ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސައުވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ފަހަރީ. މި ރާގަކީ ވަރަށް ފަރިތަ ރާގެއްހެން ހީވޭ. އެކަމަކު އޭގެ ބަސްތަކެއް ހަނދާނެއް ނުވޭ. ކީއްވެތަ؟ މީގެ ކުރިން ދުވަހަކުވެސް އަހަރެން މި ރާގު ކުޅެދިނިންތަ؟” އަޔާން އެހިއެވެ. އޭނާ އަފްޒާގެ ފަރާތުން ޖަވާބަކަށް އުއްމީދުކުރިއެވެ.

“އާނ އަޔާން. ތީ ހަމަ އެ ރާގު.” އަފްޒާ ބުނެލިއެވެ.

އަޔާންއަށް އުއްމީދެއް ލިބުނެވެ. މިފަހަރު އޭނާގެ ހިތަށް އުނދަގޫ ކުރަމުންދާ ސުވާލުގެ ޖަވާބު ލިބޭނެ ކަމަށެވެ.

އެވަގުތު ރިޔާޒްވެސް އެ ކޮޓަރިއަށް އައިސް ވަނެވެ. އޭނާ އަފްޒާއަށް ބަލައިލުމަށްފަހު އަޔާންއަށް ބަލައިލިއެވެ.

“ހަމަ އެ ރާގު؟ ކޮން ރާގެއް؟ ފަހަރީ ބުނެބަލަ.” އަޔާން އާދޭހުގެ ރާގެއްގައި އެހިއެވެ.

“އަޔާން. އަހަރެންވެސް ތި ލަވައިގެ ޅެމެއް ހަނދާނެއް ނެތް. އެކަމަކު އަޔާން ތި ރާގު ކުރިން އިއްވި. އަޅެ އަދިވެސް ހަނދާންވޭތޯ އަމިއްލައަށް މަސައްކަތްކޮށްލަބަލަ. އަހަރެންވެސް ހަނދާން ވެއްޖެއްޔާ ބުނާނަން އިނގޭ.” އަފްޒާ ހިތާ ދެކޮޅަށް ބުންޏެވެ.

އަފްޒާ އަޔާންއަށް ހަޤީޤަތް ކިޔައިދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ޑޮކްޓަރުގެ އިޒުނައެއް ނެތި އެވާހަކަ ކިޔައިދީގެން އަޔާންއަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރަށް އޭނާ އަދިވެސް އެއްވެސް ވާހަކައެއް ކިޔައިނުދީ ކެތްކުރަނީއެވެ.

“ފަހަރީ. އަޅެ އަހަރެން މި އުޅެނީ ހަނދާން ކުރެވޭތޯ. އެކަމަކު ހަނދާނެއް ނުވޭ. އަހަރެންގެ ހަނދާނަށް އެއްވެސް އެއްޗެއް ނާންނަނީ ކީއްވެގެންތަ؟” އަޔާން ދެލޯ މަރާލީ އޭނާގެ ބޮލުގައި ރިއްސަން ފެށުމުންނެވެ. އެކަން އޭނާގެ ނިތްކުރިއަށް އެރި ރޫތަކުން ހާމަވިއެވެ.

“އަޔާން. ތީ ހަމައެކަނި ލަވައެއްނު. މަޑުމަޑުން ހަނދާންވެދާނެ. ތިކަން ހުއްޓާލާފައި ހިނގާ މެޗު ބަލަން ދާން.” އަޔާންގެ ހާލަތު ގޯސްވާހެން ހީވުމުން ރިޔާޒް ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.

