އެކްޓިން އާއި ޕްރޮގްރާމް ހުށައެޅުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނު ދިނުމަށް ހިންގާ ކޯސް ފުރިހަމަ ކުރުމަށްފަހު ކޯހުގެ ބައިވެރިން ތިބޭނީ ކެމެރާ ކުރިމައްޗަށް އަރަން ފައްކާވެފައި ކަމަށް މުޙައްމަދު ރަޝީދު (ދަރާ) ބުނެފި އެވެ. މި ކޯހަކީ ރާއްޖޭގައި ހުންނަ އިންޑިޔަން އެންބަސީ އާއި ދަރާ ޕްރޮޑަކްޝަން ގުޅިގެން ދިވެހީންނަށް އެކްޓްކުރަން ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.

 

“……މިދާއިރާގަ އަލަށް ނިކުންނަން ބޭނުންވާ މީހުންނާ ނޫނީ ދާއިރާގަ މަސައްކަތްކުރާ މީހުންނަށްވެސް ވަރަށް މުހިންމު އެއްޗެއް މިކަހަލަ ޓްރެއިނިންގ ޕްރޮގްރާމެއްގަ ބައިވެރިވުމަކީ.” ބޭސިކް އެކްޓިން އަދި ޕްރެޒެންޓޭޝަން ކޯހާ ބެހޭގޮތުން މަޢުލޫމާތު ދެމުން ދަރާ ޕްރޮޑަކްޝަން ފަރާތުން މުޙައްމަދު ރަޝީދު (ދަރާ) ބުންޏެވެ.

 

މިކޯހަކީ “ފްރެންޑްސް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް)” އާއި “އިންޑިޔަން ކަލްޗުރަލް ސެންޓަރ (އައިސީސީ)” އިން އިންތިޒާމުކޮށް، “ދަރާ ޕްރޮޑަކްޝަން” އާއި ގުޅިގެން ފިލްމީ ދާއިރާގެ އުފެއްދުންތެރި އަދި ޕްރޮފެޝަނަލް ތަޖުރިބާކާރުންގެ އެހީގައި އެކްޓިން ދާއިރާ އާއި ޕްރެސެންޓިން ދާއިރާ، ސްޓޭޖް ޕާރފޮމެންސް (ތިއޭޓަރ)، ކުރު ފިލްމު، މިއުޒިކް ވީޑިއޯ އަދި ފީޗަރ ފިލްމަށް އައު ހުނަރުވެރިން އުފެއްދުމަށް މަންސަ (ޕްލެޓްފޯމް) އެއް ފޯރުކޮށްދިނުމަށް ހިންގާ ކޯހެކެވެ.

 

“….ޚާއްޞަ ކޮށް އޮފީސްތަކަށް އަޅުގަނޑުމެން މީތި އެބަ ޓާގެޓް ކުރަން، އެއީ މިހާރު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތްވެސް ރަސްމީކޮށް ކޮންމެ އަހަރުކުވެސް އޮންނާތީއާ އެކީގަ އަލަށް ނިކުންނަ ކުދިންނަށް މިކަހަލަ ޕްލެޓްފޯމެއްގަ އުޅެލާފަ ނުކުމެއްޖެއްޔާ ވަރަށް ބޮޑުތަނެއް ކުރިއެރުމަށް ލިބޭނެ.” ދަރާ ރަޝީދު ބުންޏެވެ.

 

އޮގަސްޓް 24 ން އޮކްޓޫބަރު މަހުގެ 22 އަށް މިކޯސް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ފިލްމު އުފައްދާ ފަރާތްތަކާއި ބައްދަލުކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާ ސެޓުން ތަޖްރިބާ ހޯދުމުގެ ހަމަހަމަ ފުރުޞަތު ތަކެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

