މަގުބޫލު ޑްރާމާ ސީރީޒް “އައުޓަރ ބޭންކްސް”ގެ ފަހު ސީޒަން ނެޓްފްލިކްސް މެދުވެރިކޮށް އޯގަސްޓް 20 ގައި ރިލީޒްކުރާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މި ސީޒަނުގެ ޓީޒާ ޓްރެއިލާ އާއި އާ ފޮޓޯތައް މިހާރު ވަނީ އާންމުކޮށްފައެވެ.
މި ސީރީޒް އުފެއްދި ޖޯޝް ޕޭޓް، ޖޯނަސް ޕޭޓް އަދި ޝެނަން ބާކް ހާމަކުރި ގޮތުގައި، “ޕޯގްސް” އާއެކު އެންމެ ފަހު ދަތުރަކަށް ނުކުމެވޭތީ އެކަމާ ވަރަށް ބޮޑަށް އުފާވެއެވެ. މި ފަހު ސީޒަނުގެ މަސައްކަތްތަކަކީ ވަރަށް ތަފާތު އިހުސާސްތަކެއް ކުރުވި ކަމެއް ކަމަށާއި، މި ސީޒަނުގައި ބެލުންތެރިންނަށް ފެނިގެންދާނެ ކަންތައްތަކަކީ ވަރަށް ފޯރިގަދަ އަދި ހައިރާންކުރުވަނިވި ކަންތައްތަކަކަށް ވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ވޭތުވެދިޔަ ހަތަރު ސީޒަނުގައި މި ސީރީޒް ވަނީ 200 މިލިއަނާ ގާތްކުރާ އަދަދަކަށް ބަލާފައިވާއިރު، އެންމެ މަގުބޫލު 10 އިނގިރޭސި ޝޯގެ ލިސްޓުގައި 25 ފަހަރު ހިމެނިފައެވެ.
ސީޒަން 5 އިން ފެނިގެންދާނީ ކޮން ކަންތައްތަކެއް؟
ފަސްވަނަ ސީޒަން ފެށިގެން އަންނައިރު، މޮރޮކޯގައި ޖޭޖޭ (ރޫޑީ ޕެންކޯ) ވަކިވެދިޔުމުގެ ހިތާމައިގައި “ޕޯގްސް” ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އަމިއްލަ ވަޒަނާ ދުރުގައި، އެކަނިވެފައި ތިބި މި ގުރޫޕަށް ވަނީ “ބްލޫ ކްރައުން” ގެއްލިފައެވެ. އަދި ކުރީގެ ދުޝްމަނުންގެ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައެވެ.
ޗެންޑްލަރ ގްރޮފް (ޖޭ އެންތަނީ ކްރޭން) އަދިވެސް ފިލައިގެން އުޅޭއިރު، ޑާލިއާ (ޕޮލިއާނާ މެކްއިންޓޮޝް) އާއި އޭނާގެ ފައުޖު ދަނީ އެމީހުން ހޯދަމުންނެވެ. ހަމައެއާއެކު، “ކޫކްސް” ދަނީ ޕޯގްސްއަށް އެނބުރި އަންނާނެ ގެދޮރެއް ނެތްކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޖޯން ބީ (ޗޭސް ސްޓޯކްސް) އާއި އޭނާގެ ރަށްޓެހިންނަށް މަޖުބޫރުވަނީ ރޭފް (ޑްރޫ ސްޓާކީ) އާއެކު އެއްބަސްވުމަކަށް އައިސް، އެމީހުންގެ ރަހުމަތްތެރިޔާގެ މަރަށް އިންސާފު ހޯދައިދިނުމަށާއި، މިނިވަންކަން ހޯދުމަށް ފަހު ފަހަރަށް ކުރިމަތިލާށެވެ.
ފަސްވަނަ ސީޒަނުގައި ފެންނާނީ ކޮން ތަރިންނެއް؟
މި ސީޒަނުން ކުރީގެ މަގުބޫލު ހުރިހާ ތަރިންނެއް ފެންނާނެއެވެ. އޭގެ ތެރޭގައި ޗޭސް ސްޓޯކްސް، މެޑްލިން ކްލައިން، މެޑިސަން ބެއިލީ، ޖޮނަތަން ޑޭވިސް، ޑްރޫ ސްޓާކީ، ކާލޭޝިއާ ގްރާންޓް، އޮސްޓިން ނޯތު އަދި ފިއޯނާ ޕަލޯމޯ ހިމެނެއެވެ. މީގެ އިތުރުން ޓޯނީ ކްރޭން އަދި ކަލެން މޮސް ވެސް މި ސީޒަނުގައި މުހިންމު ރޯލުތަކަކުން ފެންނާނެއެވެ.
އައުޓަރ ބޭންކްސް ގެ މިއުޒިކް ކަލެކްޝަން
ސީޒަން 1 އިން 4 ގެ މަގުބޫލު މިއުޒިކްތައް ހިމެނޭ ވައިނަލް ކަލެކްޝަނެއް މިހާރު ވަނީ ޕްރީ-އޯޑަރަށް ހުޅުވާލާފައެވެ. މީގައި ޖުމްލަ 25 މިއުޒިކެއް ހިމެނޭއިރު، މީގެ ތެރޭގައި މި ސީރީޒްގެ މަގުބޫލު ތީމް ލަވަތައް ވެސް ހިމެނެއެވެ.
އުފެއްދުންތެރިންގެ ބަސް
ސީރީޒްގެ އުފެއްދުންތެރިން ބުނާ ގޮތުގައި، މި ސީރީޒްގެ އެންމެ ފަހު މަންޒަރަކީ މީގެ ހަތް އަހަރު ކުރިން އެމީހުންގެ ސިކުނޑީގައި ކުރަހާފައިވާ މަންޒަރެކެވެ. މުޅި ސީރީޒް ބިނާވެފައިވަނީ ހަތަރު އެކުވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމާއި، ހަޒާނާ ހޯދުމަށް ކުރާ ފޯރިގަދަ ދަތުރުތަކުގެ މައްޗަށެވެ.
އައުޓަރ ބޭންކްސްގެ ފަސްވަނަ އަދި އެންމެ ފަހު ސީޒަން ރިލީޒްކުރާ ތާރީޚަކީ އޯގަސްޓް 20 އެވެ. މި ސީޒަން ފެށުމުގެ ކުރިން ކުރީގެ ސީޒަންތައް ބަލާލުމަށް ނެޓްފްލިކްސްއިން ދައުވަތު އަރުވައެވެ.