“ކިހިނެއް؟ ކިހިނެއް ހުއްޓާލާނީ ދޮންބޭ؟ އަހަރެންގެ އަމިއްލަ ދިރިއުޅުމާ ބެހޭ ވަރަށް މަދު ކަމެއް ނޫނީ އަހަރެން ހަނދާނެއް ނެތް. އޭގެ މާނަ އެނގޭތަ؟ އަހަރެން ހީނސަމާސާކޮށް އުޅުނަސް، އޭގެ މާނައަކީ އަހަރެން ރަނގަޅެއް ނޫނޭ. މީ އަހަރެންގެ ހިތުގެ ހުސްކަން ފިލުވުމަށް ކުރާ މަސައްކަތެއް.” އަޔާންގެ އަޑުގައި އެއްފަހަރާ އެތައް އިޙުސާސެއް އެކުލެވުނެވެ. ހިތްދަތިކަމާއި ހިތްހަމަނުޖެހުމެވެ. ބީރައްޓެހިކަމެވެ.

އަފްޒާ އަޔާންއަށް ބަލަން ހުރީ ހަމްދަރުދީ ވާފަދަ ބެލުމަކުންނެވެ. ނުހަނު އުފަލުގައި އުޅުނު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދަ އަޔާންއަށް މިއަދު ޖެހިފައިވާ ހާލަތުން ސަލާމަތްވާނީ ކޮންއިރަކު ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާ އެންމެ ލޯބިވާ، އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ހާލަތު ދުށުމަށް ރިޔާޒަކަށް ކެތެއް ނުވިއެވެ. އަޔާންގެ ކުރިމަތީގައި ބަލިކަށިކަން ނުދެއްކުމަށްޓަކައި އޭނާ އިސްދަށަށް ޖަހާލިއެވެ. އޭނާ ވަރަށް ހިތްވަރުން ހަމައަކަށް އެޅިލަމުން އަޔާންއަށް ބަލައިލިއެވެ.

“އަހަރެންގެ ދިރިއުޅުން މިއަދު މިހުރި ހިސާބުން، ކިތަންމެ ދުރަށް ބެލިޔަސް ފެންނަން އޮތީ ހަމައެކަނި ހުސްކަން. އަހަރެން މި އިންތިޒާރު ކުރަނީ ކޮންމެވެސް ދިމާލަކުން އުއްމީދުގެ އަލިކަމެއް ފެނިދާނެ ކަމަށް. އެ އަލިކަމުގެ އެހީގައި އަހަންނަކީ ކާކުކަން ދެނެގަނެ، އަމިއްލަ ނަފްސު ދަސްކުރުމަށް. މިއަދު އެއްވެސް ގަސްދަކާ ނުލައި އަހަރެންގެ ސިކުނޑިއަށް މި ރާގު މި އައީ. އަހަންނަށް ހީވީ މީ އަހަރެންގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަމުން އަހަރެން ސަލާމަތްކޮށްދޭނެ އުއްމީދުގެ އަލިކަން ކަމަށް. އެކަމަކު އޭގެ ލަފުޒުތަކެއް އަހަރެންގެ ހަނދާނަކަށް ނާދޭ. އެއްވެސް އެއްޗެއް ހަނދާނެއް ނެތް.” އަޔާންގެ އަޑުގައިވާ މާޔޫސްކަމާއި ރިހުމާއެކު އެ މާޔޫސްކަން މުޅި ކޮޓަރީގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 6

******

ޒޯޔާއާ ފައިސަލްއާ ވާހަކަ ދައްކަމުން ސުވާލުކުރަމުން ދިޔައެވެ. ޒޯޔާ އެންމެ ފަހުން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ފައިސަލްއަށް ވިސްނާލަން ވަގުތުކޮޅެއް ބޭނުންވިއެވެ.

“ޒޯޔާ. ތިކުރި ސުވާލުގެ ޖަވާބު ތި ސުވާލުގެ ތެރޭގައި ފޮރުވިފައި ވަނީ. ބަލާބަލަ. ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމުގައި ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއް ހުންނާނެ. މިސާލަކަށް ޒޯޔާގެ ދިރިއުޅުމުގައި މަންމަ، ބައްޕަ އަދި އަހަރެން. އެމީހުންނާއެކު އުޅުނީމަ ތިމާއަށް އުފާވެރިކަން ލިބޭ، އެމީހުންނާއެކު ވަގުތު ހޭދަކުރަން ބޭނުންވޭ. އެހެންނު؟ ހަމަ އެގޮތަށް ބައެއް ހަނދާންތަކަކީ އެހާ އުފާވެރި ހަނދާންތަކަކަށް ނުވެދާނެ. އެކަންކަމާމެދު ވިސްނީމަ ތިމާއަށް ޓްރިގާ ވަނީ. އެއީ އެ ވާގޮތަކީ.” ފައިސަލް ވަރަށް މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

