ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ސައިލަން – ކުރު ވާހަކަ
މުނިއަވަސް ގްރެފިކްސް

ކުއްލިއަކަށް މުޅި ރާއްޖެއަށް ފެތުރުނު ޚަބަރާއިއެކު ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެވެ. އެ ޚަބަރުގެ ސަބަބުން އެއް ބަޔަކަށް ހިތާމަ އާއި ހިތްދަތިކަން ލިބުނުއިރު، އަނެއް ބަޔަކު ތިބީ އެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ތަފާތު ގޮތްގޮތަށް ތަފާތު މީޑިޔާތަކުގައި އެ ވާހަކަތައް ދައުރުވިއެވެ. ޤަބޫލު ކުރާނީ ކޮންބައެއް ދައްކާ ވާހަކަ ކަމެއް، ޤަބޫލު ނުކުރާނީ ކޮންބައެއްގެ ވާހަކަ ކަމެއް ނޭނގޭވަރަށް ޚަބަރުތަކާއި ރިޕޯޓްތައް ދައުރުވަމުން ދިޔައެވެ.

ސައިލަންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ވަޖުދީގެ ހުރި ހަމައެކަނި ދަރިއެވެ. ވަޖުދީގެ އެހީތެރިކަމާއިއެކު ސައިލަން ފެށި ފަތުރުވެރިކަމުގެ ވިޔަފާރި ދިޔައީ ކުރިއަރަމުން ފުޅާވަމުންނެވެ. ސައިލަން އާއި އޭނާގެ ފިރިމީހާ ސުނޭހް، ޗައިނާއަށް ދިޔައީ ވިޔަފާރިވެރިންގެ ބައްދަލުވުންތަކެއްގައި ބައިވެރިވާށެވެ. ސައިލަން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އެ ދަތުރުގައި އެ ދެމަފިރިންގެ އިތުރުން ސުނޭހްގެ ޕާސަނަލް ސެކެޓްރީ ހިސްމާ ވެސް ބައިވެރިވިއެވެ.

ހިނގައިގެން އުޅޭކަމަށް ބުނާ ހާދިސާ ހިނގީ ރޭ ދަންވަރުއެވެ. އެމީހުން ތިބި ހޮޓަލާއި މާދުރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވާން ސުނޭހް އާއި ހިސްމާ ދިޔައިރު، އެ ބައްދަލުވުމަށް ސައިލަން ނުދިޔައީ ކުރަންޖެހޭ ދަތުރު ދިގުވުމާއި ބައްދަލުވުމުގައި ހޭދަކުރަން ޖެހޭ ވަގުތު މާބޮޑަށް ދިގުވެދާނެކަމަށް ޤަބޫލުކުރެވޭތީއެވެ. ރެސްޓެއް ނެތި އެހާ ގިނައިރު ސައިލަން ހުންނާކަށް ސުނޭހް ބޭނުމެއް ނުވެއެވެ. ސުނޭހްގެ އެ ހުށަހެޅުން ސައިލަންއަށް ވެސް ކަމުދިޔައެވެ.

ބައްދަލުވުން ނިންމާލުމަށްފަހު، ސުނޭހްމެން ހޮޓެލަށް އައީ މިއަދު ހެނދުނުއެވެ. އޭރު ސައިލަން ހޮޓެލުގައެއް ނެތެވެ. އޭނާގެ ފޯނަށް ގުޅާގުޅާ އެ ނަންބަރަކަށް ނުގުޅުނެވެ. ހޮޓެލުގެ ކެމެރާތަކުން ބެލިއިރު، ރޭ ދަންވަރު ސައިލަން ބޭރަށް ނުކުތްތަން ފެނެއެވެ. ޓެކްސީއަށް އަތް ނަގަމުން ހަނާއަޅަމުން ހޮޓެލާއި ދުރަށް ދިޔަތަން ވެސް ފެނުނެވެ.

ހޮޓެލްގެ ކެމެރާއިން ސައިލަން ގެއްލުނު ހިސާބުން އެމީހުނަށް ގެއްލުނީއެވެ. ކައިރީ ހުރި އެއްވެސް ތަނެއްގައި ކެމެރާއެއް ފެންނާކަށް ނެތެވެ. ބޭރަށް ނުކުތް ސައިލަން ފެނުނު މީހަކު ވެސް އެ ސަރަހައްދުގައި ހުރި ކަމަކަށް ނުވެއެވެ.

