ނަފުސާނީ ބިރުވެރިކަން
ވަޝިއްޔާ އެ ކުޑަ ނޯޓުފޮތުގައި ލިޔާތަން މިރުޒާއަށް އެތައް ފަހަރަކު ފެނިފައިވެއެވެ. އޭރު އޭނާ ހީކުރީ އެއީ ދަތުރުގެ ތަޖުރިބާތަކާއި، ޝައުޤުވެރި ވާހަކަތައް ނުވަތަ ރާއްޖެއިން ބޭރުގެ ދިރިއުޅުމާ ބެހޭގޮތުން ލިޔާ އެއްޗެއް ކަމަށެވެ. ނަމަވެސް، އޭނާގެ ވަށައިގެން ތިބި މީހުންނާމެދު، އަދި ޚުދު މިރުޒާއާމެދު ވެސް އޭނާއަށް ފާހަގަކުރެވިފައިވަނީ ކިހާވަރެއްގެ ކަންތައްތަކެއްބާވައޭ މިހާރު ހިތަށް އަރަން ފަށައިފިއެވެ.
ވަޝިއްޔާ ވަނީ މިރުޒާއާ ގުޅުން އޮންނަ މީހުންނާ ބައްދަލުކޮށްފައެވެ. މިރުޒާ ހަމަޖައްސައިދިން އެޕާޓްމަންޓަށް ގޮސްފައެވެ. އެކި ބައްދަލުވުންތަކުގައި ބައިވެރިވެ، ދެކެވުނު ވާހަކަތައް އަޑުއަހައި، މިރުޒާ ކޮޓަރިއަކަށް ވަނުމުން ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތް ބަލާފައެވެ.
ކޮންމެ ކަމެއްގެ މާނަ އަދި އޭނާއަށް ސާފުނުވި ނަމަވެސް، އޭނާ އެދަނީ އެ މަޢުލޫމާތުތައް އެއްކުރަމުންނެވެ. އެއީ ވަގުތީ ކަމެއްގެ ގޮތުގައި ނުބާއްވައި، ލިޔުމުން އެކަންކަން ރައްކާކުރަމުންނެވެ.
ފުރަތަމަ ފަހަރަށް މިރުޒާއަށް އެ ނޯޓުފޮތާމެދު ތަފާތު ގޮތަކަށް ދެކެން މަޖުބޫރުވިއެވެ. އެއީ ހަމައެކަނި ވަޝިއްޔާގެ ތަޖުރިބާތައް ލިޔެފައިވާ ފޮތެއް ނޫނެވެ. އެއީ މިރުޒާއަށް ކޮންޓްރޯލް ނުކުރެވޭނެ، އަދި ފޮހެލަން ވެސް ނޭނގޭނެ ސުވާލުތަކާއި، ހަނދާންތަކާއި، ގުޅުންތަކުގެ ބޮޑު ސިލްސިލާއެކެވެ.
އޭނާގެ ދުނިޔެ ބިނާކޮށްފައިވަނީ ކިހާ ފަރުވާތެރިކަމާ އެކުކަން އޭނާއަށް އެނގެއެވެ. އެކަމުގައި ކިތައް މީހުން ބައިވެރިވާކަމާއި، އެއްވެސް މީހަކު އެކަމަށް މާ ބޮޑަށް ސަމާލުކަން ނުދީ ތިބުމުގެ މުހިންމުކަން ވެސް އޭނާއަށް އެނގެއެވެ.
ނަމަވެސް ވަޝިއްޔާ ދަނީ ކޮންމެ ކަމަކަށް ވަރަށް ފުންކޮށް ބަލަމުންނެވެ. އަދި ކޮންމެވެސް ދުވަހަކުން، އެ މަޑުމައިތިރި ކުދިކުދި ނޯޓުތަކަކީ އޭނާ ކުރި ހުރިހާ މަސައްކަތެއް ބިމާ ހަމަކޮށްލާނެ ވަސީލަތަށް ވެދާނެތީ މިރުޒާ ބިރުގަނެއެވެ. ނަމަވެސް މިރުޒާ އެންމެ ބޮޑަށް ބިރުގަތީ އެ ނޯޓުފޮތަކާ ހުރެއެއް ނޫނެވެ. އޭނާ ބިރުގަތީ ވަޝިއްޔާގެ ކިބައިން ފެންނަން ފެށި ކަންކަން އޮޅުންފިލުވުމުގެ ވަރުގަދަ ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ.
