ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 19
މުނިއަވަސް ގްރެފިކްސް

އިންތިޒާރުގައި

“ހަލޯ؟”

“ހައި، ކިޔާރާ.”

އެ އަޑެވެ. އެ އާދަޔާ ޚިލާފު އަޑެވެ. ކިޔާރާގެ ހިތް ވަގުތުން ބާރަށް ތެޅެން ފެށިއެވެ.

“މާތައް ކަމުދިޔަތަ؟”

ކިޔާރާ މާބޮނޑިއަށް ބަލާލިއެވެ.

“މިއީ ވަރަށް..”

އޭނާ ހުއްޓުނެވެ. އޭނާ ދަންނަ ހުރިހާ ބަސްތަކެއް ހަނދާން ނެތުނު ކަހަލައެވެ.

ރީތި، އަގުބޮޑު، ހައިރާންކުރުވަނިވި، ލަދުގަންނަވާލި، ނުވަތަ ފޮނި ކަމެއް.. މި ހުރިހާ ސިފައެއް އެ މާތަކުގައި ވެއެވެ. އޭނާއަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ.

“މި.. މާތަކެއް.” އެންމެ ފަހުން އޭނާއަށް ބުނެވުނީ މިހެންނެވެ.

ޒިމާން އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން ހީނލިއެވެ. ބާރަކަށް ނޫނެވެ. ނަމަވެސް އެ ހިނިތުންވުމުގެ އަޑުން ކިޔާރާގެ މޫނު އިތުރަށް ރަތްވިއެވެ.

“ބުނާނެ އެއްޗެއް ނޭނގިފައިތަ؟”

“ނޫން.”

“ތިޔަ އިނީ ބުނާނެ އެއްޗެއް ނޭނގިފައި.”

“އަހަރެން އެހެންނެއް ނޫން މި އިނީ.”

“ދިހަ ސިކުންތު ވަންދެން ހިމޭނުން ތިޔަ އިނީ.”

ކިޔާރާ ބަސް ތެރެއަށް ބަލާލިއެވެ. އެންމެން ތިބީ އަޑު ނާހާ ކަމަށް ހެދިގެންނެވެ. ނަމަވެސް އެންމެންވެސް ތިބީ ކަންފަތް ދީގެންނެވެ.

އޭނާ އަޑު މަޑުކޮށްލިއެވެ. “ތި ފޮނުވީ އަހަރެން މަސައްކަތްކުރާ ތަނަށް.”

“ބަހަކީ ކިޔާރާ މަސައްކަތްކުރާ ތަނެއް ނޫން.”

“އަހަރެން މި ބުނި އެއްޗެއް ޒިމާނަށް އެނގޭނެ.”

“އާނ، އެނގޭ.”

“އެންމެން މިތިބީ ބަލަން.”

“ބަލަން ދޫކޮށްލާ.”

ކިޔާރާ ދެލޯ މަރާލިއެވެ. ހަމަގައިމުވެސް އޭނާ އެހެން ބުނާނެކަން ކިޔާރާއަށް އެނގެއެވެ.

“ޒިމާނަކީ ހާދަ އުނދަގޫ މީހެކޭ.”

“ތިޔަށްވުރެ މާ ގޯސް ނަންނަމުންވެސް މީހުން އަހަންނަށް ގޮވާ.”

ޒިމާންގެ އަޑުގައި ހުރި މަޖާ ގޮތް ކިޔާރާއަށް އިޙުސާސްވިއެވެ. ދެން އޭނާގެ ރާގު ބަދަލުވިއެވެ.

“މެންދުރުގެ ކެއުމަށް އަހަރެން ދާނަން ކިޔާރާ ބަލާ.”

ކިޔާރާ ދެލޯ ހުޅުވާލިއެވެ. “ކީކޭ؟”

“ބްރޭކް ގަޑީގައި އަހަރެން ދާނަން ބަލާ.”

“އަހަރެން މިހިރީ ޑިއުޓީގައި.”

“އެނގޭ.”

“ބަލިމީހުން އެބަތިބި.”

“އެކަންވެސް އެނގޭ.”

“އެހެންވީމާ..”

“މެންދުރު ބައްދަލުވާނެ.”

“ޒިމާން..”

ފޯނު ކަނޑާލިއެވެ.

ކިޔާރާ ސްކްރީނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޒިމާން ފޯނު ބޭއްވީއެވެ. އޭނާ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ.

“މީނާގެ ހުރި ނުލަފާކަމެއް.”

