ހަނދާންތަކުގެ ރެކޯޑުތައް
ޖެހިގެން އައި ދުވަހުގެ ހެނދުނު، އާޝިޔާ ގެއަށް އެނބުރި އައީ އާދަޔާ ޚިލާފު އަޒުމެއްގައެވެ. އެއީ ހިތާމައަކާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި ހޮސްޕިޓަލުގައި އިންސްޕެކްޓަރު އިސްމާޢީލް އުފެއްދި ސުވާލުތަކާ ގުޅުންހުރި ކަމެއްވެސް ނޫނެވެ.
މުޅި ރޭ އޭނާ ވިސްނަމުން ދިޔައީ އެންމެ ކަމަކާ މެދުގައެވެ. އެއީ މީހަކު ގަސްދުގައި ޑީ.އެން.އޭ ހެކިތަކަށް ބަދަލު ގެނެސްފައިވާ ކަމެވެ. އޭގެ މާނައަކީ އެ ނަތީޖާއަކީ އަދި އިތުބާރު ކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް، އޭގެ އަނެއް މާނައަކީ، ސިދުރާގެ އަސްލު ބައްޕައަކީ ކާކުކަން އޮޅުވާލުމަށްޓަކައި މީހަކު ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމެވެ. އަދި އެކަން ކުރި މީހަކަށް، އެ ބަދަލުގެ ސަބަބުން އާޝިޔާގެ ހިތުގައި އުފެދޭނެ ސުވާލުތައްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
އޭނާ ސީދާ ދިޔައީ ހަމްދާންގެ އަލަމާރި ކައިރިއަށެވެ. މީގެ ކުރިންވެސް އޭނާ ހަމްދާންގެ ތަކެތި ބަލައި ފާސްކުރިއެވެ. ނަމަވެސް އެއީ ނިޔާވެފައިވާ ފިރިއެއްގެ އެއްޗެހީގައި އަތްލާއިރު އަނތްބެއްގެ ހިތުގައި އުފެދޭނެ ޖެހިލުންވުމާއެކުގައެވެ. އެކަމަކު މިފަހަރު އޭނާ ކޮންމެ ވަތްގަނޑެއް ހުޅުވައި، ފަށްޖަހާފައި ހުރި ކޮންމެ ގަމީހެއް ހާވައި، ބޭނުންކޮށްފައި ހުރި ކޯޓުތަކުގެ ޖީބުތައް ބަލައި، އަދި އަލަމާރީގެ މަތީ ވަތްގަނޑުގެ ފަހަތުގައި ފޮރުވާފައި ހުރި ސިޓީއުރަތައްވެސް ބަލައި ފާސްކުރިއެވެ. މިފަހަރުގެ ބަލައި ފާސްކުރުމުގައި އެއްވެސް އިޙުސާސީ ކަމެއް ނެތެވެ. އޭނާ ހޯދަމުން ދިޔައީ ރެކޯޑުތަކެވެ.
އަލަމާރީގެ އެންމެ ފަހަތުގައި، ބައެއް ލިޔެކިޔުންތަކުގެ ނިވަލުގައި އޮތް މުށިކުލައިގެ ތުނި މެޑިކަލް ފައިލެއް އޭނާއަށް ފެނުނެވެ. އޭގައި އޭނާގެ ނަމެއް ނެތެވެ. އަދި ސިދުރާގެ ނަމެއްވެސް ނެތެވެ. އޮތީ ހަމައެކަނި ހަމްދާންގެ ނަމެވެ. އާޝިޔާ ބިމުގައި އިށީނދެ އެ ފައިލު ހުޅުވާލިއެވެ. ފުރަތަމަ ހުރި ލިޔުންތަކަކީ އާދައިގެ ރިޕޯޓުތަކެވެ. ލޭގެ ޓެސްޓުތަކާއި، ކޮލެސްޓްރޯލް ރިޕޯޓުތަކާއި، އާދައިގެ ބަލިތަކަށް ދައްކާފައި ހުރި ލިޔުންތަކެވެ. އެއަށްފަހު އޭނާގެ އަތުގައި ޖެހުނީ، ސިދުރާ އުފަންވުމުގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ހަދާފައިވާ ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ “ފާޓިލިޓީ ކްލިނިކް” ރިޕޯޓެކެވެ.