އިވުނު ޚަބަރުން އެންމެ ބޮޑު އަސަރެއް ކުރި މީހަކީ ސައިލަންގެ މަންމަ މާރިސާއެވެ. އެހެނަސް ވަޖުދީގެ އެހީތެރިކަމާއި ހިތްވަރުން އޭނާ ހިތްވަރު ލިބިގަނެ ކެތްތެރިވިއެވެ.

ސުނޭހް ދިން އެ ޚަބަރު މާރިސާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ސުނޭހްއާ ދިމާއަށް އެހެން ނުބުނި ނަމަވެސް ވަގުތުން އެ ވާހަކަތައް ދޮގުކުރިއެވެ. އޭނާ ބޭނުންވީ މިހާރުން މިހާރަށް ފުރައިގެން އެތަނަށް ދާށެވެ. ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުންފިލުވައި އޭނާގެ ދަރިފުޅު ހޯދާށެވެ.

ސިއްޙީ ހާލަތު ހުރި ގޮތުންނާއި އިވުނު ވާހަކަތަކުގެ ސަބަބުން ދަތުރުކުރުމަކީ ވަޖުދީގެ ދެމަފިރިންނަށް ފަސޭހަ ކަމަކަށް ނުވިއެވެ. ސުނޭހް ވެސް ހުރީ ވަރަށް ދެރަވެފައެވެ. ސުނޭހް އެދުނީ އެމީހުން ރާއްޖޭގައި މަޑުކުރުމަށެވެ. ސައިލަން ހޯދުމުގެ މަސައްކަތް އޭނާ ކުރަމުންދާ ވާހަކަ އާއި އެކަމާއި ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެ ވާހަކަ ވެސް ބުންޏެވެ. އަދި އެހީ ހޯދަންޖެހޭ ފަރާތްތަކާއި ގުޅިގެން އެހީތެރިކަން ހޯދަމުންދާ ވާހަކަ ވެސް ބުންޏެވެ.

އިތުބާރަކީ މީހާގެ އަމިއްލަ މަސައްކަތުން އުފައްދަން ޖެހޭ އެއްޗެކެވެ. މިވަގުތު ވަޖުދީގެ ވިޔަފާރިއާއި ދުރުގައި ހުރި ނަމަވެސް ހުސްނީއަކީ ވަޖުދީ ވަރަށް އިތުބާރުކުރި މުއައްޒަފެކެވެ. ވަގުތަށް ކަމޭހިތުމާއި މަސައްކަތުގެ އަޚުލާޤާއި ޒިންމާދާރުކަމަކީ ހުސްނީއާމެދު ވަޖުދީ އެންމެ ގަޔާވި ކަންތަކެވެ.

އެ ދެމަފިރިންނާއިއެކު ރާއްޖޭން ބޭރަށް ގޮސްދިނުމަށް ވަޖުދީ އެދުނު އެދުން ހުސްނީ ޤަބޫލުކުރިއެވެ.

ވަޖުދީގެ ދެމަފިރިން ފެނުމުން ސުނޭހަށް ލިބުނީ ހައިރާންކަމެވެ. އެމީހުން ނަޔަސް، ސައިލަން ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުންދާ ވާހަކަ ސުނޭހް ބުނެފައި އޮއްވައި އަންގާ ވެސް ނުލައި އައުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ވެސް ނުޖެހުނެވެ.

“ކަލޭ ތީ ގެއްލޭ މީހުން ހޯދަން މާ މޮޅު މީހެއްތަ؟ ތަންކޮޅެއް އަވަސްކޮށްލައްޗޭ. އަހަރެން ވެސް ބޭނުން އަންހެނުން ގޮވައިގެން އަވަހަށް ރާއްޖެ ދާން.” ހުސްނީއާ ގާތްވެލަމުން ސުނޭހް ދެއްކި ވާހަކަ އެހެން މީހަކަށް ނީވޭނެކަން އޭނާއަށް ޔަގީނެވެ. އޭނާގެ ވާހަކައިގައި ހުރި ހިތްހަމަނުޖެހުމާއި ހަޖަމުނުވުން ކިތަންމެ ރަނގަޅަކަށް ވެސް ހުސްނީއަށް ދޭހަވިއެވެ.

