ބަސްނާހާ ބަލިމީހާ
މާލޭގެ ހޫނުގަދަ ހެނދުނަކަށް ދުނިޔެ ހޭލަމުން އައިއިރު، ކޮޓަރީގެ ބޮޑު ކުޑަދޮރުން އެތެރެއަށް އެޅިފައިވާ އިރުގެ ރަންދަޅަތަކުން މުޅި ތަޅުންގަނޑު އޮތީ އުޖާލާވެފައެވެ. މަސްދޯނިފަހަރު ފަޅަށް ވަންނަމުންދިޔައިރު، ފެރީތަކުގެ ބާރުގެ އަޑާއި، ހަނި ގޯޅިތަކުގެ ތެރެއިން އިވޭ ސައިކަލުތަކުގެ އަޑު، މާކަނާގެ ގޮވުންތަކާ އެކުވެގެން މުޅި މާހައުލަށް ދިރުން ގެނުވައެވެ.
ބަނދަރު ފެންނަ ގޮތަށް ހުރި އެ ހިމޭން އެޕާޓްމަންޓްގެ ތެރޭގައި، ހުޅުވާފައިވާ ކުޑަދޮރު ކައިރީގައި ހުރި މީހަކަށް މި އެއްވެސް އަޑެއްގެ އުނދަގުލެއް ވާހެނެއް ހިއެއް ނުވެއެވެ.
ޒިމާން އެއް އަތް ކުޑަދޮރުގެ އޮނިގަނޑުގައި ޖައްސާލައިގެން ހުރިއިރު، އޭނާގެ ނަޒަރު ހުއްޓިފައިވަނީ އިންޑިއާ ކަނޑުގެ ނޫކުލައިގެ ރާޅުތަކަށެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އޭނާގެ އަރިކަށީގައި ހުރި ޒަޚަމް ވަރަށް ބޮޑަށް ފަސޭހަވެފައިވީ ނަމަވެސް، ފުންކޮށް ނޭވާލާ ކޮންމެ ފަހަރަކު އެ ވަޅީގެ ހަމަލާ އޭނާގެ ފުރާނައާ ކިހާ ގާތްވިކަން ހަނދާންކޮށްދެއެވެ.
އޭނާގެ ފަހަތުގައި ހަށަން ބަނދެލައިގެން އެންޒޯ ހުއްޓެވެ.
“ޑޮކްޓަރު އަނެއްކާވެސް ގުޅައިފި.”
ޖަވާބެއް ނައެވެ.
“އޭނާ ބޭނުންވަނީ މިއަދު ބޮސް ބަލަން.”
ޒިމާން އަދިވެސް ހުރީ ހިމޭނުންނެވެ. އެންޒޯ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ތިއީ ބޮސްގެ ޖަވާބުކަން އަހަންނަށް ކުރިންވެސް އެނގޭ.”
އެވަގުތު ޒިމާން ފަސްއެނބުރި ބަލައިލިއެވެ. “އަހަރެން ނުދާނަން.”
“މިހާރުވެސް ދެ ފަހަރު ކެންސަލް ކޮށްފި.”
“އަހަރެން މިހުރީ ދިރިއެއްނު.”
“ޑޮކްޓަރުން ބަލަނީ ހަމައެކަނި މީހާ ދިރިހުރިތޯއެއް ނޫން.” އެންޒޯ ބުންޏެވެ.
ޒިމާންގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. “އެންޒޯ ތި އުޅެނީ ޑޮކްޓަރުންނާއެކު މާ ގިނަ ވަގުތު ހޭދަކުރެވިގެންހެން ހީވޭ.”
“އަހަރެން މި އުޅެނީ ބަސްނާހާ ބަލިމީހަކާ ބަހުސްކުރުމުގައި މާ ގިނަ ވަގުތު ހޭދަކުރެވިގެން.” އެންޒޯ ރައްދު ދިނެވެ.
އެ ހިނިތުންވުން ޒިމާންގެ މޫނުމަތިން ވަގުތުން ފިލައިގެން ދިޔައެވެ.
“ހޮސްޕިޓަލަށް ދިއުމަކީ މީހުންގެ ސަމާލުކަން ހުއްޓޭނެ ކަމެއް.”
“ޑޮކްޓަރަށް ނުދެއްކުމަކީވެސް ސަމާލުކަން ހުއްޓޭނެ ކަމެއް.”
“އަހަރެން މިދަނީ ރަނގަޅުވަމުން.”
“ތިއީ ބޮސް ބުނާ ގޮތް.”
އެންޒޯ ކާ މޭޒުމަތީގައި އޮތް ފައިލް ނަގައި ހުޅުވާލިއެވެ. “ޑރ. މަހްމޫދު ޚާއްސަކޮށް ބޭނުންވަނީ އޮޕަރޭޝަން ކުރި ތަން ބަލައި، ބާކީ ހުރި ރޮދިތައް ނަގައި، އިންފެކްޝަނެއް ހުރިތޯ ޔަގީންކުރަން.”