އޭނާ އެ ރިޕޯޓު އެއްފަހަރު ކިޔާލިއެވެ. އަދި ދެވަނަ ފަހަރަށްވެސް ކިޔާލިއެވެ. އޭނާގެ ކައިވެނީގެ މުޅި މާނަ ބަދަލުކޮށްލުމުގެ ބާރު ލިބިގެންވާ އެ ލިޔުމުގައި ހުރި ބަސްތައް ހުރީ ވަރަށް އާދައިގެ ސިއްޙީ ބަހުރުވައަކުންނެވެ.
“ސިވިއަރ އޮލިގޯސްޕާމިއާ”. މާނައަކީ ދަރިމައިވުމަށް ބޭނުންވާ މަނަވީ ދަރި ނުވަތަ ސްޕާމްގެ މިންވަރު އިންތިހާއަށް ދަށެވެ. އެ ރިޕޯޓުގައި ލަފާދީފައިވަނީ އިތުރު ފަރުވާ ހޯދުމަށާއި، ސިއްޙީ އެހީތެރިކަމާއެކު ދަރިމައިވުމުގެ މަގު އިޚްތިޔާރު ކުރުމަށެވެ. އަނެއް ގަނޑުގައި ހުރީ ޑޮކްޓަރުގެ ނޯޓުތަކެވެ.
“ޤުދުރަތީ ގޮތުން ދަރިމައިވުމުގެ ފުރުސަތު ވަރަށް ހަނި.”
އާޝިޔާ މަޑުޖެހިލިއެވެ. އޭނާއަކަށް މިކަމެއް ދުވަހަކުވެސް ނޭނގެއެވެ. ހަމްދާން ދުވަހަކުވެސް އެ ވާހަކައެއް ނުބުނެއެވެ.
އޭނާ ފައިލު ބަލަމުން ދަނިކޮށް އެހެން ކްލިނިކަކުން ހަދާފައިވާ ދެވަނަ ރިޕޯޓެއް ފެނުނެވެ. އޭގެ ނަތީޖާވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. މަނަވީ ދަރީގެ މިންވަރު އިންތިހާއަށް މަދުވުމާއި، އޭގެ ހަރަކާތްތެރިކަން ދަށްވުމެވެ. އަދި ޑޮކްޓަރު އަތުން ލިޔެފައިވާ ނޯޓެއްގައި އޮތެވެ.
“މެޑިކަލް އެހީތެރިކަމާނުލައި ދަރިމައިވުމަކީ ދަތި ކަމެއްކަން ބަލިމީހާއަށް އަންގައިފިން.”
އާޝިޔާ އެ ލިޔުން ބިމުގައި ބޭއްވިއެވެ. ނަމަވެސް ސިދުރާ ލިބުނީ ޤުދުރަތީ ގޮތުންނެވެ. މަދުވެގެން، އޭނާ އަބަދުވެސް ޤަބޫލުކޮށްގެން ހުރީ އެގޮތަށެވެ. އޭނާ ބަނޑުބޮޑުވި ޚަބަރު ހަމްދާނަށް ދިން ދުވަސް މަތިން ހަނދާންވިއެވެ. އެވަގުތު ހަމްދާން ހައިރާންވެފައި ހުރި ގޮތާއި، އެއްފަހަރާ ހީނފައި ރޮއިގަތް ގޮތާއި، އަދި އެ ޕްރެގްނަންސީ ޓެސްޓު ކިޓުގައި ވަރަށް މާތް އެއްޗެއްގައި އަތްލާ ފަދައިން ހިފަހައްޓައިގެން ހުރި ގޮތް އޭނާ ހަނދާންވިއެވެ. އަދި ބަނޑަށް އެއްވެސް ބަދަލެއް ނާންނަނީސް، ހަމްދާން އޭނާގެ ބަނޑުގައި އަތްލައިގެން ހުރި ހަނދާންތައް އައެވެ.