“މީގަ އަޅުގަނޑުމެން ކިޔަވައިދޭނީ ކޮންމެ ދުވަހަކުވެސް 03 ގަޑިއިރު، ހުކުރު ދުވަސް ފިޔަވައި. އާއްމު ގޮތެއްގަ މީތި ރާވާލާފަ މީނދީ ރޭގަނޑު ގަޑިއަށް. އެއީ ދުވާލުގެ ގަޑިތަކުގަ ވަޒީފާގަ އުޅުއްވާ ބޭފުޅުންނަށްވެސް ތަންކޮޅެއް އުނދަގޫވެދާނެތީ ވަޒީފާ ނިންމާލާފަ ތަންކޮޅެއް ހަމަޖެހިލައިގެން ރޭގަނޑު ގަޑީގަ އައިސް މި ކޯހުގަ ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް.” ކޯސް ކުރިއަށްދާނެ ދުވަސްތަކާއި ވަގުތާ ބެހޭގޮތުން ރަޝީދު ބުންޏެވެ.

 

“އަޅުގަނޑު ދަންނަވާނީ މި ޓޫ މަންތުސް ނިމޭއިރު އޭގެ ބައިވެރިއެއް ވެއްޖެއްޔާ ހުންނާނީ ހަންޑްރެޑް ޕަސެންޓް ކެމެރާ ކުރިމައްޗަށް، ވަރިހަމަ ކިތަންމެ ބައިވަރު ކެމެރާ ތަކެއްގެ ކުރިމައްޗަށް ވިޔަސް ނުކުންނަން އޭނަ ހުންނާނީ ރެޑީވެފައޭ.” ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ވިލަރެސްކޮށް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ރާއްޖޭގެ ތަޖުރިބާކާރު އެކްޓަރ، ކެމެރާމަން އަދި ޑައިރެކްޓަރ ދަރާ ރަޝީދު ދޭ ޔަޤީންކަމަކީ މިއީ އެވެ.

 

ކޯހުގެ ބައިވެރިންގެ އަތުން ރަމްޒީ ފީއެއްގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 2000 ރުފިޔާއެވެ. ދެމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިފަދަ ކޯހެއް، ފުރިހަމަ ފެންވަރެއްގައި އެކްޓިންގ ޓްރެއިން ދޭ އެހެން ތަނަކުން މި އަގުގައި ނުހެދޭނެ ކަމަށް ދަރާ ރަޝީދު ބުނެއެވެ.

 

ކޯހުގެ އިސް މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ މި ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ދިލިޕް ކަނާލް އެވެ. މީގެ އިތުރުން ކޯސް ކުރިއަށްދާ މުއްދަތުގައި ދިވެހި ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރު އެކްޓަރުން، ޑައިރެކްޓަރުން ގެ ތަޖުރިބާތައް ބައިވެރިންނާއި ހިއްސާކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

 

ކޯހުން އެންމެ މޮޅު ތިން ބައިވެރިންނަށް އިންޑިޔާ އަށް ‘އެކްސްޕޯޝަރ ޓްރިޕް’ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ ފައިނަލް ޕްރޮޖެކްޓްގައި ލައިވް ކޮށް ސްޓޭޖް ޑްރާމާ އެއް ހުށައެޅުމުގެ ފުރުޞަތު ދޭނެ އެވެ. ހަމަ އެހެންމެ ކުރު ފިލްމެއް އުފެއްދުމަށްވެސް ފުރުޞަތު ދޭނެ އެވެ.

 

ކޯހުގައި ބައިވެރިވުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯމު އިންޑިއަން ކަލްޗުރަލް ސެންޓަރުންނާއި ‘ފެއިމް’ ގެ ވެބްސައިޓް އަދި ފޭސްބްކް ޕޭޖުން ލިބެން ހުންނާނެ އެވެ. ކޯހުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 އޯގަސްޓެވެ.

 

ދަރާ ޕްރޮޑަކްޝަން އިން ބުނީ އެކްޓިން އާއި ބެހޭ ކުރު ވޯކްޝޮޕްތައް ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގުމަށްވެސް ނިންމާފައިވާކަމަށާއި ޝައުޤުވެރިވާ ސްކޫލްތަކަށް މުޅިން ހިލޭ މިފަދަ ވޯކްޝޮޕްތައް ހިންގައިދޭނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.