ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާޒިޔާ ބަލިކޮށް ތަޖިކިސްތާނުގެ ރެގާ އޭއެފްސީ ޗެލެންޖް ލީގަށް
ފޮޓޯ: އޭއެފްސީ ޗެލެންޖް ލީގު - އެފްބީ

އޭއެފްސީ ޗެލެންޖް ލީގަށް ކޮލިފައިވުމަށް ކުޅުނު މެޗުން ބަލިވެ މާޒިޔާއަށް ފުރުސަތު ގެއްލިއްޖެ އެވެ. މިއަދު މެންދުރުފަހު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ތަޖިކިސްތާނުގެ ރެގާ ޓަޑާޒް އާއި ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.

މި މެޗު ފަށައިގެން މާޒިޔާއަށްވުރެ ރަނގަޅަށް ކުޅުނީ، އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރަށް ހޯދާފައިވާ ރެގާއިން ނެވެ. މެޗު ފަށައިގެން މެޗުގެ ކުރީކޮޅު އެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފުގެ މެދަކާއި ހިސާބުން ފެށިގެން، ދިވެހިރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެ ޓީމުން ތަނަވަސްކުރި އެވެ.

ވިހިވަނަ މިނިޓްގައި ލޫތު ނަގައިދިން ހުރަސް ކުކޫ ބޮލުން ޖައްސާލި ނަމަވެސް ގޯލާއި އަމާޒުވާގޮތެއް ނުވި އެވެ. އޭގެ ފަހުން އިބްރާހިމް މަހުދީ ނަގައިދިން ހުރަސް އައިހަމްއަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ދެ ޓީމުން ވެސް އެޓޭކް ކުރުމާއި އެއްވަރަށް ޑިފެންސަށް ވެސް ބަލައިގެން ކުޅުނު މި މެޗުގެ، ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ކުރަމުންދިޔަ މަސައްކަތް ފުރަތަމަ ހާފަށްވުރެ އިތުރުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެގާއިން ނެވެ. ދެވަނަ ހާފުގެ ފަސްވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޕަންޒިއޭވް އޮޒޯޑްބެކް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ އަޒީޒްބެކް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. އޭނާއަށް ބޯޅަ ލިބުނު ލިބުނުއިރު އޭނާ ހުރީ އޭރިޔާތެރޭގައި މުޅިން ހުސްކޮށެވެ.

މިވެސް ކިޔާލަން:  ކޮވިޑް 19 އަށް ފައްސިވި އިތުރު ތިން މީހުން ރަނގަޅުވެއްޖެ

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ މާޒިޔާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

ރެގާއިން އެ ޓީމުގެ ލީޑު ފުޅާކުރީ 88 ވަނަ މިނިޓްގައި ޝެރްޒޯދް މަހްމަދިއޭވް ޖަހައިދިން ލަނޑުން ނެވެ. ބަދަލަކަށް ކުޅެން އެރި އެ ކުޅުންތެރިޔާ ލަނޑު ޖަހާފައިވަނީ މާޒިޔާގެ އޭރިޔާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ނެވެ. މި ލަނޑު ޖެހިއިރު ވެސް ފެނުނީ މާޒިޔާގެ ޑިފެންޑަރުން ކައިރިން ވަރަށް ފަސޭހައިން ރެގާގެ ދެ ކުޅުންތެރިން ހުސްވެލި ތަނެވެ.

ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން މާޒިޔާއަށް ނުހިފި އުޅެނިކޮށް، ކައުންޓާރ އެޓޭކެއްގައި ރެގާއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ބަދަލަކަށް އެރި ކުޅުންތެރިއެކެވެ. އޭރިޔާގެ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ސަފަރޯވް އަމިރުދްޒޯން އަމާޒުކޮށްލީ ގޯލުގެ މަތީ ދާގަނޑަށެވެ.

މާޒިޔާއިން އޭއެފްސީ ޗެލެންޖް ލީގު ފެށި އަހަރު ގުރޫޕް ސްޓޭޖްގައި ކުޅުނު ނަމަވެސް، އޭގެ ފަހުން ކުޅުނު ދެ އަހަރު ވެސް ވަނީ ޕްރިލިމިނަރީ ބުރުން ކަޓާފަ އެވެ. އޭއެފްސީ މުބާރާތްތަކުގައި މިހާތަނަށް ރާއްޖެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ ޓީމަކީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top