އޭރުވެސް ހަމްދާނަށް މި ހަޤީޤަތް އެނގޭ ހެއްޔެވެ؟ އޭނާ ބިރުގަތީ ހެއްޔެވެ؟ ނުވަތަ އެއީ ހަމަޖެހޭ ކަމެއް ނޫންކަމަށް އޭނާއަށް ޝައްކުވީ ހެއްޔެވެ؟
އޭނާ އަލުން ފައިލު ބަލަން ފެށިއެވެ. އޭގައި އެންމެ ފަހު ލިޔުމެއް އޮތެވެ. އެއީ ޕްރައިވެޓް ކޮންސަލްޓޭޝަން ރެކޯޑެކެވެ. އޭގެ ތާރީޚަކީ ސިދުރާ ބަނޑަށް އައުމުގެ މަދު މަސްތަކެއް ކުރިއެވެ. ޑޮކްޓަރުގެ އަތުލިޔުން ކިޔަން އުނދަގޫ ނަމަވެސް، އެއް ޖުމްލަ ވަރަށް ސާފެވެ.
“މި މަރުހަލާގައި އަނބިމީހާއަށް މި މަޢުލޫމާތު ހިއްސާކުރަން ބަލިމީހާ ބޭނުމެއް ނުވޭ.”
އާޝިޔާ ފައިލު ލައްޕާލިއެވެ. އިރުކޮޅަކަށް އޭނާ އެއްވެސް ހަރަކާތެއް ނެތި އިށީނދެގެން އިނެވެ. އޭނާގެ ހަނދާނުގައި އޮތް ކައިވެނީގެ ތަަސްވީރު، އޭނާއަށް ދުވަހަކުވެސް ފެނިފައިނުވާ މި ލިޔުންތަކުގެ ސަބަބުން މުޅިން ބަދަލުވެއްޖެއެވެ. ދަރިމައިވުމުގެ މައްސަލަ ހުރިކަން ހަމްދާނަށް އެނގެއެވެ. އޭނާ އެކަން އާޝިޔާއަށް ސިއްރުކުރީއެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟ އެއީ އާޝިޔާ ރައްކާތެރިކުރުމަށް ހެއްޔެވެ؟ ނުވަތަ ލަދުގަތީ ހެއްޔެވެ؟ ނޫންނަމަ، ސިދުރާ ބަނޑަށް އައި ގޮތާ ބެހޭގޮތުން އާޝިޔާއަށް ނޭނގޭ އެހެން ހަޤީޤަތެއް ހަމްދާނަށް އެނގެނީ ހެއްޔެވެ؟
އޭނާގެ ސިކުނޑި އަނެއްކާވެސް މާޒީގެ ބައެއް ހަނދާންތަކަށް ދަތުރުކުރިއެވެ. އެއީ އެ ކޮޓަރިއެއް ނޫނެވެ. އަދި ނަޖުމީއެއްވެސް ނޫނެވެ. އެހެން ކަމެކެވެ. ވަހެކެވެ. ކަނޑުގެ ލޮނުވަހެވެ. ފައިދަށުގައި އޮތް ތެތް ބިމުގެ އިޙުސާސެވެ. އޭނާގެ ނަމުން މީހަކު ގޮވާ އަޑެވެ. އެއަށްފަހު، މުޅިން އޮޅުންބޮޅުންވެފައިވާ އިޙުސާސެކެވެ. ހީވަނީ ހޭލާ ހުރި ނަމަވެސް، ހަށިގަނޑު އޭނާގެ ބާރުގެ ދަށުގައި ނެތްހެންނެވެ. އޭނާ ކޮޅަށް ތެދުވަން އުޅުނު ހަނދާންވިއެވެ. މީހަކު އޭނާ ގާތު އިށީނުމަށް ބުނި އަޑު އިވުނެވެ. އަތުން އެއްޗެއް އަތުލި އިޙުސާސެވެ. ދެންވީ ގޮތެއް ހަނދާނެއް ނެތެވެ.
ދެން އައި ހަނދާނަކީ މާ ފަހުގެ ކަމެކެވެ. އޭނާ ރޮނީއެވެ. މީހަކު އޭނާގެ ގައިގައި ސާލެއް އޮޅައިދެނީއެވެ. ޒޯޔާ އެތަނުގައި ހުއްޓެވެ. ޒޯޔާ ބުނަމުން ދިޔައެވެ. “މިރޭގެ ހަނދާންތައް އާކުރާކަށް ނުޖެހޭނެ.”
އާޝިޔާގެ ދެލޯ ބޮޑުވިއެވެ. އެ ޖުމްލަ ތަފާތެވެ. އެއީ އޭނާގެ ހީއެއް ނޫނެވެ. އެއީ ހަޤީޤަތުގައިވެސް ދެކެވުނު ވާހަކައެކެވެ.