“ކަލެއާމެދު މަށަށް ޝައްކު.. ބޮޑަށް ހީވަނީ.. މުދަލުގެ ދަހިވެތިކަމުގެ ކަލޭމެން ރާވައިގެން..” ހުސްނީ ދައްކަން ފެށި ވާހަކަ އަޑު އަހާނެ ހިތްވަރެއް ސުނޭހްގެ ކިބައިގައި ނެތެވެ. ހިތްހަމަނުޖެހުމާއިއެކު ހަޅޭއްލަވައިގަތެވެ.

މިވެސް ކިޔާލަން:  ފުރިހަމަނުވި ލޯބި - އެޕިސޯޑް 04

“ހިތަށް އަރާހާ އެއްޗެއް މީހުނާއި ދިމާއަށް ކިޔާއިރު، ކަލޭ އެންމެ ފަހަރަކު ވެސް ވަގުތާއި ހާލަތަށް ވިސްނާލިންތަ؟ ބަލަ ގެއްލިގެން އެ އުޅެނީ ބޮސްގެ ވައިފޭ.” ސުނޭހް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ހިސްމާ ވާހަކަ ދެއްކިއެވެ. ހިތްހަމަނުޖެހުމާއިއެކު ހުސްނީއާ ދިމާއަށް ބަލަމުން ހިސްމާ ދެއްކި ވާހަކަތަކާއި އެމީހުންގެ އަމަލުތަކަށް ވަޖުދީގެ ދެމަފިރިންގެ ސަމާލުކަމެއް ނުލިބުނެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ވަޖުދީގެ ދެމަފިރިން ކައިރިން ސުނޭހް ދުރަކަށް ނުދެއެވެ. ހިސްމާ ހުރީ އެމީހުން ކަމެއް ބޭނުންވެގެން ގޮވާތޯ ބަލާލަ ބަލާލައެވެ.

ހުސްނީ އައީ ވަޖުދީގެ ދެމަފިރިން ބުނެގެން އެމީހުން އެހިސާބަށް ގެނެސްދޭށެވެ. އެކަން ހަމަޖެހުމުން އޭނާ އެތަން ދޫކޮށްފައި ހިނގައްޖެއެވެ. އޭނާ ދިޔައީ ރާއްޖެކަމެއް އެހެން ތާކަށް ކަމެއް ނޭނގެއެވެ.

ސައިލަން ހޯދުމަށްޓަކައި އޭނާއަށް ކުރެވޭން ހުރި މަސައްކަތްތައް ބަލައި ވަޖުދީ އެކަން ފެށިއެވެ. ސުނޭހް ވެސް ދިޔައީ ހަމަ އެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ތެރެއިން ދެވެން އޮތް އެހީތެރިކަމެއް ވިއްޔާ ދިޔައީ ލިބެމުންނެވެ.

މާރިސާގެ ހާލަތު ރަނގަޅެއް ނޫނެވެ. ސައިލަންގެ ޚަބަރެއް ނުވެ ވޭތުވާ ދުވަސް ގިނަވާވަރަކަށް އޭނާގެ ހާލަތު ދިޔައީ ދަށަށެވެ. ގޯހުން ގޯހަށެވެ. ހަފުތާއެއް ވީއިރު ވެސް ސައިލަންގެ ޚަބަރެއް ނުވިއެވެ. އޭނާއަށް ވީ ކިހިނެއްކަން ނިންމާނެ ގޮތެއް ވެސް ނުހޯދުނެވެ.

ދިހަވަރަކަށް ދުވަހުގެ މަސައްކަތަށްފަހު، މާރިސާ އާއި ވަޖުދީ ރާއްޖެ އައެވެ. އެމީހުނާއިއެކު ސުނޭހް އާއި ހިސްމާ ވެސް ރާއްޖެ އައެވެ. ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ސުނޭހް އުޅުނީ ބަލިވެއެވެ. ވިޔަފާރީގެ ކަންކަމާއި ހަވާލުވެގެން އުޅުނީ ހިސްމާއެވެ.

މާގިނަ ދުވަހެއް ނުވެ ސައިލަން ގެއްލުނު ހާދިސާގެ ވާހަކަ މަޑުމަޑުން ފަނޑުވަމުން ފަނޑުވަމުން ގޮސް މީހުންގެ ހިތްތަކުން ފިލައިގެން ދިޔައެވެ. މަހެއްހާ ދުވަސްވީރު ކަމެއް ހިނގިހެން ވެސް ހިޔެއް ނުވެއެވެ.