“އަހަރެން ރަނގަޅޭ.”
“އެއީ ބޮސްއަށް އެނގޭނެ ކަމެއް ނޫން.”
“އަހަރެންގެ ހަށިގަނޑު އަހަންނަށް އެނގޭނެ.”
އެންޒޯ މައްޗަށް ބަލައިލީ ކެތްތެރިކަން ކޮޅުންލައިގެންނެވެ. “ބޮސްއަށްވުރެ ބަސްއަހާ ކުޑަކުދިންވެސް އަހަރެން ދެކެފިން.”
“އަހަރެން ޤަބޫލެއް ނުކުރަން.”
“އަހަރެން ޤަބޫލުކުރަން.”
ބޭރުން ބަލާ މީހަކަށް އެމީހުންގެ މި ޒުވާބަކީ މަޖާ ކަމަކަށް ވެދާނެއެވެ. އެމީހުންގެ ދެމެދުގައި ބިރުވެރިކަމެއް ނުވަތަ ހަރުކަށި އުސޫލުތަކެއް ނެތެވެ. އޮތީ އެކަކު އަނެކަކު ދަންނަތާ ގިނަ ދުވަސްވުމުން އުފެދިފައިވާ ގާތްކަމާއި ކެތްތެރިކަމެވެ.
އެންޒޯ ފައިލް ލައްޕާލިއެވެ. “ދެން..”
“ދެން ކިހިނެއްވީ؟” ޒިމާން އަނެއްކާވެސް ކުޑަދޮރާ ދިމާއަށް އެނބުރުނެވެ.
“ބޮސް ނުގޮސްފިނަމަ ޑރ. މަހްމޫދު ހަދާނީ ކިހިނެއް؟” އެންޒޯ ސުވާލުކުރިއެވެ.
“އަހަރެން ދަންދެން ކޮންމެ ހަ ގަޑިއަކުން އެއްފަހަރު ގުޅާނެ.”
“އަދި އެއިންވެސް ކަމެއް ނުވިއްޔާ؟”
“އޭނާ މީހަކު ފޮނުވާނެ.” ޒިމާން މަޑުމަޑުން ބުންޏެވެ.
އެ ޖުމްލައާއެކު ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. އެންޒޯ ވިސްނުންތެރިކަމާއެކު ފައިލް ތިރިކޮށްލިއެވެ. “ބޮސްއަށް އެނގޭތަ؟”
“ކޮން ކަމެއް؟”
“ހޮސްޕިޓަލުން ބައެއް ފަހަރު ގޭގައި ތިބޭ ބަލިމީހުން ބަލަން ނަރުހުން ފޮނުވާ.”
ޒިމާން އެއްޗެކޭ ނުބުނެއެވެ.
“އެމީހުން ޒަޚަމްތައް ބަލާނެ، ބެންޑޭޖް ބަދަލުކޮށްދޭނެ، އަދި ރަނގަޅުވަމުންދާ މިންވަރު ޑޮކްޓަރަށް ރިޕޯޓް ކުރާނެ.”
ޒިމާން ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ. “ކޮން ނަރުހެއްކަން ނިންމަނީ ކާކު؟”
“އަހަންނަށް ހީވަނީ ހޮސްޕިޓަލުންހެން.” އެންޒޯ ޖަވާބު ދިނެވެ.
އަނެއްކާވެސް ހިމޭން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެން، ވަރަށް މަޑުމައިތިރި އަޑަކުން ޒިމާން ބުންޏެވެ. “އެރޭ އެތަނުގައި ހުރި ނަރުސް ކުއްޖާ ލައްވައި ބަލަން އަހަރެން ބޭނުންވަނީ.”
“އިމަޖެންސީގައި ހުރި ކުއްޖާތަ؟”
“އެންމެން އެ ޒަޚަމަށް ބަލައި ހާސްވެފައި ތިބިއިރު، ހަމަޖެހިލައިގެން ހުރި ކުއްޖާ.”
އެންޒޯއަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ. “ކިޔާރާ.”
ޒިމާން ޖަވާބެއް ނުދެއެވެ. އެކަމަކު އޭނާގެ ހިމޭންކަމުން އެކަން ކަށަވަރުވިއެވެ.
އެންޒޯ ދޮރާ ދިމާއަށް ހިނގައިގަތެވެ. “އަހަރެން ޑރ. މަހްމޫދާ ވާހަކަދައްކާނަން.”