ފައިސަލް ދެއްކި ވާހަކަތައް ޒޯޔާ ވަރަށް ކަނުލައި އަޑުއެހިއެވެ. ހުރިހާ ވާހަކައެއް އޭނާއަށް ޤަބޫލު ނުކުރެވުނަސް އޭނާ އެކަމާ ދެކޮޅެއް ބަހުސެއް ނުކުރެއެވެ.

“ފައިސަލް. އަހަންނަކަށް އެއްވެސް އެއްޗެއް ނުވިސްނޭ. އަހަރެން ކިހިނެއް ހަނދާނީ؟ އަހަންނަށް ދިރިއުޅުމުގައި ކުރިއަށް ދެވޭކަށްވެސް ނެތް، އަދި ފަހަތަށްވެސް ދެވޭކަށް ނެތް. އަހަރެން މިހިރީ އަހަރެންގެ މާޒީގައި މުސްތަޤުބަލާ ދޭތެރޭ ތާށިވެފައި. ކުރާނެ އެއްވެސް ކަމެއް އަހަންނަކަށް ނޭނގެ ފައިސަލް.” ޒޯޔާ މާޔޫސްކަމާއެކު ބުންޏެވެ.

“އެކަމަކު އަހަންނަށް އެބަ ވިސްނޭ، ޒޯޔާ ބަލިވެ އެނދުމަތިވީމަ ޅެންވެރިއަކަށްވެސް ވެއްޖެކަން. ވަރަށް ސަޅި! ތިބުނާ މާޒީއާއި މުސްތަޤުބަލުގެ ވާހަކަ އަހަރެންގެ ބޮލަކަށް ނުވަދޭ.” ޒޯޔާ މާބޮޑަށް ވިސްނާތީ ފައިސަލް އޭނާގެ ވިސްނުން އަނބުރާލެވޭތޯ ސަމާސާކޮށްލިއެވެ.

“ފައިސަލް.” ޒޯޔާ ޝަކުވާގެ ރާގެއްގައި ގޮވާލިއެވެ.

“އޯކޭ އޯކޭ. މާފްކުރޭ.” ދެ ކަންފަތުގައި ހިފާލަމުން ފައިސަލް ބުނެލިއެވެ.

“ޒޯޔާ، އެނގޭތަ؟ އަހަރެމެންގެ ބޮލުގައި ސިކުނޑި ކިޔާ ގުނަވަނެއް އޮންނަކަން. އެއީ ހަށިގަނޑުގެ އެންމެ ކޮމްޕްލެކްސް ބައި. ތިހާ ބޮޑު އެކްސިޑެންޓަކަށްފަހު މީހުން ކޯމާއަށް ގޮސް، އަނބުރާ ނައިސްވެސް އެބަހުރޭ. އެކަމަކު މާތް ﷲގެ އިރާދަފުޅުން ޒޯޔާ ތިހިރީ އަހަރެމެން އެންމެންނާއެކު ސަލާމަތުން. ހަނދާންތައް މުޅިން ނެތްކަމަށް ވިޔަސް، ޒޯޔާ އަހަރެމެންނާއެކު އެބަހުރި. އަހަރެމެން އެންމެން ގުޅިގެން އާ ހަނދާންތަކެއް އުފައްދާނީ. ރީތި، އުފާވެރި ހަނދާންތަކެއް. ޒޯޔާ، އަހަރެން ދޭ ނަސޭހަތެއް ޤަބޫލުކުރާނަންތަ؟” ފައިސަލް އެންމެ ފަހުން އެހިއެވެ. ޒޯޔާ ބޯ ޖަހާލިއެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ހަތަރުވަނަ ބައި