ސައިލަން އާއި ސުނޭހް ގުޅިގެން، ވަޖުދީގެ އެހީތެރިކަމާއިއެކު އުފެއްދި ކާމިޔާބު ވިޔަފާރި ރީބްރޭންޑް ކުރުމުގެ ހަފުލާއަށް، ވަޖުދީގެ ދެމަފިރިންނަށް ވެސް ސުނޭހް ދަޢުވަތު ދިނެވެ. ސައިލަން ނެތް ދުނިޔެއެއްގައި ވެސް އޭނާގެ މައިންބަފައިންނަކީ ދުރު ބަޔަކަށް ނުހަދާނެ ކަމަށް ސުނޭހް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

ރޭގަނޑުގެ އަށެއް ޖަހާކަން ހާއިރެވެ. ހަފުލާއަށް ވަދެގެން އައި ވަޖުދީގެ ދެމަފިރިންނާއިއެކު ޒުވާންފުރައިގެ އަންހެން ކުއްޖަކު އެތަނަށް ވަނެވެ. އެންމެން ނަޒަރު ކުއްލިއަކަށް އޭނާއަށް އަމާޒުވިއެވެ.

“ސައިލަން.. ނުވާނެ އެހެނެއް..” ހިސްމާގެ ކިބައިން ފާޅުވީ ކަންބޮޑުވުމެވެ. ޖެހިލުންވުމާއި ނުތަނަވަސްކަމެވެ.

އަވަސްއަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ސައިލަންއާ ދިމާއަށް އައި ސުނޭހްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ގަދަވެ ސަލާމަތުން ސައިލަން ހުއްޓައި ފެނުމުން އޭނާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ނުހަނު ބޮޑެވެ. ރޮއިރޮއި އުފާފާޅުކޮށް ތަކުރާރުކޮށް އެވާހަކަތައް ދެއްކިއެވެ. ސައިލަން ހޯދަން ކުރި މަސައްކަތުގެ ވާހަކަ އާއި ސައިލަން ނުފެނުމުން އޭނާގެ ދިރިއުޅުމަށް ކުރިމަތިވި އެކަނިވެރިކަމާއި ހިތާމަ އާއި ހިތްދަތިކަމުގެ ވާހަކަތައް ކިޔައިދިނެވެ.

“ހުއްޓާލާ! އިތުރަށް ތި ވާހަކަތައް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން.” ހިތްހަމަނުޖެހުމާއިއެކު ސުނޭހް ދުރަށް ޖައްސާލަމުން ސައިލަން ކުރިޔަށް ހިނގައިގަތެވެ.

އޭނާއާ ދިމާއަށް ސައިލަން އަންނަން ފެށުމުން ހިސްމާގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އިތުރުވިއެވެ. އިޚުތިޔާރަކާއި ނުލައި މަޑުމަޑުން ފަހަތަށް ވެސް ޖެހިލެވުނެވެ.

ތައްޔާރުވެފައިވާ ހަފުލާގެ މަންޒަރު އެކުގައި ކަހަލަ ގޮތަކަށް ބަދަލުވިއެވެ. އިވެންޓް ހުށަހަޅަން ތައްޔާރުވެ ހުރި މީހާ ކައިރީ ސައިލަން އެދުމާއިއެކު އޭނާގެ އަތަށް އެމީހާ މައިކް ދިނެވެ.

