ތައިލެންޑުން ރީނދޫ ކުލައިގެ އައު “މައުންޓަން ހޯންޑް ޑްރެގަން” އެއް ސައިންސްވެރިން ހޯދައިފިއެވެ. އަދި މަޝްހޫރު ސިލްސިލާ “ހައުސް އޮފް ދަ ޑްރެގަން” ގައި ހިމެނޭ ޑްރެގަންއަކަށް ނިސްބަތްކޮށް، މި ސޫތްޕަށް “އެކެންތޯސޯރާ ސައިރެކްސް”ގެ ނަމުން ވަނީ ނަންދީފައެވެ.
އުސް ފަރުބަދަތަކުގެ ޖަންގަލިތަކަކީ އާންމުކޮށް ފެންނަ ބާވަތްތަކާ ވައްތަރު، ނަމަވެސް ޖިސްމާނީ ގޮތުންނާއި ޖެނެޓިކް ގޮތުން މުހިންމު ތަފާތުތަކެއް ހުންނަ ދިރުންތައް ފޮރުވިފައިވާ ތަންތަނެވެ.
ތައިލެންޑުގެ ހުޅަނގު ސަރަހައްދުން ފެނުނު ކުޑަ، ކަށިތަކެއް ހުންނަ ކަށިބޮނޑެއް ފަރުވާތެރިކަމާއެކު ދިރާސާކުރުމުގެ ތެރެއިން، މީގެ ކުރިން ސަމާލުކަން ލިބިފައިނުވާ އައު ބާވަތެއް މިވަނީ ދެނެގަނެވިފައެވެ.
ދިރާސާ ކުރި ޓީމުން މި ސޫތްޕަށް ދީފައިވާ ނަމަކީ އެކެންތޯސޯރާ ސައިރެކްސް (Acanthosaura syrax) އެވެ. މިއީ ‘މައުންޓަން ހޯންޑް ޑްރެގަން’ ގެ ނަމުން މަޝްހޫރުވެފައިވާ ގުރޫޕުގެ 23 ވަނަ ބާވަތެވެ. މި ކަށިބޮނޑުގެ ކަރުގައާއި ބުރަކަށީގައި ކަށިތަކެއް ފަދަ އުސްވެފައިވާ ތަންތަން ހުރެއެވެ. މި ދިރާސާ ޓީމު އިސްކޮށް ހުންނެވީ ޕޮރަމަދު ޓްރިވަލައިރަޓް އެވެ.
“އެކެންތޯސޯރާ ސައިރެކްސް” އަށް އެ ނަން ދެވުނު ގޮތް
މި ބާވަތަށް ދީފައިވާ ނަމަކީ ‘ހައުސް އޮފް ދަ ޑްރެގަން’ ސިލްސިލާގައި ރާނީ ރެނީރާ ޓާގޭރިއަން ދުއްވާ ‘ސައިރެކްސް’ ނަމަކަށް ކިޔާ ޑްރެގަންއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. މި ނަން އިޚްތިޔާރު ކުރީ މި ކަށިބޮނޑާއި އެ ޚިޔާލީ ޑްރެގަންއާ ދެމެދު ހުރި އެއްގޮތް ތިން ސިފައަކަށް ބަލާފައެވެ. އެއީ ރީނދޫ ކުލައިގައި ހުރުމާއި، މެދުމިންވަރެއްގެ އިސްކޮޅެއް ހުރުމުގެ އިތުރުން، ހަށިގަނޑުގެ ސައިޒާ އަޅާބަލާއިރު ގިނަ އަދަދަކަށް ބިސް އެޅުމެވެ.
މި ބާވަތުގެ ފިިރިހެން ސޫފީގެ ތުންފަތާއި ކަރު ހުންނަނީ ރީނދޫ-ފެހި ކުލައެއްގައެވެ. އަދި ގަދަ މުށިކުލައިގެ ހަށިގަނޑުގައި ފަނޑު ފެހިކުލައިގެ ލައްތަކެއް ހުރެއެވެ. އަންހެން ސޫފީގެ ހަށިގަނޑުގައި ހުންނަނީ ފަނޑު މުށި، އޮރެންޖް-މުށި ނުވަތަ ރީނދޫ ކުލައިގެ ނިޝާންތަކެކެވެ. އަދި އަންހެން ސޫތްޕަކީ ފިރިހެން އެއްޗަށްވުރެ ބޮޑު އެއްޗެކެވެ.
ޓީމުން ބެލި ހަތަރު އަންހެން ސޫފީގެ ފަރާތުން 6 އާއި 16 އާ ދެމެދުގެ އަދަދަކަށް ބިސް ފެނިފައިވެއެވެ. މިއީ މިހާ ކުޑަ ކަށިބޮނޑަކަށް ބަލާއިރު ގިނަ އަދަދެކެވެ. މި ސޫތްޕަށް އިނގިރޭސި ބަހުން ކިޔާ އާންމު ނަމެއްގެ ގޮތުގައި “ސައިރެކްސް މައުންޓަން ހޯރންޑް ޑްރެގަން” ހުށަހަޅާފައިވެއެވެ.