މިވެސް ކިޔާލަން:  އިވްރިޝާ - އެޕިސޯޑް 04

އަނެއްކާވެސްމެއެވެ. ރޭގައިވެސް އޭނާއަށް ބުނެވުނީ ހަމަ މި ބަސްތަކެވެ. އަދި މިހާރު އެ ބަސްތަކުގެ މާނަ މާ ބޮޑަށްވެސް ފެތެއެވެ. އޭނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މާތަކަށް ބަލާލިއެވެ. އަދި އަވަސްއަވަހަށް މާތަކުގެ ނިވަލުގައި އެ ހިނިތުންވުން ފޮރުވާލިއެވެ.

ހޮސްޕިޓަލަށް ވަންއިރު ކިޔާރާ ހީކުރީ އެންމެން އެކަން ހަނދާން ނެތިދާނެ ކަމަށެވެ. ނަމަވެސް އޭނާގެ ހީކުރުން ދިމައެއް ނުވިއެވެ. މާބޮނޑި ހިފައިގެން ސްޓާފް އެންޓްރެންސްއިން ވަން ވަގުތު، ޖޫނިއަރ ނަރުހަކު އޭނާއަށް ބަލާލިއެވެ. އެކުއްޖާގެ ދެލޯ ބޮޑުވިއެވެ. އަދި ބޮޑު ހިނިތުންވުމެއް މޫނުމައްޗަށް ވެރިވިއެވެ.

“އޯހޯ..”

ކިޔާރާ ހުއްޓުނެވެ. “ނޫން، އެއްޗެކޭ ނުބުނާތި.”

“އަހަރެން އެއްޗެކޭ ނުބުނަމެއްނު.”

“ބުނާކަށް ނުވެސް ޖެހޭނެ.”

އޭނާގެ ފަހަތުން އަނެއް ނަރުސް ކުއްޖާ ފާޅުވިއެވެ. “ކާކު ފޮނުވި އެއްޗެއް؟”

“އެއްވެސް މީހަކު ނޫން.”

މުޅި ތަނުގައި ހިނިގަނޑެއް ޖަހާލިއެވެ. ކިޔާރާގެ މޫނު ރަތްވިއެވެ.

“މިއީ ޑެލިވަރީ ކުރި އެއްޗެއް.”

“ކާކު؟”

“ނޭނގެ.”

ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު މީހަކު ވަރަށް ގޮތަކަށް ބުންޏެވެ.

“ވަރަށް ޝައުޤުވެރި.”
ކިޔާރާ ފޫހި ގޮތަކަށް ބޯ ހޫރާލިއެވެ. “އަވަހަށް މަސައްކަތަށް ދޭ.”

އެމީހުން ކުރިއަށްވުރެ ބާރަށް ހޭން ފެށިއެވެ. ނަމަވެސް އެ ސަމާސާގެ ފަހަތުގައި އޯގާތެރިކަމެއް ވިއެވެ. އެމީހުން ތިބީ ކިޔާރާއަށްޓަކައި އުފާވެފައެވެ. އެއީ ފަހަރުގައި، އެތައް އަހަރެއް ވަންދެން އެމީހުން ކިޔާރާ ދެކެފައިވާތީ ކަމަށް ވެދާނެއެވެ. އޭނާ ކުރާ ބުރަ މަސައްކަތާއި، ބަލިމީހުންނަށް ދޭ އަޅާލުމާއި، ވަރުބަލިވެގެން އެކަނި އިނދެ ކާ ކެއުންތައް އެމީހުން ވަނީ ދެކެފައެވެ. އެއްވެސް ޝަކުވާއެއް ނެތި އޭނާ ކުރާ ޚިދުމަތް އެމީހުން ދަނެއެވެ. އަމިއްލަ އުފަލަށްވުރެ ޒިންމާ އިސްކުރާވަރު އެމީހުންނަށް އެނގެއެވެ.

އަދި މިހާރު.. މާތަކެއް ލިބިއްޖެއެވެ. ހެނދުނުގެ ސަލާމެއް ލިބިއްޖެއެވެ. ސިއްރުވެރި ފިރިހެނަކު ފާޅުވެއްޖެއެވެ. އަދި ކިޔާރާގެ މޫނުމަތިން ހިނިތުންވުން ފެންނަން ފަށައިފިއެވެ. އެމީހުންނަށް އެވަރު ފުދެއެވެ.

ޑޮކްޓަރު މަޙްމޫދަށްވެސް އެކަން ފާހަގަކުރެވުނެވެ. އޭނާ އޮފީހުން ނުކުމެވަޑައިގެން، ފުރަތަމަ މާބޮނޑިއަށް އަދި ދެން ކިޔާރާއަށް ބަލާލިއެވެ. އޭނާގެ ބުމަ މައްޗަށް އަރުވާލިއެވެ.

“ބަލަބަލަ.”