“އަހަރެންގެ ނަމަކީ ޚަދީޖަތު ސައިލަން ޖިހާދު. ހަދީލަން ޓްރެވަލް އެންޑް ޓުއާރސް އަކީ އަހަރެންގެ އަމިއްލަ އިންވެސްޓްމެންޓެއް. މިކަމަށް ކުރި ހުރިހާ ޚަރަދެއް ކުރީ އަހަރެންގެ ބައްޕަ މުޙައްމަދު ޖިހާދު އިބްރާހިމް އޭނާގެ އަމިއްލަ ފައިސާއިން. މިހާރު ވެސް އެ ހުރީ ކުރިމަތީގައި ފެންނަން. މިއީ ދޮގެއްތޯ އަހާބަލަ. އަހަރެން ދުނިޔޭގައި ހުއްޓައި، އަހަރެންގެ ހުއްދަނެތި މި ކުންފުނީގެ އެއްވެސް ނިންމުމެއް އަހަރެން ނޫން މީހަކު ނިންމާކަށް އަހަރެން ހުއްދަ ދީފައެއް ނޯއްނާނެ.. ސުނޭހްއަކީ ވެސް މި ކުންފުނީގެ ސްޓާފެއް. އަހަރެންގެ ފިރިއެއްގެ ގޮތުގައި ސުނޭހް ހުރިއިރު އަހަރެން ދިން ފަންސަވީސް އިންސައްތަ އޭނާ އަމިއްލައަށް ދޫކޮށްލައިފި. އަދި އަހަރެން ދުނިޔޭގައި ނެތް ދުވަހެއްގައި، އަހަރެންގެ ދަރިއެއް ނެތްނަމަ ކުންފުނީގެ ސަތޭކަ ޕަސެންޓް އޭނާއަށް ލިބޭ ގޮތަށް އޮތް އޮތުމާއި، ދަރިއަކު ހުރިނަމަ ދަރިންނާއި އެއްވަރުގެ ހިއްސާއެއް އޭނާއަށް ދިނުމަށް ނިންމާފައިވާ ނިންމުން މިއަދުން ފެށިގެން ބަދަލުކޮށްފިން. އޭނާގެ އަސްލު ސިފަ ފެނުނު ހިސާބުން ހުރިހާ ކަމެއް ބަދަލުވެއްޖެ. މިހާރު މި ކުންފުނީގައި އޭނާގެ އެއްވެސް ހިއްސާއެއް ނޯންނާނެ.. އަދި އެއްވާހަކަ.. މިތަނުގައި މިތިބަ އެންމެން ހެކިކޮށް މިހާރުން މިހާރަށް ސުނޭހް މި ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިން. އިތުރަށް ނިންމަން ޖެހޭ ކަންކަން އަހަރެންގެ ވަކީލުންގެ ޓީމުން ނިންމާނެ.” ސައިލަންގެ ކިބައިން ފެނުނީ ހިތްވަރާއި ކެރުމެވެ.

މިވެސް ކިޔާލަން:  އެ ފިނި މެންދަން - ކުރު ވާހަކަ

ސައިލަންގެ އެ ނިންމުން ބަލައިގަންނަން ސުނޭހަށް ފަސޭހައެއް ނުވިއެވެ. އެހެން ނުހެދުމަށާއި އޭނާ ދޫކޮށްނުލުމަށް ސައިލަންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ފެށިއެވެ. ސުނޭހްގެ އެވާހަކަތައް އަޑުއަހާކަށް ސައިލަން ބޭނުމެއް ނުވިއެވެ.

ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ކުއްލިއަކަށް ކަހަލަ ގޮތަކަށް އައިސް އެތަނަށް ވަތް ޕޮލިހުން ފެނިފައި އެންމެނަށް ލިބުނީ ހައިރާންކަމެވެ. އެއްބަޔަކު ނުތަނަވަސްކަމާއި ކަންބޮޑުވުމާއެކު އެވާހަކަ ދެއްކިއެވެ.

ކޯޓު އަމުރު ދެއްކުމަށްފަހު ސުނޭހް އާއި ހިސްމާ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ދެވަނަ ފަހަރަށް ސައިލަން ވާހަކަ ދައްކަން ފެށީ އޭނާ ގެއްލުނުކަމަށް ބުނާ ހާދިސާއާ ގުޅޭގޮތުން މީހުން ސުވާލު ކުރަން ފެށުމުންނެވެ. ސައިލަން އެ ވާހަކަ ދައްކަން ފެށީ އިރުކޮޅެއް ފަހުންނެވެ.

ސުނޭހްއަކީ ސައިލަންގެ ހޮވުމެވެ. ސައިލަންގެ މައިންބަފައިންނަށް ސައިލަންގެ އެ ހޮވުން ކަމުނުދިޔަ ނަމަވެސް، ސައިލަންއަށްޓަކައި ގޮތް ދޫކުރިއެވެ. އެ ކައިވެންޏާއި ރުހި ޤަބޫލުވިއެވެ.

މައިންބަފައިންގެ އެހީތެރިކަމާއިއެކު ސައިލަން ފެށި ވިޔަފާރީގައި ސުނޭހް ބައިވެރިކޮށް، ޝަރުތުތަކަކާއިއެކު ވިޔަފާރީގެ ފަންސަވީސް އިންސައްތަ ހިއްސާ ދިނެވެ. މަސައްކަތްކުރީ ދެމީހުންގެ ކުރިމަގު އުޖާލާކޮށް އުފާވެރި ދިރިއުޅުމެއް ބިނާކުރާށެވެ.

މަޑުމަޑުން ކުރިއަރަމުން އައި ވިޔަފާރި ނުހަނު ފަސޭހަކަމާއިއެކު ފުޅާވިއެވެ.

