ލ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އޭގެއިން ދަތުރުކުރި ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، “ފްރެންޑް 4” ނަމަކަށް ކިޔާ މި ދޯންޏަކީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި އުޅަނދެކެވެ. މި ދޯނި އަޑިއަށް ދާން ދިމާވީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދޯންޏަށް ދިޔަވަމުން ދިއުމާ ގުޅިގެންނެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު އެވެ.
މި ހާދިސާ ހިނގާފައިވަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސިފައިންގެ މީހަކާއި ފުލުހަކު އަދިވެސް ފެނިފައެއް ނުވެއެވެ.
ގެއްލުނު މީހުން ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ގެއްލިގެން ހޯދަމުންދާ މީހުންގެ ވަނަވަރެއް ކަމާބެހޭ އެއްވެސް ފަރާތަކުން މިހައިތަނަށް މީޑިއާތަކަށް ހިއްސާކޮށްފައެއް ނުވެއެވެ.