ކިޔާރާ ވަގުތުން ޑޮކްޓަރަށް އިނގިލި ދިއްކޮށްލިއެވެ. “ޑޮކްޓަރު، އެއްޗެކޭ ނުބުނާތި.”

މިވެސް ކިޔާލަން:  ބާކީ

“އަހަރެން އަދި އެއްޗެކޭ ނުބުނަމެއްނު.”

“ބުނަން އުޅޭކަން އެނގޭ.”

އޭނާ ހިނިތުންވެލިއެވެ. “އަހަރެން މި ހުންނަނީ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން އަހަރެންގެ ނަރުހެއްގެ މޫނުމަތިން ހިނިތުންވުން ފެނުނީތީ އުފާވެފައި.”

އެހެން މީހުން ހޭން ފެށިއެވެ. ކިޔާރާ އަމިއްލަ ހިނިތުންވުން ފޮރުވަން އުޅެމުން ބޯ ހޫރާލިއެވެ. “އަހަރެންގެ ބަލިމީހުން އެބަތިބި.”

“އާނ، ދޭ.”

އޭނާ އަވަހަށް އެތަނުން ދިޔައެވެ. ނަމަވެސް މާބޮނޑި ބޭއްވީ މޭޒުމަތީގައެވެ. މުޅި ހެނދުނު މަސައްކަތުގައި އުޅޭއިރު، އެ މާތަކަށް ބަލާލެވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ މަޑުމޮޅިކަމެއް ވެރިވެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ކަމަކީ މާތަކެއް ނޫނެވެ. ނުވަތަ މެސެޖެއްވެސް ނޫނެވެ. އަދި މެންދުރު ބަލާ އަންނާނެ ކަމަށް ބުނި ބުނުމެއްވެސް ނޫނެވެ. އެންމެ ތަފާތު ކަމަކީ ކިޔާރާއަށް އަމިއްލަ ނަފުސާމެދު ކުރެވުނު އިޙުސާސެވެ. އޭނާއަކީވެސް މީހުން ބަލައިގަންނަ، އަދި މީހުންގެ ލޮލުގައި އަޅައިގަންނަ މީހެއްކަން އޭނާއަށް އިޙުސާސްވިއެވެ. އަދި ފުރަތަމަ ފަހަރަށް، އެކަމާ އޭނާ ފޫއްސެއް ނުވިއެވެ. އޭނާ އެތައް އަހަރެއް ހޭދަކުރީ މީހުންގެ ސަމާލުކަން ލިބުމަކީ ނުރައްކާތެރި، ލަދުގަންނަންޖެހޭ، އަދި ދުރުވާންޖެހޭ ކަމެއް ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް މިއަދު އެ މާބޮނޑިއަށް ބަލާލާފައި އޭނާގެ ހިތަށް އެރިއެވެ. މީހުންނަށް ފާހަގަވުމަކީ އަބަދު ގޯސް ކަމެއް ނޫނެވެ. ފަހަރުގައި މައްސަލައަކީ އޭނާ ފާހަގަވާވަރު ބޮޑުވުމެއް ނޫނެވެ. މައްސަލައަކީ އޭނާއަށް ހަޤީޤީ މާނައިގައި ބަލާލުމެއް ނެތި، ހަމައެކަނި ފެންނަ ފެނުމަށް ބަލާ މީހުންގެ މެދުގައި އޭނާ މާ ގިނަ ދުވަހު އުޅުމެވެ. ޒިމާނަށް ފެންނަނީ އެހެން އެއްޗެކެވެ. އެއީ ކިޔާރާ އަމިއްލައަށްވެސް ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމެކެވެ.

ފޯނު އަނެއްކާވެސް ވައިބްރޭޓް ވިއެވެ.

“ފަސޭހަ ހެދުމެއް ލައިގެން ހުންނާތި.”

ކިޔާރާ ބުމަ ގޮށްޖަހާލިއެވެ. އޭނާ ލިޔުނެވެ. “ކީއްވެ؟”

ވަގުތުން ޖަވާބު އައެވެ. “އަހަރެން މި ގެންދަނީ ކިޔާރާ އެތަނަކުން ދާން ބޭނުންނުވާނެ ފަދަ ތަނަކަށް.”

އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. ސްކްރީނަށް ބަލަހައްޓައިގެން އިނދެ ލިޔުނެވެ. “ތިޔަ ބުނި އެއްޗަކުން ޝައްކު އުފެދޭ.”

ޒިމާންގެ ޖަވާބު އައެވެ. “ރަނގަޅު.”