ހަށިގަނޑުގެ ތަފާތު ސިފަތައް
ދިރާސާ ޓީމުން 2025 ވަނަ އަހަރުގެ އޭޕްރީލް އަދި މޭ މަހުގެ ތެރޭގައި ފަރުބަދަމަތީ ސަރަހައްދަކުން މި ބާވަތުގެ އަށް ކަށިބޮނޑު ހޯދިއެވެ. ސައިންސްވެރިން މި ސޫފީގެ ފޮޓޯ ނެގުމަށްފަހު، ހަށިގަނޑުގެ 51 މިންވަރަކާއި ބުރަކަށީގެ ކަށިތައް ގުނައި، އެހެން ބާވަތްތަކާ އަޅާކިޔާފައިވެއެވެ.

ތައިލެންޑުގެ ކަމްޕެންގް ޕެޓް ޕްރޮވިންސްގެ މޭ ވޮންގް ސަރަޙައްދުން އަލަށް ފެނުނު (އެކަންތޯސޯރާ ސައިރެކްސް) އާއިލާގެ ފުރާފުރިހަމަވެފައިވާ ފިރިހެން ހޮލޯޓައިޕް ނަމޫނާ.
ފޮޓޯ: ޒޫކީސް.
އެންމެ ބޮޑު އަންހެން ސޫފީގެ ދިގުމިނަކީ ގާތްގަނޑަކަށް 4 އިންޗިއެވެ. އެންމެ ބޮޑު ފިރިހެން ސޫފީގެ ދިގުމިނަކީ 2.7 އިންޗިއެވެ. އެހެންނަމަވެސް، މި ބާވަތް ވަކިކުރީ ހަމައެކަނި ސައިޒަކުން ނޫނެވެ. މި އާ ކަށިބޮނޑުގެ ކަރުގައާއި ބުރަކަށީގައި ހުންނަ ކަށިތަކަކީ އެހެން ހުރިހާ ‘އެކެންތޯސޯރާ’ ބާވަތްތަކާ އަޅާބަލާއިރު އެންމެ ކުދި ކަށިތަކެވެ. މީގެ އިތުރުން، މި ސޫފީގެ ކަރުގައި ކަޅު ކުލައިގެ ބުރެއް ކަހަލަ ނިޝާނެއް ހުރި ނަމަވެސް، އެހެން ބާވަތްތަކުން ފެންނަ ލޮލުގެ ވަށައިގެންވާ ކަޅު ލައްގަނޑެއް މީގައި ނުހުރެއެވެ.
ޑީ.އެން.އޭ މެދުވެރިކޮށް ކަށަވަރުކުރުން
ބޭރުފުށުން ފެންނަ ސިފަތަކަކީ އެއް ބާވަތެއްގެ ތެރޭގައި ވެސް ތަފާތުވެދާނެ ކަންކަން ކަމަށްވާތީ، ޓީމުން ވަނީ ‘ND2’ އަދި ‘COI’ ނަމަކަށް ކިޔާ ޑީ.އެން.އޭގެ ދެ ބައެއް އަޅާކިޔާފައެވެ. މި ދެ ބަޔަކީ ސެލްތަކުގެ ތެރޭގައި ހަކަތަ އުފައްދާ މައިޓޯކޮންޑްރިއާގައި ހުންނަ ބައިތަކެކެވެ.
ހޯދި އަށް ކަށިބޮނޑުގެ ޖެނެޓިކް މައުލޫމާތު ދާދި އެއްގޮތްކަމަށް ދެއްކިއެވެ. އަދި ޖެނެޓިކް ފެމިލީ ޓްރީއަކުން ބެލިއިރު، މި ސޫތްޕަކީ އެހެން މައުންޓަން ހޯންޑް ޑްރެގަންތަކާ ވަކި ބާވަތެއްކަން ސާފުވިއެވެ. މި ދިރާސާގެ ނަތީޖާއިން މި އާ ބާވަތް ދެނެގަނެވުނު ނަމަވެސް، މި ސޫފީގެ އާބާދީގެ ޖުމްލަ އަދަދާއި އެ ތަކެތި ފެތުރިފައިވާ ސަރަހައްދުގެ މިންވަރު އަދި މުޅިން ސާފެއް ނުވެއެވެ.
