ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ނަވާރަވަނަ މެޗުން އާރުސީސީ އަދި ވިހިވަނަ މެޗުން މީޑިއާނެޓް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަތަރު މެޗު ރޭގައި ކުޅެފައިވާއިރު، މިއީ ރޭގައި ކުޅެވުނު ފަހު ދެ މެޗެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 19
ނަވާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އީގައި ހިމެނޭ އާރުސީސީ އާއި މެޑްޓެކް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އާރުސީސީ މޮޅުވި ނަމަވެސް މެޑްޓެކް ވީ ބައްޔެވެ. މި މެޗު ކާމިޔާބުކޮށްގެން ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އާރުސީސީއަށް އޮތްއިރު، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މި މެޗުން މޮޅުވުން މެޑްޓެކްއަށް މަޖުބޫރެވެ.
ފުރަތަމަ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އާރުސީސީން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވި މި މެޗުގައި މެޑްޓެކްއިން ވަނީ ކުރިން ކުޅުނު މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި މޮޅުވާން ވަރަށް މަސައްކަތް ކޮށްފައެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މެޑްޓެކް އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޑްޓެކްއިންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގައި ކުޅެމުންދިޔަ މި މެޗުގައި މެޑްޓެކްއަށް ލީޑު ނަގައިދިނީ ޢަލީ އިރުފާދު އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އާރުސީސީއަށް ލަނޑު ޖަހައިދިނީ އަހްސަން ރަޝާދެވެ.
މޮޅެއް ހޯދުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރަމުންދިޔަ މި މެޗުގައި އާރުސީސީން ނަތީޖާ ހަމަހަމަކުރިތާ މާ ގިނައިރެއް ނުވެ އެ ޓީމުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ޒިޔާން އެވެ. މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ފައިދާ ތިން ލަނޑާއިއެކު އާރުސީސީ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުސީސީގެ ޢަބްދުﷲ ޒިޔާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ޒިޔާން / ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ
މެޗު 20
ވިހިވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އީގައި ހިމެނޭ ވިލާ އާއި މީޑިއާނެޓެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން މީޑިއާނެޓް މޮޅުވިއިރު، ވިލާ ވީ ބައްޔެވެ. މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރު މި މެޗާއި ވިލާއިން ކުރިމަތިލާއިރު، މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު މީޑިއާނެޓަށް އޮތީ ހުޅުވިފައެވެ.
ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުން މޮޅުވުމަށް، މެޗު ފެށުމާއިއެކު ދެ ޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދަން މަޖުބޫރުވި މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ފަސްވަނަ މިނިޓްގައި ވިލާއިން ލީޑު ނެގިއެވެ. ގޯލު ކުރިމައްޗަށް ޖައްސާލި ކޯނަރު އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައި ވިލާއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އަޒްލިފް އެވެ. ވިލާގެ މި ލަނޑާއިއެކު ނަތީޖާ ހަމަހަމަކުރުމަށް މީޑިއާނެޓުން ވަނީ އިތުރަށް ހިތްވަރުކޮށްފައެވެ. އަދި އެ ލަނޑަށް މާ ގިނައިރެއްނުވެ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ވިލާގެ ހާފުގެ މެދަކާއި ހިސާބު އަރިމަތިން ފޮނުވާލި ބާރު ބޯޅަ ގޯލުގެތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަމީހް އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ މީޑިއާނެޓެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި މީޑިއާނެޓުން ލީޑު ނެގީ މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސައްދާމް ހުސައިން އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް މީޑިއާނެޓުން ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައެވެ. މި ގުރޫޕުން ދެވަނަ ބުރަށް ދިޔަ އާރުސީސީ އާއި މީޑިއާނެޓަށް ލިބިފައިވާ ޕޮއިންޓް އެއްވަރުވި ނަމަވެސް މީޑިއާނެޓަށް ގުރޫޕްގެ ދެވަނަ ލިބުނީ ފައިދާ ގޯލް މަދުވުމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީޑިއާނެޓް މޮޅުވި ލަނޑު ޖަހައިދިން ސައްދާމް ހުސައިން އެވެ.