އޭނާ އަވަހަށް ނޯޓުފޮތް ނެގިއެވެ. އޭނާގެ ހަނދާނުގައި ހުރި ގޮތަށް އެ ޖުމްލަ ލިޔުނެވެ. “މިރޭގެ ހަނދާންތައް އާކުރާކަށް ނުޖެހޭނެ.” އަދި އޭގެ ދަށުގައި ލިޔުނެވެ. “ޒޯޔާ އެހެން ބުނީ ކީއްވެ؟”
އަނެއްކާވެސް އިތުރު ހަނދާނެއް އައެވެ. ހޮސްޕިޓަލެއްގެ ކޮރިޑޯއެކެވެ. ވިލިނގިލީ ހޮސްޕިޓަލެއް ނޫނެވެ. އެހެން ތަނެކެވެ. ޒޯޔާ ޑޮކްޓަރަކާ ވާހަކަ ދައްކަން ހުއްޓާ، އޭނާ ގޮނޑިއެއްގައި އިށީނދެގެން އިން ހަނދާންވިއެވެ. އެމީހުން ދެއްކި ވާހަކައެއް އޭނާއަކަށް ނީވުނެވެ. ދެން ޒޯޔާ އައިސް އޭނާގެ ކައިރީގައި ކަކޫޖަހައިގެން އިށީނެވެ.
“އޭގައި ކަލޭގެ އެއްވެސް ކުށެއް ނެތް.” ޒޯޔާ ބުންޏެވެ.
އާޝިޔާގެ ގަލަން ހުއްޓުނެވެ. އޭނާ އެ ސަފުހާއަށް ބަލަހައްޓައިގެން އިނެވެ. ހަނދާންތައް ދިޔައީ އިތުރަށް ސާފުވަމުންނެވެ. ނަމަވެސް އެއީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. އެއީ އެއްވެސް ކަހަލަ ލޯބީގެ ބައްދަލުވުމެއް ނޫނެވެ. ދެމީހުން ރުހިގެން ހިނގި ކަމެއްވެސް ނޫނެވެ. ކަންކަން ފަސޭހަވެގެންދާނެ ފަދަ އެއްވެސް މާނައެއް އޭގައި ނެތެވެ. އޮތީ ހަމައެކަނި އޮޅުންބޮޅުންވުމެވެ. އަމިއްލަ އިޚްތިޔާރު ގެއްލުމެވެ. ބިރުވެރިކަމެވެ. އަދި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ބާރު ނެތް ވަގުތެއްގައި، މީހަކު އޭނާއަށް ބޮޑު ގޯހެއް ހަދާފައިވުމުގެ ބިރުވެރި ފުރުސަތެވެ. އޭނާ ގަލަން ބޭއްވިއެވެ.
“ނޫން.” އޭނާ މަޑުމަޑުން ބުނެލިއެވެ. އެ ވިސްނުން ފުރިހަމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ހެކިތައް ދިޔައީ އެއްގަލަކަށް އަރަމުންނެވެ. ސިއްރުކޮށްފައި ހުރި މެޑިކަލް ރިޕޯޓުތަކެވެ. ބަދަލުކޮށްފައިވާ ޑީ.އެން.އޭ ސާމްޕަލެވެ. ސަބަބެއް ނޭނގޭ މެޑިކަލް އެޕޮއިންޓްމަންޓެވެ. ޒޯޔާގެ އިންޒާރެވެ. ގެއްލިފައިވާ ހަނދާންތަކެވެ. އަދި ސިދުރާއެވެ.
އާޝިޔާ ތެދުވެ ކުޑަދޮރު ކައިރިއަށް ދިޔައެވެ. ބޭރުގައި، ރަށުގެ ދިރިއުޅުން އޮތީ އެއްވެސް ބަދަލެއް ނައިސް ކުރިއަށެވެ. އަންހެނަކު އެއްޗެހި ހިއްލަނީއެވެ. ކުއްޖަކު ބައިސްކަލު ދުއްވަނީއެވެ. ކޮންމެވެސް ތަނަކުން، މީހަކު އަނެކަކަށް ސައިބޯން އައުމަށް ގޮވާ އަޑު އިވެއެވެ. އާދައިގެ ދިރިއުޅުމެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ވަނީ އޭނާއަށް ނޭނގޭ ބިރުވެރި ކަމަކަށް ބަދަލުވެފައެވެ.