މިވެސް ކިޔާލަން:  ޝަމްހޫރިޝް އެނބުރި އައުން – ހަވަނަ ބައި

ކިޔާރާ މަޑުމަޑުން ހީނލިއެވެ. ނަރުހަކު ބަލާލިއެވެ. “ކީއްވީ؟”

“ކަމެއް ނުވޭ.”

“ތިޔަ އިނީ ހިނިތުންވެފައެއްނު.”

“ނޫނޭ، ނޫން.”

“އާނ، ތިޔަ އިނީ ހިނިތުންވެފައި.”

ކިޔާރާ ފޯނު ލޮކްކޮށްފައި މަސައްކަތަށް އެނބުރުނެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ނުދެއެވެ. އަދި އަބަދުވެސް އުޅޭ އެ ހަރުދަނާ އަންހެންމީހާގެ އެތެރެއިން، މަޑުމޮޅި، އުންމީދީ، އަދި ކުރިއަށް އޮތީ ކޮން ކަމެއްތޯ ބަލަން ބޭނުންވެފައިވާ އައު ސިފައެއް ފާޅުވާން ފެށިއެވެ.

ބަރާބަރު ބާރަގަޑި ބައިވި ވަގުތު، ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލާލާކަށް ނުޖެހުނެވެ. އެއީ ޒިމާންކަން އޭނާއަށް އެނގެއެވެ.
އޭނާގެ ވިންދު އަވަސްވިއެވެ. ފޯނު ނެގިއެވެ.

“ހަލޯ؟”

“ތިރިއަށް ފައިބާ.”

ކިޔާރާ ގަޑިއަށް ބަލާލިއެވެ. ބްރޭކް ގަޑި ފެށުނީއެވެ.

“ޒިމާން އައީތަ؟”

“އާނ.”

އޭނާ ކޮޅަށް ތެދުވިއެވެ. އެކުގައި މަސައްކަތްކުރާ މީހުން އެކަކު އަނެކަކަށް ބަލާލިއެވެ. މީހަކު މަޑުމަޑުން ބުންޏެވެ.

“އޭނާ އަތުވެއްޖެ.”

ކިޔާރާއަށް އެ އަޑު އިވުނެވެ. ނަމަވެސް ނީވޭ ކަމަށް ހެދިގެން އޭނާ ދަބަސް ނެގިއެވެ. ދެން ހުއްޓުނެވެ.

އޭނާގެ ނަޒަރު މާބޮނޑިއަށް ހުއްޓުނެވެ. އެ މާތައް އެތަނަށް ދޫކޮށްފައި ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު މާބޮނޑި އަތަށް ނެގިއެވެ.

ލިފްޓާ ދިމާލަށް ހިނގައިގަތް ވަގުތު، ބިއްލޫރި ދޮރުން އޭނާގެ އަމިއްލަ ސޫރަ ފެނުނެވެ. ސިކުންތަކަށް އޭނާ މަޑުޖެހުނެވެ. އެ ފެންނަނީ ހަމަ ކިޔާރާއެވެ. އިސްކޮޅުން ދިގު، ހަށިގަނޑު ބޮޑު، އަދި އުނިސިފަތަކެއް ހުރި މީހެކެވެ. އަހަރުތަކެއް ވަންދެން ހިތުގައި ރައްކާކޮށްފައިވާ ހުރިހާ ނުތަނަވަސްކަމެއް އަދިވެސް އޭނާއާ އެކުގައިވެއެވެ. ނަމަވެސް އޭނާގެ ދެލޮލުން އައު ކަމެއް ފެންނަން ހުއްޓެވެ. ލުއިކަމެކެވެ. މަޑުމޮޅިކަމެކެވެ. ރިހިކުލައިގެ އައު ދިރުމެކެވެ. އޭނާގެ ރޫޙު ތަފާތުވެއްޖެއެވެ. ފަހަރުގައި، ކިޔާރާއަށް އަމިއްލައަށް އެކަން ފާހަގަވުމުގެ މާ ކުރިން ޒިމާނަށް ފެނުނީ އެ ސިފައެވެ.

ލިފްޓުގެ ދޮރު ހުޅުވުނެވެ. އޭނާ އެތެރެއަށް ވަނެވެ. ދޮރު މަޑުމަޑުން ލެއްޕުނެވެ. އަދި ތިރީގައި، ކަޅު ކުލައިގެ ކާރެއްގެ ކައިރީގައި، އިއްތިފާޤުން އޭނާގެ ހަޔާތަށް އައިސް، މިހާރު އޭނާގެ ދިރިއުޅުމުގެ އެންމެ ފުރިހަމަ “އުނދަގުލަކަށް” ވެފައިވާ އެ ފިރިހެންމީހާ އިންތިޒާރުގައި ހުއްޓެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top