މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެ މާޒިޔާއިން ރަނގަޅު ފެށުމަކުން މުބާރާތް ފަށައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ، ވޭތުވެދިޔަ ސީޒަންގައި މާޒިޔާއާ އެންމެ ބޮޑަށް ވާދަކުރި އެއް ކުލަބް ކަމަށްވާ އޮޑި ސްޕޯރޓްސް އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު، ފަށައިގެން މޮޅަށް ކުޅުނީ މާޒިޔާއިންނެވެ. މާޒިޔާގެ އެޓޭކްތައް ހުއްޓުވުމަށް އިސްކަންދީ ޑިފެންސިވް ގޭމަކުން މެޗު ފެށި އޮޑި ޓީމު ކުޅެމުން ދިޔައީ ފަހަތުގައި މަޑުކޮށްގެންނެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި އޮޑިއަށް ކާމިޔާބު ހޯދުނީ 17 ވަނަ މިނިޓާއި ހަމައަށެވެ. ޑިފެންސަށް އިސްކަންދިން ނަމަވެސް ކައުންޓާރ އެޓޭކްގައި ލަނޑު ޖަހަން އޮޑިން ވަނީ މަސައްކަތް ކޮށްފައެވެ.
މެޗުގެ 18 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މާޒިޔާއަށް ޖަހައިދިނީ ނައްސާހް އިބްރާހިމް ނާސިރެވެ. ނައްސާހް މި ލަނޑު ޖަހާފައިވަނީ، އޮޑީގެ ކުޅުންތެރިން އެޓޭކަށް އެރި ވަގުތު ލިބުނު ބޯޅައެއްގައި އަޙްމަދު އައިހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް އޭރިޔާތެރެއަށް ވަދެއެވެ.
މާޒިޔާއިން ލީޑު ނެގިތާ އިރުކޮޅެއް ފަހުން އެ ޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ކުރިޔަށްވުރެ ބޮޑަށް ކުރިޔަށް ޖެހި މަސައްކަތް ކުރަމުންދިޔަ އޮޑިން ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނިޓްގަ އެވެ. އޭރިޔާ ބޭރުން އަހްޒަމް ރަޝީދު ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޒްދާން ޙަސަން އެވެ.
އޮޑީގެ މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ މާޒިޔާއިންނެވެ. ދެވަނަ ފަހަރަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް މާޒިޔާއަށް ލިބި ބޭނުން ނުކުރެވުނު މި ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅުނީ މާޒިޔާއިންނެވެ. މެޗުން މޮޅުވުމަށްޓަކައި ކޮންމެ ގޮތަކުން ނަމަވެސް ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ މާޒިޔާއިން ވަނީ މި ހާފުގައި ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މި ސީޒަންގައި އަލަށް އެ ޓީމާއި ގުޅުނު ބިދޭސީ ތިން ކުޅުންތެރިން ވެސް މި ހާފުގައި ވަނީ ކުޅެން ނެރެފައެވެ.
މި ހާފުގައި ވެސް އޮޑިން ބޮޑަށް އިސްކަންދިނީ ޑިފެންސިވް ގޭމަކަށެވެ. އަދި ކައުންޓާރ އެޓޭކްގައި ލަނޑު ޖަހާށެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މާޒިޔާއިން ހޯދި މި މެޗުގައި އެ ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އައިހަމް އެވެ. އައިހަމް މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ބިދޭސީ ފޯވާރޑް ކޫކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބާރު ބޯޅައިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އަޙްމަދު އައިހަމް އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ ހަވަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ބުރު ސްޕޯރޓްސް އެވެ.