“ނޫން.” ޒިމާން ހުއްޓުވިއެވެ. “މަޖުބޫރު ކުރުމެއް ނެތް. އޭނާގެ ވަގުތު ހުރެގެން، ހަމަޖެހޭ އުސޫލުން އާދެވޭނަމަ.. އެންމެ ރަނގަޅު. އެހެން ނޫންނަމަ، އަހަރެން ހޮސްޕިޓަލަށް ހިނގައިދާނަން.”
އެންޒޯ އަމިއްލައަށް ހިނިތުންވެލިއެވެ. އެތައް އަހަރަކަށްފަހު، މި ބަސްނާހާ މީހާ ލައްވައި ޑޮކްޓަރުގެ ބަސް އަހަން އެއްބަސްކުރުވޭނެ ގޮތެއް މިވަނީ ފެނިފައެވެ.
*****
މުޅި ސިޓީގެ އަނެއް ފަރާތުގައި، ކިޔާރާ ހުރީ އިމަޖެންސީ ޑިޕާޓްމަންޓުގެ ބުރަ މަސައްކަތުގައެވެ. އެވަގުތު ޑރ. މަހްމޫދު ފައިލެއް ހިފައިގެން އައިސް އޭނާ ކައިރީގައި މަޑުކޮށްލިއެވެ.
“ކިޔާރާ.”
ކިޔާރާ ބޭސް ސިޓީތަކުން ނަޒަރު އުފުލާލިއެވެ. “ޑޮކްޓަރު؟”
“ކިޔާރާ ދުވަހަކުވެސް ގޭގެއަށް ގޮސް ބަލިމީހުން ބަލާފައިވޭތަ؟”
“އާދެ، މަދު ފަހަރަކު.”
“މިއަދު އެފަދަ ކަމެއް ކޮށްދެވިދާނެތަ؟”
ކިޔާރާ ބޯޖަހާލިއެވެ. “ބޭނުންވެއްޖެނަމަ ކުރެވިދާނެ.”
“ރަނގަޅު.” ޑޮކްޓަރު ފައިލް ދިއްކޮށްލިއެވެ. “އަހަރެމެންގެ ކޮމިއުނިޓީ ނަރުސް މިއަދު ހުރީ ބަލިވެ. އަހަރެންގެ ސާޖިކަލް ޕޭޝަންޓެއް އެބަހުރި ހޮސްޕިޓަލަށް އަންނަން ދެކޮޅުހަދާ. ވަރަށް ބަސްނާހާ މީހެއް އެއީ.”
ކިޔާރާ ހިނިތުންވެލިއެވެ. “އެހެންވީމާ.. ބަސްނާހާ ބަލިމީހެއް ދޯ؟”
ޑރ. މަހްމޫދު ވަރުބަލިކަމާއެކު ހީނލިއެވެ. “އަހަރެން މިހާތަނަށް ބެލި އެންމެ ބަސްނާހާ އެކަކު.”
ކިޔާރާ އެ ފައިލް ހުޅުވާލިއެވެ. ފުރަތަމަ ސަފުހާގައި ހުރީ އާދައިގެ މަޢުލޫމާތެވެ. ލޭގެ ޕްރެޝަރާއި، އޮޕަރޭޝަންގެ ނޯޓުތަކެވެ. އޭނާ ދެން އޮތް ސަފުހާއަށް އެއްލިއެވެ.
އަދި ކުއްލިއަކަށް ހުއްޓުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ފައިލުގައި ސާފުކޮށް ލިޔެފައިވާ ނަން ފެނުމުން އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ.
“ބަލިމީހާ: ޒިމާން.”
އިމަޖެންސީ ޑިޕާޓްމަންޓުގެ އަޑުގަދަ މާހައުލު އޭނާއަށް ހިމޭންވީ ކަހަލައެވެ. އޭނާ މަޑުމަޑުން ޑޮކްޓަރާ ދިމާއަށް ބަލައިލިއެވެ.
“އަހަރެން އޭނާ ގާތަށް ދާންވީތޯ؟”
ޑޮކްޓަރު ބޯޖަހާލިއެވެ. “އަހަރެން ކިޔާރާގެ ނިންމުންތަކަށް އިތުބާރު ކުރަން. އަދި އަހަންނަށް ހީވޭ އޭނާ ކިޔާރާގެ ބަސް އަހާނެހެންވެސް.” ޑޮކްޓަރު ހިނިތުންވުމަކާއެކު ބުންޏެވެ.
ކިޔާރާ އަނެއްކާވެސް އެ ފައިލަށް ބަލައިލިއެވެ. ބޭރުގައި، ފަޅުގެ ލޮނުގަނޑަށް އެޅިފައިވާ އިރުގެ ދޯދިތައް ރަން ރިހި ކުލައިގައި ވިދަމުންދިޔައެވެ.
