލާއިރު، އޭއައި އިން އުފައްދާ ފިލްމުތަކުގެ ފެންވަރާ އަޅާބަލާއިރު ވެސް އެއީ ވަރަށް ދަށް ފެންވަރެއްގެ އެއްޗެކެވެ. ބައެއް މަންޒަރުތަކުގައި ފިލްމުގެ ފިޒިކްސް އާއި ހަރަކާތްތައް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައެވެ.
އެތައް ހަކަތައަކާއި ފެނެއް ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް އުފައްދާ މިފަދަ ފިލްމެއް ބަލަން ބޭނުންވާނީ ކާކުބާވައެވެ؟ އަދި މިއީ މަސްކް މީގެ ކުރިން ވެސް ކަންތައް ކޮށްފައިވާ ފަދައިން، ފޫހިވެގެން ދޫކޮށްލާނެ ކަމެއް ބާވައެވެ؟
މިކަމާ ގުޅޭގޮތުން ނޯލަންގެ ބަހެއް ހޯދާލާއިރު، އޭނާ އޭއައި އިން އުފައްދާ ފަންނުވެރި މަސައްކަތްތަކަށް މާބޮޑު އިހުތިރާމެއް ނުކުރެއެވެ. “ދަ ޓެލެގްރާފް” އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭއައި އަށް ބޮޑު ސަމާލުކަމެއް ދިން ނަމަވެސް، އާ ޖީލުގެ ކުދިން އެކަން މުޅިން ބަލައިނުގަންނަ ކަމަށެވެ.
ނޯލަން އިތުރަށް ބުނި ގޮތުގައި، އާ ޖީލުގެ ކުދިންނަށް އޭއައި އިން އުފައްދާ “ކުނި” ވަރަށް އަވަހަށް ވަކިކުރަން އެނގެއެވެ. އަދި ފިލްމު އުފެއްދުމުގެ ދާއިރާގައި މިހާރު ފެންނަމުންދަނީ ވާޗުއަލް ކަންކަމަށްވުރެ ބޮޑަށް، ހަގީގީ އަދި އަތުން ބީހިލެވޭ ފަދަ އުފެއްދުންތަކަށް އޮންނަ ޝައުގުވެރިކަން އިތުރުވަމުންދާ ތަނެވެ. ފަހަރެއްގައި ކޮންމެވެސް އެހެން ބަޔޮޕިކްއެއް އުފެއްދުމަކީ މާ ރަނގަޅު ކަމަކަށް ވެދާނެއެވެ.
