ދެ ފުރާނަ
ސާޅީސް ފަސް މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބޭބެ އަތުވެއްޖެއެވެ. އޭނާ ހުރީ އަވަސްއަވަހަށް ލީ އެއްޗެހީގައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ މައިންބަފައިންވެސް އަތުވެއްޖެއެވެ. މަންމަ އައިގޮތަށް އާޝިޔާ އާއި ކުޑަ ސިދުރާގެ ގައިގައި ބާރަށް ބައްދާލިއެވެ.
“ދަރިފުޅާ.. ކީއްވީ؟” އާޝިޔާއަށް ހަމައެކަނި ބޯހަލުވާލެވުނީއެވެ.
“އަޅުގަނޑަކަށް ނޭނގެ. އެއްވެސް އެއްޗެއް ނޭނގެ.” އޭނާގެ ބައްޕަ މަޑުމަޑުން އޭނާގެ ގާތުގައި އިށީނދެ، ތަސްބީހަ ފަތި ހިފައިގެން މަޑުމަޑުން ޒިކުރުކުރަން ފެށިއެވެ. އޭގެ ފަހުން އެކަކުވެސް މާ ގިނަ ވާހަކައެއް ނުދައްކައެވެ. ދައްކާނެ އިތުރު ވާހަކައެއްވެސް ނެތީއެވެ.
ދެން ހެނދުނު ބަރާބަރު 6:17 ގައި އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. އިންތިޒާރުގައި ތިބި އެންމެން އެއްފަހަރާ ތެދުވިއެވެ. އިސް ސާޖަން އެންމެ ކުރިން ނުކުތެވެ. އޭނާ ހުރީ އޮޕަރޭޝަން ކުރާއިރު އަޅާ ތޮފިވެސް ނުނަގައެވެ. ހޮސްޕިޓަލުގެ ގަދަ އަލީގެ ތެރެއިން އޭނާގެ މޫނު ފެންނަނީ ވަރަށް ދޮންވެ، ފަނޑުވެފައިވާހެންނެވެ. އޭނާ މަޑުމަޑުން މާސްކު ނެގިއެވެ. އޭނާގެ ދުލުން ބަހެއް ބޭރުވުމުގެ ކުރިން، އެ ދެލޮލުން ފެންނަން ހުރި އަސަރުތަކުން ހުރިހާ ކަމެއް ސާފުކޮށްދީފިއެވެ. އާޝިޔާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ނޫނެކެވެ. އާދޭސްކުރަމެވެ. ނޫނެކެވެ.
ސާޖަން އާޝިޔާއާ ދިމާއަށް ހިނގައިގަތެވެ. “އަޅުގަނޑު ވަރަށް ހިތާމަކުރަން.” މުޅި ދުނިޔެ ހުއްޓުނު ކަހަލަ އިޙުސާސެއް އާޝިޔާއަށް ކުރެވުނެވެ. “އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން.” ޑޮކްޓަރުގެ އަޑު އިވެނީ ވަރަށް ދުރުން، ފެނުގެ އަޑީގައި ހުރެގެން އިވޭ އަޑެއް ފަދައިންނެވެ. “ލިބިފައިވާ އަނިޔާތައް މާ ބޮޑު. ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ގެއްލުންވާ ވަރަށް ވަޅި ޖަހާފައި ހުރި. އެތެރެހަށްޓަށް ލޭ ފޭބުން ހުއްޓުވޭ ގޮތެއް ނުވި.” އާޝިޔާ އޭނާއަށް ބަލަން ހުއްޓެވެ. އޭނާ ދެފަހަރަކު އެސްފިޔަ ޖަހާލިއެވެ. ޔަގީނުންވެސް އޭނާއަށް އޮޅުނީއެވެ.
“އޭނާ.. އޭނާ ރަނގަޅުތަ؟” އާޝިޔާ އުނދަގުލުން އަހާލިއެވެ. ސާޖަން އިރުކޮޅަކަށް ދެލޯ މަރާލިއެވެ.
“މައާފުކުރޭ. ކަމަނާގެ ފިރިކަލުން މިއަދު ހެނދުނު 6:09 ގައި ވަނީ ނިޔާވެފައި.”
ހިމޭންކަމެވެ. އެއްވެސް އަޑެއް އޭނާގެ ކަންފަތާ ހަމައަށް ނުފޯރައެވެ. މުޅި ކޮޓަރި އެނބުރެން ފެށިއެވެ. ފާރުތައް ދުރަށްދާ ކަހަލައެވެ. އޭނާ ބޭބެއާ ދިމާއަށް ބަލާލިއެވެ. ބޭބެ އިނީ ރޯށެވެ. މަންމަ އޮތީ ބައްޕަގެ އަތްދަނޑިމައްޗަށް ދެމިފައެވެ. ކޮންމެވެސް ދިމާއަކުން “އިންނާލިﷲ” ކިޔަވާ އަޑު އިވެއެވެ. ނަރުސް ކުއްޖަކުވެސް މަޑުމަޑުން ރޯން ފެށިއެވެ.
