“ފްރެންޑްސް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް)” އާއި “އިންޑިޔަން ކަލްޗުރަލް ސެންޓަރ (އައިސީސީ)” އިން އިންތިޒާމުކޮށް، “ދަރާ ޕްރޮޑަކްޝަން” އާއި ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ “ބޭސިކް އެކްޓިން އަދި ޕްރެޒެންޓޭޝަން ކޯސް” އަކީ އެކްޓް ކުރުމާއި ފިލްމީ ދާއިރާގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ފަރާތްތަކަށް އެކްޓްކުރުމުގެ ހުނަރު ދަސްކޮށްލުމަށް އޮތް ފަހި ފުރުޞަތެކެވެ.

 

މިކޯހަކީ ފިލްމީ ދާއިރާގެ އުފެއްދުންތެރި އަދި ޕްރޮފެޝަނަލް ތަޖުރިބާކާރުންގެ އެހީގައި އެކްޓިން ދާއިރާ އާއި ޕްރެސެންޓިން ދާއިރާ، ސްޓޭޖް ޕާރފޮމެންސް (ތިއޭޓަރ)، ކުރު ފިލްމު، މިއުޒިކް ވީޑިއޯ އަދި ފީޗަރ ފިލްމަށް އައު ހުނަރުވެރިން އުފެއްދުމަށް މަންސަ އެއް ފޯރުކޮށްދިނުމަށް ހިންގާ ކޯހެކެވެ.

 

އެކްޓިންގެ އެހެން ކޯސްތަކެކޭ އެއްފަދައިން މި ކޯހުގައިވެސް އެކްޓިން ކޯހެއްގައި ހިމެނޭ މައިގަނޑު ހުރިހައި ބައިތަކެއް ކިޔަވައިދޭނެ ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ދަރާ ޕްރޮޑަކްޝަން އިން ބުނެއެވެ. އެގޮތުން؛ ކޮންސެންޓްރޭޝަން، އިމޭޖިނޭޝަން، ޑިކްޝަން، ބޮޑީ ލޭންގުއޭޖް، ވޮއިސް މޮޑިއުލޭޝަން، އެކްސްޕްރެޝަން، އޮބްޒަރވޭޝަން، ކެރެކްޓަރައިޒޭޝަން، ފޭސިންގ ޓު ކެމެރާ، ބިލްޑިންގ ކޮންފިޑެންސް، ހޮސްޓިންގ، މިއުޒިކް އެންޑް ލިޕް ސިންކިންގ ހިމެނެއެވެ.

ބޭސިކް ފިލްމު ޕްރޮޑަކްޝަން އެންޑް ޕްރެޒެންޓިންގ ކޯހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ” ދަރާ ޕްރޮޑަކްޝަން

ކޯހުގެ ހުރިހައި ބައިވެރިންގެ އެންމެހައި މަޢުލޫމާތެއް ކޯސް އިންތިޒާމުކުރާ ފަރާތުގައި ރައްކާކޮށްފައި ބެހެއްޓުމުގެ އިތުރުން ރާއްޖޭގެ ހުރިހައި ފިލްމު އުފައްދާ ސްޓޫޑިއޯ ތަކަށް، ޑައިރެކްޓަރުން، ޕްރޮޑިއުސަރުން އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ތަކަށް ކޯސް ފުރިހަމަ ކުރާ ބައިވެރިންގެ މަޢުލޫމާތު ތައް ފޮނުވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ފަރާތްތަކަށް އެކްޓިންގ އާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމަށް ފުރުޞަތު ތަކެއް ހުޅުވިގެން ދިއުމަކީ “ފްރެންޑްސް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް)” އާއި “އިންޑިޔަން ކަލްޗުރަލް ސެންޓަރ (އައިސީސީ)” އަދި “ދަރާ ޕްރޮޑަކްޝަން” ގެ އުއްމީދެކެވެ.

 

ކޯސް ކުރިއަށްދާނީ 24 އޮގަސްޓުން 22 އޮކްޓޯބަރުގެ ނިޔަލަށެވެ.

 

މީގެ އިތުރުން ކޯސް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ފިލްމު އުފައްދާ ފަރާތްތަކާއި ބައްދަލުކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާ ސެޓުން ތަޖްރިބާ ހޯދުމުގެ ހަމަހަމަ ފުރުޞަތު ތަކެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

ކޯހުގެ އިސް މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ މި ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ދިލިޕް ކަނާލް އެވެ. މީގެ އިތުރުން ކޯސް ކުރިއަށްދާ މުއްދަތުގައި ދިވެހި ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރު އެކްޓަރުން، ޑައިރެކްޓަރުން ގެ ތަޖުރިބާތައް ބައިވެރިންނާއި ހިއްސާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

 

ކޯހުން އެންމެ މޮޅު ތިން ބައިވެރިންނަށް އިންޑިޔާ އަށް ‘އެކްސްޕޯޝަރ ޓްރިޕް’ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

މި ކޯހުގެ ފައިނަލް ޕްރޮޖެކްޓްގައި ލައިވް ކޮށް ސްޓޭޖް ޑްރާމާ އެއް ހުށައެޅުމުގެ ފުރުޞަތު ދޭނެ އެވެ. ހަމަ އެހެންމެ ކުރު ފިލްމެއް އުފެއްދުމަށްވެސް ފުރުޞަތު ދޭނެ އެވެ.

 

މި ކޯހުގެ ކުލާސްތައް ބޭއްވުމަށް ނިންމާފައިވަނީ މއ. ވަވަތި ހަތަރުވަނަ ފަންގިފިލާގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރުގައެވެ. ކުލާސްތައް އޮންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ 1900 ން 2200 އަށެވެ.

 

ދެމަސް ދުވަހުގެ މުއްދަތަށް ހަފުތާގެ ހަ ދުވަހު ކުރިއަށްގެންދާ މި ކޯހަށް ދައްކަން ޖެހެނީ ޖުމްލަ 2000 ރުފިޔާގެ ފީއެކެވެ. މި ކޯހަކީ އެކްޓިންގ  ގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަމްރީނު ތަކެއް ލިބިގެންދާނެ ކޯހެކެވެ.

 

ކޯހުގައި ބައިވެރިވުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯމު އިންޑިއަން ކަލްޗުރަލް ސެންޓަރުންނާއި ‘ފެއިމް’ ގެ ވެބްސައިޓް އަދި ފޭސްބްކް ޕޭޖުން ލިބެން ހުންނާނެ އެވެ. ކޯހުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 އޯގަސްޓެވެ.

 

ދަރާ ޕްރޮޑަކްޝަން އިން ބުނީ އެކްޓިން އާއި ބެހޭ ކުރު ވޯކްޝޮޕްތައް ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގުމަށްވެސް ނިންމާފައިވާކަމަށާއި ޝައުޤުވެރިވާ ސްކޫލްތަކަށް މުޅިން ހިލޭ މިފަދަ ވޯކްޝޮޕްތައް ހިންގައިދޭނެ ކަމަށެވެ.

ބޭސިކް ފިލްމު ޕްރޮޑަކްޝަން އެންޑް ޕްރެޒެންޓިންގ ކޯހުގެ މަޢުލޫމާތު ޕޯސްޓަރު – ފޮޓޯ” ދަރާ ޕްރޮޑަކްޝަން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.