ބޭރު ޤައުމުތަކުގެ ދިރިއުޅުމާ ބެހޭގޮތުން ވަޝިއްޔާ ކުރަމުންދިޔަ އާދައިގެ އޮޅުންފިލުވުންތައް، ފަސޭހައިން ދޫކޮށްނުލާ ފަދަ ސީދާ ސުވާލުތަކަކަށް ބަދަލުވަމުންދިޔަ މަންޒަރު މިރުޒާ ދިޔައީ ބަލަމުންނެވެ. ކޮންމެ އާ ތަފްސީލަކާއެކު އޭނާގެ ޝައުޤުވެރިކަން އިތުރުވަމުން ދިޔައިރު، އޭނާއަށް ދިމާވި ހާދިސާގެ ހަޤީޤަތް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ދުވަހަކުވެސް ކުރަން ނުވިސްނާ ފަދަ ސުވާލުތަކެއް މިރުޒާއާމެދު އުފެދިދާނެތީ އޭނާ ކަންބޮޑުވިއެވެ.
ރާއްޖޭގެ ޚަބަރުތަކުން ފެންނަމުންދިޔަ ސުރުޚީތަކުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވަމުން ދިޔައެވެ. ގދ. ތިނަދޫގެ ހާދިސާއާ ގުޅިގެން ފެންމަތިވި ހިތާމަވެރި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް، އަމީނިއްޔާ ސުކޫލުގެ ގްރޭޑް 10 އެއްގެ ދަރިވަރުންތަކަކަށް މަސްތުވާތަކެތި ދިންކަމަށް ބުނާ ޚަބަރެއް ވެސް ފެތުރެން ފެށިއެވެ. މި ވާހަކައިގެ ތެރެއިން ލިބެމުންދިޔަ މަޢުލޫމާތުތަކަށް ބަލާއިރު، ދަރިވަރުންތަކެއް އިސްވެ އެކި ބާވަތުގެ މަސްތުވާތަކެތި ބަހައި، ބައެއް ކުދިންނަށް މަޖުބޫރުން އެ އެއްޗެހި ދީފައިވާ ކަމަށް ބުނެވެއެވެ.
ސްކޫލް ކުދިންނާ ހަމައަށް މަސްތުވާތަކެތި ފޯރިކަމުގެ ޚަބަރާއެކު ދިވެހި އާއިލާތަކަށް ބޮޑު ސިހުމެއް ލިބުނެވެ. ބެލެނިވެރިން ޖަވާބުދާރީވުމަށް ގޮވާލަމުން ދިޔައިރު، ޒުވާނުންނާ ހަމައަށް މިފަދަ ތަކެތި ފޯރާ ގޮތާމެދު މީހުން ސުވާލު އުފައްދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބާރުއަޅަމުން ދިޔައެވެ. ކުރިން ބޭރު ޤައުމުތަކުގެ ރޭގަނޑުގެ ދިރިއުޅުމާ ގުޅުވައިގެން ދެކެވުނު ވާހަކަތައް، މިހާރު ދެކެވެން ފެށީ އަމާންކަމާއި ތަޢުލީމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ މުއައްސަސާތަކާ ގުޅުވައިގެންނެވެ.
މިރުޒާއަށް މިކަންވީ ނުރައްކާތެރި އިންޒާރަކަށެވެ. އޭނާގެ ހަރަކާތްތައް ހުރީ ރާއްޖެއާ ދުރުގައި ސްްރީލަންކާގައި ކަމަށްވިޔަސް، އޭނާ ހީކުރި ވަރަށްވުރެ ދުރުމިނުން ލިބޭ ރައްކާތެރިކަން މިހާރު ކުޑައެވެ. އާއިލާތައް ބިރުގަންނަވާލި ޚަބަރުތަކުގެ ސަބަބުން، އަމިއްލަ ޕާޓީތަކާއި، ހުންނަ ތަންތަނާއި، މަސްތުވާތަކެއްޗާއި، އޭގެއިން މަންފާ ހޯދާ މީހުންގެ ވިއުގަތަކަށް މީހުންގެ ސަމާލުކަން އިތުރުވިއެވެ. ބޯޑަރުތަކުން ބޭރުގައިވެސް ސުވާލުތައް އުފެދެން ފެށުމުން، މިފަދަ ވަގުފާރިތައް ސިއްރުވެފައި އޮތުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ.
ދެން އޮތީ ވަޝިއްޔާގެ ވާހަކައެވެ. ވަޝިއްޔާގެ ޝައުޤުވެރިކަން މިހާރު ހަމައެކަނި އޭނާއަށް ދިމާވި ހާދިސާއަކަށް ހަނިވެފައެއް ނެތެވެ. މިފަދަ ތަކެތި މުޖުތަމައުގެ ތެރޭގައި ދައުރުވާ ގޮތާއި، މީހުންނަށް އިތުބާރުކުރެވެނީ ކީއްވެގެން ކަމާއި، އާދައިގެ އެއްވުންތަކުން ފެންނަން ހުންނަ ނުރައްކަލުގެ ނިޝާންތައް ދެނެގަންނާނެ ގޮތް ހޯދުމަށް އޭނާ ބޭނުންވިއެވެ.