“މާޒީ ހަނދާންކުރަން މަސައްކަތް ނުކުރޭ. އަހަރެން ބޭނުމެއް ނޫން ޒޯޔާއަށް ދެރަގޮތެއް ވާކަށް. އެކްސިޑެންޓްވީ ދުވަހު ފުރަތަމަ ޒޯޔާ ފެނުނު ވަގުތު އަހަރެންނަކަށް ނޭނގެ ވީގޮތެއްވެސް. ދެވަނަ ފަހަރަށް އެފަދަ ހާލަތެއްގައި ޒޯޔާ ފެންނާކަށް އަހަރެން ބޭނުމެއް ނޫން. ތިކަން ހުއްޓާލާ. ޕްލީޒް.” ފައިސަލް ޒޯޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ޒޯޔާއަށް އޭނާގެ އަތް ދަމައިގަނެވުނީ ފައިސަލް އެބުނި ކަމަކީ އޭނާއަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އޭނާގެ ހިތް ބުނެއެވެ. އޭނާގެ މާޒީގައި ވަރަށް ބޮޑު، މުހިންމު ކަންތައްތަކެއް އެބަވެއެވެ. އެކަންކަން އެނގުން ވަރަށް މުހިންމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އެކަންކަން އެނގިގެން ނޫނީ އޭނާއަށް ދިރިއުޅުމުގައި ކުރިއަކަށް ނުދެވޭނެއެވެ.

ހިތް އެކަމާ އެއްބަސް ނުވިޔަސް ޒޯޔާ ބޯ ޖަހާލީ އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. ނޫނީ ފަހަރަކު މީހަކު އައިސް އޭނާ ގާތު އެވާހަކަ ދައްކާނެއެވެ.

******

“އަހަރެން އެ ޑޮކްޓަރާ ބައްދަލުކުރަން ބޭނުން.” އަޔާން ކުއްލިއަކަށް ބުނެލި ވާހަކައިން ރިޔާޒަށް ސިހިފައި އެއްފަހަރު އަޔާންއަށް އަނެއް ފަހަރު އަފްޒާއަށް ބަލައިލެވުނެވެ. އަފްޒާއަށްވެސް ރިޔާޒަށް ބަލައިލެވުނީ ކުޑަ ސިހުމަކާއެކުއެވެ.

“ކޮން ޑޮކްޓަރެއް؟” ރިޔާޒަށް އަޔާން އެބުނީ ކޮން ޑޮކްޓަރެއްގެ ވާހަކައެއްކަން އެނގިހުރެ އެހިއެވެ.

“އަހަރެންގެ މާޒީއާ ދުރުގައި ބެހެއްޓުމަށް ބުނި ޑޮކްޓަރު. އަހަރެންގެ މާޒީގައި ވަނީ ކޮންފަދަ ކަންތައްތަކެއް ކަމާއި، އެކަންކަމުގެ ސަބަބުން އަހަންނަށް މިހާ ބޮޑު އަސަރެއް ކުރަނީ ކީއްވެގެންކަން އޮޅުންފިލުވަން އަހަރެން ބޭނުން.” އަޔާން ވަރަށް ސާފުކޮށް އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.

“އެންމެ ރަނގަޅު. ދޮންބެ ތިކަން ހަމަޖައްސައިދޭނަން. ހަޤީޤަތް ހޯދަންވީ ވަގުތު ޖެހިއްޖެ.” ރިޔާޒް އެއްބަސްވިއެވެ.

“އެހެންވީމަ މާދަމާ. މާދަމާ އެ ޑޮކްޓަރާ ބައްދަލުކޮށް، އަހަރެންގެ މާޒީގެ ހުރިހާ ވާހަކައެއް އަހަރެން އޮޅުންފިލުވާނަން.” އަޔާން އޭނާ ބޭނުންވާ ގޮތް ނިންމައިފިއެވެ. ރިޔާޒްވެސް ބޯޖަހާލިއެވެ.

******

ޒޯޔާއާ ވާހަކަ ދެއްކުމަށްފަހު ފައިސަލް ނުކުމެ ބޭރުގައި ތިބި އާފިޔާ އާއި ނަސީރާ ވާހަކަ ދެއްކިއެވެ.