“ނޫން.” އެ ބަސް އޭނާގެ ދުލުން ބޭރުވީ ވަރަށް މަޑުމަޑުންނެވެ. “ނޫން.” ދެން ބާރަށް ބުނެވުނެވެ. “ނޫން!” އޭނާ ފަހަތަށް ޖެހެމުން ގޮސް، ފައިން ބާރު ދޫވެ، ވެއްޓެން ފެށިއެވެ. ބޭބެ ފުންމައިގެން ގޮސް، ބިމުގައި ޖެހުމުގެ ކުރިން އޭނާ ހިފެހެއްޓިއެވެ. ހުރިހާ ކަމެއް ފަނޑުވެ، އަޑުތައް މަޑުވެ، މީހުންގެ މޫނުތައް ނުފެންނަ ވަރަށް ބޯ އަނދިރިގަނޑެއްގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ.
*********
ހޭލެވުނުއިރު ކިހާ ވަގުތެއް ފާއިތުވެއްޖެކަމެއް އޭނާއަކަށް ނޭނގެއެވެ. ފަހަރެއްގައި މިނެޓްކޮޅެކެވެ. ނޫނީ ގަޑިއިރުތަކެކެވެ. އޭނާގެ ވަށައިގެން މީހުން ވާހަކަދައްކާ އަޑު އިވެއެވެ. މަންމަ ގިސްލާ އަޑާއި، ބައްޕަ ތުރުތުރުއަޅާ އަޑަކުން ޤުރުއާން ކިޔަވާ އަޑު އޭނާއަށް ވަކި ކުރެވުނެވެ. ބޭބެ ހޮސްޕިޓަލުގެ މުވައްޒަފުންނާ މަޑުމަޑުން ވާހަކަދައްކައެވެ. މީހަކު އޭނާގެ ގައިމަތީގައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. އަނެއް މީހަކު އޭނާގެ ލޭގެ ޕްރެޝަރު ބެލިއެވެ.
އޭނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަ ސިކުނޑިއަށް އައީ އަމިއްލަ ނަފުސާ ބެހޭ ޚިޔާލެއް ނޫނެވެ. އެއީ ހަމްދާންގެ ހަނދާނެވެ. އެއަށްފަހު އިތުރު ވިސްނުމެއް ސިކުނޑިއަށް އައެވެ.
“ޒޯޔާ ކޮބާ؟” އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ މިހާރު މިތާ ހުންނާނެކަން ޔަގީނެވެ. ޒޯޔާއަކީ އަބަދުވެސް އަންނާނެ މީހެކެވެ. އުފަލެއްގައި ވިޔަސް، ނުވަތަ ހިތާމައެއްގައި ވިޔަސް.. އޭނާ އަބަދުވެސް އާދެއެވެ.
“ޒޯޔާއަށް ގުޅާބަލަ.” އާޝިޔާ މަޑުމަޑުން ބުންޏެވެ. އަދިވެސް އޮތީ ހިމޭންކަމެވެ. އޭނާ ބޭބެއާ ދިމާއަށް ބަލާލިއެވެ. ބޭބެގެ ދެލޯ ވަގުތުން ކަރުނުން ފުރުނެވެ. އާޝިޔާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.
“ބޭބޭ.. އޭނާ ކޮބާ؟” ބޭބެ މަޑުމަޑުން އާޝިޔާގެ އެނދު ކައިރީގައި އިށީނދެ، އޭނާގެ އަތުގައި ހިފާލިއެވެ. ވާހަކަދައްކަން ބޭބެއަށް ވަރަށް އުނދަގޫވިއެވެ. އެތައް އިރެއް ފަހުން، ބޭބެގެ ދުލުން ބަސްތައް ބޭރުވިއެވެ.
“އާޝިޔާ.. ޒޯޔާވެސް.. މިރޭ މިތަނަށް ގެނައި.” އާޝިޔާ ބޭބެގެ މޫނަށް ބަލަން އިނެވެ.
“ތި ބުނީ ކީކޭ؟” ބޭބެ އިސްޖަހާލިއެވެ.
“އޭނާވެސް ސަލާމަތެއް ނުވި.”