ކައިވެންޏަށް ދެ އަހަރުގައި ސައިލަން ބަލިވެ އިނެވެ. އޮފީހުގެ މަސައްކަތުން ބައެއް އޭނާ ލުއިކޮށްލިއެވެ. ވިޔަފާރީގެ ކަންކަމުގައި ސުނޭހްގެ ދައުރު ބޮޑުވިއެވެ. އޭނާގެ މަސައްކަތުން ބައެއް، އެހެން މުއައްޒަފެއް ހޯދައި އޭނާއާ ހަވާލުކުރިއެވެ.

ހިސްމާއަކީ މަސައްކަތަށް ފަރުވާތެރި ގަޑިއަށް ކަމޭހިތާ މުއައްޒަފެކެވެ. އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ހިސްމާގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކައަކީ ކުންފުނީގައި މަސައްކަތްކުރާ ކޮންމެ ފިރިހެން މުއައްޒަފެއް ދެއްކި ވާހަކައެކެވެ.

ހުސްނީގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ ވާހަކަ އެހެން މީހަކު ވަޖުދީއަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނާއެވެ. ގިނަ އަހަރުތަކެއް ވާންދެން އޭނާ ކައިރީ މަސައްކަތްކުރި ހުސްނީއަކީ ކުންފުންޏަށް ކިހާ މުހިންމު މީހެއްކަން އެނގެނީ ވަޖުދީއަށެވެ.

ވަޖުދީގެ އެދުމުގެ މަތިން ސައިލަންގެ ވިޔަފާރީގެ ފައިސާގެ ބައެއް ކަންކަމުގައި އެހީތެރިވުމަށް ހުސްނީ އެ އޮފީހަށް ގޮސް އުޅެއެވެ. އެހެން ގޮސް އުޅޭ އުޅުމުގައި ސައިލަން އާއި ސުނޭހްއާ ވާހަކަދައްކައި ބައެއް ކަންކަމުގައި މަޝްވަރާ ވެސް ކޮށް ހަދައެވެ. އޭނާގެ އެހީތެރިކަމުގެ ސަބަބުން ލުއިފަސޭހަ ރަނގަޅު މަގުތަކެއް ފެންނަމުންދާކަމަށް ސައިލަން ބުނީ ޝުކުރުވެރިކަމާއިއެކުއެވެ. އަދި އަބަދު ވެސް އެކަން ހަނދާން ބަހައްޓާނެކަމަށް ބުނަމުންނެވެ.

ހިސްމާ އާއި ސުނޭހްގެ މެދުގައި މާ ޚާއްސަ ގުޅުމެއް އޮންނަކަމަށް ހުސްނީއަށް ޝައްކުވިއެވެ. ފާރަލައި ބެލިއެވެ. އެކަން ޔަގީންވުމުން ސައިލަން ކައިރީ އެވާހަކަ ދެއްކިއެވެ. ސައިލަން އެވާހަކަ ޤަބޫލެއް ނުކުރިއެވެ.

ސުނޭހްއަށް އެކަން އެނގުނު ހިސާބުން ހުސްނީ ޖެހުނީ، ވަޒީފާ ދޫކޮށްލާށެވެ. ސައިލަންއަށްޓަކައި ވަޖުދީ އެކަން ވެސް ކުރިއެވެ.

ސައިލަންގެ ބަނޑަށް ފަސް މަހުގައި ވިޔަފާރި ދަތުރެއްގައި ރާއްޖޭން ބޭރަށް ދާން ޖެހުނެވެ. ސުނޭހްއާއެކު ހިސްމާ ދަތުރެއްގައި ބައިވެރިވި އެއީ ފުރަތަމަ ދަތުރެވެ. އެ ދަތުރުގައި ސައިލަން ބައިވެރިވާގޮތަށް ހަމަޖެއްސީ އެންމެ ފަހު ވަގުތުއެވެ.

ވިޔަފާރީގެ ކަންކަމުގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ދެ ބައްދަލުވުމެއްގައި ސައިލަން ބައިވެރިވިއެވެ. ތިންވަނަ ބައްދަލުވުމުގައި އޭނާ ބައިވެރިނުވީ ކުރަންޖެހޭ ދަތުރު ދިގުވުމާއި ބައްދަލުވުން ވަރަށް ދިގުވެގެން ހިނގައިދާނެކަމަށް ލަފާކުރެވޭތީއެވެ. ރެސްޓެއް ނުކޮށް އެހާ ގިނައިރު، ސައިލަން ހުންނާކަށް ސުނޭހް ބޭނުމެއް ނުވެއެވެ.