“ދައްތާ. އަހަންނަށް ނުވިސްނެނީ އެންމެ ލަވައެއްގެ ސަބަބުން ޒޯޔާ އެހާ ބޮޑަށް ހާސްވަނީ ކީއްވެގެންބާވައޭ؟ ފަހަރެއްގައި އެ ލަވައަކީ އޭނާއަށް ވަރަށް މުހިންމު ލަވައަކަށް ވެދާނެ. ނޫނީ އެ ލަވައާ ގުޅިފައިވާ މާޒީގެ ހިތްދަތި ހަނދާނެއް ހުރީ ކަމަށްވެސް ވެދާނެ. އަހަންނަކަށް ނޭނގެ.” ފައިސަލް ވިސްނަމުން ވާހަކަ ދެއްކިއެވެ.

އާފިޔާ ނަސީރުގެ މޫނަށް ބަލައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“ފައިސަލް. އެހެންވެއޭ އަހަރެން މި ބުނަނީ، ޒޯޔާގެ ޙަޔާތަށް އާ ހަނދާންތަކެއް އައުމުން މާޒީގެ ކަންތައްތައް އޭނަ ހަނދާން ނެތޭނެޔޭ. އެކަމަކު އެކަން ވާނީ އޭނާގެ ކައިވެނި ކުރެވިގެން.” އާފިޔާ ފުރުސަތުގެ ބޭނުން ހިފައި އޭނާގެ މަޤުސަދަށް މަގު ކޮށަން ފެށިއެވެ.

“ދައްތާ. ތެދަށް ބުނަންޏާ ޒޯޔާ އައީ ވަރަށް ރަނގަޅަށް ފަސޭހަވަމުން. އެކަމަކު އެ ލަވައިގެ ސަބަބުން.. އަހަންނަށް ނޭނގޭ ކޮންމެވެސް ކަމެއް އެބައުޅޭ. އެކަންކަން އެނގިގެން ނޫނީ ޒޯޔާއަށް އެކަށީގެންވާ ފަރުވާއެއް ނުކުރެވޭނެ. އެންމެ ރަނގަޅު. އަހަންނަށް ބުނެދީބަލަ، މިދިޔަ ދުވަސްތަކުގައި އޭނާގެ މާޒީގެ ހަނދާންތައް އާވާފަދަ އެއްވެސް ކަމެއް ހިނގިތަ؟ ކުރިން ބައްދަލުވެފައިވާ މީހަކާ ދިމާވުން ނޫނީ ކުރިން ގޮސް އުޅުނު ތަނަކަށް ދެވުން ކަހަލަ ކަމެއް؟” ފައިސަލް ހިނގަމުންދާ ކަންތައްތަކަށް ވިސްނަމުން ވާހަކަ ދައްކައި ސުވާލުކުރިއެވެ.

މިވެސް ކިޔާލަން:  ލިބޭތޯ ދުޢާކުރި ޢަޝީޤާ - ހަތަރުވަނަ ބައި

ފައިސަލްގެ ސުވާލުން އާފިޔާ ހާސްވިއެވެ. އެއްވެސް ހާލެއްގައި ޒޯޔާއާއި އަޔާން ބައްދަލުވިކަން ފައިސަލްއަށް އެނގިގެން ނުވާނެއެވެ. ފައިސަލްއަށް އެކަން އެނގިއްޖެނަމަ ޒޯޔާގެ ދިރިއުޅުމުން އަޔާންގެ ވަސް ފޮހެލަން އޭނާ ކުރަމުން އައި މަސައްކަތްތައް ފެނަށް ވެދާނެއެވެ. އޭނާ އެއްވެސް ހާލެއްގައި ދެވަނަ ފަހަރަށް ޒޯޔާގެ ޙަޔާތަށް އަންނަން އަޔާންއަކަށް ފުރުސަތެއް ނުދޭނެއެވެ.