އެތައް ސިކުންތެއް ވަންދެން އާޝިޔާ ބޭބެއާ ދިމާއަށް ބަލަން އިނެވެ. އެ ވާހަކަ ގަބޫލުކުރާކަށް އޭނާއަކަށް ނޭނގުނެވެ. ނޭވާލާންވެސް އުނދަގޫވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކައިވެނީގެ ދުވަހު އޭނާގެ ކައިރީގައި ހުރި އަންހެންމީހާއެވެ. ސިދުރާ އުފަންވުމުން އެންމެ ފުރަތަމަ އަތްދަނޑިމައްޗަށް ނެގި މީހާއެވެ. އޭނާ އަމިއްލައަށް އިޚުތިޔާރުކުރި އޭނާގެ އަމިއްލަ އުޚުތެވެ. އޭނާ ވަކިވެދިޔައީއެވެ.
“އެކަމަކު..” އޭނާ ވަރަށް ބަލިކަށި އަޑަކުން އަހާލިއެވެ. “ކިހިނެއް؟”
އެ ކޮޓަރީގައި ތިބި އެކަކަށްވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އަދި އެ ޖަވާބު ލިބޭކަށް ނެތެވެ.
އެ ކޮޓަރީގެ ތެރެއަށް ވެރިވެފައިވަނީ ބިރުވެރި މިންވަރެއްގެ ހިމޭންކަމެކެވެ. އެކަކަށްވެސް ވާހަކަދައްކާކަށް ކެރުމެއް ނެތެވެ. އާޝިޔާގެ ދުނިޔެއިން ބާކީ އޮތް މިންވަރުވެސް ފުނޑުފުނޑުކޮށްލާ މީހަކަށް ވާން އެކަކުވެސް ބޭނުމެއް ނުވެއެވެ.
އޭނާ އިނީ ހޮސްޕިޓަލުގެ އެނދުގައި ގުޑިވެސް ނުލައެވެ. މޫނުމަތިން ކުލަވަރު އޮއްސި، އުނގުމަތީގައި އޮތް ހުދު ރަޖައަށް ބަލަހައްޓައިގެންނެވެ. އެކަމަކު އޭނާއަށް އެ ފެންނަހެންނެއް ހީއެއް ނުވެއެވެ. މިކަން ޤަބޫލުކުރަން އޭނާއަށް ދަތިވިއެވެ. ހުރިހާ ކަމެއްވެސް ވަނީ އޮޅުންބޮޅުންވެފައެވެ.
ހަމަ އިއްޔެ މެންދުރުފަހުވެސް އޭނާ އިނީ ސިދުރާއަށް ކާންދެމުން ޒޯޔާއާ ވީޑިއޯ ކޯލުން ވާހަކަދައްކާށެވެ. އެ ކުޑަކުއްޖާ ވިދިވިދިގެން ތިން ފަހަރު ކިނބިހި އެޅުމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ހީނގަތެވެ.
“މިއީ ހަމަ އާޝިޔާގެ ދަރިއެއް.” ޒޯޔާ ސަމާސާކޮށްލިއެވެ. “މިހާރުވެސް އެހާ ބޮޑާ.”
އެމީހުން ވާހަކަދެއްކީ އާދައިގެ ކަންކަމާ ބެހޭގޮތުންނެވެ. ކުއްޖާގެ ވެކްސިނާ ބެހޭގޮތުންނެވެ. ޒޯޔާ އަޖުމަބަލާލަން ބޭނުންވި ރެސިޕީއަކާ ބެހޭގޮތުންނެވެ. ހަމްދާން އޭނާގެ މަސައްކަތު ދަތުރު ނިންމާފައި އައުމުން އާއިލާ އެންމެން އެކުގައި ބާއްވަން ރޭވި ރޭގަނޑުގެ ކެއުމާ ބެހޭގޮތުންނެވެ. އެއީ އެމީހުންގެ އެންމެ ފަހުގެ ވާހަކަދެއްކުން ކަމުގެ އެއްވެސް އިޝާރާތެއް އެ ވާހަކަތަކުން ނުލިބެއެވެ. އެއްވެސް އިޝާރާތެއް ނެތެވެ.
އާޝިޔާގެ ކޯތާފަތްމަތިން ހިމޭން ކަރުނަތަކެއް ފައިބަމުންދިޔައެވެ.” ކުރިން ގުޅުނުނަމަ..” އޭނާ ބުންޏެވެ.
އޭނާގެ މަންމަ ވަރަށް ލޯތްބާއެކު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ދަރިފުޅަށް ތިޔަހެން ވާނެކަމެއް ނޭނގޭނެއެއްނު.”
“އަހަރެންނަށް ކުރެވުނީސް..”
“ނުކުރެވޭނެ.”
އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ބޭރުން ފެންނަނީ މަޑުމަޑުން ރަށްމައްޗަށް އިރު އަރަމުންދާ މަންޒަރެވެ. މުޅި ރޭގަނޑު ހޭލާފައި އޮތް ތޫފާން މަޑުޖެހި، އުޑުމަތި އަޅިކުލައިގައި އޮތްއިރު، މަގުތައް އޮތީ ފެނުން ތެމިފައެވެ. ހޮސްޕިޓަލުގެ ކުޑަދޮރުން ފެންނަ އިރުގެ ފަނޑު ދޯދިތައް ބޯ ވިލާތަކުގެ ތެރެއިން ނުކުމެ، ކަނޑުގެ ލޮނުގަނޑަށް އަލިކުރަމުން ދިޔައެވެ. އެއީ އާ ދުވަހެއްގެ ފެށުމެވެ. ނަމަވެސް އާޝިޔާއަށް އޭނާގެ ދިރިއުޅުން ވަނީ ހުއްޓިފައެވެ.
ކުޑަދޮރުގައި މަޑުމަޑުން ޓަކިޖަހާލި އަޑަށް އެ ހިމޭންކަން މެދުކެނޑުނެވެ. އިންސްޕެކްޓަރ އިސްމާއިލް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. މިފަހަރު އޭނާ ހުރީ އެކަންޏެއް ނޫނެވެ. އަންހެން ފުލުހަކު އޭނާއާއެކު ފައިލަކާއި ބަންދުކޮށްފައިވާ ހެކި ހިމެނޭ ކޮތަޅުތަކެއް ހިފައިގެން ވަނެވެ.
އިންސްޕެކްޓަރ އިޙްތިރާމާއެކު އޭނާގެ ތޮފި ނެގިއެވެ. “ކުރިމަތިވި ހިތާމަވެރި ހާދިސާއަށްޓަކައި ވަރަށް ބޮޑަށް ދެރަވެއްޖެ. އާޝިޔާ.” އާޝިޔާ މަޑުމަޑުން ބޯޖަހާލިއެވެ.
އިންސްޕެކްޓަރ އަނެއްކާވެސް ވާހަކަދެއްކުމުގެ ކުރިން ކުޑަ ވަގުތުކޮޅަކު މަޑުކޮށްލިއެވެ. “އަދި ނިންމާލަންޖެހޭ ބައެއް އިޖުރާއަތްތައް އެބަހުރި.”
އާޝިޔާގެ ބޭބެ އޭނާގެ ކައިރީގައި ހުއްޓުނެވެ. “އަހަރެން މަޑުކުރާނަން.”
އިންސްޕެކްޓަރ ބޯޖަހާލިއެވެ. “އެންމެ ރަނގަޅު.”
ޒުވާން އަންހެން ފުލުސް އޮފިސަރު ސައިޑް ޓޭބަލް މަތީގައި ހާމަފެންނަ ކޮތަޅެއް ބޭއްވިއެވެ. އޭގެ ތެރޭގައި އޮތީ ދަންނަ ކަޅު ކުލައިގެ ވޮލެޓެކެވެ. ރިހި ކުލައިގެ އަތުކުރީ ގަޑިއެކެވެ. ހަލާކުވެފައިވާ މޯބައިލް ފޯނެކެވެ. ކައިވެނީގެ އަނގޮޓިއެކެވެ. އަދި ކާރުގެ ތަޅުދަނޑިފައްޗެކެވެ.
އާޝިޔާއަށް އެ ހުރިހާ އެއްޗެއް ވަގުތުން ދެނެގަނެވުނެވެ. އެ ގަޑިއަކީ އެމީހުންގެ ތިންވަނަ ކައިވެނީގެ އަހަރީ ދުވަހު ހަމްދާނަށް ސަޕްރައިޒެއް ދިނުމަށް އާޝިޔާ އެތައް މަހަކު ފައިސާ އެއްކޮށްގެން ގަނެދިން ގަޑިއެކެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އޭނާ އެ ގަޑި އަޅައެވެ. އާޝިޔާ ތުރުތުރުލާ އަތަކުން އެ ކޮތަޅުގައި އަތްލިއެވެ. އޭނާގެ އިނގިލިތައް ޖެހުނީ ކައިވެނީގެ އަނގޮޓި އޮތް ދިމާލުގައެވެ.
ހިފަހައްޓައިގެން ހުރި ކަރުނަތައް އެންމެ ފަހުން އޮހިގަތެވެ. އެމީހުން ކައިވެނިކުރި ދުވަހު، އުފަލުން ގޮސް ތުރުތުރުލާ ހާލުގައި އޭނާގެ އިނގިލީގައި އެ އަނގޮޓި އެޅުވި ހަނދާން އާވިއެވެ. މިހާރު އެ އަނގޮޓި އޭނާއަށް މި ލިބުނީ އޭނާއާ ނުލައެވެ.
(ނުނިމޭ)