މިވެސް ކިޔާލަން:  ސްޕެޝަލް ޕިއްޒާ - ކުރު ވާހަކަ

އެ ބައްދަލުވުމަށް ދިޔައީ ސުނޭހް އާއި ހިސްމާއެވެ.

މެންދަމުން އަލިވެ ދޭއް ޖަހާކަން ހާއިރެވެ. ސައިލަންއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނަށް ޖަވާބު ދިނުމާއިއެކު އިވުނީ އަހަން ބޭނުންވި ވާހަކައެއް ނޫނެވެ. އެވާހަކަތައް ޤަބޫލުކުރަން ފަސޭހައެއް ވެސް ނުވިއެވެ. ނޫނެކޭ ބުނެ ރޮއިގަނެވުނެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ.

ކަމެއް ރޭކާލާވަރުވީ އިރުކޮޅެއް ފަހުންނެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ އޭރު ވެސް ވާހަކަ ދައްކައެވެ.

އަވަސްއަވަހަށް ތައްޔާރުވެލައިގެން ރިސެޕްޝަނަށް ނުކުތްއިރު، އެތަނުގައި މުއައްޒަފެއް ހުއްޓެވެ. އެމީހާއަށް ބަލާކަށް އޭނާ ދައްކާ ވާހަކަ އަޑު އަހާކަށް ސައިލަން ނޫޅެއެވެ. އެދިޔަ ބާރުމިނުގައި އަވަސްއަވަހަށް މަގަށް ނުކުތެވެ.

ޓެކްސީއެއް ލިބޭވަރުވީ އިރުކޮޅެއް ފަހުންނެވެ. ޓެކްސީއާ ދިމާއަށް ހިނގައިގަތް ވަގުތު މަގުގެ އަނެއްކޮޅުން، ބާރު ސްޕީޑްގައި އައި ސައިކަލް ސައިލަންއަށް ފެނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ސައިކަލުން ޖެހިފައި ސައިލަން ދިޔައީ ވިއްސައިގެންނެވެ. ބިންމަތީގައި ބޯ ޖެހުމާއިއެކު ޚަބަރު ހުސްވެއްޖެއެވެ.

ސައިކަލު ދުއްވަން އިން މީހާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ސައިލަން ކައިރިއަށް މަޑުކުރިއެވެ. ދެވަނަ ފަހަރަށް އޭނާ ސައިކަލަށް އަރައިގެން ނައްޓާލީ ސައިލަން މަރުވިކަން ޔަގީންކޮށެވެ.

ހޭވެރިކަން ވީއިރު، ސައިލަން އޮތީ ހޮސްޕިޓަލުގައެވެ. އެތަނުގައި އޭނާ ދަންނަ އެއްވެސް މީހަކު ނެތެވެ. ބޭހަށް ބޮޑު ޚަރަދެއް ކުރަން ޖެހުނުއިރު، ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ސައިލަންގެ ގަޔަށް ލޭ އަޅަން ވެސް ޖެހުނެވެ. މީހަކަށް ގުޅާލަން ބަލާލިއިރު ފޯނު އޮތީ ހަލާކުވެފައެވެ. ފޯނެއް ލިބޭތޯ ބެލިއިރު އެކަން ވާގޮތެއް ވެސް ނުވިއެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ސިކުނޑި ސުމަކަށް ގޮސްފައިވާ ސައިލަންއަށް ރޯލަރޯލާ އޮތުން ފިޔަވާ އެހެން ކަމެއް ނުކުރެވުނެވެ.

އެކްސިޑެންޓެއް ހިނގައި ސުނޭހަށް ބޮޑު އަނިޔާއެއްވި ވާހަކަ ބުނާއިރު، ހިސްމާ ކޮބައިބާއެވެ. އޭރު އޭނާ ހުރީ ކޮންތާކުބާއެވެ. ސުނޭހްގެ ހާލަކީ ކޮބައިބާއެވެ.

ސައިލަން ހޯދީ ހުސްނީއެވެ. ވަޖުދީމެން ރާއްޖެ އައީ އެކަން ޔަގީންކޮށްފައެވެ. ސައިލަން އާއި ހުސްނީ ޗައިނާގައި މަޑުކުރީ، ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ނިންމަން ޖެހޭ ނިންމުންތަކެއް ހުރުމުން އެ ނިންމުންތައް ނިންމާށާއި ޔަގީންކުރަން ބޭނުންވާ ކަންކަން ޔަގީންކުރާށެވެ.