އޭނާގެ ހިތުގެ ފުންމިނުގައި އަނެއްކާވެސް އެ ތަފާތު އިޙުސާސް އުފެދުނެވެ. އެއީ ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެކެވެ. އޭނާގެ އާދައިގެ ދިރިއުޅުމުގެ އޮއިވަރު އަނެއްކާވެސް ބަދަލުވެ، ނޭނގޭ މަންޒިލަކަށް އޭނާ ގެންދާ ފަދަ އިޙުސާސެކެވެ.
ކިޔާރާ ހަރަކާތެއްނެތި އެތައް ސިކުންތަކަށް ހުއްޓުން އަރާފައި ހުއްޓެވެ. އޭނާގެ އަތުގައި އޮތް ބަލިމީހާގެ ފައިލު އޮތީ ހުޅުވިފައެވެ. އެވަގުތު އޭނާގެ ވަށައިގެން އެމަޖެންސީ ޑިޕާޓްމަންޓުގެ އަޑުތައް މަޑުމަޑުން އަނެއްކާވެސް އިވެން ފެށިއެވެ.
އޭނާގެ ފަހަތުން ކޮންމެވެސް ދިމާއަކުން މޮނިޓަރެއްގެ ބީޕް އަޑު މެދުނުކެނޑި އިވެމުންދިޔައެވެ. ޕޯޓަރަކު ބަލިމީހަކު ގޮވައިގެން ރޭޑިއޮލޮޖީއާ ދިމާއަށް ދިޔައެވެ. މީހަކު އިތުރު ބްލަޑް ސާމްޕަލްތަކެއް ބޭނުންވެގެން ގޮވާލި އަޑު އިވުނެވެ.
ހޮސްޕިޓަލުގެ އާންމު ހަލަބޮލިކަން އޭގެ ގޮތުގައި ކުރިއަށް ދިޔައީ، ކިޔާރާގެ ހިތުގެ ތެޅުން އަވަސްވެފައިވާކަން ކުޑަކޮށްވެސް އިޙުސާސްވުމެއް ނެތިއެވެ. އޭނާ އަނެއްކާވެސް އެ ފައިލަށް ބަލާލިއެވެ.
ބަލިމީހާ: ޒިމާން.
އަކުރުތަކަކަށް ބަދަލެއް ނާދެއެވެ. އަދި އޭނާގެ ހިތަށް ކުރި އަސަރަކަށްވެސް ބަދަލެއް ނާދެއެވެ.
“ކިޔާރާ؟” ޑޮކްޓަރ މަހްމޫދުގެ އަޑާއެކު އޭނާ ހަށިގަނޑަށް ލިބުނު ސިހުމުން އާދައިގެ ހާލަތަށް ރުޖޫޢަވިއެވެ.
އޭނާ އެސްފިޔަ ޖަހާލިއެވެ. “ލައްބަ ޑޮކްޓަރ؟”
“ކަމެއް ގޯސްވީތަ؟”
“ނޫން.” ޖަވާބު ދެވުނީ ކުޑަކޮށް މާ އަވަހަށް ކަމަށް އޭނާއަށް އިހުސާސް ކުރެވުނެވެ. އޭނާ ކަރުކެހިލިއެވެ.
“އަޅުގަނޑު މިއުޅެނީ.. ނޫން ޑޮކްޓަރ. އަޅުގަނޑު ގޮސްފާނަން.”
ޑޮކްޓަރުގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފެނިލިއެވެ. “އަހަރެމެންގެ ޓީމުން މީހަކު ދާނެ ކަމަށް އަހަރެން މިހާރު ވާނީ އޭނާއަށް އަންގާފައި. ޒަޚަމް ހުރި ގޮތް ބަލާ، ބޭސްގަނޑު ބަދަލުކުރަން ޖެހޭނަމަ ބަދަލުކޮށް، ފާރުގަނޑު ރަނގަޅުވެފައި ހުރިނަމަ ފަހާފައި ހުރި ރޮދިތައް ނައްޓާލާ. ހުރިހާ ކަމެއް ރަނގަޅަށް ނޯޓުކޮށް، ކުޑަ ނަމަވެސް ކަންބޮޑުވުމެއް އޮތް ނަމަ އަހަންނަށް ގުޅާ.”
“ލައްބަ ޑޮކްޓަރ.”
“އޯހް..” ޑޮކްޓަރު ގަޑިއަށް ބަލާލިއެވެ. “ޑްރައިވަރު ދިހަވަރަކަށް މިނެޓު ތެރޭގައި މިތަނަށް އަންނާނެ.”
ދިހަ މިނެޓު.
އޭނާއަށް ބުނެދޭން ނޭނގޭ ސަބަބަކާ ހުރެ، ކުއްލިއަކަށް އެއީ އެކަށީގެންވާ ވަގުތެއް ކަމަކަށް އިޙުސާސެއް ނުކުރެވުނެވެ.
(ނުނިމޭ)