ވަޝިއްޔާގެ މި ސުވާލުތަކުގެ ސަބަބުން، ދެމީހުންނަށްވެސް އަންދާޒާ ނުކުރެވޭ މިންވަރަށް މިރުޒާގެ އަނދިރި ދުނިޔޭގެ ތެރެއަށް އޭނާ ވަދެދާނެތީ މިރުޒާ ބިރުގަތެވެ. އޭނާ ހޯދަނީ ސީދާ މިރުޒާއެއް ނޫނެވެ. އަދި އެހިސާބަކަށް ނުދެއެވެ. އެހެންނަމަވެސް، މިރުޒާގެ ވަށައިގެންވާ ކަންކަން ދެނެގަންނަން އޭނާ ދިޔައީ ދަސްކުރަމުންނެވެ. ކޮންމެ އާ ޚަބަރަކީ ކަންކަން އިތުރަށް ބަލަން އޭނާއަށް ލިބޭ ހިތްވަރެކެވެ.
އެއްވެސް މީހަކަށް ނުފެނި ދިރިއުޅުން ބިނާކޮށްފައިވާ މީހަކަށް، ހުރިހާ ކަމެއް ހަނދާން ހުރި އަދި ސުވާލުކުރުން ހުއްޓާނުލާ އަންހެނަކަށްވުރެ ވަކިން ބޮޑު ނުރައްކަލެއް ނޯންނާނެއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ، މިރުޒާގެ ހީލަތްތެރިކަމުންވެސް ސަލާމަތް ނުވެވޭނެ ފަދަ ހަޤީޤަތެއް ވަޝިއްޔާއަށް ހާމަވެދާނެތީ މިރުޒާ ބިރުގަންނަން ފެށިއެވެ.
*****
ވަޝިއްޔާގެ ދިރިއުޅުން ދިޔައީ މަޑުމަޑުން ނަމަވެސް ނަފުސާނީ ގޮތުން ބަރުބާދުވަމުންނެވެ. ވަޝިއްޔާއަށް މި ހުރިހާ ކަމެއް އިޙުސާސްވަމުން ދިޔައީ ބިޔަ ބޮޑު ރާޅުތަކެއް ފަދައިންނެވެ.
ކޮޓަރީގެ ކުޑަދޮރު ކައިރީގައި އިށީނދެލައިގެން، ސައިތަށި ބޯލަމުން، އެންމެ ނާމާން ވަގުތުތައް ފާއިތުވެއްޖެކަމަށް އަމިއްލަ ނަފްސަށް ޤަބޫލުކޮށްދެވޭ ފަދަ ވަގުތުތައް އާދެއެވެ. ރައްޓެއްސަކު ދައްކާ ވާހަކައަކަށް ހިނިތުންވެލާ، މާދަމާގެ ރޭވުންތަކާ ބެހޭގޮތުން އެމީހުން ދައްކާ ވާހަކަ އަޑުއަހާ، އެ ކްލަބުގައި ހޭދަވި ބިރުވެރި ރޭގެ ހަނދާންތަކަކީ ހަމައެކަނި ހިތް ނުތަނަވަސް ކުރުވި ހަނދާނެއް ކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، އެއްވެސް އިންޒާރަކާނުލައި އަނެއްކާވެސް އެ ބިރުވެރިކަން އޭނާ ވަށާލައެވެ.
ބައެއް ފަހަރު އެ ހަނދާންތައް އާވަނީ ފެނުނު ތަފާތު ކުލަތަކާއި، ފައިދަށުން ބިންގަނޑު ހެލޭހެން ހީވި ގޮތާއި، އަމިއްލަ ހަށިގަނޑުގެ މައްޗަށް އޮތް ބާރު ކެނޑިގެން ދިޔަ ބިރުވެރި އިޙުސާސްތައް މަތިން ހަނދާންވުމުންނެވެ. އަދި އަނެއްބައި ފަހަރު، އެރޭގެ ނަތީޖާ މާ ނުރައްކާތެރި ގޮތަކަށް ނިމިގެން ދިޔުމުގެ ފުރުސަތު އޮތް މިންވަރާއި، އެވަގުތު އޭނާގެ ހާލަތު ހުރި ނިކަމެތި ގޮތާއި، ނުބައި ނިޔަތެއްގައި ތިބި ބައެއްގެ މެދުގައި އޭނާ އެކަނިވުމުގެ ކުރިން މީހަކަށް އޭނާގެ ހާލަތު ފާހަގަވީތީ އެކަމާމެދު ވިސްނާލުމުންނެވެ.