އޭނާގެ ފޯނު ރިންގުވިއެވެ. އިންސްޕެކްޓަރު އިސްމާޢީލެވެ.
“ޑީ.އެން.އޭ ސާމްޕަލަށް ބަދަލު ގެނެސްފައިވާކަން މިހާރު ޔަގީންވެއްޖެ.” އޭނާ ބުންޏެވެ.
އާޝިޔާ ދެލޯ މަރާލިއެވެ. “އެހެންވީމާ ސިދުރާގެ އަސްލު ބައްޕައަކީ ކާކުކަމެއް އަދިވެސް ނޭނގޭ.”
“މިވަގުތަށް، އާނ.”
“އަހަންނަށް އެއްޗެއް ފެނިއްޖެ.”
“ކޯއްޗެއް؟”
“ހަމްދާންގެ މެޑިކަލް ރެކޯޑުތަކެއް.”
އޭނާ އެ ރިޕޯޓުތަކުގެ ވާހަކަ ކިޔައިދިނެވެ. އިރުކޮޅަކު ހަނުހުރުމަށްފަހު އިންސްޕެކްޓަރު ސުވާލުކުރިއެވެ.
“އެއީ ފަހުގެ ލިޔުންތަކެއްތަ؟”
“ނޫން. ސިދުރާ ބަނޑަށް އައުމުގެ ކުރީގެ ލިޔުންތަކެއް.”
“ތިއީ ވަރަށް މުހިންމު މަޢުލޫމާތެއް.”
“އަހަންނަށް އެނގޭ.”
“އަދި އެހެން ކަމެއްވެސް އެބައޮތް ކަލެއަށް އެނގެންޖެހޭ.” އާޝިޔާ މަޑުކޮށްލިއެވެ. “ލެބޯޓްރީގެ ސާމްޕަލް ލޮގްތައް އަލުން ބަލައިފިން. ޓެސްޓު ހެދުމުގެ ކުރިން މީހަކު ވަނީ އެ ސާމްޕަލްތައް ބަހައްޓާފައި ހުރި ތަނަށް ވަދެފައި.”
“އެއީ ކާކު؟”
“އަހަރެމެން އެކަން ބަލަމުން މިދަނީ.”
އާޝިޔާ ހަމްދާންގެ މެޑިކަލް ފައިލަށް ބަލާލިއެވެ.
“އިންސްޕެކްޓަރު، އަހަންނަށް ހީވަނީ މީހަކު މިދިޔަ ހުރިހާ އަހަރަކުވެސް ހެކިތައް އޮޅުވާލަމުން އައިހެން.”
“ކީއްވެ ތިހެން ތިބުނީ؟”
އާޝިޔާ އަނެއްކާވެސް އެންމެ ފަހު ރިޕޯޓަށް ބަލާލިއެވެ.
“ސަބަބަކީ، ހަމްދާނަށް އޭނާގެ ދަރިމައިވުމުގެ މައްސަލަ ހުރިކަން އެނގޭ. އެކަމަކުވެސް އޭނާ ޤަބޫލުކޮށްގެން ހުރީ ސިދުރާއަކީ އޭނާގެ ދަރިއެއް ކަމަށް.”
“އެހެންވީމާ، ނުވަތަ ޑީ.އެން.އޭ ރިޕޯޓު އެއީ ގޯހެއް. ނުވަތަ އެ މެޑިކަލް ރިޕޯޓަކީ ކަނޑައެޅިގެން ނިމިފައިވާ ނަތީޖާއެއް ނޫން. ނޫންނަމަ، ސިދުރާ ބަނޑަށް އައި ގޮތާ ބެހޭގޮތުން އަހަރެމެން ދެމީހުންނަށްވެސް ނޭނގޭ ކަމެއް އެބައޮތް.”
“އަދި ވަކި ގޮތަކަށް ނުނިންމާ.”
“އަހަންނަށް އެނގޭ.”
އޭނާ ނޯޓުފޮތަށް ބަލާލިއެވެ. ޒޯޔާ ބުނި ޖުމްލައަށެވެ. ނަޖުމީގެ ނަމަށެވެ. އަދި ހަމްދާން ސިއްރުކޮށްފައި އޮތް މެޑިކަލް ރިޕޯޓުތަކަށެވެ.