އެކަމަށްޓަކައި ހޭދަކުރަން ޖެހުނު މުއްދަތު ދިގު ނަމަވެސް، ސައިލަން އެކަން ކާމިޔާބުކުރިއެވެ.

އެރޭ ދަންވަރު ސައިލަން ހޮޓަލުން ނެރުނީ ވެސް ސައިކަލުން ޖެއްސީ ވެސް ސުނޭހް އާއި ހިސްމާ ރާވައިގެންނެވެ. ބޭނުމަކަށްވީ ބަނޑުގައިވާ ދަރިފުޅާއިއެކު ސައިލަން މަރާލުމެވެ. ވިޔަފާރީގެ ހިއްސާއިން އޭނާ ދީފައިވާ ފަންސަވީސް އިންސައްތަ ސުނޭހްއަށް މަދުވިއެވެ. އަންހެނެއްގެ ދަށުގައި މަސައްކަތްކުރަން ޖެހުން ބަލައެއް ނުގަނެވުނެވެ.

ސުނޭހް އާއި ހިސްމާގެ ހުރިހާ ރޭވުމެއް، ޗައިނާގެ ކަމާގުޅުން ހުރި ފަރާތްތަކުން ހޯދިއެވެ.

ކުންފުނީގެ މިލްކުވެރިކަން އޭނާގެ ނަމަށް ބަދަލުކޮށް ވީހާވެސް އަވަހަކަށް ހިސްމާއާ ކައިވެނިކުރުމަކީ ސުނޭހް އާއި ހިސްމާގެ ޓާގެޓެވެ. ފެނިގެން ދިޔައީ ޒަމާނީ ޓެކްނޮލޮޖީއަށް މުޅި ދުނިޔެ ލޯ ހުޅުވި ކުރިއަރާފައިވާއިރު، ސުނޭހް އާއި ހިސްމާ އެކަމުގައި ރޯނުފިލާ ތިބިވަރެވެ. އެފަދަ ކަމަކަށް އެމީހުންގެ ޤާބިލުކަން ނެތްވަރެވެ. ނުވަތަ އެފަދަ ކަމަކަށް ލޯ ހުޅުވިފައި ނެތްކަމެވެ.

ސައިލަން ދެއްކި ވާހަކަތައް އަޑު އިވިފައި ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެވެ. ސައިލަންގެ ޢާއިލާ މީހުން އައީ ރުޅިއެވެ.

އިއްޒަތާއި ޤަދަރާއި ތަނަވަސްކަން ލިބި އޭގެ ބޭނުން ހެޔޮގޮތުގައި ހިފަން ނޭނގުމުގެ ނަތީޖާ ތަޖުރިބާކުރަން ސުނޭހަށް ޖެހުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ކަމާއި ގުޅުންހުރި ފަރާތްތަކުން އެބައިމީހުންގެ ވާޖިބައިގެން އަވަސްވެގަތެވެ.

ކުށުން ސަލާމަތްވުމަށްޓަކައި، ކިތަންމެ ބަހަނާއެއް، ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، ސަލާމަތް ނުވެވޭވަރަށް ކަމާ ގުޅުންހުރި ފަރާތްތަކުން ހުރީ މަޢުލޫމާތު ހޯދައި އެއްކޮށްފައެވެ. ގޮތް ހުސްވުމުން ހިސްމާ އާއި ސުނޭހް އެމީހުންގެ ކުށަށް އެއްބަސްވިއެވެ. އަދި އެ ކުށްތައް އެމީހުންގެ މައްޗަށް ސާބިތުވިއެވެ.

ސުނޭހް ދެއްކި ހުރިހާ ވާހަކައެއް ސައިލަން އަޑު އެހިއެވެ. އެދުނު ގޮތަށް ބައެއް ކަންކަން ކޮށް ވެސް ދިނެވެ. އެކަމު.. އަދަބު ލުއިކުރާކަށް، ކުރިން އޭނާއަށް ކުރި އިތުބާރު ދަމަހައްޓާކަށް އަދި އޭނާއާއެކު އިތުރަށް އުޅޭކަށް އެއްބަހެއް ނުވިއެވެ.

(ނިމުނީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top