“ފައިސަލް. އެއީ..” ނަސީރު އަޔާންއާ ޒޯޔާ ބައްދަލުވި ވާހަކަ ބުނަންވެގެން ވާހަކަ ފެށިތަނާ އޭނާގެ ވާހަކަ މެދުކަނޑާލާފައި އާފިޔާ ފެށިއެވެ.

“އަހަރެން ބުނެދީފާނަން. ފައިސަލް. އެކަހަލަ އެއްވެސް ކަމެއް ނުހިނގާ.”

“ބޭބެ ކޮންމެވެސް އެއްޗެއް ބުނަން އުޅުނުހެން ހީވި.” ނަސީރާއި ދިމާލަށް އެނބުރެމުން ފައިސަލް ބުންޏެވެ.

“އެކަހަލަ ކަމެއް ހިނގިނަމަ އަހަރެމެން ބުނާނެއެއްނު. ޒޯޔާ މިހާރު ހަމައެކަނި އެ ދަނީ ގެއިން ކެފޭއަށް، ކެފޭއިން ގެއަށް. އެނޫން ތަންތަނަކަށް އޭނާ ނުދޭ. އެހެންނު ނަސީރު؟” އާފިޔާ ވާހަކަދައްކައި ނިންމާލަމުން ނަސީރަށް ދޯ ދިނެވެ.

ނަސީރު އެއްޗެކޭ ނުބުނި ނަމަވެސް އޭނާ ހުރީ އާފިޔާގެ ނިންމުމާމެދު ހިތްހަމަނުޖެހިފައެވެ. އޭނާ ތެދު ބުންޏަ ނުދޭތާނގައި އާފިޔާ ހަދާހާ ދޮގެއްގައި އޭނާ އެބަ ޝާމިލްކުރެއެވެ.

“އެންމެ ރަނގަޅު ދައްތާ. ހާސްނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން މިވަގުތު ގޮސްލާނަން.” ފައިސަލް އެހެން ބުނުމަށްފަހު އާފިޔާގެ އިޒުނައާއެކު ގެއިން ނުކުންނަން ދިޔައެވެ. ފައިސަލް ގެއިން ނުކުމެގެން ދިޔުމުން ނަސީރު އާފިޔާއާ ކުރިމަތިލިއެވެ.

“ކޮންކަހަލަ މަންމައެއްތަ ތީ؟” ރުޅިވެރިކަމާއެކު ނަސީރު އެހިއެވެ.

“ތީ ކޮންކަހަލަ ސުވާލެއް ނަސީރު؟” އާފިޔާ އެހިއެވެ.

“އަހަރެމެންގެ ދަރިފުޅު ބަލި އެނދުގައި އޮތްއިރުވެސް ކަލޭ ތިޔަ ހަދަނީ އޭނާގެ ޑޮކްޓަރަށް ދޮގޭ. ޒޯޔާގެ މާޒީ ހަނދާންވާފަދަ ކަމެއް ހިނގިތޯ އޭނާ އެ އެހީ. އެކަމަކު ކަލޭ ތި ސިއްރުކުރީ އަޔާންގެ ވާހަކަ. ޒޯޔާއަށް އެ ލަވަ ހަނދާންވީ އަޔާންގެ ސަބަބުންނެއް ނޫންތަ؟ ކަލެއަށް ޒޯޔާގެ ސިއްޙަތަށްވުރެ ފައިސަލްއާއި ޒޯޔާގެ ކައިވެނިތަ މުހިންމީ؟” ނަސީރު ހުރީ ވަރަށް ރުޅިއައިސްފައެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. ޒޯޔާއަށް އެކަން އެފަދަ ގޮތަކަށް އެނގެން އޭނާ ބޭނުމެއް ނޫނެވެ.

“ނަސީރު.” އާފިޔާ ގޮވާލިއެވެ.

“އާފިޔާ. ކަލޭ އެއްވެސް އެއްޗެކޭ ބުނާނެކަމެއް ނެތް. އަހަރެން މިރޭ ފައިސަލްއާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. ޒޯޔާގެ ހާލަތު މިހެންވީ ކީއްވެގެންކަން ބުނެދޭނަން.” ނަސީރު ބުންޏެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top