ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު މެޗު، ފަހަތުން އަރައި އެއްވަރުކޮށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް، ލީގު ބުރުގެ އެއްވަނަ ހޯދައިފި އެވެ. ލީގު ބުރުގެ ކުޅުން ރޭ ނިމިފައިވާއިރު، ފަހު މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.
މި މެޗަށް ނުކުތްއިރު ވެސް ފައިނަލްގެ ޖާގަ ޔަގީންވެފައިވާތީ، މި މެޗަށް ދެ ޓީމުން ވެސް ނުކުމެފައިވަނީ ބަދަލުތަކަކާއިއެކު އެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ކުޅުމެއް ދެއްކި ނިއުރޭޑިއަންޓަށް އޭގެ ފަހުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދައި ލަނޑު ޖަހަން މަސައްކަތްކުރި މާޒިޔާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ނިއުރޭޑިއަންޓްގެ ރަޒާން ފަހަތަށް ޖައްސާލި ބޯޅަ، އެ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން ހޯދައިގެން ގޮސް އޭރިޔާތެރެއަށް ވަތް ނަމަވެސް، ގޯލާއި އަމާޒުކޮށްލުމުގެ ކުރިން ނިޒާމް ވަނީ ބޯޅަ ހުއްޓުވާފަ އެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް މި ހާފުގައި ކުރެވިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ކުރީ ހާފަށްވުރެ ރަނގަޅު ކުޅުމެއް ފެނުނުއިރު، މި ހާފުގައި ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.
މި ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ޓީމު އެކުގައި ކަހަލަ ގޮތަކަށް ކުރިޔަށް ޖެހި ލަނޑެއް ޖެހުމަށް ނިއުރޭޑިއަންޓުން މަސައްކަތް ކުރިއިރު، މާޒިޔާއިން ބޮޑަށް މަސައްކަތްކޮށްފައިވަނީ ކައުންޓަރ އެޓޭކްގައި ލަނޑު ޖަހާށެވެ. ހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މާޒިޔާއަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، ނިއުރޭޑިއަންޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް އެ ޓީމަށް ކުރެވިފައެއް ނުވެ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިން ނެވެ. އަރިމަތިން ބޯޅަ ހިފައިގެން ކުރިޔަށް ޖެހި ނިއުރޭޑިއަންޓުގެ ގޯލު ކުރިމައްޗަށް ނާޝިއު ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ސާރް ބެލް ކޮޑްޖޯ ގޯމޭޒް އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ނިއުރޭޑިއަންޓުން ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއިރު، ލިބިފައިވާ ލީޑު ދަމަހައްޓަން މާޒިޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ނިއުރޭޑިއަންޓުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 72 ވަނަ މިނިޓްގަ އެވެ. ކައުންޓާރ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން އަލީ ފާސިރު ކުރިޔަށް އަރައި އީތަންއަށް ޖައްސާލުމުން އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޙްމަދު ހުސާމް އެވެ.
މި ލަނޑަށްފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ނިއުރޭޑިއަންޓާއި މާޒިޔާއަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ނިއުރޭޑިއަންޓަށް ލީގު ބުރުގެ އެއްވަނަ ލިބެނީ މާޒިޔާއަށްވުރެ ފައިދާ ލަނޑު ގިނަވުމުން ނެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ.
