ފަރުހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީގެ “ޑޯން 3” އިން ރަންވީރު ސިންގް ވަކިވި ކަމަށް ބުނާ މައްސަލަ ގޯސްވެ، އެކްސެލް އެންޓަޓެއިންމަންޓުން ދައުވާކުރާ 45 ކްރޯޑް ރުޕީސްގެ ބަދަލަށް ރަންވީރުގެ ޤާނޫނީ ޓީމުން ގޮންޖަހައިފިއެވެ. މީގެ އިތުރުން، އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސާސް އެސޯސިއޭޝަންއަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމާމެދު ވެސް ރަންވީރުގެ ފަރާތުން ވަނީ ސުވާލު އުފައްދާފައެވެ.
އޯގަސްޓް 18 ވަނަ ދުވަހު ބޭއްވި IMPPA ގެ ބައްދަލުވުމެއްގައި ރަންވީރުގެ ވަކީލުން ހުށަހެޅި ދިފާއީ ބަޔާނުގައި ބުނެފައިވަނީ، އެކްސެލް އެންޓަޓެއިންމަންޓާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި، އޮތީ ހަމައެކަނި ފަހުމުނާމާ (MoU) އެއް ކަމަށެވެ. އެހެންކަމުން، މި މައްސަލައަކީ ކޯޓުން ބަލަންޖެހޭ ކޮންޓްރެކްޓާ ގުޅުންހުރި މައްސަލައެއް ކަމަށް ބުނެ، IMPPA އަށް ހުށަހަޅާފައިވާ ޝަކުވާ ބޭރުކޮށްލުމަށް ވަކީލުން ވަނީ އެދިފައެވެ.
ރިޕޯޓްތައް ބުނާގޮތުން، IMPPA މެދުވެރިކޮށް މި މައްސަލަ ކުރިއަށް ގެންދިއުމުގެ އެއްވެސް ޤާނޫނީ ހުއްޖަތެއް އެކްސެލް އެންޓަޓެއިންމަންޓަށް ނެތްކަމަށް ރަންވީރުގެ ޓީމުން ބުނެފައިވެއެވެ. އަދި އެސޯސިއޭޝަނުން ރަންވީރާ ދެކޮޅަށް އެއްވެސް ނިންމުމެއް ނިންމައިފިނަމަ، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި މައްސަލަ އުފެދުނީ ޑިސެމްބަރު 2025 ގައި “ޑޯން 3” އިން ވަކިވާން ރަންވީރު ނިންމުމާ ގުޅިގެންނެވެ. އެކްސެލް އެންޓަޓެއިންމަންޓުން ބުނާގޮތުގައި، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން، ލޮކޭޝަންތައް ބެލުމާއި، ދަތުރުފަތުރުގެ ޚަރަދުތަކުގެ އިތުރުން ފިލްމަށް ތައްޔާރުވުމަށް ބޮޑެތި ޚަރަދުތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 45 ކްރޯޑް ރުޕީސް ހޯދުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަ އިތުރަށް ހޫނުވީ މެއި 2026 ގައި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް އިން ރަންވީރާއެކު މަސައްކަތް ނުކުރުމަށް އަމުރެއް ނެރުމާ ގުޅިގެންނެވެ. ނަމަވެސް، ފަހުން އިންޑަސްޓްރީގެ އެކި ޖަމިއްޔާތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.
މިހާރު IMPPA އިން ދަނީ ދެ ފަރާތުގެ ހުށަހެޅުންތަކާއި ޤާނޫނީ ނުކުތާތައް ދިރާސާކުރަމުންނެވެ. މި މައްސަލައިގެ ސަބަބުން ކޮންޓްރެކްޓްތަކުގެ މަސްއޫލިއްޔަތާއި، ފަހުމުނާމާއެއްގެ ޤާނޫނީ ބަރުދަނާއި، މިފަދަ މައްސަލަތައް ހައްލުކުރުމުގައި ފިލްމީ ޖަމިއްޔާތަކަށް އޮތް ބާރާ ބެހޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
މި ވަގުތަށް 45 ކްރޯޑް ރުޕީސްގެ ދައުވާއަށް ރަންވީރު އިންކާރު ކުރަމުންދާއިރު، “ޑޯން 3” އާ ގުޅޭ މި ޤާނޫނީ މައްސަލަ ވަނީ ބޮލީވުޑްގައި ވަރަށް ގާތުން ބަލަމުންދާ މައްސަލައަކަށް ވެފައެވެ.