ދިރިއުޅޭ މާހައުލު
މި ކަށިބޮނޑުތައް ފެނިފައިވަނީ މޫދު ސަތަހައަށްވުރެ 4,265 ފޫޓު މަތީގައެވެ. 1,000 މީޓަރަށްވުރެ ތިރިން މި ބާވަތް ފެނިފައެއް ނުވެއެވެ. މި ސޫތްޕަކީ ދުވާލު ގަޑީގައި ހަރަކާތްތެރިވާ އެއްޗެކެވެ. ހެނދުނުން މެންދުުރަށް ހިލަތަކާއި، ވެއްޓިފައި ހުންނަ ގަސްގަހުގެ ބުޑުތަކާއި، ގަސްގަހާގެހީގެ މަތީގައި އަވީގައި ތިބެއެވެ. އިރުއޮއްސެން ފެށުމުން ޖަންގަލީގެ އެތެރެއަށް ވަދެ، ގަސްބުޑުތަކުގެ ދަށުގައި ނުވަތަ ގަސްގަހުގެ ހޮރުތަކުގައި ނިދައެވެ.
ފަތިސް ގަޑީގައި ބައެއް ސޫފިތައް ބިންމަތީގައި އުޅޭ ކިލާފަނި ކާތަން ފެނިފައިވެއެވެ. މި ތަކެތި އެންމެ ގިނައިން ފެންނަނީ އޭޕްރީލް އިން ޖޫން މަހުގެ މެދާ ހަމައަށެވެ. ފިނި މޫސުމުގައި މި ތަކެތީގެ ހަރަކާތްތެރިކަން ދަށްވެއެވެ.
ފަރުބަދަތަކުގެ ސަބަބުން ވަކިވެފައިވާ މާހައުލު
މިހާތަނަށް މި އާ ކަށިބޮނޑު ފެނިފައިވަނީ ހަމައެކަނި މޭ ވޮންގް ނޭޝަނަލް ޕާކުގެ އުސް ބިންތަކުންނެވެ. އެ ސަރަހައްދުގެ ފަރުބަދަތަކުގެ ސަބަބުން މި ސޫފިތަކުގެ އާބާދީތައް އެކި ބައިބަޔަށް ވަކިވެފައިވެއެވެ. މީގެ ސަބަބުން އެކި ގުރޫޕުތަކުގެ މެދުގައި ގުޅުން ހީނަރުވެ، އެއް އާއިލާއެއްގެ ތެރޭގައި ދަރިމައިވުމުގެ ފުރުސަތު ބޮޑުވެ، ޖެނެޓިކް ދުޅަހެޔޮކަން ކުޑަވެދާނެ ކަމުގެ އިންޒާރު ދިރާސާވެރިން ދެއެވެ.
އިތުރު ދިރާސާގެ މުހިންމުކަން
މި ބާވަތް ދެނެގަނެވުނީ އެންމެ ސަރަހައްދަކުން ފެނުނު އަށް ކަށިބޮނޑުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، އެކި އުމުރުފުރާގެ ސޫފިތަކުގެ މެދުގައި ހުންނަ ތަފާތުތައް ދެނެގަތުމަށް އިތުރު ދިރާސާ ބޭނުންވެއެވެ. އަދި ޑީ.އެން.އޭ އެނަލިސިސް ހެދީވެސް ހަމައެކަނި ދެ ބައަކަށް ކަމަށްވާތީ، މުޅި ޖެނެޓިކް މައުލޫމާތު ހޯދުމަކީ މުހިންމު ކަމެކެވެ.
ޖަންގަލިތައް ހިމާޔަތްކުރުން
މި ބާވަތް ފެންނަ ސަރަހައްދު ކުޑަވުމަކީ އެ ސޫތްޕަށް އޮތް ނުރައްކަލެކެވެ. އެހެންކަމުން، އެ ސަރަހައްދުގެ އުސް ޖަންގަލިތައް ހަރުދަނާ ގޮތެއްގައި ހިމާޔަތްކުރުމަށް ދިރާސާވެރިން ގޮވާލާފައިވެއެވެ. އަދި މި ކަށިބޮނޑަކީ އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ސަމާލުކަން ހޯދުމަށް ބޭނުންކުރެވިދާނެ ‘ފްލެގްޝިޕް ސްޕީޝީޒް’ އެއްގެ ގޮތުގައި ކަނޑައެޅުމަށް ލަފާދީފައިވެއެވެ.
އެކެންތޯސޯރާ ސައިރެކްސް އަކީ ފޮރުވިފައިވާ ދިރުންތައް ހާމަކޮށްދިން ހޯދުމެއް
މި ހޯދުމުގެ ސަބަބުން ތައިލެންޑުގެ ހުޅަނގު ސަރަހައްދުގައި ކުރިން ހީކުރިވަރަށްވުރެ ގިނަ ބާވަތްތަކުގެ ފަރުބަދަމަތީ ސޫފިތައް އުޅޭކަން ވަނީ ހާމަވެފައެވެ. މި ދިރާސާ ޝާއިއުކޮށްފައިވަނީ ‘ޒޫކީޒް’ ނަމަކަށް ކިޔާ ޖަރނަލްގައެވެ.
