ހިންދީ ސިނަމާގައި އެކުވެރިކަމުގެ މައުޟޫއަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ދިލް ޗާހްތާ ހޭ” އަށް 25 އަހަރު ފުރުނީ މިއަދު (10 އޮގަސްޓް) އެވެ. ފިލްމުގެ މުހިންމު ތިން ކެރެކްޓަރުގެ ތެރެއިން ސަމީރުގެ ރޯލު ސައިފް ފުރަތަމަ ނޫނެކޭ ބުނީ، ފިލްމުގެ އިންޓަވަލް ފަހުން އޭނާގެ ކެރެކްޓަރަށް މާބޮޑު ފުރުސަތެއް ނެތް ކަމަށް ޤަބޫލުކުރެވޭތީއެވެ.
މިކަމާ ގުޅޭގޮތުން 2001 ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ސައިފް ބުނެފައިވަނީ، ފިލްމުގެ ދެވަނަ ބައިގައި އޭނާގެ ރޯލު ކުޑަކަމުން އެ ފިލްމު ނުކުޅެން ނިންމި ކަމަށެވެ. ނަމަވެސް، ފިލްމުގައި މުހިންމު ރޯލެއް ކުޅުނު ތަޖުރިބާކާރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ވަނީ އެ ނިންމުން ބަދަލުކުރުމަށް ސައިފްގެ ކިބައިން އެދިފައެވެ. އަދި ފިލްމުގެ ސްކްރީން ރައިޓަރު ޖާވިދު އަޚްތަރު ވެސް ވަނީ ސައިފް ކަންބޮޑުވާ ކަންތައްތައް ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
“އަހަރެންނަށް މިހާރު ވިސްނިއްޖެ ރޯލެއްގެ ދިގުމިނަކީ މުހިންމު އެއްޗެއް ނޫންކަން. އަހަރެން މި ރޯލަށް ސޮއިކުރީ ހަމައެކަނި ރެސްޓޯރެންޓް އަދި ކާރު ތެރޭގައި ހިނގާ ދެ މަންޒަރަކަށް ބަލާފައި. އަހަރެންނަށް އެނގޭ ސަމީރުގެ ކެރެކްޓަރަކީ ބެލުންތެރިން ހަނދާން ނައްތާނުލާނެ ރޯލެއްކަން.” ސައިފް ބުނެފައިވެއެވެ.
މީގެ އިތުރުން، ފިލްމުގެ އަޑު ރެކޯޑުކުރުމުގައި “ލައިވް ސައުންޑް” ބޭނުންކުރުމާމެދު ވެސް ސައިފް ފުރަތަމަ ދެކޮޅު ހެދިއެވެ. އޭރު އިންޑިއާގައި އާންމުކޮށް ކުރާ ކަމަކީ ފިލްމު ޝޫޓްކުރުމަށްފަހު ޑަބް ކުރުމެވެ. ނަމަވެސް ފަރުހާން އަޚްތަރު ރެކޯޑުކޮށްފައިވާ މަންޒަރެއް ދެއްކުމުން، އޭގެ ފުރިހަމަކަން ފެނި ސައިފްގެ ވިސްނުން ބަދަލުވިއެވެ.
“ދިލް ޗާހްތާ ހޭ” އަކީ އާމިރު ޚާން (އާކާޝް)، ސައިފް އަލީ ޚާން (ސަމީރު) އަދި އަކްޝޭ ކަންނާ (ސިދާތު) ގެ އެކުވެރިކަމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ސައިފްގެ ކެރެކްޓަރަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، އޭނާގެ އެކްޓިން ކެރެކްޓަރު މުޅިން އާ ހަރުފަތަކަށް ގެންގޮސްދިން ފިލްމެކެވެ. ސައިފް ސިފަކުރި ގޮތުގައި މި ފިލްމުން ލިބުނު ތަރުހީބަކީ އޭނާއަށް “އޮސްކާ” އެވޯޑެއް ލިބުން ފަދަ ކަމެކެވެ.
2001 ވަނަ އަހަރު ރިލީޒްކުރި މި ފިލްމުގައި ޕްރިތީ ޒިންތާ، ސޮނާލީ ކުލްކަރްނީ އަދި ޑިމްޕަލް ކަޕާޑިއާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މިއަދުވެސް މި ފިލްމަކީ ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމެވެ.