އޭނާއަށް ކުރިމަތިލާން ޖެހުނީ، އަދިވެސް އޭނާއަށް ފުރިހަމައަށް ތަސައްވަރު ނުކުރެވޭ ފަދަ ބިރުވެރި ކަމަކާއެވެ. އަދި އެއަށްވުރެ މާ ގޯސް ނަތީޖާއަކުން އޭނާ ސަލާމަތްވީ ހަމަ ކިރިޔާ ކަމާއި، އެއީ އިއްތިފާޤަކުން ނުވަތަ ރައްޓެއްސަކަށް އޭނާގެ ހާލަތު ފެނުމުން ނުވަތަ މިރުޒާއަށް އެވަގުތު އާދެވުމުން ކަމަށް ވުމީ، އޭނާގެ ހިތުގައި ޝުކުރުވެރިކަމާއިއެކު އިންތިހާ ދަރަޖައިގެ ނުތަނަވަސްކަން އުފެދުނު ކަމެކެވެ.
އޭނާއަކީ ކުޑަކުއްޖެއް ނޫނެވެ. ނުވަތަ ކުރެވޭ ކަންކަމުގެ ނަތީޖާ ނޭނގި އުޅޭ ފުރާވަރުގެ ކުއްޖެއްވެސް ނޫނެވެ. އޭނާއަކީ ބޮޑުވެފައިވާ އަންހެނެކެވެ. ރަނގަޅާއި ނުބައި، އަދި ދާންޖެހޭ ތަންތަނާއި ދުރުވާންޖެހޭ ހާލަތްތައް ވަކިކުރަން އެނގޭނެކަމަށް އާއިލާ އާއި މުޖުތަމައުން ޤަބޫލުކުރާ އުމުރުގެ މީހެކެވެ. މި ހާލަތާ ކުރިމަތިލާން އުނދަގޫވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.
ބޭރު ޤައުމެއްގެ ކްލަބެއްގެ ތެރޭގައި، ނުދަންނަ ބައެއްގެ މެދުގައި އޭނާ އުޅޭނެ ކަމަކަށް އޭނާގެ އާއިލާއަކުން ދުވަހަކުވެސް ތަސައްވަރެއް ނުކުރާނެއެވެ. އެމީހުން އޭނާ ދަންނަނީ އާއިލާގެ އުންމީދުތައް ދަންނަ، އަޚުލާޤީ މިންގަނޑުތަކަށް އިޙުތިރާމްކުރާ، އަދި އެމީހުން ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ދުވަހަކުވެސް ނުކުރާ ބަސްއަހާ ދަރިއެއްގެ ގޮތުގައެވެ. ރާއްޖޭގެ ރަށެއްގައި، ދީނީ ކަންކަމަށް ލޯބިކުރާ އާއިލާއެއްގެ ތެރޭގައި ބޮޑުވި އޭނާއަށް ދަސްކޮށްދީފައިވަނީ އުޅުން ބަހައްޓަންޖެހޭ ގޮތާއި، އެކުވެރިވާންޖެހޭ މީހުންނާއި، އަބުރުވެރި އަންހެނަކު ދާންވާނެ ތަންތަނުގެ ބޯޑަރުތަކެވެ.
އެމީހުން އޭނާއަށް އިތުބާރު ކުރިއެވެ. ނަމަވެސް، އޭނާ ލަންކާގައި އުޅޭ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް އާއިލާއަކަށް ކިޔައެއް ނުދެއެވެ. އެ ކްލަބުގެ ވާހަކަ އެނގިއްޖެނަމަ މަންމަގެ އަޑުން ފާޅުވާނެ ސިހުމާއި، ބައްޕަގެ ސުވާލުތަކަށްފަހު ވެރިވާނެ ހިމޭންކަމާއި، މުޅި އާއިލާ އޭނާއާމެދު މާޔޫސްވާނެ މިންވަރު އޭނާއަށް އިޙުސާސް ކުރެވެއެވެ. އޭނާ އަމިއްލައަށް އެއްވެސް އެއްޗެއް ބޭނުން ނުކުރާކަމާއި، ކުއްލިއަކަށް ހާލު ދެރަވީ މީހަކު އޭނާގެ ބުއިމަށް އެއްޗެއް އެޅުމުގެ ސަބަބުން ކަމަށް ބުނެދިން ނަމަވެސް، އޭނާގެ ވާހަކަ ޤަބޫލުކުރުމުގެ ކުރިން އެމީހުން ވަކި ގޮތަކަށް ނިންމާފާނެތީ އޭނާ ބިރުގަނެއެވެ.
(ނުނިމޭ)