“އަހަންނަށް ހީވަނީ އަހަންނަށް މަސްތުވާ އެއްޗެއް ދިނީހެން.” އޭނާ މަޑުމަޑުން ބުންޏެވެ.
އިސްމާޢީލް ވަގުތުން ޖަވާބެއް ނުދެއެވެ.
“އެކަން ކުރީ ކާކުކަން ހަނދާންވޭތަ؟”
“ނޫން.”
“ކޮންތާކުކަން ހަނދާންވޭތަ؟”
“ނޫން.”
“އެހެންވިއްޔާ، ތި ހަނދާނަކީ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ. އެއީ ހަމައެކަނި ވެދާނެ ގޮތެއް ކަމަށް ބަލަމާ.”
“އަހަންނަށް ވިސްނޭ.” އާޝިޔާ ނިދާކޮޓަރިއާ ދިމާއަށް ބަލާލިއެވެ. “އެކަމަކު ޒޯޔާ ބުނި އަހަރެންގެ ކުށެއް ނެތް ކަމަށް. އެއީ އަހަރެންގެ ހަނދާނުގައި ހުރި ކަމެއް.”
މި ވާހަކައާއެކު މުޅި މައުޟޫޢު ބަދަލުވެގެން ދިޔައެވެ.
“އަހަރެން މެޑިކަލް ރެކޯޑުތައް ބަލާނަން.” އިސްމާޢީލް ބުންޏެވެ. “އަދި އާޝިޔާ.. މިކަމާ ބެހޭގޮތުން ނަޖުމީއާ އަދި ސުވާލު ނުކުރާތި.”
އޭނާ ފޯނަށް ބަލާލިއެވެ. “ކީއްވެ؟”
“އަހަރެމެންނަށް 2018 ވަނަ އަހަރުގެ އެހެން ކަމެއް ފެނިއްޖެ.”
“ކޯއްޗެއް؟”
“ކަނޑޫދޫ ހާދިސާއަށްފަހު ކަލެއަށް ފަރުވާ ދިން ޑޮކްޓަރުގެ ނަން.”
އާޝިޔާ ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. “އަހަރެން ކަނޑޫދޫއަކަށް ނުދަން.”
“އަހަންނަށް އެނގޭ.”
“އެހެންވިއްޔާ މެޑިކަލް ރެކޯޑެއް އޮންނަންވީ ކީއްވެ؟”
“އަހަރެމެން މި ބަލަނީ އެ ސަބަބު.”
އޭނާ މަޑުޖެހިލިއެވެ. “އެ ޑޮކްޓަރުގެ ނަމަކީ ޑރ. ޝަހުދާ.”
އާޝިޔާގެ ނޭވާ ކުރުވިއެވެ. އޭނާއަށް އެ ނަން އެނގެއެވެ. އެއީ ހޮސްޕިޓަލަކުން ނުވަތަ ރެކޯޑުތަކަކުން އެނގުނު ނަމެއް ނޫނެވެ. އެއީ އޭނާގެ ހަނދާނުގެ ތެރޭގައިވާ ނަމެކެވެ. އެނދެއްގެ ކައިރީގައި ހުރި އަންހެނެކެވެ. އާޝިޔާ އަރާމުކުރަން ޖެހޭނެ ކަމަށް ބުނި އަޑެވެ. މޭޒުމަތީގައި ފެންތަށި ބެހެއްޓި އަތެވެ. އަދި އެ އަންހެންމީހާގެ ފަހަތުން، ކުޑަދޮރުގެ ބިއްލޫރިގަނޑުން ފެންނަން ހުރި ހިޔަނި.. ހަމްދާނެވެ. އޭނާ ދިރިހުއްޓެވެ. ބަލަހައްޓައިގެން ހުއްޓެވެ.
އާޝިޔާ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ. މިހާރު މިއީ ސިދުރާގެ ބަައްޕައަކީ ކާކުކަން ހޯދުމުގެ މައްސަލައެއް ނޫނެވެ. މިއީ މިއަށްވުރެ މާ ބިރުވެރި ސުވާލެކެވެ. ސިދުރާގެ މަންމައަކަށް އާޝިޔާ ވުމުގެ ކުރިން، އޭނާއަށް ހަޤީޤަތުގައި ވީ ކީއް ހެއްޔެވެ؟
(ނުނިމޭ)
